ވެލިގަނޑު ރިސޯޓު ގިރުން ހުއްޓުވަން ކަމަށް ބުނެ އެ ރިސޯޓާ ކައިރީގައިވާ އއ. ރަސްދޫ ފަޅުތެރޭގައި އޮންނަ މަޑިވަރު ފަޅުން ވެލި ނަގަމުންދާތީ އެ މައްސަލަ ސުލްހަވެރި ގޮތަކަށް ހައްލު ހޯދަން ހެންވޭރު ދެކުނު ދާއިރާގެ މެމްބަރު ހުސައިން ޝަހީމް (އަނދުން ހުސެއިން) ގޮވާލައްވައިފި އެވެ.
މަޑިވަރު ފަޅުން ވެލި ނަގާތީ އެކަމާ ދެކޮޅަށް ރަސްދޫގެ ރައްޔިތުން ގެންދަނީ ކޮންމެ ދުވަހަކު އިހްތިޖާޖު ކުރަމުންނެވެ. އަދި ރަށުގެ ރައްޔިތުންގެ ކަންބޮޑުވުންތަކާ ގުޅިގެން ރަސްދޫ ހިމެނޭ ތޮއްޑޫ ދާއިރާގެ މެމްބަރު އަހްމަދު ޝިޔާން ވަނީ ފަޅުން ވެލި ނެގުން ހުއްޓުވާ އެ މައްސަލައަށް ދާއިމީ ހައްލެއް ހޯދަން މަޖިލީހަށް މިއަދު މައްސަލައެއް ވެސް ހުށަހަޅުއްވާފަ އެވެ.
އެ މައްސަލަ އަށް ބަހުސް ކުރައްވަމުން ހުސައިން ޝަހީމް ވިދާޅުވީ މަޑިވަރު ފަދަ މައްސަލަތައް ދިމާވުމުން އަމަލު ކުރަން ޖެހޭ އުސޫލެއް އެބައޮތް ކަމަށާއި އަދި މަޖިލީހުގެ ތެރެއިން އެ މައްސަލަ ހައްލު ކުރަން އުޅޭތީ ހިތްހަމަޖޭ ކަމަށެވެ. އެކަމަކު މަޑިވަރު ފަދަ މައްސަލަތައް ހައްލު ކުރުމަށް ކަމަށް ބުނެ މީހުނަށް ބިރު ދައްކައި ޖެއްސުން ކުރުން ފަދަ އަމަލުތައް ކުރުން އެއްގޮތަކަށް ވެސް ބަލައި ނުގަނެވޭނެ ކަމުގައި ވެސް އޭނާ ވިދާޅުވި އެވެ.
"އަޅުގަނޑު އެއްގޮތަަކަށް ވެސް ހިތްވަރުދީ ތަރުހީބު ދޭނެ ކަމެއް ނޫން މީސްމީހުންގެ މުދަލަށް އަރައި ރަށްރަށަށް އަރައި ފަޅުތަކަށް އަރައި މުޒާހަރާތައް ކޮށް ތަންތަނަށް ގެއްލުންދީ އަދި މުވައްޒަފުންނަށް ބިރު ދައްކައި މިފަދަ ކަންކަން ކުުރުމަކީ. އަދި މިބާވަތުގެ ކަންކަމާ ހިތްހަމަނުޖެހުމާ ގުޅިގެން ދޯނި ފަހަރަށް އަރައި ރިސޯޓްތަކުގެ މޫދު ކޮޓަރިތަކަށް އަލިކޮށް އަޑުގަދަކަޮށް ލަވަޖަހައި މިބާވަތުގެ ކަންކަން ކުރުމަށް ވުރެ [މަޖިލީހަށް ހުށަހެޅުން] މިއީ މިކަންކަން ހައްލު ކުރުމަށް އޮތް ރީތި މަގު،" ޝަހީމް ވިދާޅުވި އެވެ.
ޝަހީމް އިތުރަށް ވިދާޅުވީ ރާއްޖެއަށް ބޮޑެތި އިންވެސްޓަރުން އެތައް މިލިއަނުން ހަރަދު ކުރާއިރު އެފަދަ އިންވެސްޓްމަންޓު ތަކުގައި ހުންނަ މައްސަލަތަކާ މެދު ހިތްހަމަނުޖެހޭ ކޮންމެ ފަހަރަކު ބޭނުންވާހާ ގޮތަކަށް މައްސަލަ ހައްލު ކުރުން އެއީ ރަނގަޅު ގޮތް ނޫން ކަމަށެވެ.
މަޑިވަރު ފަޅުން ވެލިނަގާތީ އއ. އަތޮޅު ކައުންސިލުން ވެސް މިހާރު ވަނީ ކަންބޮޑުވުން ފާޅުކޮށްފަ އެވެ. އެ ކައުންސިލުގެ ގަރާރެއްގައި ބުނެފައި ވަނީ މެޝިނަރީ ބޭނުން ކޮށްގެން މަޑިވަރު ފަޅުން ގިނަ އަދަދަކަށް ވެލި ނެގުމާއި، މަޑިވަރުފަޅުން ބައެއް ހިއްކަމުން ދާތީ އެކަމުގެ ޝަކުވާ ގިނަ ރައްޔިތުންގެ ފަރާތުންނާއި ރަސްދޫ ކައުންސިލާއި ތޮއްޑޫ ދާއިރާ ހިމެނޭ ރަށްތަކުގެ ގެސްޓްހައުސްތައް ހިންގާ ފަރާތްތަކުން ކުރާ ކަމަށެވެ.
މީގެ ކުރިން ޒަަރޫރީ އެކިއެކި ބޭނުންތަކަށާއި ވިޔަފާރި އުސޫލުން ގިނަ އަދަދަކަށް މަޑިވަރު ފަޅު ތެރެއިން ވެލި ނެގުމުގެ ސަބަބުން އެ ފަޅު ތެރޭގައި ހުރި ފިނޮޅުތައް ގިރައި، ގުދުރަތީ ގޮތުން ބޮޑެތި ގެއްލުންތަކެއް ލިބެމުންދާ ކަން ވެސް ކައުންސިލްގެ ގަރާރުގައިވެ އެވެ.