ވާހަކަ

ވީމޭ ކަލާޔާނުލާ

(16 އޯގަސްޓު 2021އާ ގުޅޭ)

ވަގުތުކޮޅެއް ވަންދެން ލިވިޔާއަށް ބަލަން އިނދެވުނީ އޭނާގެ އަތުގައި އޮތް ޓެސްޓު ކިޓަށެވެ. ލިވިޔާގެ ލޮލުން އޮހެމުންދާ ކަރުނަތައް ދަތްދޮޅިން ތިކިތިކި ޖަހަމުން ދާއިރު، ލިވިޔާގެ ހިތުގެ ތެރެއަށް ދިޔައީ ބިރުވެރިކަން ވަންނަމުންނެވެ. ހަށި ފުރާ ނޭވާއެއް ދޫކޮށްލަމުން، ލިވިޔާ އެނދުން ތެދުވިއެވެ. އަދި ލަސްލަހުން ފިޔަވަޅު ނަގަމުން އޭނާ ވަނީ ފާޚާނާއަށެވެ.

****

"ވަރަށް ހިތަށް ތަދުވޭ. އުނދަގޫވޭ. އަހަރެންނަަށް ވެސް އެބަ އިޙްސާސްވޭ، އަހަރެންގެ ދަރިފުޅު އެހެން ނޫޅޭނޭކަން." ހާލިދާ އޭނާގެ ބޯ ބާއްވައިލީ މާހިރުގެ ކޮނޑުގައެވެ.

"އާނ! ތީ އަހަރެން އަބަދުވެސް މިބުނާ ވާހަކައަކީ. އެކަމު، އަހަރެން އެބަ ހާދަ ދެރަވަމޭ، އެމަންޖެ ގައިގަ ޖެހުނީމަ." މާހިރު ނިކަން ދެރަވެފައި ބުނެލިއެވެ.

"އަސްލުވެސް، އަހަރެންނަށް ނުވިސްނުނީ. އެކަމު، އެ ހުސްނާ އަކީ އިންސާނަކަށް ވިޔަސް، ހަމަ ޖަނަ.." ހާލިދާ ހިންދިރުވައިލިއެވެ. މާހިރުގެ ދެއަތުން ހާލިދާގެ ބޮލުގައި ގެންދިޔައީ ފިރުމަމުންނެވެ. ހާލިދާ އާއި މާހިރުގެ ހިތުގައި އުފެދެމުން ދިޔައީ ހުސްނާގެ ޢާއިލާއަށް ބުނެދޭން ނޭނގޭ ފަދަ ރުޅިއެކެވެ. މާހިރު ދޭތެރެ ދޭތެރެއިން ހާލިދާއަށް ވިސްނައިދެއެވެ. ލިވިޔާ ގޯސް މަގަކުން ނުގޮސް، އޭނާ ކުރަން ބޭނުންވާ ކަމެއް ކޮށްފައި އެނބުރި އަންނާނެ ވާހަކަ މާހިރު ދައްކައެވެ.

***

ފާޚާނާއިން ނުކުމެގެން އައި ލިވިޔާގެ ކަޅި ހުއްޓިފައި ވަނީ ޓެސްޓު ކިޓަށެވެ. ލިވިޔާގެ އަތުގައި އޮތް ޓެސްޓު ކިޓު ހީވަނީ ހަމަ ދެންމެ ދެންމެ ވެއްޓިދާނެ ހެންނެވެ. އެވަރަށް ލިވިޔާގެ އަތް ދިޔައީ ތުރުތުރު އަޅަމުންނެވެ. ކުޑަ ވަގުތުކޮޅެއްގެ ތެރޭގައި ޓެސްޓު ކިޓުން ފެނުނު ނަތީޖާއާ އެކުގައި، ލިވިޔާއަށް ހީވީ އޭނާ ލާން އުޅުނު ނޭވާ އަރު ތެެރޭގައި ތާށިވި ހެންނެވެ. މުޅި ގައި ރޫރޫ އަޅައިގަތެވެ. ހުރި ތަނަށް ވެއްޓިދާނެ ކަމުގެ ބިރު ހީވުމާ އެކުގައި ލިވިޔާ ވަރަށް އަވަހަށް ގޮސް އެނދުމައްޗަށް ޖެހިގަތެވެ. އެއާ އެކުގައި ލިވިޔާގެ ލޮލުން އޮހޮރިގެން ދިޔައީ ކަރުނައެވެ. ލިވިޔާ ބަނޑު ބޮޑުވުން ވެގެން ދިޔައީ އޭނާގެ ހިތާއި ސިކުނޑިއަށް ލިބުނު އިތުރު ވޭނަކަށެވެ. ވިސްނަން އިތުރަށް ޖެހޭނެ ފަދަ ހިތްދަތި ކަމަކަށެވެ. ނަމަވެސް ލިވިޔާގެ ހިތުގެ ޢަޒުމަށް ބަދަލެއް ގެންނަން އޭނާ ބޭނުމެއް ނުވިއެވެ. ކޮންމެ ގޮތެއް ވިޔަސް، ކެނޑިފައި އޮތް ގުޅުމެއް އަލުން ގުޅުވައި ބާރުކޮށްލަން ލިވިޔާ ބޭނުން ނުވީއެވެ. ޝަހުރުގެ މައިންބަފައިންނަށް ބޮޑު ވޭނެއް ލިބި، އެމީހުން ބަލި އެނދުގައި އުމުރު ހޭދަކޮށްލަން ޖެހުމަކީ އެއްވެސް ޙާލެއްގައި ލިވިޔާ އެދޭނެ އަދި ބޭނުން ވާނެ ގޮތެއް ވެސް ނޫނެވެ.

ވަރަށް ހިތްވަރުކޮށްފައި ލިވިޔާ އެނދުން ތެދުވެ، އޭނާގެ ހެދުންތައް ނަގައި، ޕެކް ކުރަން ފެށިއެވެ. އަދި ކޮޓަރި އާއި ސިޓިންގރޫމްގެ ފާރުގައި އޭނާ ތަތްކޮށްފައިވާ ޝަހުރާއި ލިވިޔާގެ ފޮޓޯތައް ވީދަމުން ދިޔައެވެ. ލިވިޔާގެ ހިތް ކުދިކުދި ވަމުން ދާއިރު ވެސް އޭނާ ދައްކަމުން ދިޔައީ އާދަޔާ ޚިލާފު ހިތްވަރެކެވެ. ކޮންމެ ގޮތެއް ވިޔަސް، ލިވިޔާ ބޭނުން ވަނީ ޝަހުރުގެ މަންމަގެ ކިބައިން ސަލާމަތް ވާށެވެ. އެ ޢާއިލާއާ މުޅިން ދުރުވެ، އެކަހެރި ވާށެވެ. ޝަހުރުގެ މަންމަ ދެކެ މިހާރު ލިވިޔާ ބިރު ގަނެ، ފަސް ޖެހެއެވެ. އޭނާގެ ދުލުގެ ވިހަ ކަމާއި، ބަދު ދުޢާތައް ޖެހިދާނެ ތީއެވެ. އަދި އިތުރަށް ހުސްނާގެ ޞިއްޙީ ޙާލަތާ މެދުގައި ވެސް ލިވިޔާ ނުހަނު ވިސްނައި ފިކުރު ކުރިއެވެ.

ދުވަސްތައް ދައުރުވަމުން ގޮސް ޝަހުރާއި ލިވިޔާ ކޯޓަށް ދާން ޖެހޭ ދުވަސް އަތުވެއްޖެއެވެ. ޝަހުރުގެ ޢާއިލާ އާއި ޔޫހާގެ ޢާއިލާގެ ވަރަށް މަސައްކަތުން ޝަހުރު ވަނީ ވަރަށް ބޮޑަށް ހަމައަކަށް އެޅިފައެވެ. މި ފާއިތުވި މަދު ދުވަސް ކޮޅުގެ ތެރޭގައި ޝަހުރަށް ބޮޑެތި ބަދަލުތަކެއް އަތުވެއްޖެއެވެ. ހުއްޓައި ނުލައި އޭނާގެ ޢާއިލާއިން ދިން ލޯތްބާއި ނަސޭހަތާ އެކުގައެވެ. ނަމަވެސް ލިވިޔާގެ ޙާލަތަށް ބަދަލެއް ނާދެއެވެ. ބޭރު ފުށުން ހަމަޖެހޭކަން ދައްކައިގެން ލިވިޔާ އުޅުނީ އެތެރެ ހަށިން ގިސްލައި ރޮމުންނެވެ. ލިވިޔާއަށް ބަލައިލާފައި އޭނާ އުފުލަމުންދާ ހިތްދަތިކަން އެއްވެސް މީހަކަށް ނޭނގޭނެއެވެ. އެވަރަށް ލިވިޔާ ގެންދިޔައީ އޭނާގެ ހަށީގައި ނެތް ހިތްވަރު ނެރެގެންނެވެ.

***

"ދޮންބޭ! ދޮންބެއަށް.." ޒަކްވާން ދައްކަމުން ދިޔަ ވާހަކަ ކުއްލިއަކަށް ހުއްޓުނެވެ. އޭރު ޒަކްވާން ހުރީ ޝަހުރާ އެކުގައި ޝަހުރު ކުއްޔަށް ނެގި ގޭގައެވެ. ޝަހުރު ގެންދިޔައީ އޭނާގެ އެއްޗެހި ފޮށްޓަށް އަޅަމުންނެވެ. ޒަކްވާންގެ ލޮލުގައި އަޅައިގަތީ ޑަސްބިންގައި އޮތް ޓެސްޓު ކިޓެވެ. ވަރަށް އަވަސްކޮށް ޒަކްވާން އެ ކިޓު ނަގައި އަވަހަށް ޖީބަށް ލިއެވެ. އެވަގުތު ޒަކްވާންގެ ހިތް ވަނީ އަވަސް ވެފައެވެ.

"ކޮއްކޯ؟ ހާދަ ހާސްވެފަ؟" ޒަކްވާންގެ ނޭވާލުން އަވަސް ވުމާ އެކުގައި ޝަހުރު ހައިރާންވެ ހުރެ އަހައިލިއެވެ.

"ވަރުބަލި ވީ ކަންނޭނގެ." ޒަކްވާން ދޮގުހެދިއެވެ. ޝަހުރު ލުއިކޮށް ހީނލީ ޒަކްވާނާ ދިމާކޮށްލުމަށްފަހުގައެވެ.

"ނިމުނީ.. ހިނގާ ދެން ދާން!" ފޮށި ހިފައިގެން ޝަހުރު ހިފައިލީ ދޮރުގައެވެ.

"ކޮއްކޮއަށް ފެނުނު ދޯ؟" ދޮރުގައި އެއް އަތުން ހިފައިގެން ހުރެ، ޝަހުރު ބަލައިލީ ގޭގެ ފާރަށެވެ. ޒަކްވާނަށް ޝަހުރު ދެއްކީ ލިވިޔާ ވީދައިލާފައިވާ ފޮޓޯ ތަކެވެ.

"ލިވީ ވަރަށް ކޫލް ދޯ؟ އަހަރެންނަށް ބޭވަފާތެރިވެފަ އެއްވެސް ދެރައެއް ނުވޭ! ފޮޓޯތައް ވެސް ވީދާލާފަ. އަހަރެން ވެސް މިހާރު ނުވޭ ދެރައެއް. ކުޑަކޮށްވެސް.. ލިވީ ހަނދާނަށް އަޔަސް، މޭ ނުބައި ކުރުވާ.." ޝަހުރު ދެއްކި ވާހަކަ އަކީ ޒަކްވާން ގަޔާވާ ވާހަކައަކަށް ނުވިއެވެ. އެވާހަކަތަކަށް ސަމާލު ކަމެއް ނުދީ، ޒަކްވާން ދޮރުން ނުކުތީ ގަދަ ކަމުން ހިނިތުންވެލައިގެންނެވެ. ޒަކްވާން ފަހަތުން ޝަހުރު ވެސް ގެއިން ނުކުތެވެ.

ހަވީރުގެ ވަގުތެވެ. ކޯޓު ކުރިމަތީގައި ޝަހުރާ އެކު އޭނާގެ ޢާއިލާ ވެސް ތިއްބެވެ. ޝަހުރުގެ ޢާއިލާގެ މީހުން ބޮޑު އުފަލެއް ލިބިގެން އައިސް ތިބި ބައެއްހެން އެތާ ތިއްބެވެ. ޝަހުރު މަޑުމަޑުން ކޯޓުގެ ތެރެއަށް އައިސް ވަނެވެ. އެވަގުތު ކޯޓުގެ ތެރޭގައި ލިވިޔާ އިނެވެ. ލިވިޔާ ފެނުމާ އެކު ޝަހުރަށް ދެލޯ ބޮޑުކޮށްލެވުނެވެ. އަދި ރުޅި ވެސް އައެވެ. ލިވިޔާގެ މޫނުމަތިން ފެންނަނީ އުޖާލާ ކަމެވެ. އެއްވެސް ކަމަކާ ލިވިޔާ ދެރަވެ، ހާސްވެފައިވާ ތަނެއް ނުފެނެެއެވެ. ވަރަށް ނަލަވެގެން ލިވިޔާ ހުރި އިރު، މުޅި މޫނުމަތިން ފެންނަނީ މޭކަޕްގެ ޗާލު ކަމެވެ. ޝަހުރު މޫނު އަނބުރައިލަމުން ކޯޓު ރޫމް ތެރެއަށް ވަނެވެ.

ޒަކްވާން ގެންދިޔައީ ގޭގެ ދެކޮޅަށް މޮޔައެއްހެން ހިނގަމުންނެވެ. ޝަހުރު ދިރިއުޅުނު ގޭގެ ތެރެއިން ފެނުނު ޓެސްޓު ކިޓުން ފެންނަމުންދާ ވާހަކައިން ޒަކްވާންގެ ސިކުނޑި ވަނީ ސުމަކަށްދާ ވަރުވެފައެވެ. ޒަކްވާނަށް ލިވިޔާއަށް ގުޅުނު އަދަދެއް ވެސް ނޭނގެއެވެ. ގިނަ ފަހަރު ލިވިޔާ ފޯނު އޮންނަނީ ނިއްވާލާފައެވެ. އެތައް ވާހަކައެއް ލިވިޔާއާ ދައްކަން ޒަކްވާން ބޭނުން ވެއެވެ. އެތައް ސުވާލަކަށް ޒަކްވާން ޖަވާބު ބޭނުން ވެއެވެ. ހަދަންވީ ގޮތް ނޭނގި ޒަކްވާން ވަނީ ގޮތް ހުސްވެފައެވެ. އުއްމީދެއް ނެތި، އަނެއްކާ ވެސް ޒަކްވާން ފޯނު ނެގީ ލިވިޔާއަށް ގުޅޭތޯއެވެ. ޒަކްވާން އައި ރުޅީގައި ފޯނު ހޫރައިލީ އެނދުމައްޗަށެވެ. އަދި ވަރަށް އަވަސްކޮށް ޒަކްވާން ހިނގައިގަތީ ގެއިން ނުކުންނާށެވެ. ޒަކްވާން ބޭނުންވީ ކޯޓަށް ދާށެވެ. ޒަކްވާންގެ ހިތުގައިވާ ސުވާލުތައް ލިވިޔާގެ ކުރިމަތީގައި ބަންޑުންކޮށްލާށެވެ. ޝަހުރާއި ލިވިޔާގެ ވަރީގެ މަޖިލިސް ހުއްޓައިލަން ޒަކްވާން ދުވެފައި ކަހަލަ ގޮތަކަށް ގޮސް އެރީ ސައިކަލަށެވެ. (ނުނިމޭ)