މޯލްޑިވްސް ކަސްޓަމްސް ސާވިސް

ޑްރަގު އަތުލައިގަތުމަށް ސަވައިލަންސް ވަރުގަދަކޮށްފި

ރާއްޖެއަށް އެތެރެކުރާ މަސްތުވާތަކެތި އަތުލައިގަތުމަށް ޒަމާނީ ވަސީލަތްތައް ހޯދުމުގެ މަސައްކަތް ފަށައި، ސަވައިލަންސް ވަރުގަދަ ކޮށްފައިވާ ކަމަށް ކޮމިޝަނާ ޖެނެރަލް އޮފް ކަސްޓަމްސް އަބްދުﷲ ޝަރީފް ވިދާޅު ވެއްޖެ އެވެ.

އަވަސް އަށް މައުލޫމާތު ދެއްވަމުން ޝަރީފް ވިދާޅުވީ ރާއްޖެއަށް އެތެރެކުރާ މަސްތުވާތަކެތި އަތުލައިގަތުމަށް ސަރުކާރުން ވަރަށް ބޮޑު އިސްކަމެއް ދޭ ކަމަށެވެ. އެ މަސައްކަތަށް ޒަމާނީ ވަސީލަތްތައް ހޯދަން ސަރުކާރަށް ހުށަހެޅުމުން އެއްބާރުލުން ލިބެމުން އަންނަ ކަމަށެވެ.

ޝަރީފް ވިދާޅުވީ މަސްތުވާތަކެތި އަތުލައިގަތުމުގެ މަސައްކަތްތައް ހަރުދަނާ ކުރަން ޕޯޓް އޮފިސަރުންނާއި އެއާޕޯޓްގައި ތިބޭ ކަސްޓަމަސް އޮފިސަރުންނަށް އިލްމާއި ތަޖުރިބާ ހޯދައިދޭން ވެސް އިސްކަން ދެއްވާ ކަމަށެވެ.

"ހަގީގަތުގައި ރާއްޖެ އެތެރެކުރަން މަސައްކަތް ކުރާ މަސްތުވާތަކެތި ހުއްޓުވަން ސަވައިލަންސްގައި ހަރަކާތްތެރިވާ ކަސްޓަމްސް އޮފިސަރުންނަކީ މިހާރު ވެސް ވަރަށް ގާބިލް ބައެއް. އޮފިސަރުން ވަނީ ވަރަށް ގިނަ ފަހަރު މަސްތުވާތަކެތި ގެންގުޅޭ މީހުން އޮފިސަރުންގެ ހުޝިޔާރު ކަމުން އަތުލައިގެންފައި،" އޭނާ ވިދާޅުވި އެވެ.

ރާއްޖެއަކީ ދުނިޔޭގެ ކަސްޓަމްސް ޖަމިއްޔާގެ މެންބަރު ގައުމެކެވެ. އެހެންވެ ރާއްޖެއަށް ދަތުރުކުރާ މީހުންގެ އިންޓެލިޖެންސް މައުލޫމާތު ކަސްޓަމްސް އަށް ލިބެ އެވެ. އެގޮތަށް ލިބޭ މައުލޫމާތު ފުލުހާއި އިމިގްރޭޝަނާ ހިއްސާ ކުރުން ރަސްމީ ސިފައެއްގައި ކުރިއަށް ގެންދަން އެ އިދާރާތަކާއެކު އެއްބަސްވުންތަކެއްގައި ސޮއި ކުރަން ކަސްޓަމްން ދަނީ ތައްޔާރު ވަމުންނެވެ.

"އޭރުން ޝައްކުވާ ޕެސެންޖަރުންގެ މައުލޫމާތު ދުރާލައި ލިބި އެމީހުންގެ މޫވްމަންޓުތައް އިތުރަށް ބެލުމަށް ފަސޭހަ ވާނެ. ޕަސެންޖަރުން އޮންބޯޑުވާ ހިސާބުން އަޅުގަނޑުމެންނަށް އެނގޭނެ އޭނާގެ މައުލޫމާތުތައް. ދަތުރުކުރާ ރޫޓްތައް. މޫވްމަންޓްތައް އެނގުނީމާ މަސައްކަތް ފަސޭހަ ވާނެ،" ޝަރީފް ވިދާޅުވި އެވެ.

ރާއްޖެއަށް މިމަހުގެ ތެރޭގައި މަސްތުވާތަކެތި އެތެރެކުރަން އުޅުނު ބްރެޒިލްގެ ދެ މީހަކު މަސްތުވާތަކެއްޗާއެކު ވަނީ އަތުލައިގެންފަ އެވެ. އެ ދެ މީހުންގެ އަތުން ޖުމްލަ 20 ކިލޯގެ ކޮކެއިން ފެނުނެވެ. އެ ތަކެތީގެ އަގު 99 މިލިއަން ރުފިޔާއަށް އަރަ އެވެ.

ބްރެޒިލްގެ ދެ މީހުން އަތުލައިގަނެވުނު މައްސަލާގައި ޝަރީފް ވިދާޅުވީ އެއީ ދުރާލައި މައުލޫމާތު ލިބިގެން އަތުލައިގަތް ދެ މީހުން ނޫން ކަމަށެވެ. އެމީހުން އަތުލައިގަތީ އަމަލުތައް ހުރި ގޮތުން ޝައްކު ކުރެވުމުން ބަލައި ފާސްކުރުމުގެ ތެރޭގައި ކަމަށެވެ.