ރައީސް އަބްދުﷲ ޔާމީން

ސަޕްލިމެންޓަރީ ބަޖެޓަކީ މުޅިން އާ ބަޖެޓަކަށް ވެދާނެ: ރައީސް

އަންނަ އަހަރުގެ މެދު ތެރޭގައި ސަޕްލިމެންޓްރީ ބަޖެޓެއް ހުށަހަޅާނެ ކަމަށާ، އެ ބަޖެޓަކީ މުޅިން އައު ކަންތައްތަކަކާ ހޭދަ ހިމެނޭ ބަޖެޓަކަށް ވެދާނެ ކަމަށް ރައީސުލް ޖުމްހޫރިއްޔާ އަބްދުﷲ ޔާމީން އަބްދުލް ގައްޔޫމް ވިދާޅުވެއްޖެ އެވެ.

ރައްޔިތުންގެ މަޖިލީހުގެ ދެ މެންބަރަކު ޕީޕީއެމަށް ސޮއިކުރަން ސްޓެލްކޯގައި ބޭއްވި ރަސްމިއްޔާތެއްގައި ރައީސް އަބްދުﷲ ޔާމީން ވިދާޅުވީ، އަންނަ 2016 ވަނަ އަހަރަކީ އިގްތޮސޯދީ ގޮތުން ފަހި އަހަރަކަށް ވާނެ ކަމުގެ ވަރަށް ބޮޑު އުންމީދެއް އެބައޮތް ކަމަށެވެ. އެއީ ބަޖެޓަށް ލިބޭ ފެހި ސިގްނަލެއް ކަމަށާ، ދައުލަތަށް އާމްދަނީ ލިބޭ މިންވަރު އިތުރުވުމަކީ ބަޖެޓަށް ބޮޑު ހެޔޮ ބަދަލެއް ފަހުން އައިސްދާނެ ކަމެއް ކަމަށެވެ.
2016 ވަނަ އަހަރަށް މިހާރު ފާސްކޮށްފައިވާ ބަޖެޓަކީ، ކޮންމެހެން ކުރަންޖެހޭ މުހިއްމު ކަންތައްތަކެއް ހިމަނައިގެން ފާސްކުރި ބަޖެޓެއް ކަމަށާ، އެހެން ނަމަވެސް ކޮންމެހެން ދޫކޮށް ނުލެވޭ ބޮޑެތި ބިޔަ މަޝްރޫއުތަކަށް ޖާގަ ދިނުމަށް މެންބަރުން ބޭނުންވި ބައެއް ކަންކަން އެ ބަޖެޓުގައި ނުހިމެނުނު ކަން ރައީސް މިއަދު ފާހަގަކުރެއްވި އެވެ.

ރައީސް ވިދާޅުވި ގޮތުގައި، ބަޖެޓަކީ ރައްޔިތުންނަށް ހިދުމަތްކުރަން ތިބޭ ބައެއްގެ ތަސައްވަރު ދައްކައިދޭ ކަރުދާހެކެވެ. އެ ކަރުދާހުން މެންބަރުން ކުރަން ބޭނުން ހުރިހާ ކަމެއް ނުފެނި ހިނގައިދާނެ އެވެ. އެއީ ގައުމުގެ އިގްތިސޯދާ އާމްދަނީ ލިބޭނެ ކަމަށް ލަފާވާ މިންވަރެއްގެ މައްޗަށް ބިނާވާ އެއްޗަކަށް ބަޖެޓް ވާތީއެވެ. މެންބަރުން ބޭނުންވި ބައެއް ކަންކަން ބަޖެޓުގައި ނުހިމެނުނީ އެ ސަބަބާ ހެދި ކަމަށް ރައީސް ވިދާޅުވި އެވެ.

މިއަހަރުގެ ބަޖެޓުގައި ހިމެނި ބޮޑެތި މަޝްރޫއުތަކަކީ ވަކި ސަރަހައްދަކަށް އަމާޒުވިޔަސް، މުޅި ދިވެހި ރާއްޖޭގެ ރައްޔިތުންނަށް އެކަމުގެ ފައިދާއާ ނަފާ އެކު ގޮތްގޮތުން ކުރާނެ މަޝްރޫއުތަކެއް ކަމަށް ރައީސް ވިދާޅުވި އެވެ. އެމަނިކުފާނު ވިދާޅުވި ގޮތުގައި، އަންނަ އަހަރު ދައުލަތަށް ބޮޑު އާމްދަނީއެއް ލިބޭނެ ކަމުގެ އުންމީދު އޮތުމުން، އަހަރުގެ މެދަކާ ހަމަޔަށް ދާއިރު ސަޕްލިމެންޓްރީ ބަޖެޓެއް ހުށަހަޅާނެ އެވެ. އެއީ މިހާރު އޮތް ބަޖެޓަށް އިސްލާހު ގެންނާނެ ބަޖެޓެއް ނޫނެވެ. އެ ބަޖެޓް ވެގެންދާނީ މުޅިން އާ ބަޖެޓަކަށް ކަމަށާ، އެވާހަކަތައް މަޖިލީހުގެ މެންބަރުންނާ އެމަނިކުފާނު ހިއްސާކުރެއްވި ކަމަށެވެ.

" ދާދި ފަހުން ވެސް އިކޮނޮމިކް މިނިސްޓަރު އެ ވަނީ އިގްތިސޯދީ ދަތުރެއްގައި ބޭރަށް ވަޑައިގަންނަވާފަ. އެމަނިކުފާނަށް ލިބިވަޑައިގަތީ ވަރަށް ރަނގަޅު ޖަވާބު ތަކެއް. މިއީ އަޅުގަނޑުމެންނަށް ބަޖެޓަށް އާރޯކަން ގެނެސްދީ އާމްދަނީ ލިބޭގެ ގޮތްތަކެއް 2016 ވަނަ އަހަރު ފެށުމާ އެކީ ބައްދަލުކުރާނެ ކަމަށް އުންމީދު ކުރެވޭ ކަންކަން. އަހަރުގެ މެދު ތެރޭ ސަޕްލިމެންޓްރީ ބަޖެޓެއް ހުށަހަޅާނަން. ސަޕްލިމެންޓްރީ ބަޖެޓަކީ ދައުލަތުން ބޭނުންވެއްޖެ ކަމަށް ވަންޏާ މުޅިން އާ ބަޖެޓަކަށް ހެދިދާނެ އެއްޗެއް. އެހެންވީމަ މުޅިން އާ ބަޖެޓެއް އަލުން އެކުލަވާލެވޭގޮތް ވުމަކީ ދުރު ކަމެއް ނޫން. ފައިސާ ލިޭ މިންވަރު އިތުރުވީމަ މުޅި ބަޖެޓަށް ހެޔޮ ބަދަލުތަކެއް އަންނާނެ ހޭދަކުރުމުގެ. މި އުންމީދުގަ އަޅުގަނޑުމެން 2016 ވަނަ އަހަރާ ބައްދަލު މި ކުރަނީ،" ރައީސް ޔާމީން ވިދާޅުވި އެވެ.

ރައީސް ވިދާޅުވީ މިއަދު ރާއްޖެއަށް ދިމާވެފައިވާ އެންމެ ބޮޑު ގޮންޖެހުމަކީ ފައިސާގެ އަގާ، ބޭރުން އާމްދަނީ އިތުރުކުރާނެ ފުރުސަތު ހަނިވުން ކަމަށެވެ. އެކަން އެހެން ދިމާވީ ވޭތުވެދިޔަ ފަސް ވަރަށްކަށް އަހަރު، ތަނަވަސް އެހެން ނަމަވެސް ފުދުންތެރިކަން ނެތް ބަޖެޓްތަކެއް އެކުލަވާލައި ކުރި މަސައްކަތްތަކުގެ ނޭދެވޭ ނަތީޖާއެއްގެ ގޮތުން ކަމަށް ރައީސް ވިދާޅުވި އެވެ. ބައެއް މެންބަރުންގެ ހިތްހަމަ ނުޖެހުމާ އެކުވެސް ބަޖެޓް މިހާރު އޮތް ގޮތަށް ފާސްކުރީ އިގްތިސޯދީ ގޮތުން ހުރި އެފަދަ ބައެއް ގޮންޖެހުންތައް ހައްލުކުރަން ކަމަށް ރައީސް ވަނީ ވިދާޅުވެފަ އެވެ.

މިއަހަރުގެ ބަޖެޓުގައި ހިމަނާފައިވާ ބޮޑެތި މަޝްރޫއުތަކުގެ ތެރޭގައި އިބްރާހިމްނާސިރް އިންޓަނޭޝަނަލް އެއާޕޯޓު ބޮޑުކުރުން ހިމެނެއެވެ.