ޕްރޮސެކިއުޓާ ޖެނެރަލްގެ އޮފީސް

ފުރަތަމަ އަންހެން ޕީޖީއަށް ޖެހޭނީ ކޮންހާލެއް؟

Nov 25, 2015
3
  • ގާބިލް ކަމާމެދު ސުވާލެއް ނެތް
  • ގެއްލުނު އިތުބާރު ހޯއްދެވުމަކީ ބޮޑު މަސައްކަތް
  • އެކަމަނާއަށް ވަގުތު ދޭން ޖެހޭ

ފެހި ގާނޫނު އަސާސީއާ އެކު ބޮޑު ބަދަލާއެކު އުފެދުނު، ޕްރޮސިކިއުޓާ ޖެނެރަލްގެ މަގާމު މިހާތަނަށް ވެފައި ވަނީ އެމަގާމަށް ވަޑައިގަންނަވާ ބޭފުޅުންގެ ބަދު ނަސީބަށެވެ. އެ މަގާމު މީގެ ކުރިން ފުރުއްވި ދެ ބޭފުޅުން ވެސް "ކަތިލެވިގެން" ދިޔައީ ސިޔާސީ ހަނގުރާމާގައި ކަމަށް މީހުން ބުނެ އެވެ. އެންމެ ފުރަތަމަ ޕީޖީ އަކަށް އައްޔަން ކުރި އަހުމަދު މުއިއްޒު ވެސް އިތުބާރު ނެތް ކަމުގެ ވޯޓަކާ ކުރިމަތިވެ ވަޑައިގަތުމުން 2013 ނޮވެމްބަރު ގައި "އަމާން ދެއްވާ" ގެއަށް ވަޑައިގަތީ އެވެ. އޭގެ ފަހުން ބޮޑު އަރައިރުން ގަނޑަކަށް ފަހު އެ މަގާމަށް އައްޔަން ކުރި މުހުތާޒް މުހުސިން ވެސް އިތުބާ ނެތް ކަމުގެ ވޯޓަކުން ސަލާމަތްނުވެވި، ގެއަށް ވަޑައިގަންނަވަން ޖެހުނީ އެވެ. ރާއްޖޭގައި ހާހަކަށްވުރެ ގިނަ ލޯޔަރުން ތިބި އިރު ޕީޖީގެ މަގާމަށް އެކަކު ކުރިމަތިލުމުން ވެސް ދައްކައިދެނީ މި މަގާމަށް އަންނަން ބޭނުންވާ ބޭފުޅުން މިހާރު ނެތް ކަމެކެވެ.

މި ހެން އޮތް މަގާމަކަށް ރައްޔިތުން މަޖިލީހުގެ ރުހުމާ އެކު، މި ވަޑައިގެންނެވި އައިޝަތު ބިޝާމާއެކު އެކަމަނާ މި ވަނީ ރާއްޖޭގެ ފުރަތަމަ އަންހެން ޕީޖީއަށެވެ. މިހާރު ކުރިމަތިވަމުން އަންނަ ބޮޑު ސުވާލަކީ ރާއްޖޭގެ ފުރަތަމަ އަންހެން ޕީޖީ އަށް ޖެހޭނީ ކޮން ހާލެއް ހެއްޔެވެ؟ ޔަގީންވާ ކަމަކީ އެކަމަނާގެ ކުރިމަތީގައި އޮތް ޗެލެންޖް ފަސޭހަ ނޫން ކަމެވެ. ކިތަންމެ ތަޖުރިބާ ގިނަ ނަމަވެސް، އެކަމަނާގެ ކުރި މައްޗަށް މި ހުށަހެޅެނީ ކެރިއަރުގެ އެންމެ ބޮޑު އިމްތިހާނެވެ. 

ގާބިލްކަމާ މެދު ސުވާލެއް ނެތް

ބިޝާމް އަކީ ގާނޫނީ ކަންކަމަށް އާ ބޭފުޅެއް ނޫނެވެ. އާންމުންގެ ތެރެއަށް ބިޝާމްގެ ނަން ތިލަވަގެން އައީ ރައީސް މުހައްމަދު ވަހީދުގެ ސަރުކާރުގައި ކުޑަ ދުވަސްކޮޅަކަށް ނަމަވެސް އެޓާނީ ޖެނެރަލްގެ މަގާމު އެކަމަނާ ފުރުއްވުމުންނެވެ. އަދި އެ މަގާމަށް ވަޑައިގަތުމުގެ ކުރިން ވެސް އެ އޮފީހުގެ ގާނޫނީ ވަކީލު ކަމާއި ޑެޕިއުޓީ އެޓާނީ ޖެނެރަލްގެ މަގާމުގައި ވެސް އެކަމަނާ ދުވަސްގަނޑެއް ވަންދެން ފުރުއްވި އެވެ. އެޓާނީ ޖެނެރަލްކަން ކުރު މުއްދަތެއްގައި ފުރުއްވުމަށް ފަހު، އެކަމަނާ ވެވަޑައިގަތީ ރައީސް ވަހީދާއި ރައީސް އަބްދުﷲ ޔާމީންއަށް ގާނޫނީ ލަފާދެއްވާ، ލީގަލް ސެކްރެޓަރީ އަށެވެ. ގާނޫނީ ދާއިރާ އިން މިހާ ހައިޕްރޮފައިލް މަގާމުތަކެއް އަދި މިހާ ގިނަ ދުވަހު ފުރުއްވުމުން އެކަމަނާ ގާނޫނީ ގޮތުން، އެންމެ މަތީ މަގާމަށް ކުފޫ ހަމަނުވާނެ ކަމަށް ބުނުމުގެ ޖާގައެއް ނެތެވެ. 

"ބިޝާމް ހަމަ ގައިމު ވެސް އަޅުގަނޑަށް ފެނުނީ ގާނޫނީ ގޮތުން މޮޅު ބޭފުޅެއްގެ ގޮތުގައި. ހާއްސަކޮށް އެ ކުރައްވާ ކަމެއް ވަރަށް ފަރުވާ ބަހައްޓަވައިގެން ކުރައްވާ ބޭފުޅެއްގެ ގޮތުގައި. ވަރަށް އަޒުމް ވަރުގަދަ ކޮށް އަޅުގަނޑަށް ފެނުނީ. ބިޝާމް އަކީ ރަނގަޅު ޗޮއިސް އެއް ޕީޖީ ކަމަށް ބަލާއިރު. އެކަމާއަށް އެކަން ކުރެވޭ ވަރުގެ ބެކްގްރައުންޑެއް އެބަ އޮތް،" އެކަމަނާއާ އެކު މަސައްކަތް ކުރެއްވި ބޭފުޅަކު ނަން ނުޖެހުމަށް ޝަރުތުކޮށް ވިދާޅުވި އެވެ.

މީގެ ކުރިން ޕީޖީގެ މަގާމު ފުރުއްވި ދެބޭފުޅުން ނެކޭ އެއްގޮތަށް ގާނޫނީ ގޮތުން ބިޝާމް އަކީ ވަކި އެދެބޭފުޅުންނަށް ދޫކުރައްވާނެ ބޭކަނބަލެއް ނޫނެވެ. މިއީ ވެސް ގާނޫނީ ގޮތުން ވަކި ފުންނާބު ތިރި ބޭކަނބަލެއް ނޫނެވެ.

އިތުބާރު އުފެއްދުން: އެންމެ ބޮޑު ޗެލެންޖް

މީގެ ކުރިން އެ މަގާމު ފުރުއްވި މުއިއްޒު އާއި މުހުތާޒު އެ މަގާމުން ބޭރު ކުރަން ޖެހުނު މައިގަނޑު ސަބަބަކީ އެބޭފުޅުންގެ މައްޗަށް ކުރެވުނު ތުހުމަތުތަކަކާ ހުރެ އިތުބާރު ގެއްލުމެވެ. މުއިއްޒުގެ މައްޗަށް ކުރެވުނު ތުހުމަތަކީ މާބޮޑަށް ވަކި އަތަކަށް ބުރަވެ، އިންސާފުން ބޭރުވެ، މިނިވަންކަން ގެއްލުމެވެ. މުހުތާޒުގެ މައްޗަށް ކުރެވުނު ތުހުމަތަކީ އެކި މައްސަލަތަކުގައި ހިމެނޭ މީހުންގެ ގާނޫނީ ވަކީލުންނާ ސިއްރު ބައްދަލުވުންތައް ބޭއްވައި މަޝްވަރާ ކުރެއްވުމެވެ.

އޭރު އެމްޑީޕީގެ މެޖޯރިޓީއޮތް މަޖިލީހުން މުއިއްޒު ބޭރު ކުރީ އެ މީހުންގެ ލޯބިވާ ލީޑަރު، ރައީސް މުހައްމަދު ނަޝީދުގެ މައްސަލައިގައި އެމްޑީޕީގެ ގޮވެލިތަކަށް މުއިއްޒު ބިރުގަންނަވާ ނުލެވުމުން ކަމަށް ބުނެވިދާނެ އެވެ. އެމްޑީޕީ އިން ބޭނުންވި ގޮތަށް ބުމަރެއްހެން މުއިއްޒު އަނބުރާނުލެވުމަކީ މުއިއްޒު ބޭރު ކުރުމުގެ ފެށުމެވެ. މުއިއްޒު އެންމެ ފަހުން ވީ، ރީދުލާއި ފިޔާތޮށި ކުލަޔަށް ވެސް އެލާޖިކް ބޭފުޅަކަށެވެ. އެއް ބަޔަކަށް ވެސް އެމަނިކުފާނު ކަމަކު ނުދިޔަ އެވެ. އެހެން ވީމާ އެމަނިކުފާނުގެ މައްޗަށް ކުރެވުނު ތުހުމަތުގައި އަސްލެއް ނެތް ކަމަށް ބުނެވިދާނެ އެވެ.

އެެހެން ނަމަވެސް، މުހުތާޒުގެ މައްޗަށް މިކުރެވުނު ތުހުމަތުތަކުގައި ކޮންމެވެސް ވަރެއްގެ ހަގީގަތެއް ވެސް ހުއްޓެވެ. .ކޮންމެ މަގުސަދެއްގައި އެ ތުހުމަތުތައް ކުރެވުނަސް އެންމެ ފަހުން މަގާމުން ދުރުކުރި މުހުތާޒުގެ އެފަދަ ވާހަކަތައް ފެންމަތި ވަމުން އަންނަތާ ލައްކަ ދުވަސް ވެއްޖެ އެވެ. އެކި ރެސްޓޯރަންޓް ކެފޭތަކުގައި ބައްދަލު ކުރަން ނުޖެހޭ އެތައް ބަޔަކާ މުހުތާޒު ފާޅުގައި ބައްދަލު ކުރައްވައި ވާހަކަ ރަށުތެރޭގައި ދެކެވެ އެވެ. ބައެއް ވާހަކަތައް މީޑިއާތަކަށް ވެސް ތިލަވެގެން އައެވެ. އަދި އެމަނިކުފާނު ސިޔާސީ ވެރިންގެ މަޅިފަތީގައި ޖެހި މާލީ ފައިދާތައް ނަންގަވާ ކަމުގެ އަޑުތައް ވެސް އަދި މާގަދަ އެވެ. އެ ހުރިހާ ވާހަކައެއް ފުނިޖެހި މުހުތާޒާއި ޕީޖީ އޮފީހުގެ މިނިވަންކަމާއި ނަޒާހަތްތެރިކަން އޮތީ މުހުތާޒާ ހިސާބުން ވެއްޔާ މޮޑެވިފަ އެވެ. 

ބިޝާމްއަށް ޖެހިވަޑައިގެންފައި މި އޮތީ، މުހުތާޒު ގެއްލުވާލެއްވި އިތުބާރު އަލުން ހޯއްދެވުމަށް މަސައްކަތް ކުރެއްވުމެވެ. ސުވާލަކީ އެކަމަނާ މި އިތުބާރު ހޯއްދަވާނީ ކިހިނެތް ހެއްޔެވެ؟

ގާނޫނީ ދާއިރާގެ ބޭފުޅަކު ވިދާޅުވީ، ބިޝާމްއަށް އޮތް އެންމެ ބޮޑު ޗެލެންޖަކީ ޕީޖީގެ މައްޗަށް މީހުން ކުރާ އިތުބާރު ވަރުގަދަ ކުރެއްވުމަށް މަސައްކަތް ކުރެއްވުމެވެ. އެއީ ގާތްގަނޑަކަށް ސުމަކުން ބިޝާމް ފަށައިގަންނަވަން ޖެހޭ މަސައްކަތެއް ކަމަށް އޭނާ ވިދާޅުވި އެވެ. އެކަން ކުރެވޭނެ ގޮތަކީ އޭނާ ވިދާޅުވި ގޮތުގައި މައްސަލަތަކުގައި މިނިވަންކަމާ އެކު އަމަލު ކުރައްވާ ކަން ބިޝާމް ސާބިތު ކޮށްދެއްވުމެވެ. އެކަމަކު ބިޝާމްއަށް ވެސް އެކަން ފަސޭހަ ނުވަނީ އޭނާ ވިދާޅުވި ގޮތުގައި ސަރުކާރުގެ އިސް ސިޔާސި މަގާމެއްގައި ހުރުމަށް ފަހު ބިޝާމް އެ މަގާމަށް ވަޑައިގަތުމެވެ. އެހެން ވުމުން މީހުންނަށް ވިސްނޭނީ ބިޝާމް ސަރުކާރަށް ބުރަވެ ކަންކަން ކުރައްވަފާނެ ކަމަށެވެ. އެހެން ނަމަވެސް ކަންކަމުގައި ގާނޫނީ ހުދޫދުގެ ތެރެއިން އިންސާފުވެރި ކަމާ އެކު ބިޝާމް ކަން ކުރައްވާކަން ސާބިތުކޮށްދެއްވައިގެން މެނުވީ އެކަން ނުކުރެވޭނެ ކަމަށް އޭނާ ދެކިވަޑައިގަންނަވަ އެވެ.

"ޕީޖީ މިނިވަން ނުވުން މިއީ އޮތް އެންމެ ބޮޑު މައްސަލަ. މަގާމަށް އަންނަ ޕްރޮސީޖާއާ ހިސާބުން އެކަން އެބަ ފެށޭ. އެ މަގާމަށް އަންނަ ބޭފުޅަކާ މެދު މި އޮންނަނީ ޝައްކުތައް ފެށިފައި. ބިޝާމް ވެސް ސާބިތުކޮށް ދެއްވަންވީ އަމަލުތަކުން ދައްކަވަން ޖެހޭނީ މިނިވަންކަން. ހާއްސަކޮށް އެކި ސިޔާސީ ބޭފުޅުންނާ ގުޅޭ މައްސަލަތަކުގައި މޫނަކަށް ބެއްލެވުމެއް ނެތި ގާނޫނުތަކުގައި އޮންނަ އުސޫލަށް ބިޝާމް އަމަލު ކުރެއްވުމުން ޕީޖީ އަށް އޮންނަ އިތުބާރު ހިފެހެއްޓޭނީ،" އޭނާ ވިދާޅުވި އެވެ. 

ސިޔާސީ ނުފޫޒުން ދުރުވުން

ޕީޖީ އަކީ ސިޔާސީ ނުފޫޒުތަކުން ދުރުވެ ވަޑައިގެން ހުންނަވާނެ ބޭފުޅެއް ކަމަށް ގަބޫލު ނުކުރެވޭ ވަރަށް އެ މަގާމުގައި އެންމެ ފަހުން ފުރުއްވި، މުހުތާޒުގެ އަމަލުތައް އޮތީ ގޮސްފަ އެވެ. އޭރުގެ ނައިބު ރައީސް އަހުމަދު އަދީބު ދެއްވާ އެކި ހަދިޔާތަކުގައި ހިއްޕަވައި އަދި އެކި ސިޔާސީ ބޭފުޅުންނާ އެކު މުހުތާޒު ކޮފީ ބެއްލެވުން އާދަ ކުރެއްވުމުން މުހުތާޒު ހުންނެވީ ސިޔާސީ ނުފޫޒުން ސަލާމަތްވެ ވަޑައިގެން ބުނެވޭނެ ޖާގަ ހަމަ ގާތްގަނޑަކަށް އޮތީ ނެތިފަ އެވެ. އެކި މައްސަލަތައް ކޮޅުކޮޅަށް އަނބުރާލުމުގައި މުހުތާޒަށް ކެނޑި ނޭޅި އެކި މީހުން އިނާމުތައް ހުށަހަޅާ ކަމަށް އޮތީ ތުހުމަތުވެފަ އެވެ. މުހުތާޒު ބެލެވުނީ އޭރުގެ ނައިބު ރައީސް އަހުމަދު އަދީބުގެ ޕަޕެޓެއްގެ ގޮތުގަ އެވެ. އިދިކޮޅު ފަރާތްތަކުން ބުނީ މުހުތާޒް ހުރެ ޕީޖީ އޮފީސްވީ ހަދާލާފައި އޮތީ ރައީސް އަބްދުﷲ ޔާމީންގެ ސިޔާސީ ޑެސްކަކަށް ކަމަށެވެ.

އިދިކޮޅު ފަރާތްތަކުން މަޖިލީހުގައި ބިޝާމްއަށް ވޯޓު ނުދިނުމުގެ ބަހަނާއަކީ، އެކަމަނާ ރައީސްގެ ސިޔާސީ މަގާމެއްގައި ހުންނެވުމެވެ. އެހެން ކަމުން އެކަމަނާ އަށް ސިޔާސީ ނުފޫޒު ދުރު ނުވެވޭނެ ކަމަށް އިދިކޮޅު ފަރާތްތަކުން މި އޮތީ މިހާރުވެސް ތުހުމަތުތައް ފަށައިފަ އެވެ. އެހެން ނަމަވެސް އިދިކޮޅު ފަރާތްތަކުން އަދި ތުހުމަތުތައް ކުރުމަކީ އެކަމަނާ އެކަން ކުރުމެއް ވެސް ނޫނެވެ. އެކަމަކު އެކަމަނާއަށް އެކަން ސާބިތު ކޮށްދެއްވަން އުނދަގޫ ކަމަކަށް ވާނެ އެވެ. އެކަމަކު ބިޝާމްއަށް ޖެހިވަޑަގަންނަވާނީ ސިޔާސީ ނުފޫޒުތަކުން ދުރުގައި ހުންނަވައިގެން އިންސާފުވެރިކަމާ އެކު މައްސަލަތަކުގައި އަމަލު ކުރާ ބޭކަނބަލަކަށް ވާށެވެ. އެކަން އަމަލުތަކުން ދައްކަވާށެވެ. އެހެން ނޫން ނަމަ ސިޔާސީ ތޫނު ތީރިތަކުން އެކަމަނާ ވެސް ޒަހަމްވެގެން ދާނީ އެވެ.

"އެ ޗެލެންޖަށް ބިޝާމް ކުރިމަލައްވަން ޖެހިވަޑައިގަންނަވާނެ. އެއީ ފަސޭހަ ކަމަކަށް ނުވާނެ. އެންމެން ރުއްސަން އަމަލު ކުރައްވާ ބޭކަނަބަލަށް ވުރެ ބޮޑަށް ގާނޫނުގައި އޮންނަ ގޮތަށް އެކަމަނާ އަމަލު ކުރައްވަން ޖެހޭނީ. އެކަމަނާގެ އަމަލުތައް އެހެން ގޮތަކަށް ލޭބަލް ނުކުރެވޭ ވަރަށް ގާނޫނީ ވަރުގަދަ ހުއްޖަތެއްގެ ތެރެއިން ޒިންމާ އަދާ ކުރެއްވީމާ އިދިކޮޅުން ވެސް ފަހުން ދައްކާނެ ވާހަކައެއް ނޯންނާނެ. ސިޔާސީ ނުފޫޒެއް ނެތް ކަން ސާބިތު ކޮށްދެއްވަން ޖެހޭނީ،" ގާނޫނީ ވަކީލަކު ވިދާލުވި އެވެ.

އެކަމަނާއަށް ވަގުތު ބޭނުންވޭ

ކޮންމެ ބަޔަކު ވެރިކަމުގައި ތިއްބަސް ޕީޖީގެ މަގާމުގައި ކޮންމެވެސް ބޭފުޅަކު ހުންނާނެ އެވެ. އެ ޒިންމާ އަދާ ކުރައްވަން ކޮންމެވެސް ބޭފުޅަކު އަންނާނެ އެވެ. އެއީ ވަކި ބޭފުޅެއްގެ މައްޗަށް ބިނާވެފައިވާ އޮފީހެއް ނޫނެވެ. އެއީ ރާއްޖޭގެ ޖިނާއީ އަދުލުގެ ނިޒާމުގެ މައިތަބެވެ. އެއީ ރައްޔިތުންގެ އިތުބާރު އޮންނަން ޖެހޭ މުއައްސަސާއެކެވެ. އެކަމަކީ ބިޝާމް އަށް އެކަނި ކުރެއްވޭނެ ކަމެއް ނޫނެވެ. ރައްޔިތުން ތަމްސީލް ކުރަނީ ސިޔާސީ ޕާޓީތައް ކަމަށްވާ އިރު އެކަމަނާއަށް ފާޑު ކިޔުމުގައި ސިޔާސީ ޕާޓީތައް ޒިންމާ ދާރުނުވެ ހިތަށް އެރިހާ ތުހުމަތެއް ކުރާ ނަމަ، މުޅި ޕީޖީގެ މުއައްސަސާ ކަތިލެވިގެން ދާނެ އެވެ. ޕީޖީ ބިޝާމްގެ މައްޗަށް އެއްވެސް އަސާސެއް ނެތި ތުހުމަތުތަކެއްގެ އަޑު ފަތުރާލުމުގެ ކުރިން އެކަމަނާގެ ޒިންމާ އަދާ ކުރައްވާ ގޮތް ބެއްލެވުމަށް ފުރުސަތު ދެއްވުން ކީއްތޯ އެވެ. އެކަމަނާ ސިޔާސީ މަގާމެއްގައި ހުންނެވިއަސް ދުވަހަކު ވެސް އެކަމަނާގެ މައްޗަށް ސިޔާސީ ބޭފުޅުންގެ ހަދިޔާތައް ހިއްޕަވައި، ޕްރޮފެޝަނަލް މަސައްކަތުން ބޭރުވެ ވަޑައިގެން އުޅުއްވި އަޑެއް ނާހަމެވެ. ސިޔާސީ ގޮޅީގައި ވެސް އެކަމަނާ ހުރީ ޕްރޮފެޝަނަލް ބޭފުޅެއްގެ ގޮތުގަ އެވެ. އެހެން ވާއިރު އަސްލެއް ނެތް ތުހުމަތުތަކެއް ފެންމަތިޮށް އެކަމަނާ ކަތިލުމުގެ މާނައެއް އަދި ނެތެވެ. އެހެން އެކަން ކުރާ ނަމަ ޒިންމާދާރު ކަމެއްނެތް ސިޔާސީ ހަރަކާތްތަކުން ގައުމާއި މުއައްސަސާތައް ކަތިލެވިގެން ދިޔުން ނޫން ކަމެއް ނުވާނެ އެވެ.

މި ހުރިހާ ސަބަބުތަކަށް ޓަކައި ބިޝާމް މި ކުރިމަތިލެއްވީ އެކަމަނާގެ ކެރިއަރުގެ އެންމެ ޗެލެންޖިން މަސައްކަތަށެވެ. މިއީ އެކަމަނާއަށް ލިބުނު ޕްރޮމޯޝަނަކަށް ވުރެ ބޮޑަށް އެކަަމަނާގެ ކުރިމަތީގައި އޮތް އިމްތިހާނެކެވެ. އޮތީ ދެ މަގެކެވެ. ކުރީގެ ޕީޖީ އިންގެ ގޮތަށް އެކަމަނާ ވެސް ސިޔާސީ ތީރުތަކުގެ ޝިކާރައަކަށް ވެ ނިމިދިޔުމެވެ. ނޫނީ ނަމޫނާ ޕީޖީ އަކަށް ވެވަޑައިގަތުމެވެ. ރައްޔިތުން މިތިބީ އެކަމަނާގެ މަސައްކަތް ބައްލަވާށެވެ. ރައްޔިތުންގެ އުންމީދެއް ވެސް އެބަ އޮތެވެ.