ރިޕޯޓް

ޕީޖީގެ އަމަލުތައް ކަންބޮޑުވާ ދަރަޖައަށް!

ޕްރޮސިކިއުޓާ ޖެނަރަލަކީ ދައުވާކުރަން ހުންނަ ބޭފުޅާ އެވެ. މީހުންނަށް ދައުވާ އުފުލުމާއި މީހުންނާ ދެކޮޅަށް ދައުލަތުގެ ފަރާތުން ޖިނާއީ މައްސަލަތަކުގައި ވަކާލާތުކުރާ ފަރާތަކީ ޕްރޮސިކިއުޓާ ޖެނަރަލް ނުވަތަ ޕީޖީ އެވެ. ޕީޖީއާ ގުޅޭ ގޮތުން ގިނަ މީހުންނަށް އެނގޭނީ މިކަން ކަމެވެ. އެހެންނަމަވެސް ޕީޖީއަކީ މިއަށްވުރެ މާބޮޑު ގިނަ މަސްއޫލިއްޔަތުތަކަކާއި ޒިންމާތަކެއް އުފުލަންޖެހި ވަޑައިގަންނަވާ މަގާމެކެވެ. ޒިންމާތަކާއި ބާރުތައް ވަރަށް ގިނަ އެވެ. ދައުވާ އުފުލުން އެއީ އޭގެ އެއް ބަޔެވެ.

ޕްރޮސިކިއުޓާ ޖެނަރަލްގެ ގާނޫނުގެ 15 ވަނަ މާއްދާގައި ޕީޖީގެ މަސްއޫލިއްޔަތުތަކާއި ބާރުތައް ބަޔާންކޮށްފައިވެ އެވެ. އެ މާއްދާގައި ހ އިން ތ އަށް ބުނެދީފައި ވަނީ ޕީޖީގެ މަސްއޫލިއްޔަތުތަކާއި ބާރުތަކެވެ. އޭގައި ވަރަށް މުހިންމު އަދި އެހާ ބޮޑު މަސްއޫލިއްޔަތެއް ހިމެނެ އެވެ. ގާނޫނުއަސާސީގެ އެންމެހައި ހަމަތަކާއި، ގާނޫނާއި، އެންމެހައި ފަރުދުންގެ ހައްގުތަކާއި މިނިވަންކަން ނެގެހެއްޓުމެވެ.

ގާނުނުތަކާއި ހަމަތަކާއި އުސޫލުތަކުގެ ބޭރުން އަމަލުކޮށް މީސްމީހުންގެ ހައްގުތަކަށް އަރައިގަންނަމުންދާ ވާހަކައިގެ އަޑު މިހާރު ގަދަވެފައި ވެއެވެ. އެއީ މުއައްސަސާތަކުން ވެސް ގާނޫނުތަކާއި ހަމަތައް އެއް ކިބާކޮށް ހިތު ހުރި ގޮތަކަށް އަމަލު ކުރުން އިތުރުވެފައިވާތީ އެވެ. ކުރީގެ ރައީސް މައުމޫން އަބްދުލްގައްޔޫމް ވިދާޅުވާ ފަދައިން "ކުޑަ ކެކުރި ބޮޑު ކެކުރި" އުސޫލުން ކަންކަން ކުރަމުންދާތީ އެވެ. މިހާރު ހުންނެވި ޕީޖީ އައިޝަތު ބިޝާމްގެ އަމަލުތައް ވެސް ހުންނެވީ އެފަދަ ގޮތަކަށް ކަމަށް ގާނޫނީ ވަކީލުންނާއި އިދިކޮޅު ފަރާތްތައް ހަރު އަޑުން ގޮވަމުން ދަނީ ވެސް ސަބަބުތަކެއް އޮތުމުންނެވެ.

މިއީ އެކަމުގެ އެއް މައްސަލަ އެވެ. ޖުމްހޫރީ ޕާޓީގެ ލީޑަރު ގާސިމް އިބްރާހިމްގެ މައްސަލަ އެވެ. އެ މައްސަލައަކީ ޕީޖީގެ ވަކީލުން ކުރިމިނަލް ކޯޓަށް ހާޒިރު ނުވުމުން މައްސަލަ ބާތިލުކޮށް ކޯޓުން ނެރެލާފައިވާ މައްސަލައެކެވެ. އެ ދުވަހު އަޑުއެހުމެއް ބޭއްވުމަށްފަހު ރޭގަނޑަށް އަޑުއެހުމެއް ބޭއްވުމުން ޕީޖީއިން ވަނީ އެ އަޑުއެހުން ފަސްކޮށްދިނުމަށް އެދި ކޯޓަށް ސިޓީ ފޮނުވާފަ އެވެ. ނަމަވެސް ޕީޖީގެ ވަކީލުން ހާޒިރުނުވި ކަމަށް ބަލައި ކޯޓުން މައްސަލަ ބޭރުކޮށްލީ އެވެ.

ޕީޖީގެ "އަގު" ހިފަހައްޓަން ހަމަ އެ ރޭ ބަޔާނެއް ނެރުނެވެ. ޕީޖީގެ ވަކީލުން ކޯޓަށް ހާޒިރުނުވި "އުޒުރު" ވެސް ތަފްސީލްކޮށް ކިޔައިދިނެވެ. މައްސަލަ ބެއްލެވި ގާޒީންގެ ބެންޗުގެ ދެ ގާޒީން އެ ރެއިން އެ ރެއަށް އެ ކޯޓުން ނުކުންނަން ޖެހުނެވެ. މައްސަލަ އަލުން ކޯޓަށް ޕީޖީއިން ހުށަހެޅީ އޭގެ ފަހުންނެވެ. ޕީޖީއިން އެދުމުން މައްސަލަ އަލުން ބަލަން ވެސް ފެށި އެވެ. އަލުން ހުށަހެޅޭނެ ކަމާއި އަލުން ބެލޭނެ ކަމަށް ނިންމެވީ، އެ މައްސަލަ ބޭރުކޮށްލި ގާޒީންގެ ބެންޗުގައި ވެސް އިންނެވި މިހާރުގެ އިސް ގާޒީ އާދަމް އާރިފެވެ. މައްސަލަ އަލުން ހުށަހަޅައިގެން ކުރިއަށް ނުގެންދެވޭނެ ކަމަށް އޭރު ވެސް ދިފާއީ ވަކީލުން ގެންދެވީ ވިދާޅުވަމުންނެވެ. އެއީ އަމަލު ކުރަން ފަށާފައިވާ ޖިނާއީ އިޖުރާއަތުގެ ގާނޫނާ ހިލާފު ކަމެއް ކަމަށް ފާހަގަ ކުރައްވަމުންނެވެ.

އެކަންކަމަށް ސަމާލު ކަމެއް ނުދީ، މައްސަލަ ސިއްރުން ކުރިއަށް ގެންގޮސް ނިންމާލި އެވެ. ޖެހިޖެހިގެން އަޑުއެހުންތައް ބޭއްވި އެވެ. އެއް ދުވަހަށް ވެސް އެތައް އަޑުއެހުމެއް ތާވަލުކުރި އެވެ. ކުރިން އެއް ދުވަހު ދެ އަޑުއެހުން ތާވަލުކޮށްގެން އަޑުއެހުން ފަސްކޮށްދިނުމަށް ކޯޓުގައި އެދުނު ޕީޖީ މިފަހަރު އިންނެވީ ހިމޭނުންނެވެ. މައްސަލައަކަށް ނުވި އެވެ.

ކަން ދިމާކުރި ގޮތުން ހުލާސާ ބަޔާން އިއްވަން އޮތް އަޑުއެހުމަށް ތައްޔާރުވެފައިވަނިކޮށް ގާސިމް ކޯޓު ތެރެއަށް އަނބުރައިގަނެގެން ވެއްޓުނެވެ. އޭގެ ފަހުން އެ ރޭ ގާސިމްގެ ޣައިރު ހާޒިރުގައި އަޑުއެހުން ބޭއްވުމަށް ތާވަލުކުރި އެވެ. އެ އަޑުއެހުން ބާއްވަން ވެސް ބޭއްވި އެވެ. އޭރު ގާސިމްގެ ބަލި ހާލަތުގެ ރިޕޯޓް އޮތީ ކޯޓަށް ފޮނުވާފަ އެވެ. ނަމަވެސް އެއަށް ވެސް ބެލުމެއް ނެތި، މައްސަލާގައި ހުލާސާ ބަޔާން ވެސް އިއްވުމެއް ނެތި ގާސިމަށް ޖަލު ހުކުމެއް އިއްވީ އެވެ. މިކަންކަން މިހެން ކޯޓުގައި ހިނގާދިޔައިރު ޕީޖީ ހަމަ އިންނެވީ އެވެ. ކުރެއްވި ކަމެއް ނެތެވެ. އަމިއްލަ "އަގު" ހިފަހައްޓަން ނެތުމުން ބަޔާނެއް ވެސް ނެތެވެ.

"ޕީޖީގެ ޒިންމާއެއް އެއީ ހުރިހާ ރައްޔިތުންގެ އަސާސީ ހައްގުތައް ކަށަވަރު ކުރުމަކީ، ޝަރީއަތް ކުރިއަށް ގެންދަނީ ގާނޫނުގަ އޮންނަ ގޮތަށްކަން ކަށަވަރުކުރުމަކީ އެ ބޭފުޅާގެ ޒިންމާއެއް، އެހެންނަމަވެސް އެ ބޭފުޅުން އެތަނުގަ [ގާސިމަށް ހުކުމް އިއްވި ޝަރީއަތުގެ މަޖިލީހުގައި] ތިއްބަވައިގެން ޕީޖީ ވެސް ބޭނުންފުޅުވެވަޑައިގެން އެކަން އެގޮތަށް ހިންގުމަކީ ވަރަށް ދެރަ ކަމެއް، އެއީ ގަސްދުގައި ވަކި މީހަކަށް ހުކުމް ކުރުމުގެ ނިޔަތުގައި ކޮށްފައިވާ ކަމެއް، މި މައްސަލާގެ ހުކުމާ ހަމައަށް ވާސިލުވެފައިވަނީ ހަގީގަތުގައި އަޑުއެހުންތައް ނިންމައި ނުލާ، މައްސަލާގެ އަޑުއެހުންތައް ނިންމާލިކަން އިއުލާން ކުރުމަކާ ނުލާ ހުކުމް ކުރެވިގެން ނުވާނެ، ސަބަބަކީ ހުލާސާ ބަޔާން އިއްވުމަށްފަހު އަދަބާ ގުޅޭ ގޮތުން ވާހަކަ ދެއްކުންފަދަ ކަންކަން ވެސް ޖިނާއީ އިޖުރާއަތުގެ ގާނޫނުގައި ލިޔެފައި އޮންނާނެ، އެއިން އެއްވެސް ކަމަކަށް ފުރުސަތު ނުދެއްވާ މައްސަލާގެ ހުކުމް އިއްވީ،" ގާސިމްގެ ވަކީލުންގެ ޓީމުގައި ހިމެނިވަޑައިގަންނަވާ އަހުމަދު ވިދާޅުވި އެވެ.

ޕީޖީގެ ހާޒިރުގައި މީހެއްގެ މައްޗަށް ޣައިރު ހާޒިރު ހުކުމެއް ކޮށްފައިވާއިރު އެކަމާ ޕީޖީގެ ބަހެއް އަދި އެކަމާ ޝަރީއަތުގެ މަޖިލީހުގައި ޕީޖީއިން އިއުތިރާޒު ކޮށްފައި ނުވުމަކީ ކަންބޮޑުވާންޖެހޭ ކަމަށް ވަކީލުން ވިދާޅުވެ އެވެ. ދައުވާ ލިބޭ ފަރާތްތަކުގެ ހައްގުތައް ވަރަށް ބޮޑަށް ކަށަވަރުކޮށްދޭ ޖިނާއީ އިޖުރާއަތުގެ ގާނޫނުގެ ދަށުން ޣައިރު ހާޒިރުގައި ހުކުމެއް ކުރެވޭނެ ކަމަށް ބަޔާންކޮށްފައި ނެތް ކަމަށް ވަކީލުން ވިދާޅުވެ އެވެ.

"ދައުލަތުން ކުރާ ދައުވާއެއްގަ އެ ދައުވާ ކުރިއަށް ގެންދިޔުމުގަ ދައުލަތުން ކަށަވަރުކުރަން ޖެހޭ ކަންކަން އެބަހުރި، އެ ދައުވާ ލިބޭ ފަރާތަކީ އެ ދައުވާ ބަަލައިގަތުމާއި، އެ ދައުވާއަށް ޖަވާބުދާރީވުމާއި އެ ދައުވާއަށް އެ ފަރާތެއްގެ މައްޗަށް ކުރިއަށް ގެންދިޔުމުގެ އެ ސޮލާހިއްޔަތު ލިބިގެންވާ ފަރާތެއްތޯ ދައުލަތުން އަބަދުވެސް ކަށަވަރުކުރަން ޖެހޭނެ އެ ދައުވާ ނިމުމާ ހަމައަށް، އެކަން ދައުލަތަކަށް ވެސް ކަށަވަރެއް ނުކުރެވޭނެ ދައުވާ ލިބޭ ފަރާތަށް ހާޒިރުވުމުގެ ހައްގުން މަހުރޫމްކުރެވިގެން ގެންދާ ޝަރީއަތެއްގަ، އެހެންވީމަ ޖިނާއީ އިޖުރާއަތުގެ ގާނޫނުގަ ނުވެސް ނެތީ ޣައިރު ހާޒިރުގަ ޖިނާއީ މައްސަލައެއް ބެލޭނެ ގޮތް، އެ ސަބަބަކީ އެއީ ޖިނާއީ އަދުލުގެ ނިޒާމް ދަންނަ ކަމެއް ނޫން، އެއީ ގާނޫނު އަސާސީ ދަންނަ ކަމެއް ނޫން،" ކުރީގެ ޕީޖީ ވަކީލެއް ކަމަށްވާ ނޫރުއްސަލާމް އަބޫބަކުރު ވިދާޅުވި އެވެ.

ގާސިމްގެ ވަކީލް ހިސާން ހުސެއިން ވިދާޅުވާ ގޮތަށް ދައުވާ ލިބޭ ގާސިމަށް ވެސް "ސިއްރުން" ހުކުމް އިއްވާފައިވާއިރު އެކަމުގައި ޕީޖީއިން ބައިވެރިވެފައިވުމަކީ ޕީޖީގެ މަސްއޫލިއްޔަތާއި ޒިންމާ އެންމެ ރަނގަޅަށް އަދާކުރެވޭތޯ ވަރަށް ބޮޑަށް ސުވާލު އުފެދިގެންދާ ކަމެކެވެ. އެންމެންގެ ހައްގުތައް ކަށަވަރުވޭތޯ ބެލުމުގެ ގާނޫނީ ޒިންމާ ޕީޖީގެ ބޮލުގައި އެޅުވިފައިވާއިރު، ގާސިމް އޮންނެވީ އައިޖީއެމްއެޗްގައި އެޑްމިޓްކޮށް، ދެރަ ހާލެއްގައިކަން ޕީޖީއަށް ވެސް އެނގިވަޑައިގަންނަވާނެ އެވެ. އަދި ކޯޓަށް ހާޒިރުނުވެވޭނެކަން ވެސް އެނގިވަޑައިގަންނަވާނެ އެވެ. އެހެންކަމުން ގާސިމްގެ ހައްގުތައް ރައްކާތެރިކޮށް ގާސިމްގެ ހައްގުގައި ވަކާލާތުކުރުމަކީ ވެސް ޕީޖީއަށް އޮތް ޒިންމާއެކެވެ.

"އަސާސީ ހައްގުތައް ނަގަހައްޓައި ދިފާއު ކުރުމަކީ ވެސް ޕީޖީގެ ޒިންމާއެއް، އަސާސީ ހައްގުތައް ނެގެހެއްޓުމަކީ ކޮބައިތޯ؟ އަސާސީ ހައްގުތައް ނެގެހެއްޓުމަކީ އަސާސީ ހައްގުތައް ނިގުޅައިގަނެގެންދާއިރު ލޯ މަރައިގެން ހުރުމެއް ނޫން، ތިމަންނައަކަށް ނޭނގެއޭ ތިމަންއަކާ ބެހޭ ކަމެއް ނޫނޭ ވިދާޅުވެ ހުންނެވުމެއް ނޫން، އެއީ އެކަމެއް ހިނގާކަމުގެ އަޑު އެއްވެސް ދިމާލަކުން އެއްވެސް ގޮތަކަށް ހަބަރު ލިބިވަޑައިގެންފިނަމަ އެކަމަށް އަވަސް ވެގަނެ ވީއެންމެ އަވަހަކަށް އެއަށް ފިޔަވަޅު އެޅުވުން،" މީގެ ކުރިން ޕީޖީގެ މަގާމަށް ޝައުގުވެރިކަން ފާޅުކުރެއްވި ވަކީލް މައުމޫން ހަމީދު ވިދާޅުވި އެވެ.

މިފަދަ ހައްގުތައް ކަށަވަރު ކުރުމަށް މީގެ ކުރީގައި ޕީޖީކަން ކުރެއްވި ބޭފުޅުން ކަންކަން ކުރައްވާފައިވެސްވެ އެވެ. އެގޮތުން އެންމެ ފުރަތަމަ ޕީޖީ އަހުމަދު މުއިއްޒު ވަނީ ސަރުކާރުގެ ދެ އަމަލެއްގެ ސަބަބުން ބައެއްގެ ނުވަތަ މީހެއްގެ ހައްގަކަށް ނުވަތަ މިނިވަންކަމަށް އުނި ކަމެއް އަތުވެދާނެ ކަމަށް ފެނިވަޑައިގެން އެ މައްސަލަ ކޯޓަށް ހުށަހަޅުއްވާފަ އެވެ. އެއީ، ކުރީގެ ރައީސް މުހައްމަދު ނަޝީދުގެ ވެރިކަމުގައި ކުރިމިނަލް ކޯޓުގެ ގާޒީ އެކަހެރިކުރި ހާދިސާ އާއި ސުޕްރީމް ކޯޓުގައި ސަލާމާތީ ބާރުތަކުން ތަޅުވި ހާދިސާއާ ގުޅިގެންނެވެ. ޕީޖީ މުއިއްޒު ކޮށާ ދެއްވި މަގުން އޭގެ ފަހުން ވަޑައިގަންނަވާ ޕީޖީއިން ވެސް އަމަލު ކުރެއްވުމަކީ މި ނިޒާމް ގެނައި މަގުސަދު ހާސިލުވެ، ނިޒާމް އޭގެ އެންމެ ފުރިހަމަ ގޮތުގައި ހިނގާނެ ގޮތެވެ.

ގާސިމްގެ ދިފާއީ ވަކީލުން ހާމަކޮށްފައިވާ މައުލޫމާތުތަކަށް ބަލާއިރު ގާސިމްގެ މައްސަލަ އަލުން ހުށަހަޅައި ޕީޖީއިން ކުރިއަށް ގެންދިޔައީ ވުޖޫދުގައި ނުވާ ލިޔުމެއްގެ މައްޗަށް ބިނާ ކޮށްގެންނެވެ. ޝަރީއަތުގައި ޕީޖީގެ ވަކީލް ވިދާޅުވެފައިވަނީ ގާސިމްގެ މައްސަލަ ކޯޓުން ބާތިލުކޮށްފައިވަނީ އަލުން މައްސަލަ ހުށަހެޅޭނެ ކަމަށް ބަޔާންކުރުމަށްފަހު ކަމަށެވެ. އެފަދަ ލިޔުމެއް ދައުލަތަށް ލިބިފައިވާ ކަމަށެވެ. ނަމަވެސް ގާސިމަށް މައްސަލަ ބާތިލުކުރުމަށްފަހު ދިން ލިޔުމުގައި އެކަން ބަޔާންކޮށްފައެއް ނުވެ އެވެ. އެފަދަ ލިޔުމެއް އޮތިއްޔާ ދެއްކުމަށް ގާސިމްގެ ވަކީލުން އެދުމުން ޝަރީއަތް މެދުކަނޑާލައި އެކަމަށް ޕީޖީއަށް ފުރުސަތު ދިނެވެ. ނަމަވެސް އަލުން ޝަރީއަތް ފެށުމުން ޕީޖީގެ ވަކީލް ވިދާޅުވީ، އެއީ އޮޅުމެއް ކަމަށާއި އެފަދަ ލިޔުމެއް ނެތް ކަމަށެވެ. ޕީޖީއަށް އޮޅިގެން ލިޔުމެއް އޮތް ކަމަށް ހީކުރެވިގެން މައްސަލަ އަލުން ވައްދާފައިވާތީ މައްސަލަ ކުރިއަށް ނުގެންދިޔުމަށް ގާސިމްގެ ވަކީލުން އެދުނެވެ. ނަމަވެސް އެކަން ޝަރީއަތު ކޮށްފައެއް ނުވެ އެވެ.

މިއީ ހަމައެކަނި ގާސިމްގެ މައްސަލާގައި ޕީޖީގެ އަމަލުތައް ހުރި ގޮތެވެ. މި މައްސަލާގައި ކަން ހިނގާފައިވާ ގޮތުން ވެސް ޕީޖީއަށް އޮތް އިތުބާރު ވަނީ ކުޑަވެފަ އެވެ. ގާނޫނީ ވަކީލުންގެ ބޮޑެތި ކަންބޮޑުވުންތަކެއް ޕީޖީއާމެދު ވަނީ އިތުރުވެފަ އެވެ. ޕީޖީއަށް ލިބިވަޑައިގެންފައިވާ ބާރާއި ޒިންމާތައް އެންމެ ފުރިހަމައަށް އަދާކުރައްވާތޯ ސުވާލު އުފައްދާފަ އެވެ.

ގާސިމްގެ މައްސަލައާ ގުޅިގެން ގިނަ ކަންބޮޑުވުންތަކެއް ވަކީލުން ފާހަގަ ކުރާއިރު ދިއްގަރު ދާއިރާގެ މެންބަރު އަހުމަދު ފާރިސް މައުމޫންގެ ހައްގުތަކެއް ވެސް ގެއްލިގެންދާއިރު ޕީޖީ ހިމޭނުން ހުންނަ މައްސަލަ އޭނާގެ ވަކީލް މައުމޫން ހަމީދު ގެންދަވަނީ ފާހަގަ ކުރައްވަމުންނެވެ. އެގޮތުން ރައްޔިތުންގެ މަޖިލީހަށް ފާރިސް ހާޒިރު ނުކުރާ މައްސަލާގައި ޕީޖީއިން ފިޔަވަޅެއް އަޅައިދިނުމަށް އެދިފައިވީ ނަމަވެސް އެކަމުގައި ޕީޖީ އެއްވެސް އެއްޗެއް ވިދާޅުވެފައެއް ނުވެ އެވެ.

ހަމައެހެން ޕީޖީ، ޑިފެންސް މިނިސްޓަރު އާދަމް ޝަރީފްއާ ބައްދަލު ކުރައްވައި، އެ މިނިސްޓަރަށް ލަފާ ދެއްވާ މައްސަލައެއް ވެސް ފެންމަތިވެ ޕީޖީއަށް ބޮޑެތި ފާޑުކިޔުންތައް އަމާޒުވި އެވެ. ރައްޔިތުންގެ މަޖިލީހުގެ މެންބަރުންގެ މައްސަލަ އެންމެ އަވަހަށް ކޯޓެއް ވެދޭނެ ގޮތުގެ ލަފާ ޕީޖީ ދެއްވި ކަމަށް ޑިފެންސް މިނިސްޓަރު ވިދާޅުވެފައިވެ އެވެ. އެ މެންބަރުންގެ މައްޗަށް ދައުވާކޮށް ޕީޖީ މިހާރު މައްސަލަ ކޯޓަށް ވެސް ފޮނުވާފަ އެވެ. އެ މައްސަލާގެ ސްޕީޑް ވަރަށް އަވަހެވެ.

ބޮލުގައި އެޅިފައިވާ ޒިންމާތަކާއި މަސްއޫލިއްޔަތުތައް އެންމެ ފުރިހަމައަށް އަދާކުރެއްވުމަކީ މަގާމުގެ ހުވާކުރައްވައިގެން ކުރުމަށް ލާޒިމްވާ ކަމެކެވެ. މީހަކު ކުށްވެރިކޮށް ޖަލަށްލުމަށް އަވަސްވެ ގަތުމަށްވުރަށް އެމީހަކު ލިބިދޭންޖެހޭ ހައްގުތައް ނެގެހެއްޓުމަށް އަވަސްވެ ގަންނަންޖެހެ އެވެ. އެތައް ގިނަ މަސައްކަތްތަކެއްކޮށް އެތައް އަހަރެއްގެ މަސައްކަތުން ޖިނާއީ އިޖުރާއަތުގެ ގާނޫނުގެ ވެސް ގެނެސްފައިވަނީ އެހެންވެ އެވެ. އެ ގާނޫނުގެ ދަށުން ޕީޖީއަށް މަތިކުރި މުއްދަތުތަކުގައި ކުރަންޖެހޭ ކަންކަން ވަރަށް ކާމިޔާބުކަމާއެކު ޕީޖީއިން ނިންމާލާފައިވާއިރު އެ ގާނޫނުން ލިބިދޭ ހައްގުތައް ކަށަވަރުކުރުމާއި އެ ގާނޫނާ އެއްގޮތަށް ޝަރީއަތް ހިންގާތޯ ބެލުމަކީ ވެސް ޕީޖީގެ ޒިންމާއެކެވެ. ފުރިހަމަ ކާމިޔާބީއެއް ހޯދޭނީ އޭރަށެވެ.