ކުޅިވަރު

ނީސް ސަޕޯޓަރުން ދަނޑަށް އެރުމުން މެޗު ހުއްޓާލައިފި

ފްރާންސް ލީގުގައި ރޭ ނީސް އާއި މާސޭ ބައްދަލު ކުރި މެޗުގައި ދަނޑަށް ސަޕޯޓަރުން އެރުމުން މެޗު ހުއްޓާލައިފި އެވެ.

ނީސްގެ ދަނޑުގައި ކުޅުނު މި މެޗުގައި އެޓީމުގެ ސަޕޯޓަރުން ވަނީ އެތަށް ފަހަރެއްގެ މަތިން މާސޭގެ ކުޅުންތެރިންނަށް ފުރައްސާރަކޮށް ފުޅި ފަދަ ތަކެއްތި އުކާފަ އެވެ.

މެޗު ހުއްޓާލީ މެޗު ނިމެން 15 މިނެޓަށް ވެފައި ވަނިކޮށް މާސޭގެ ޑިމިޓްރީ ޕަޔެޓް ކޯނަރު ނަގަން ދިޔަ ވަގުތު ނީސްގެ ސަޕޯޓަރުން އެއްލި ފުޅިއެއް އޭނާގެ ގައިގައި ޖެހުމުން، ރައްދުގައި ސަޕޯޓަރުންނާއި ދިމާލަށް އޭނާ އެފުޅި އެއްލުމުންނެވެ. އެހިސާބުން ގިނަ އަދަދެއްގެ ނީސް ސަޕޯޓަރުން ވަނީ ދަނޑަށް އަރާ މާސޭގެ ކުޅުންތެރިންނާއި ކުރިމަތިލާ މާރަމާރީ ހިންގާފަ އެވެ. މިއާއި އެކު ރެފްރީ ވަނީ މެޗުގެ ކުޅުން މެދުކަނޑާލާފަ އެވެ.

މެޗު މެދުކަނޑާލުމަށްފަހު އޭގެ 20 ވަރަކަށް މިނެޓު ފަހުން އަލުން މެޗު ފެށުމަށް ރެފްރީ އެންގި އެވެ. އެއާއި އެކު ނީސްގެ ކުޅުންތެރިން ކުޅެން ތައްޔާރު ވެގެން ދަނޑަށް އެރި ނަމަވެސް މާސޭގެ ކުޅުންތެރިން ދަނޑަށް އަރާފައެއް ނުވެ އެވެ. ތަކުރާކޮށް މެޗު ފަށަން އެންގުމުންވެސް މާސޭ ޓީމުން ދަނޑަށް ނޭރުމުން ރެފްރީ ވަނީ މެޗުން މާސޭ ބަލިވީކަމަށް ނިންމައި މެޗު ހުއްޓާލައިފަ އެވެ.

ނީސްއަށް މެޗުދީ ރެފްރީ ނިންމާލި އިރު ނީސް އޮތީ 1-0 ގެ ނަތީޖާ އަކުން މޮޅުވެފަ އެވެ.

މެޗަށް ފަހު އޮތް ނޫސްވެރިންގެ ބައްދަލުވުމެއްގައި މާސޭގެ ރައީސް ޕަބްލޯ ލޮންގޯރިއާ ބުނީ އަލުން މެޗު ފަށަން ރެފްރީ އެންގި ނަމަވެސް ޓީމުން ދަނޑަށް ނޭރީ ކުޅުންތެރިންނާއި ޓީމުގެ ރައްކާތެރިކަން ކަށަވަރު ނުވާތީ ކަމަށެވެ. އަދި މިއީ މާސޭއަށް މިގޮތަށް ދިމާވި ދެވަނަ ފަހަރުކަން ފާހަގަ ކުރަމުން ޕަބްލޯ ބުނީ މި މައްސަލަ ފްރާންސްގެ ފުޓްބޯޅަ ފެޑެރޭޝަނުން ވަރަށް ސީރިއަސްކޮށް ބަލަން ޖެހޭނެ ކަމަށެވެ. އަދި މިފަހަރު ވެސް އެޓީމުން ކުޅުން ކުރިއަށް ގެންދަން ނިންމި ނަމަ މިމައްސަލަ ސީރިއަސް މައްސަލައެއްގެ ގޮތުގައި ނުބާލަނެ ކަމަށެވެ.

މީގެ ކުރިން މާސޭ އާއި މޮންޓެޕިއޭ ބައްދަލު ކުރި މެޗުގައި ވެސް އެޓީމުގެ ކުޅުންތެރިންނަށް އިދިކޮޅު ސަޕޯޓަރުން ވަނީ ފުރައްސާރަ ކޮށްފަ އެވެ. ނަމަވެސް މާސޭ އިން ނިންމީ އަލުން މެޗު ކުޅުމަށެވެ. އެމެޗުން މާސޭ މޮޅުވީ 3-2 ގެ ނަތީޖާ އަކުންނެވެ.