މަސައްކަތު ދާއިރާގެ އެކްސިޑެންޓްތައް

އިމާރާތެއްގެ މަތިން މީހަކު ވެއްޓި އަނިޔާވެއްޖެ

Aug 23, 2021

މާލޭގެ އިމާރާތެއްގެ މަތިން އަންހެނަކު ވެއްޓި އަނިޔާވެއްޖެ އެވެ.

އެ މީހާ ވެއްޓުނީ އަމީނީ މަގަށްވާ ގޮތަށް ހުރި ހަދަމުންދާ އިމާރާތަކުން ކަމަށް މައުލޫމާތު ލިބެ އެވެ. ނަމަވެސް ވެއްޓެން ދިމާވި ސަބަބެއް ވަނީ ސާފުވާ ގޮތް ނުވެފަ އެވެ.

ފުލުހުން ބުނީ މިހާދިސާގެ މައުލޫމާތު ރިޕޯޓްކޮށްފައިވަނީ މިއަދު ހަވީރު 4:00 ހާއިރު ކަމަށެވެ.

އަންހެން މީހާ ވެއްޓުނު ތަނުގައި ގިނަ އަދަދަކަށް ލޭ ހުރި ކަމަށް މިވަގުތު އެ ސަރަހައްދުގައި ހުރި އަވަސްގެ ނޫސްވެރިޔާ ވަނީ މައުލޫމާތު ދީފަ އެވެ.

އަނިޔާވި މީހާ އަށް މިހާރު ގެންދަނީ އައިޖީއެމްއެޗްގައި ފަރުވާ ދެމުންނެވެ. އެކަމަކު އޭނާގެ ހާލަތާ ގުޅޭ އެއްވެސް މައުލޫމާތެއް އަދި ލިބިފައެއް ނުވެ އެވެ.

އަވަސްގެ ނޫސްވެރިޔާ ބުނި ގޮތުގައި އަންހެން މީހާގެ ފަޔަށް ވަނީ ބޮޑު އަނިޔާއެއް ލިބިފަ އެވެ.

މާލޭގައި ހަދަމުންދާ އިމާރާތްތަކުން މީހުން ވެއްޓި އެކިވަރުގެ އަނިޔާތައް ލިބިފައިވާއިރު މިފަދަ ނުރައްކާތެރި ހާދިސާތަކުގައި ބައެއް މީހުން މީގެކުރިން މަރުވެސް ވެފައިވެ އެވެ.