ފަޅު ރަށްތައް ވަރުވާއަށް ލިޔެ އަދި ކުއްޔަށް ދިނުމުގެ ބާރު ކައުންސިލްތަކަށް ދޭން ރާއްޖޭގެ ފަޅު ރަށްރަށާބެހޭ ގާނޫނަށް ހުށަހެޅި އިސްލާހުތަކުގެ ސަބަބުން ލާމަރުކަޒީ ނިޒާމު އިތުރަށް ހަރުދަނާވުމަށް ފުރުސަތު ލިބޭނެ ކަމަށާ ސަރުކާރުގެ އެ ހުށައެޅުމުން ފެންނަނީ ލާމަރުކަޒީ ނިޒާމު ހަރުދަނާ ކުރުމަށް ސަރުކާރުގެ ނިޔަތް ސާފު މިންވަރު ކަަމަށް ހޯރަފުށީ ދާއިރާގެ މެންބަރު އަހުމަދު ސަލީމް މިއަދު ވިދާޅުވެއްޖެ އެވެ.
ބިލު ހުށަހެޅީ ސަރުކާރުގެ ފަރާތުން ބާރަށު ދާއިރާގެ މެމްބަރު އަހުމަދު އަބްދުﷲ އެވެ. ބިލުގެ ބޭނުމަކީ ރާއްޖޭގެ އިދާރީ ދާއިރާތައް ލާމަރުކަޒީ އުސޫލުން ހިންގުމުގެ ގާނޫނާއި އެ ގާނޫނުގެ މަގްސަދުތަކާއި ތައާރަޒުވާ ކަންކަން އިސްލާހު ކުރުމެވެ.
އެ ބިލަަށް ބަހުސް ކުރައްވަމުން ސަލީމް ވިދާޅުވީ ބިލްގެ ހަގީގީ ރޫހު ރަނގަޅު ކަމަށާ ބައެއް ބަދަލުތައް ގެންނަން ހުރި ނަމަވެސް ޖުމްލަކޮށް ބިލަށް ތާއީދުކުރައްވާ ކަމަށެވެ. މި ބިލްގެ ހަގީގީ މަގުސަދަކީ ސަރުކާރުގެ މައިގަނޑު އެއް ސިޔާސަތު ކަމަށްވާ ލާމަރުކަޒީ އުސޫލުން އިދާރީ ދާއިރާތައް ހިންގުން އިތުރަށް ހަރުދަނާ ކުރުން ކަމަށާ އެ މަގަށް ކޮންމެ ދުވަހަކުހެން އެކި ބިލްތައް ހުށައަޅަމުން ގެންދާތީ ސަރުކާރުގެ ނިޔަތް ސާފު ކަމަށެވެ.
ބިލްގައިވާ ގޮތުން ފަޅު ރަށެއް ވަރުވާއަށް ދެވޭނީ އެ ރަށެއްގެ އިހުތިސާސު އޮންނަ ކައުންސިލަކަށް ކަމަށް ބަޔާންކޮށްފައިވުމަކީ ވަރަށް ހެޔޮ ނިންމުމެއް ކަމަށްވެސް ސަލީމް ވިދާޅުވިއެވެ. ސަލީމް ވިދާޅުވީ ބައެއް އިސްލާހުތަކަށް ކޮމެޓީ މަރުހަލާގައި ބަދަލު ގެންނަން ހުށައަޅުއްވާ ކަމަށެވެ. އެ ގޮތުން އާންމު ބިޑަކަށް ނުގޮސް ޕްރޮޕޯޒަލެއް ހުށައަޅައިގެންވެސް ރަށެއް ލިބުމުގެ ފުރުސަތު މިހާރު އޮތް ގޮތުން ފަހިވެފައިވާތީ އެ މާއްދާ އިސްްލާހު ކުރައްވަން އެދިވަޑައިގެންނެވިއެވެ.
"އަޅުގަނޑުމެން ބޭނުންވަނީ ވީހާވެސް ދެފުށް ފެންނަ ހަމަހަމަަ އުސޫލެއްގެ ދަށުން ފަޅުރަށްތައް ލިބޭނެ މަގުތައް ތަނަވަސްވެގެން ދިއުން. އެގޮތުން އަޅުގަނޑު ހުށައަޅަން މި މާއްދާ އިސްލާހު ކުރުމަށް. މި ގާނޫނުގެ ދަށުން ހެދޭ ޝަރުތުތައް ފުރިހަމަވޭތޯ ބަލާނީ މިކަމާއި ގުޅޭގޮތުން އާންމު އިއުލާނެއްކޮށް އަދި އިއުލާނަށް އިޖާބަދޭ ފަރާތްތައް އިވެލުއޭޓް ކުރުމަށްފަހުގައި ކަމަށް،"
މީގެ އިތުރުން ކައުންސިލެއްގެ އިހުތިސާސުގެ ތެރޭގައި ހިމެނޭ ރަށެއް އިންޑަސްޓްރިއަލް ރަށެއްގެ ގޮތުގައި ކަނޑައަޅާނަމަ އެކަށީގެންވާ ބަދަލެއް ދިނުމަށް ފަހު އެ ރަށެއް ވަކިކުރަން ޖެހޭ ގޮތަށް ހެދުންވެސް މުހިންމު ކަމަށް ވިދާޅުވިއެވެ. އަދި މިހާރު އޮތް ގޮތުންވެސް ފަޅު ރަށްރަށް ކުއްޔަށް ދެވޭނެ މުއްދަތު ކަނޑައަޅާފައިވަނީ މީގެ 23 އަހަރު ކުރީން ކަނޑައަޅާފައިވާ ގޮތަށް ކަަމަށްވާތީ މިހާރުގެ ހާލަތަށް ރިއާޔަތްކޮށް އެކަމަށް ބަދަލު ގެނައުމަށްވެސް އެދިވަޑައިގެންނެވިއެވެ.
ސަލީމް ވިދާޅުވީ ހިމާޔަތް ކުރެވިފައިވާ ރަށްރަށުގެ ބެލެނިވެރި ފަރާތެއް މިވަގުތު ނެތުމުން އެހެން ގޮތެެއް ކަނޑައަޅަން އެފަދަ ރަށްރަށާއި ދެން އެންމެ ކައިރި އޮންނަ ރަށެއްގެ ކައުންސިލަކުން އެރަށް ބަލަހައްޓާ ގޮތަށް ހަމަޖެއްސުމަށްވެސް ހުށައަޅުއްވާ ކަމަށެވެ.