ދިވެހިރާއްޖެ ސިއްހީ ކުއްލި ނުރައްކަލުގެ ހާލަތުގައި
NUMBER OF CASES
ދުނިޔެ

ފައިޒާ-ބަޔޮންޓެކް ވެކްސިން އާންމުކޮށް ބޭނުން ކުރަން ހުއްދަދީފި

ފައިޒާ-ބަޔޮންޓެކް ކޮވިޑް ވެކްސިން އާންމުކޮށް ބޭނުން ކުރަން އެމެރިކާގެ ފުޑް އެންޑް ޑްރަގް އެޑްމިނިސްޓްރޭޝަން (އެފްޑީއޭ) އިން ހުއްދަ ދީފި އެވެ. ފައިޒާ-ބަޔޮންޓެކަށް މިހާތަނަށް ދީފައި އޮތީ އެމެޖެންސީ ހުއްދަ އެކެވެ. އެއީ އެ އިދާރާއިން ކުރަން ހުރި ޓެސްޓްތައް މުޅިން ނިމިފައި ނުވާތީ އެވެ.

ކޮވިޑުން ރައްކާތެރި ވުމަށް ފައިޒާ-ބަޔޮންޓެކް ވެކްސިނަށް ދާއިމީ ހުއްދަދީފައި މިވަނީ އެމެޖެންސީ ހާލަތްތަކުގައި ބޭނުން ކުރެވެމުން އަންނަތާ ނުވަ މަސް ފަހުންނެވެ.

އެފްޑީއޭއިން ފައިޒާ-ބަޔޮންޓެކް ކޮވިޑް ވެކްސިނަށް ހުއްދަ ދިނުމުން މި ވެކްސިންގެ މަގުބޫލްކަން އާންމުންގެ މެދުގައި އިތުރު ވެގެން ދާނެ އެވެ. އަދި ވެކްސިން ޖަހަން ރުހޭ މީހުން ވެސް އިތުރުވާނެ އެވެ.

އެފްޑިއޭ އިން ބުނީ ޓެސްޓް މަރުހަލާތައް ފުރިހަމަ ކުރުމަށް 40،000 މީހުންނަށް ވެކްސި ޖަހައި ވާނުވާ ބަލަހައްޓާފައިވާ ކަމަށެވެ. އެފްޑީއޭ އިން ބުނި ގޮތުން ޓެސްޓްތަކަށް ރިޔާއަތްކޮށް ފައިޒާ-ބަޔޮންޓެކް ވެކްސިން 91 ޕަސެންޓް ކާމިޔާބު ކަމަށް ވަނީ ނިންމާފަ އެވެ.

ފުޑް އެންޑް ޑްރަގް އެޑްމިނިސްޓްރޭޝަނުން ބުނީ މޮޑާނާ އަދި ޖޯންސަން އެންޑް ޖޯންސަނަށް ވެސް ދާއިމީ ހުއްދަ ދިނުމަށް ޓެސްޓް ކުރެވެމުން އަންނަ ކަމަށެވެ. އަދި ބުނީ އުންމީދަކީ ލަސް ނުކޮށް އެ މަރުހަލާއަށް ވާސިލުވުން ކަމަށެވެ.

ކޮވިޑުން ރައްކާތެރިވުމަށް ގައުމުތަކުގައި ވެކްސިން ޖަހަމުން ގެންދާއިރު އަދި ވެސް އިވެނީ މަސްހުނި ވާހަކަތަކެވެ. އާބާދީގެ ބޮޑު ބަޔަކަށް ދެޑޯޒް ހަމަކޮށްފައި ހުރި ބައެއް ގައުމުތަކުގައި ވެސް ކޮވިޑްގެ ބިރު ކުޑަ ނޫން ކަމަށް ބުނެވެ އެވެ. ވެކްސިން ކަހަން ފެށުމުން ހާލަތު ރަނގަޅުވަމުން އަންނަ ކަމަށް ވެސް ބުނެވެ އެވެ.

ސިއްހީ އިދާރާތަކުން ބުނަނީ ވާނުވާ މުޅިން ސާފުވާވަރު ވާނީ އާބާދީގެ ބޮޑު ބަޔަކަށް ހުރިހާ ގައުމަކުން ވެސް ވެކްސިން ދިނުމުން ކަމަށެވެ. އަދި ދެ ޑޯޒްގެ ބަދަލުގައި ތިން ޑޯޒް ވެސް ދޭން ޖެހިދާނެ ކަމަށެވެ.