އެފްއޭއެމް

ތިންވަނަ ޑިވިޝަންގެ ތާރީހީ ޗެމްޕިއަނަކަށް ބުރު

އެފްއޭއެމްގެ ތިންވަނަ ޑިވިޝަންގެ ފުޓްބޯޅަ މުބާރާތުގެ ޗެމްޕިއަންކަން ބުރު ސްޕޯޓްސް ކްލަބުން ހޯދައިފި އެވެ.

އެފްއޭއެމް ޓާފް އެކެއްގައި މިރޭ ބިސްބުރު ސްޕޯޓްސް ކްލަބާއި ވާދަކޮށް ބުރުން މުބާރާތް ކާމިޔާބު ކުރީ 11-0 ގެ ނަތީޖާ އަކުން ރެކޯޑް އަދަދަކަށް ލަނޑު ޖަހައިގެންނެވެ. މިއީ ތިންވަނަ ޑިވިޝަންގެ ތާރީހުގައި ވެސް ފައިނަލު މެޗެއްގައި މިހާ ބޮޑު ތަފާތަކުން ޓީމެއް މޮޅުވި ފުރަތަމަ ފަހަރެވެ.

މިފަހަރުގެ މުބާރާތަށް ބުރުން ނިކުތީ ވަރަށް ރަނގަޅަށް ތައްޔާރު ވެގެންނެވެ. ބުރުން ގިނަ ގޯލުތަކެއް މުބާރާތުގައި ޖަހާފައި ވާއިރު، އެޓީމުން ސެމީ ފައިނަލަށް ވެސް ދަތުރު ކުރީ ކުއާޓާ ފައިނަލުގައި ކެޕިޓަލް ސިޓީ ސްޕޯޓްސް ކޮޅަށް 11 ގޯލު ޖަހައިގެންނެވެ.

މި މެޗުގައި ބުރުގެ ގޯލުތައް ކާމިޔާބު ކޮށްދިނީ މުހައްމަދު ތަސްނީމް (2 ގޯލު)، އަބްދުﷲ ޝާފިއު(2 ގޯލު)، ވަދީމް ޕެޓްރޯވް (5 ގޯލު) އަދި އިލިއާ ސޮބޯލް (1 ގޯލު) އެވެ. އަދި ބިސްބުރު ޓީމުގެ ކުޅުންތެރިއެއް އަތުން ވަނީ ބައިކޮޅަށް ގޯލެއް ވަދެފަ އެވެ.

ޗެމްޕިއަންކަން ހޯދި ބުރުން ވަނީ މުބާރާތުގެ ފެއާ ޕްލޭ ޓީމުގެ މަގާމުވެސް ހޯދާފަ އެވެ. އަދި މުބާރާތުގެ މޮޅު ކުޅުންތެރިއަކަށް ހޮވިފައި ވަނީ ބުރުގެ ޖާޒީ ނަންބަރު ހަތެއް، މުހައްމަދު ތަސްނީމް އެވެ.

މުބާރާތުގެ އެންމެ މޮޅު ކީޕަރަކަށް ހޮވިފައި ވަނީ ރަނާއަޕް ކަން ހޯދި ބިސްބުރުގެ ޖާޒީ ނަންބަރު އެކެއް، ވިސާމް އަބްދުﷲ އެވެ.

މި މުބާރާތުގައި ބައިވެރިވި ޓީމު ތަކުގެ ތެރެއިން ސެމީ ފައިނަލަށް ދަތުރު ކުރި ހަތަރު ޓީމު ވަނީ ދެވަނަ ޑިވިޝަނަށް ޕްރޮމޯޓް ވެފަ އެވެ. އެއީ ބުރު ސްޕޯޓްސް ކްލަބް، ބިސްބުރު ސްޕޯޓްސް ކްލަބް، ކްލަބް އޮންލީ ވަން އޮޕަޗުނިޓީ އަދި ލިޓްލް ޓައުން ސްޕޯޓްސް (އެލްޓީ) އެވެ.