ބޭންކް އޮފް މޯލްޑިވްސް

ބީއެމްއެލް ކޮމިއުނިޓީ ފަންޑަށް ޕްރޮޕޯސަލް ހުށަހެޅުމުގެ ފުރުސަތު

Aug 24, 2021

މި އަހަރުގެ ތިންވަނަ ފިޔަވަހީގެ ދަށުން ބެންކް އޮފް މޯލްޑިވްސް (ބީއެމްއެލް) ގެ ކޮމިއުނިޓީ ފަންޑަށް ޕްރޮޕޯސަލް ހުށަހެޅުމުގެ ފުރުސަތު ހުޅުވާލައިފި އެވެ.

ހުށަހަޅާ ޕްރޮޕޯސަލްތަކުގެ ތެރެއިން އެންމެ ރަނގަޅު ފަސް ޕްރޮޕޯސަލެއް ހޮވުމަށް ވަނީ ހަމަޖެހިފަ އެވެ.

ކޮމިއުނިޓީ ފަންޑަށް އެދި ހުށަހެޅުމުގެ ފުރުސަތު އަމިއްލަ ފަރުދުންނާއި ރަޖިސްޓްރީ ކޮށްފައިވާ ޖަމިއްޔާތަކަށް ވަނީ ހުޅުވާލާފަ އެވެ. ޕްރޮޕޯސަލް ހުށަހަޅާނީ ތައުލީމާއި، ކުޅިވަރު ހަރަކާތްތަކުގެ އިތުރުން ތިމާވެށި ހިމާޔަތް ކުރުން ފަދަ ކަންކަމަށް އަމާޒު ކޮށްގެންނެވެ. ހޮވޭ ކޮންމެ ޕްރޮޖެކްޓަކަށް ކޮމިއުނިޓީ ފަންޑުން 50،000ރ. ދިނުމަށް ވަނީ ކަނޑައަޅާފަ އެވެ.

ކޮމިއުނިޓީ ފަންޑުގެ ދަށުން ޕްރޮޖެކްޓުތައް ހިންގަން ބޭނުންވާ ފަރާތްތަކަށް ސެޕްޓެމްބަރު މަހުގެ 11 ވަނަ ދުވަހުގެ ކުރިން ޕްރޮޕޯސަލް އާއި އެޕްލިކޭޝަން ފޯމު ހުށަހެޅުމަށް ބީއެމްއެލް އިން މިހާރު ވަނީ ހުޅުވާލާފަ އެވެ.

ކޮމިއުނިޓީ ފަންޑަކީ އަމިއްލަ ފަރުދުންނާއި ހިލޭ ސާބަހަށް މަސައްކަތްކުރާ ޖަމިއްޔާތަކުން ރަށްރަށުގައި ހިންގަން ބޭނުންވާ ޕްރޮޖެކްޓްތަކަށް މާލީ އެހީތެރިކަން ފޯރު ކޮށްދިނުމަށް ހުޅުވާލާފައިވާ ފަންޑެކެވެ.

މިހާތަނަށް މި ފަންޑުގެ ދަށުން ރާއްޖޭގެ 50 ރަށެއްގައި ޕްރޮޖެކްޓް ހިންގުމަށް ބީއެމްއެލުން ވަނީ ފައިސާގެ އެހީ ދީފަ އެވެ.