ޕްރިމިއާ ލީގް

ވެސްޓްހޭމް، ބޮޑު ތަފާތަކުން ލެސްޓާ ބަލިކޮށްފި

އިނގިރޭސި ޕްރިމިއާ ލީގުގައި ވެސްޓެހޭމް އާއި ލެސްޓާ ސިޓީ ބައްދަލު ކުރި މެޗު ބޮޑު ތަފާތަކުން ވެސްޓްހޭމް ކާމިޔާބު ކޮށްފި އެވެ.

ރޭ ކުޅުނު މި މެޗު ވެސްޓްހޭމް އިން ކާމިޔާބު ކުރީ 4-1 ގެ ނަތީޖާ އަކުންނެވެ.

ވެސްޓްހޭމްގެ ފަރާތުން މޮޅު ކުޅުމެއް ފެނުނު މި މެޗުގައި އެ ޓީމުން ލީޑު ނަގާފައި ވަނީ ފުރަތަމަ ހާފުގެ 26 ވަނަ މިނެޓުގަ އެވެ. މި ގޯލަކީ ސައީދް ބެންރަހްމާ ދިން ހުރަސް ޕާހަކުން ޕަބްލޯ ފޯނާލްސް ޖަހައިދިން ގޯލެކެވެ. ފުރަތަމަ ހާފު ނިމުނީ 1-0 އިން ވެސްޓްހޭމް ކުރީގައި އޮވެގެންނެވެ.

ފުރަތަމަ ހާފު ނިމެން ފަސް މިނެޓަށް ވެފައި ވަނިކޮށް ވެސްޓްހޭމްގެ ފުރަތަމަ ގޯލު ޖެހި ފޯނާލްސް އަށް ލެސްޓާގެ އަޔޯޒީ ޕެރޭޒް ވަނީ ނުރައްކާތެރި ފައުލެއް ކޮށްފަ އެވެ. އެހެން ކަމުން ވީއޭއާރު ބެލުމަށް ފަހު ރެފްރީ ވަނީ އަޔޯޒީއަށް ސީދާ ރަތް ކާޑެއް ދައްކައި ދަނޑުން ފޮނުވާލައިފަ އެވެ. މީގެ ސަބަބުން ލެއިސްޓާގެ ކުޅުމަށް އޭގެ ނޭދެވޭ އަސަރު ވަރަށް ބޮޑަށް ކުރި އެވެ.

ނަތީޖާއެއްގެ ގޮތުން ދެވަނަ ހާފު ފެށުނުތާ މާގިނަ އިރެއް ނުވަނީސް ވެސްޓްހޭމް އިން އިތުރު ލަނޑެއް ޖެހި އެވެ. މި ލަނޑަކީ ފުރަތަމަ ގޯލު ޖަހަން ފޯނާލްސްއަށް އެހީވެދިން ސައީދް ބެންރަހްމާ ޖެހި ލަނޑެކެވެ.

އޭގެ ފަހުން ލެއިސްޓާގެ ޔޯރީ ޓިލެމަންސް ލަނޑެއް ޖަހައި ފަރަގު ކުޑަ ކުރި ނަމަވެސް ވެސްޓްހޭމްގެ ފޯވާޑް މިކާއިލް އެންޓޯނިއޯ ކައިރި ކައިރީގައި ޖެހި ދެ ލަނޑުން ވެސްޓްހޭމް ވަނީ ލީޑު ފުޅާ ކޮށްފަ އެވެ.

މި ނަތީޖާ އާއެކު ވެސްޓްހޭމް ވަނީ ކުޅުނު ދެމެޗުން މޮޅުވެ ހަ ޕޮއިންޓާއެކު ލީގުގެ އެއްވަނައަށް ޖެހިލާފަ އެވެ. ލެއިސްޓާ އޮތީ ތާވަލުގެ 12 ވަނައިގަ އެވެ.

ވެސްޓްހޭމް އިން ދެން ބައްދަލު ކުރާނީ އަންނަ ހޮނިހިރު ދުވަހު ކްރިސްޓަލް ޕެލެސްއާ އެވެ. ލެއިސްޓާ ކުޅޭނީ ނޯވިޗް ސިޓީ އާއި ދެކޮޅަށެވެ. މި މެޗު ވެސް އޮންނާނީ އަންނަ ހޮނިހިރު ދުވަހު އެވެ.