ޓެރަރިޒަމް

ރައީސް ނަޝީދަށް އިންޒާރުދިން މީހާ ކޯޓު ހުރުމަތް ކެނޑުމުން ޖަލަށް

މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދަށް މަރުގެ އިންޒާރު ދީގެން އިއްޔެ ރ. މީދޫން ހައްޔަރުކުރި މީހާ ކޯޓުގެ ހުރުމަތް ކެނޑުމުން ޖަލަށް ލާން ހުކުމް ކޮށްފި އެވެ.

ފުލުހުން ބުނީ އިންޒާރު ދިން މީހާގެ ބަންދާމެދު ގޮތެއް ނިންމަން ރ. އުނގޫފާރު މެޖިސްޓްރޭޓް ކޯޓަށް ހާޒިރު ކުރުމުން ކޯޓުގެ ހުުރުމަތް ކަނޑާފައިވާ ކަމަށާއި އޭގެ އަދަބެއްގެ ގޮތު، 15 ދުވަހުގެ ޖަލުގެ ހުކުމެއް ގާޒީ އިއްވާފައިވާ ކަމަށެވެ. އަދި އޭނާގެ ބަންދަށް ވެސް 15 ދުވަހުގެ މުއްދަތު ޖަހައިދިން ކަމަށެވެ.

އެ މީހާ ރައީސް ނަޝީދަށް މަރުގެ އިންޒާރު ދިނީ ފޭސްބުކްގަ އެވެ. އެގޮތުން ރައީސް ނަޝީދު ރާއްޖެ ވަޑައިގެންފިނަމަ "ބަދުރު ދުވަހު އަބޫ ޖަހުލަށް ހަދާލި ގޮތް ހަދާނެ" ކަމަށް އިންޒާރުކޮށް ލިޔެފައި ވެއެެވެ. އަދި "ހައެއް ފަހެއް" ގައި ރައީސް ނަޝީދަށް ދިން ހަމަލާއަށް ވުރެ ވަރުގަދަ ހަމަލާއެއް ދޭނެ ކަަމުގެ އިންޒާރު ވެސް ދީފައި ވެއެވެ.

ރައީސް މުހައްމަދު ނަޝީދު މިވަގުތު ހުންނެވީ އިނގިރޭސިވިލާތުގަ އެވެ. އަދި އެ މަނިކުފާނު އަވަހާރަ ކޮށްލަން "ހައެއްފަހެއް" ގައި ދިން ހަމަލާގެ ތަހުގީގު ނިންމާނުލަނީސް ރާއްޖެ ވަޑައިގަންނަން ޖެހެލުންވެ ވަޑައިގަންނަވާ ކަމަށް ވިދާޅުވެ އެމަނިކުފާނު ވަނީ މަޖިލީހަށް ސިޓީއެއް ވެސް ފޮނުއްވާފަ އެވެ.

ރައީސް ނަޝީދު އެ ސިޓީގައި ވިދާޅުވެފައި ވަނީ ހަމަލާ ރާވާ ހިންގި ފަަރާތުގެ ތަހުގީގު އަދިވެސް ނުނިމޭ ކަަމަށް ފުލުހުން މައުލޫމާތު ދީފައިވާ ކަމަށެވެ. އެހެންކަމުން އެ ތަހުގީގު ނިމި އެކަމުގައި ބައިވެރިވި ފަރާތްތައް އިންސާފުގެ ކުރިމައްޗަށް ގެނައުމުގެ ކުރީގައި ރާއްޖެ ވަޑައިގަތުމަކީ އެމަނިކުފާނުގެ އާއިލާއާއި އެމަނިކުފާނަށް ހެޔޮ އެދޭ ފަރާތްތަކާއި އަދި އެމަނިކުފާނުވެސް ޖެހިލުންވެވަޑައިގަންނަވާ ކަމެއް ކަމަށެވެ.