ރައީސް އަބްދުﷲ ޔާމީން

ގާސިމާއި ޖޭޕީގެ ޕީޖީވެސް އޮތީ ސަރުކާރާއެކު: ރައީސް

މަދު ކަމެއްގައި ބައެއް މެންބަރުންގެ ހިޔާލު ތަފާތު ވިނަމަވެސް، ޖުމްހޫރީ ޕާޓީގެ ލީޑަޝިފާ ޕާލަމެންޓްރީ ގްރޫޕްގެ މެންބަރުންގެ އަޣުލަބިއްޔަތު އޮތީ ސަރުކާރާ އެކު ކަމަށް ރައީސުލް ޖުމްހޫރިއްޔާ އަބްދުﷲ ޔާމީން އަބްދުލް ގައްޔޫމް ވިދާޅުވެއްޖެ އެވެ.

ސްޓެލްކޯގައި މިއަދު ބޭއްވި ސޮއިކުރުމުގެ ރަސްމިއްޔާތެއްގައި ރައީސް ޔާމީން ވިދާޅުވީ، ރައްޔިތުންނަށް ލާބަޔާ މަންފާވާ ކަންކަން ކުރަން ސަރުކާރަށް ބާރު އަޅައި، އެކަންކަން ފުރިހަމަކުރުމުގައި އެންމެ އިސް ދައުރެއް އަދާކުރާ ބަޔަކީ މަޖިލީހުގައި ތިއްބަވާ މެންބަރުން ކަމަށެވެ. އެގޮތަށް ބަލާއިރު ރައްޔިތުންގެ މަޖިލީހުގެ މި ނިމިގެންދާ ދައުރު ފެނިގެން ގޮސްފައިވަނީ ވަރަށް ހަރަކާތްތެރި ދައުރެއްގެ ގޮތުގައި ކަމަށް ރައީސް ވިދާޅުވި އެވެ.

ރައީސް ޔާމީން ވަނީ، މި ފަހަކަށް އައިސް ޖުމްހޫރީޕާޓީގެ ލީޑަރު ގާސިމް އިބްރާހިމްއާ އެޕާޓީގެ މަޖިލިސް މެންބަރުންގެ ފަރާތުން ސަރުކާރުން ހުށަހަޅާ ކަންކަމަށް ވަރަށް ބޮޑު އެއްބާރުލުމެއް ލިބިގެންދާ ކަން ފާހަގަކުރައްވާފަ އެވެ.

އެމަނިކުފާނު ވިދާޅުވި ގޮތުގައި ބައެއް ކަހަލަ ކަންކަމުގައި ޖުމްހޫރީ ޕާޓީގެ ދެތިން މެންބަރެއްގެ ހިޔާލު ތަފާތުވީ ނަމަވެސް އެޕާޓީގެ ލީޑަޝިޕާ ޕީޖީ ގްރޫޕްގެ ބޮޑު އަޣުލަބިއްޔަތެއް އޮތީ ސަރުކާރާ އެކީގައެވެ. ހާއްސަކޮށް ގާސިމް އިބްރާހިމަކީ މަޖިލީހަށް ހުށަހަޅާ ބޮޑެތި މައްސަލަތަކުގައި ވަރަށް ބޮޑު އެއްބާރުލުމެއް ދެއްވާ ބޭފުޅެއް ކަމަށް ރައީސް ވިދާޅުވި އެވެ.

"ރައްޔިތުންގެ މަޖިލީހުން މިފަހުން ފެނިގެން ދަނީ ޖުމްހޫރީ ޕާޓީގެ ލީޑަރު ގާސިމް އިބްރާހިމްވެސް ސަރުކާރުން ހުށަހަޅާ އެކި ކަންކަމުގައި ވަރަށް ޒިންމާދާރުކަމާ އެކު ހަރަކާތްތެރިވާތަން. ރައްޔިތުންނަށް ފައިދާއާ މަންފާ ލިބޭ ކަންތައްތަކުގައި ދައުލަތަށް އެއްބާރުލުން ދެއްވާނެ ކަމަށް އެކި ފަހަރު މަތިން އެމަނިކުފާނު ވަނީ އަޅުގަނޑަށް ވިދާޅުވެފަ. ޖުމްހޫރީ ޕާޓީގެ އެއް މެންބަރަކު ނޫނީ ދެމެންބަރަކު ހިޔާލު ތަފާތު ވި ނަމަވެސް ޖުމްހޫރީޕާޓީގެ އަގުލަބިއްޔަތު އޮތީ ޕީޕީއެމާ އެކު،" ރައީސް ވިދާޅުވި އެވެ.

އެމަނިކުފާނު ވިދާޅުވި ގޮތުގައި، ކުރިއަށް އޮތްތަނުގައިވެސް ގިނަ މައްސަލަތަކެއް ސަރުކާރުގެ ފަރާތުމް މަޖިލީހުގެ މޭޒަށް ހުށަހަޅާނެ އެވެ. އެކަންކަމަކީ ބޮޑެތި ރަށްރަށުގެ އިތުރަށް ކުދި ރަށްރަށުގެ ތަރައްގީ ކަށަވަރުކުރަން ކުރާ މަސައްކަތްތަކެއް ކަމަށް ވެސް ރައީސް ވަނީ ވިދާޅުވެފަ އެވެ.