ހުރިހާ ވިޔަފާރިތަކެއް ނޫނެވެ. ސަރުކާރުގެ އިދާރާތަކާއި ކުންފުނިތަކާއި ޕާޓްނަޝިޕްތަކާއި ކޯޕަރޭޓިވް ސޮސައިޓީތަކުގެ ދަށުން ނޫން ގޮތަކަށް، އަމިއްލަ ފަރުދުންގެ ނަމުގައި ހިންގާ ހުރިހާ ވިޔަފާރިތައް ވެސް މި ވަނީ "އަމިއްލަ ފަރުދުންގެ ވިޔަފާރީގެ ގާނޫނު" ގެ ދަށުން އަލުން ރަޖިސްޓްރީކުރަން ޖެހިފަ އެވެ. މިގޮތުން ވިޔަފާރިތައް އަލުން ރަޖިސްޓްރީކުރުމުގެ މަސައްކަތް މިނިސްޓްރީ އޮފް އިކޮނޮމިކް ޑިވެލޮޕްމަންޓުން މިހާރު ދަނީ ކުރަމުންނެވެ. މުއްދަތު ހަމަވާން އޮތީ މަހެއްހާ ދުވަހެވެ.
މިދިޔަ އަހަރުގެ މެއި މަހުގެ 14 ވަނަ ދުވަހު ގެޒެޓްކުރި މި ގާނޫނަށް އަމަލުކުރަން ފަށާ ދުވަސް ކުޑަތަން ވެފައި ވާއިރު މި ގާނޫނާ މެދު އެހާ ބޮޑަށް އާންމުންނަށް އެނގިފައިވާ ކަމަކަށް ނުފެނެ އެވެ. އެނގިފައި ވިޔަސް އަހަރެމެންގެ އާދަ ހުންނަ ގޮތުން އެންމެ ފަހު ވަގުތަށް މަޑުކޮށްލައިގެން ތިބީ ކަމަށް ވެސް ވެދާނެ އެވެ.
ގާނޫނަށް އަމަލުކުރަން ފެށުމާ އެކު، މިހާރު ހިނގަމުންދާ ވިޔަފާރިތަކުގެ ތެރެއިން ގާނޫނުން އިސްތިސްނާ ކޮށްފައި ނުވާ ވިޔަފާރިތައް އަލުން ރަޖިސްޓްރީކުރަން ޖެހެ އެވެ. ރަޖިސްޓްރީ ކުރުުމުގެ ފީއަކަށް 500ރ. ނަގާނެ އެވެ.
އަމިއްލަ ވިޔަފާރި ނުވަތަ ވަކި ފަރުދެއްގެ ނަމުގައި މި ގާނޫނުގެ ދަށުން ރަޖިސްޓްރީ ކުރެވޭނީ މިފަދަ އެންމެ ވިޔަފާރިއެކެވެ. މާނަ އަކީ ފަރުދުންގެ ވިޔަފާރި ނުވަތަ ސޯލް ޕްރޮޕްރިއޭޓާޝިޕްގެ ގޮތުގައި އެކަކަށް އެތައް ބައިވަރު ވިޔަފާރި ނުހިންގުމެވެ. ކުންފުންޏެއް ނުވަތަ ލޯކަލް އިންވެސްޓްމަންޓެއް ފަދަ ގާނޫނީ ޝަހުސެއް ނެތި، އަމިއްލަ ނަމުގައި އެތައް ބައިވަރު ފިހާރަތައް ހިންގުން މި ގާނޫނުގެ ދަށުން ހުއްޓުމަކަށް އަންނާނެ އެވެ. އެންމެ މުހިންމު ކަމަކީ ބިދޭސީއެއްގެ ނަމުގައި އަމިއްލަ ވިޔަފާރިއެއް ރަޖިސްޓްރީ ނުކުރެވުމެވެ.
އަމިއްލަ ވިޔަފާރިއެއް ރަޖިސްޓްރީ ކުރުމުން އެ ވިޔަފާރި އާއި އެތަނުގެ މަސްއޫލުވެރިޔާ ވަކި ނުކުރެވޭނެ އެވެ. އެ ވިޔަފާރީގެ ރައުސްމާލަކީ މަސްއޫލުވެރިޔާގެ އެއްޗަކަށް ވެގެންދެ އެވެ. ވިޔަފާރީގެ މިލްކިއްޔާތުގެ ވެރިފަރާތަކީ ވިޔަފާރީގެ މަސްއޫލްވެރިޔާ އަށް ވާނެ އެވެ. އެހެންވެ ވިޔަފާރިން އުފައްދާ ފައިދާ އަކީ ނުވަތަ ގެއްލުމަކީ ވެސް މަސްއޫލްވެރިޔާގެ އެއްޗެއް ކަމަށް ގާނޫނީ ގޮތުން ކަނޑައެޅިގެން ދާނެ އެވެ. އަދި ވިޔަފާރީގެ ހުރިހާ ކަމެއްގެ ގާނޫނީ ޒިންމާ އެހެން ފަރާތަކުން އަދާކުރަން ނުޖެހި ވިޔަފާރީގެ މަސްއޫލްވެރިޔާ އެ ހުރިހާ ޒިންމާއެއް އުފުލަން ޖެހޭނެ އެވެ.
އަމިއްލަ ފަރުދުންގެ ވިޔަފާރީގެ ގާނޫނުގެ ދަށުން ވިޔަފާރިއެއް ރަޖިސްޓްރީކޮށްދޭނީ ފަސް އަހަރު ދުވަހުގެ މުއްދަތަށެވެ. ގާނޫނު ބުނާ ގޮތުން އެފަދަ ވިޔަފާރިއެއް ފަސް އަހަރު ދުވަހަށް ވުރެ އިތުރަށް ހިންގަން ބޭނުންވާ ނަމަ، ރަޖިސްޓްރީ ކުރިތާ ފަސް އަހަރު ހަމަވުމުގެ 90 ދުވަސް ކުރިން އަނެއްކާވެސް ހުށަހަޅަން ޖެހޭނެ އެވެ.
ގާނޫނު ބުނާ ގޮތުން، އަމިއްލަ ފަރުދެއްގެ ނަމުގައި ރަޖިސްޓްރީކޮށްދީފައިވާ ވިޔަފާރިއެއް ރަޖިސްޓްރީކޮށްދީފައިވާ މުއްދަތު ހަމަވެއްޖެ ނަމަ އެ ވިޔަފާރިއެއް އެ ހިސާބުން ނިމުމަކަށް އަންނާނެ އެވެ. އަދި ކޮންމެވެސް ސަބަބަކާ ހުރެ ވިޔަފާރީގެ ރަޖިސްޓްރީ ބާތިލްކޮށްފި ނަމަ ނުވަތަ ވިޔަފާރީގެ މަސްއޫލްވެރިޔާ މަރުވެއްޖެ ނަމަ ވެސް ވިޔަފާރި ނިމުމަކަށް އައީ އެވެ. ނަމަވެސް މިއިން އެއްވެސް ސަބަބެއް މެދުވެރިވެގެން ވިޔަފާރި ނިމުމަކަށް އައި ނަމަވެސް އެ ވިޔަފާރިއަކާ ގުޅޭ ގޮތުން މަސްއޫލުވެރިޔާގެ މައްޗަށް ހުރި ޒިންމާތަކުން ބަރީޔައެއް ނުވާނެ އެވެ. މާނަ އަކީ ވިޔަފާރި ހިންގި އިރު ކޮށްފައިވާ މުއާމަލާތްތަކާއި އެ މުއްދަތުގައި ހުރި ދަރަނިތައް ފަދަ ހުރިހާ ކަމަކަށް މަސްއޫލްވެރިޔާ ޒިންމާވާން ޖެހުމެވެ. މަސްއޫލްވެރިޔާ މަރުވެއްޖެ ނަމަ އޭނާގެ ވާރުތަވެރިން ޒިންމާ ނަގަން ޖެހޭނެ އެވެ.
ވިޔަފާރީގެ ވެރިފަރާތް ނުވަތަ މަސްއޫލްވެރިޔާ ނޫން އެހެން މީހަކު ވިޔަފާރި ހިންގުމުގެ ކަންކަމަށް ޒިންމާވާން ޖެހޭ ގޮތަށް މި ގާނޫނުގެ ދަށުން ވިޔަފާރިތައް ރަޖިސްޓްރީ ކުރެވެ އެވެ.