ކޮލޮމްބޯ (އޯގަސްޓް 24) - ސްރީލަންކާގެ ކުރީގެ ފޮރިން މިނިސްޓަރު މަންގަލަ ސަމަރަވީރަ މިއަދު އަވަހާރަވެއްޖެ އެވެ. އެމަނިކުފާނު އަވަހާރަވެފައިވަނީ ކޮވިޑް-19 އަށް ފަރުވާ ހޯއްދަވަމުން ގެންދަވަނިކޮށް މިއަދުގެ ހެނދުނުގެ ވަގުތެއްގައި ލަންކާގެ ޕްރައިވެޓް ހޮސްޕިޓަލްގައެވެ.
އުމުރުފުޅުން 65 އަހަރުގައި ސަމަރަވީރަ އަވަހާރަވީ ކޮވިޑްގެ އާލާސްކަންފުޅު ބޮޑުވެ އައިސީޔޫގައި ފަަރުވާ ދެމުން ގެންދަނިކޮށެވެ.
ސަމަރަވީރަ އަވަހާރަވުމާއި ގުޅިގެން ލަންކާ ވަނީ ފުން ހިތާމައެއްގެ ތެރޭގައެވެ. އެ ގައުމުގެ ބޮޑުވަޒީރު މަހިންދަ ރާޖަޕަކްސަ 74، ވިދާޅުވީ މިއަދަކީ ސްރީލަންކާ ދެކެ ލޯބިވި ލީޑަރަކު ވަކިވެވަޑައިގެންނެވި ހިތާމަވެރި ދުވަހެއް ކަމަށެވެ. ބޮޑުވަޒީރު މަހިންދަ، ސަމަރަވީރާ ފާހަގަކުރެެއްވީ ވަރުގަދަ ލީޑަރެއްގެ ގޮތުގައެވެ.
އަދި ސަމަރަވީރަ ގެ ގައުމީ ހިދުމަތްތައް ފާހަގަކުރެއްވިއެވެ.
ސްރީލަންކާގެ އިސްވެރިންނާއި ސިޔާސީ ޕާޓީތަކުގެ ވެރިން އަދި ގާނޫނު ހަދާ މަޖިލީހުގެ މެންބަރުންވެސް ގެންދަވަނީ ސަމަރަވީރަ އަވަހާރަވުމާއި ގުޅިގެން އެކަމުގެ ހިތާމަ ފާޅުކުރައްވާ ތައުޒިޔާ ފޮނުއްވަމުންނެވެ.
މަންގަލަ ސަމަރަވީރަ ވަނީ 2017 ވަނަ އަހަރުން ފެށިގެން 2019 ވަނަ އަހަރުގެ ނިޔަލަށް އެ ގައުމުގެ ފިނޭންސް މިނިސްޓަރުކަން ކުރައްވާފައެވެ. އަދި ފޮރިން މިނިސްޓަރުކަން ދެ ދައުރަކު ކުރެއްވިއެވެ. އެއީ 2005 ވަނަ އަހަރުން ފެށިގެން 2007 ވަނަ އަހަރަށް އަދި 2015 އިން 2017 ވަނަ އަހަރަށެވެ.
އޭޕްރީލް 21، 1956 ގައި އުފަންވެވަޑައިގެން މަންގަލަ ސަމަރަވީރަ ނިސްބަތްވެވަޑައިގަންނަވަނީ ލަންކާގެ ޔުނައިޑްޓެޑް ނެޝަނަލް ޕާޓީއަށެވެ.