ވާހަކަ

ސިއްތާ

(23 އޯގަސްޓް 2021 އާ ގުޅޭ)

ލަމްހާގެ ފަހަތުގައި ދުރުގައި ބަލަން ހުރި އީހާނަށް ނީރާގެ ނަޒަރު ދަތުރުކޮށްލިއެވެ. އޭނާ ހުރީ ނީރާއަށް ނަޒަރު ހުއްޓާލައިގެންނެވެ. އަމާޒުވެލި ނަޒަރު އެހާމެ އަވަހަށް ވަކިވީ ނީރާގެ އަތުގައި ހިފައިގެން އޭނާގެ ކޮޓަރިއާ ދިމާއަށް ލަމްހާ ދިޔައީމައެވެ.

ފާޚާނާއިން ނީރާ ނުކުތުމުން ރީތިވާ މޭޒު ކައިރީ އޭނާ ބައިންދާ ހެއާޑްރައިޔާއިން ބޯހިއްކައިދޭން ލަމްހާ ފެށިއެވެ. ކުރިމަތީ ހުރި ލޯގަނޑުން އޭނާ ނީރާގެ ހަރަކާތްތަކަށް ބެލިއެވެ. އިސްތަށިގަނޑު ހިކިއްޖެހެން ހީވުމުން ހެޔާޑްރައިއާ ނިއްވާލާފައި ލަމްހާ ވާހަކަދެއްކިއެވެ.

"ކޮންތާކަށް ދިޔައީ؟ ރޭގައި ނުނިދަނީތަ؟ ލޯ ވެސް ހާދަ ރަތޭ." ލަމްހާ އަހާލިއެވެ.

"ހިނގާލަން ދިޔައީ. ފްރެޝް ވައިކޮޅެއް ލިބޭތޯ..." ނީރާ މިހެން ބުނެލުމާއެކު ފިނިނޭވާއެއް ދޫކޮށްލިއެވެ. ހިތްވަރު ނެރޭ ފަދައިންނެވެ. ހިތަށް ލިބިފައިވާ އުދާސްކަމާއި ނުތަނަވަސްކަން ހާމަކުރަން ފަށާނީ ކޮންހިސާބަކުން ކަމާމެދު ނީރާ ވިސްނާލިއެވެ. އީހާނާ ނީންނާނަމޭ ބުނެފައި ލައިޒަލްގެ ނަން ހާމަކުރުމުން މަންމަ ކަންތައްކުރާނީ ކިހިނެއްބާއޭ ނީރާގެ ހިތަށް އަރަމުންދިޔައެވެ. ލައިޒަލްއާ މެދު މަންމަ ނުރިހިއްޖެނަމަ ދެން ހަދާނީ ކިހިނެއް ހެއްޔެވެ. ނީރާއަށް އެއްޗެކޭ ނުބުނެވިގެން އުޅެނިކޮށް ލަމްހާ ވާހަކަދައްކަން ފެށިއެވެ.

"ނީރާ ކަމަކާ ވިސްނަނީތަ؟ މިހާރު ދެން ހަމަޖެހިބަލަ. މަންމަ މިހުރީ ވަރަށް އުފަލުން. މަންމަގެ އެއްވެސް މައްސަލައެއްނެތް ތި ދެކުދީން ގުޅުމަކުން، ތެދަށް ބުނަންޏާ ދަރީންގެ ފަރާތުން އަހަރެންނަށް ލިބޭނެ އެންމެ ބޮޑު އުފަލާއި ހިތްހަމަޖެހުންމީ، ނަސްރާގެ މަތިން ވަރަށް ހަނދާންވޭ، މިއަދު އޭނާ ހުރިނަމަ ބުނާނެ... ތިމަންނަ ނުބުނަންހޭ އީހާނާއި ނީރާއަކީ ވަކިވާނޭ ދެކުދީންނެއްނޫނޭ. ހެ ހެ ހެ... މަންމަ ހިޔެއްނުކުރަން މަންމަގެ އެ މޮޔަ ދަރިފުޅާ ނީރާ ގުޅޭނެއޭ، ހަނދާންވަނީ މީގެ އަހަރުތަކެއް ކުރީން ނަސްރާމެންގޭ އުނދޯލީގަ ތިބެ ދެއްކި ވާހަކަތައް، ވަރަށް ކުރި އެއީ، ނީރާ ހަނދާނެއް ނުހުންނާނެ، އޭރު ނީރާއަށް އެންމެ ތިން އަހަރު، އޭރުވެސް ދަރިފުޅުގެ ފޫބުޑުން އީހާނު ނުނެއްޓޭނެ، ކުޑަ އުނދޯއްޔަށް ނީރާ ލައިދީނީމަ ހެއްލައިދޭން އޭނާ ހުންނާނެ. ފޫހިކަމެއްނެތި... އެދުވަހު ނަސްރާ ބުނީ އަހަރެންގެ ނީރާ، ލަމްހާގެ އީހާނުއަށް ދީފީމޭ، ނީރާއާއި އީހާނު ކައިވެނި ކުރާ ދުވަހެއް އަންނާނެނަމައޭ ހިތަށް އަރައޭ. އެކަން އެހެންވެއްޖެނަމަ ލަމްހާ މަނާ ނުކުރައްޗޭ. އުފަލުން ދެކުދީން ބަލައިގަންނައްޗޭ. އެހާ ކުޑަކުޑައިރު ވެސް އީހާނާއި ނީރާގެ ޖޯޑު ނުހަނު ފުރިހަމައޭ ބުނި. ނަސްރާ ދުށް ހުވަފެނުގައި އަހަރެން ބައިވެރިވީ އެ ދުވަހު. ހިތުގެ އަޑިން ތި ދެކުދީން ގުޅުމަށް އެދެވޭ. އޭރުން ނީރާ ހުންނާނީ މި މަންމަގެ ކައިރީ، އަބަދުވެސް މަންމަގެ ދަރިއެއްގެ ގޮތުގައި. އެހެންބައެއްގެ ތެރެއަށް ދާކަށް ނުޖެހޭނެ. މި އާއިލާ އަބަދުވެސް އޮންނާނީ މިގޮތުގައި. މިއާއިލާ ނީރާއާ ނުލާ ފުރިހަމައެއް ނުވީސް. އަލްޙަމްދުލިއްﷲ... ހުވަފެންތަ ސީދާ ކުރައްވަނީ ﷲ. މަންމަ ހާދަ ނަސީބުގަދައޭ. ތަގުދީރު ވެސް ނަސްރާއާ އެއްބައިވެއްޖެ. އަހަރެންގެ ހިތުގެ އެދުން ފުރިހަމަކޮށްދީފި." ލަމްހާ ހިނިތުންވެލައިގެން ހުރެ އޭނާގެ ލޮލުން ނިރާލި ކަރުނަ ނިކަން އަވަހަށް ފުހެލިއެވެ. ލަމްހާގެ ހަނދާނުގައިވާ ނަސްރާގެ އެންމެ އުފާވެރި ދުވަސްތައް ކަމުގައި އެ ދުވަސްވެއެވެ. އިންސާނަކު މަރަށް ތައްޔާރުވާތީ ލަމްހާ ދުށީ އަލަށެވެ. އެ އިންސާނަކީ ނަސްރާއެވެ. އެ ހިތި މާޒީ ކުއްލިއަކަށް ލަމްހާގެ މޭގައި ރިހުމެއް އުފެއްދިއެވެ. ބޭއިޚްތިޔާރުގައި އާހެއްގެ އަޑު ބޭރުވިއެވެ. މޭގައި ފިރުމާލެވުނެވެ. ނަސްރާގެ ހަނދާން އާވާ ކޮންމެ ފަހަރަކު އެ އާއިލާގެ އުފާވެރިކަން ކާލި ބިރުވެރި މާޒީ ލަމްހާގެ ލޮލަށް ސިފަނުވެ ނުދެއެވެ.

"މަންމާ..." ކައްޓެއްހެން ތެދުވި ނީރާ ހާސްވިއެވެ. މޭގައި ލަމްހާ އަތް އަޅާލައިގެން ހުރި ގޮތް ފެނިފައެވެ. ލޯތްބާއެކު ލަމްހާ އެކުއްޖާގެ ގައިގާ ބައްދާލިއެވެ. ނީރާގެ ބުރަކަށީގައި ފިރުމާލަމުން އެއްވެސް ކަމަކާ ހާސްނުވުމަށް ލަމްހާ އެދުނެވެ. ހުރިހާކަމެއް ވެސް އިރާދަކުރިއްވިއްޔާ ދާނީ ރަނގަޅަށްކަން ލަމްހާ ބުނެލިއެވެ. އެ މަންމަ ހުރިހާ ދުވަހަކު އެއްވެސް ކަމެއް ގޯސްވިޔަ ނުދޭނަންކަން ލަމްހާ ވަޢުދުވިއެވެ.

"...އަހަރެންނަށްވުރެ ނީރާ މާ ހައްގުކަން ބޮޑު މަންމައަށް ޓަކައި މިވަރުގެ ސެކްރިފައިސްއެއްވާން. މަންމަ ކިހިނެއް ނީރާ ގެންގުޅުނީ... ކާންދޭ މީހާ ޖަނަވާރުން ވެސް ދަނޭ، ނީރާ ތިވަރުވެފައި ތިހުރީ މަންމަގެ ރަނގަޅުކަމުން. މިހާރުވެސް އަހަންނަށްވުރެ ބޮޑަށް މަންމަ ނީރާއަށް އިސްކަންދޭ. ދުށީންތަ މަންމަގެ އުފާވެރިކަން. މި ކައިވެންޏަށް ކުރާ އުންމީދު އެ ދެ ލޮލުން ނުދެކެންތަ؟. ނީރާއަށް އަދާކުރެވޭނެތަ އެ މަންމަ ނީރާއަށް ކޮށްދިން ހުރިހާކަމެއްގެ އަގު. މަންމަ އަޅާނުލިނަމަ ނީރާގެ ހާލަކީ ކޮބާ؟. ވިސްނާލަބަލަ..."

ނީރާގެ ކަންފަތުގައި ގުގުމާލީ އީހާނުގެ އަޑެވެ. އުފާވެރިކަމާއި އަމާންކަމުގައިވީ ނަފްސަށް ބިންހެލުމެއް ގެނައި އެ ރަހުމެއްނެތް ބަސްތަކެވެ. މަންމަގެ ދެ ލޮލަށް ނީރާއަށް ބަލާލެވުނެވެ. އީހާނުގެ ވާހަކަ ދޮގުކުރެވެން ނެތްކަން މަންމަގެ ދެ ލޮލުން ނީރާ ދުށްޓެވެ. އެހާބޮޑު އުންމީދެއް މަންމަ އޭނާގެ ކިބައިން ކުރީތީ ނީރާ ހިތުގައި ޖެހުނެވެ. ހަމައެކަނި ލަމްހާއެއް ނޫނެވެ. އޭނާ އުފަންކޮށް އެހެންބައެއްގެ ތެރެއަށް ދޫކޮށްލި މަންމަ ވެސް ބޭނުންވީ އޭނާ އީހާނުގެ ހައްގަކަށް ވާންކަން އެނގިއްޖެއެވެ. އެމީހުންގެ ސަބަބުން މިއަދު ނީރާއަށް މަޖޫބުރުވީއެވެ. މަންމަގެ ހުވަފެންތަ އެ ތަގުދީރު ފުރިހަމަކޮށްދީފިއެވެ. އެކަމަކު އެ ތަގުދީރަކީ ނީރާގެ މައްޗަށް އަނިޔާއަކަށް ނޫނީ ނުވެއެވެ. އެ އަނިޔާގައި އޭނާ ކެތްކުރަންވީ ހެއްޔެވެ. އަލިފާންގަނޑެއްގެ ތެރެއަށް އަމިއްލައަށް އެރި އަނދައަނދާ ހުންނަންވީ ކިހާ ދުވަހެއް ވަންދެން ހެއްޔެވެ. ފުރާނައިގެ ވަގުތު ޖެހެން ދެނެވެ. އޭރުން އެ މަންމަގެ އަގު އޭނާއަށް އަދާކޮށްދެވުނު ކަމަށް ވާނޭ ހެއްޔެވެ. ގައިމުވެސް ދިރިހުއްޓާ ސަލާމަތްވެވިދާނޭ ކަމުގެ އެއްވެސް އުންމީދެއް ނީރާގެ ނެތެވެ. ދުލުގައި ދަތް އެޅިއެޅީނުން ކަނޑައިގެން ގޮސް އަނގައިގަ ލޭ ރަހަ ލަންދެން ނީރާ ހުއްޓެވެ. މަންމައާ ދެކޮޅުވުމުން އޭނާ އިންސާނަކަށް ނުވިތާ ޖަނަވާރަކާ ވެސް އެއްފަދަ ނުވާނޭ ހީކުރެވިފައެވެ. އެހެނީ ޖަނަވާރު ވެސް އެ ސޮރަށް ކާންދީ ރައްކާތެރިކަން ފޯރުކޮށްދޭ މީހާއަށް ކަމޭ ހިތާ ވިއްޔާއެވެ. މުޅި އުމުރަށް އެކަން ހަނދާން ބަހައްޓައެވެ. މިއަދު ނީރާއަށް ބުނެވޭ އެއްޗަކުން އެ މަންމަގެ ހުވަފެންތަ ފުނޑުފުނޑުވެ ހިތުގައި ޖެހިއްޖެނަމަ އޭނާހާ ރަހުމުކުޑަ ދަރިއަކު ދުނިޔޭގައި ނުހުންނާނެއެވެ. ލަމްހާއަށް ކަމޭނުހިތުނުއިރު ނަސްރާގެ ރުހުމެއް ވެސް އޭނާގެ މައްޗަކަށް ނުވާނެއެވެ. އޭރުން މުޅި ދުނިޔެ ވެސް އޭނާއާ މެދު ބުނާނީ މައެއްގެ ހިތުގައި ޖައްސާފައި އަމިއްލަ އެދުން އިސްކުރި ނުބައި ދަރިއެކޭ އެވެ. އަދި އެ ދޫތަކުން ބުނާނޭކަން ޔަގީނެވެ. މައިމީހާއަށް ޓަކައި ކިތައް ދަރީން ގުރުބާންވޭ ހެއްޔެވެ. މައިމީހާ ކޮށްދިން އެއްވެސް ކަމެއްގެ އަގު އުމުރު ދުވަހު އުޅެގެން ވެސް ދަރިއަކަށް އަދާ ކުރެވޭނޭ ހެއްޔެވެ. މައިމީހާއަށްކޮށްދޭ ކަމެއް ގެއްލިގެން ނުދާނެއެވެ. އަމިއްލަ އުފާވެރިކަން މަންމައަށް ޓަކައި ގުރުބާން ކޮށްފިނަމަ ހަމަ އެ ދޫތަކުން އޭނާއަކީ ނުވިސްނޭ ފިނޑިއެއްކަމުގައި ގޮވާނެއެވެ. މަންމައެއްކަމަކު ހެދިހާ ގޮތެއް ހެދިގެން ހުންނަހާ ނިކަމެތި މީހަކަށްވީ އޭނާ އަމިއްލައަށޭ ބުނާނެއެވެ. ތަދާއި ވޭނާއި ހިތްދަތިކަމާއި ނާއުންމީދާއި އެންމެހާ ޖަޒުބާތެއްގައި ބަނދެވިފައިވަނީ ދުނިޔެއެއްނޫނެވެ. ހަމައެކަނި ނީރާއެވެ. އޭނާގެ ނަފްސެވެ. ގޮތް ނިންމަން ޖެހިފައިވަނީ ނީރާއަށެވެ. ލިބޭނެ ދެރައާއި އެކަނިވެރިކަމާއި ލޯބިން މަހުރޫމުވާނީ ވެސް އޭނާއެވެ. އެއް ހިތް ރުއްސުމަށް ޓަކައި ދެވަނަ ހިތެއް ރޮއްވާލަން ޖެހިދާނޭކަން ނީރާއަށް މިއަދު އެނގިއްޖެއެވެ.

"މަންމާ..." ލަމްހާގެ ގައިގާ ބާރަށް ހިފަހައްޓާލެވުމާއެކު ނީރާ ގޮވާލިއެވެ. އެ ދަރިފުޅުގެ ހިމޭންކަން ދެނެގަންނާށޭ ބުނެ އެ މަންމަގެ ގާތުން ނީރާގެ ހިތާއި ޟަމީރު އާދޭސްކޮށް ރޮނީއެވެ. ތުއްތު އިރުން ފެށިގެން ޒުވާނަކަށް އޭނާ ވެފައި އެ ހުރީ އެ މަންމަގެ އުނގުންނެވެ. މަންމައަށް ނޫނީ އަންހެން ދަރިފުޅުގެ ހިތް އެނގޭނެ މީހަކު ނުހުންނާނެއެވެ. ނަމަވެސް ލަމްހާގެ ކަންފަތާ ހަމައަށް ނީރާގެ އަޑެއް ނުފޯރިއެވެ. އޭނާގެ އަތުގައި ހިފައިގެން ލަމްހާ އައިސް އިށީނީ އެނދުގައެވެ. މުހިންމު ވާހަކައެއް ދައްކަން އުޅޭހެން ނީރާގެ ދެއަތްތިލައިގަ ހިފާލައި ލަމްހާއާ ކުރިމަތިލާން އިޝާރާތް ކުރިއެވެ.

"މަންމައަށް ފެންނަނީ އަންނަ މަހު ކައިވެނި ހަމަޖައްސަން. އެކަމަކު ވީ އެންމެ އަވަހަކަށް ރަން ކިޔަން." ލަމްހާ ހިޔާލު ކޮށްފަ އޮތް ގޮތް ހާމަކުރިއެވެ. އެއްވެސް އެއްޗެކޭ ނީރާއަށް ނުބުނެވުނެވެ.

"ނީރާ..." ލަމްހާ ގޮވާލީ ވާހަކަދައްކާށޭ އެދޭ ފަދައިންނެވެ.

"މަންމައަށް އެނގޭނީ." ނީރާ މަޑުމަޑުން ބުނެލިއެވެ.

"މަންމައެއް ނޫނެއްނު ކައިވެނިކުރަން މިއުޅެނީ. ނީރާގެ ހިޔާލު ވެސް މަންމަ އެނގެން ބޭނުންވާތީ މި އަހަނީ." ލަމްހާ ބުންޏެވެ.

"ސައިނުބޮއެ އިނީމަ ކަންނޭނގެ ތިއުޅެނީ. ހިނގާ ސައި ހަދައިދޭނަން." ނީރާ މާ މަޑުމަޑުން އިންނާތީ ލަމްހާ ބުނެލިއެވެ. ނީރާގެ އަތަށް ދަމާލަމުން އެދުން ނެގިއެވެ. ކޮޓަރިން ނުކުންނަން ހިނގައިގަތެވެ.

ލަމްހާއާއެކު ނީރާ ކޮޓަރިން ނުކުތްއިރި ކެތްތެރިކަން ގެއްލިފައި އިން މީހަކުހެން ސިޓިންރޫމު ސޯފާގައި އީހާނު އިނެވެ. އޭނާ ފަރުވާތެރިކަމާއެކު މަންމައާއި ނީރާގެ މޫނަށް ބަލާލިއެވެ. ކޮޓަރީގައި އެ މީހުން ދެއްކި ވާހަކައެއް އެ މޫނުތަކުގައިވާ އަސަރުން ދެނެގަންނަން އީހާނު އުޅޭ ފަދަ އިންނެވެ.

* * * * *

އެއް ދުވަސް ފާއިތުވެ ދިޔައިރު ލައިޒަލްއަށް ނީރާ ނުގުޅިއެވެ. ކޮންމެކަމެއްގައި އުޅެމުން ވެސް އިރުއިރުކޮޅާ ފޯނަށް ލައިޒަލްއަށް ބަލާލެވެއެވެ. ނީރާ ގުޅާފާނޭ ހީވެގެންނެވެ. ނަމަވެސް ދުވަސް ނިމުމަކަށް އައިއިރު ވެސް ނީރާގެ ޚަބަރެއް ނުވިއެވެ. އެހެންވެ ކެތްނުވެގެން ލައިޒަލް ގުޅީއެވެ. އަޖައިބުވީ ނީރާ ފޯނު ނުނެގީމައެވެ. ރޭގަނޑު ހަތަރުދަން ވެސް ނިމުނީއެވެ. ނިދެންދެން އިރުއިރުކޮޅުން ނީރާއަށް ލައިޒަލް ގުޅިއެވެ.

ގޮތެއް ނިންމަން ނީރާ މިހާ ގިނަ ދުވަސް ނަގާފާނޭ ލައިޒަލް ހިޔެއް ނުކުރެއެވެ. އަނެއްކޮޅުން އެ ދެމީހުން އެންމެފަހުން ވަކިވީ ދެން ބައްދަލުވާނީ ނީރާގެ ނިންމުން އަޑުއަހަން ކަން ބުނެފައެވެ. އެއީ ކިތައް ދުވަސް ފަހުންކަމެއް އެކަކުވެސް ކަނޑައެއް ނާޅައެވެ. އެކަމާ މިހާރު ލައިޒަލް ހިތްއަވަސްވަނީއެވެ. ނީރާ ނުފެނި އޭނާގެ އަޑު ނީވި ހުންނަން ޖެހުމުން ހިތްބިރު ގަންނަނީއެވެ. ނުބައި ވަސްވާސްތައް ހިތަށް ވެރިވަނީއެވެ. ނީރާއަށް ކަމެއްވީބާއެވެ. ނޫނީ ނީރާއަށް އޭނާ މުހިންމު ނުވީބާއެވެ. އެކަމަކު އޭރުންދެން ވާނީ ކިހިނެއް ހެއްޔެވެ.

"ނީރާ..." ފޯނުގައި ހުރި ފޮޓޯތަކަށް ބަލަން އޮވެ ލައިޒަލް ގޮވާލިއެވެ. ލޯބިވެރިޔާގެ މަތިން ހަނދާންވާވަރުން ހިތަށް ހަމަޖެހުމެއް ހޯދަން މަސައްކަތް ކުރަނީއެވެ. ފޯނުގައި ހުރި ނީރާގެ ފޮޓޯތައް ބަލައިގެންނެވެ. އެކުގައި ހޭދަކުރި ވަގުތުތައް ހަނދާންކުރަމުންނެވެ. ޔަމާންގެ ކޯލެއް އައީ އެވަގުތެވެ. ފޯނުކޯލު ނަގަން ބޭނުންނުވެފައި ހުރެ ވެސް ދެފަހަރަށް ޔަމާނު ގުޅުމުން ލައިޒަލް ކޯލު ނަގައި ހެލޯއޭ ބުނެފިއެވެ.

"ނީރާއާ އޮތީ ކޮންގުޅުމެއް؟" ޔަމާނު އަހާލިއެވެ.

"ކިހިނެއްވީ؟" ލައިޒަލް ބުނަން ބޭނުންނުވީއެވެ. އަނެއްކޮޅުން ކުއްލިއަކަށް އެހާ ސީދާ ގޮތަކަށް ނީރާގެ ވާހަކަ ޔަމާނު އެހުމުން ލައިޒަލް ހައިރާން ވެސް ވިއެވެ.

"ތި ދެމީހުންގެ މެދުގަ ކަމެއް އެބައޮތް. އެރޭ ނުކުމެގެން ދިޔައިރު ލައިޒަލް ހުރީ ކީހާ ރުޅިއައިސްފަކަން އަހަންނަށް ރަނގަޅަށް އެނގޭ، އަދި ރުޅިއައީ އީހާނާއި ނީރާގެ ސަބަބުން. އެހެންނު." ޔަމާނުގެ އަޑުގައި ސަމާސާ ކުރުމެއް ނެތެވެ.

"ޔަމާނު... ގެޓް ޓު ދި ޕޮއިންޓް." ލައިޒަލް ބުނެލިއެވެ.

"އެރޭ އެވަރުވީމަ ނުބުނަން ހިތަށް އެރި، އެކަމަކު ނާހާ ވެސް ނުހުރެވުނީ... އެނގޭތަ ނީރާއާއި އީހާންގެ ވެޑިން ނެކްސްޓް މަންތް ސެކަންޑަށް ހަމަޖެހިފަ އޮތްކަން. ޓުވެންޓީސިކްސްގަ ރަންކިޔާ." ޔަމާނަށް އިވުނު ޚަބަރު އެންމެ ގާތް އެކުވެރިޔާގެ ކަންފަތަށް އިއްވިއެވެ.

"ކާކުބުނީ." ވަގުތުކޮޅެއްގެ ހިމޭންކަމަށްފަހު ލައިޒަލް އަހާލިއެވެ.

"އީހާނު." ޔަމާނާއެކު ކެފޭގައި އީހާނު އެބައުޅޭކަން ބުންޏެވެ. ހުރިހާ ވާހަކައެއް އޭނާއަށް ކިޔައިދިނީ އީހާނުގެ ދުލުންނެވެ.

"އޭނާ ދޮގު ހެދީކަމަށްވާނީ... އަހަރެން އިތުބާރެއް ނުކުރަން އޭނައަކަށް." ލައިޒަލް ވަގުތުން ހިތުގައި އޮތްގޮތަށް ދުލުން ބޭރުކޮށްލިއެވެ.

"އެމީހުން މެރިއޭޖަށް ރެޑީވަނީ. ރަންކިއާ ދުވަހުގެ ދަޢުވަތު މާދަމާ ގުރޫޕަށް ލާނަމޭ އީހާނު ބުނި. އެންމެން އަންނަންވާނޭ ބުނި. އައި ޑޯންޓް ތިންކް ހީ އިޒް ލައިން.... ލައިޒަލް، އެބަހުރިންތަ؟" ޔަމާނު ދެއްކި ވާހަކައަށް ލައިޒަލް އެއްޗެކޭ ނުބުނާތީ އޭނާ ގޮވާލިއެވެ.

"ގުރޫޕަށް ލާފާނެއެއްނު. އައި ޑޯންޓް ކެއާ." ލައިޒަލް ބުންޏެވެ. އޭނާއަށް މުހިންމު ވާހަކަތަކެއް ނޫނޭ ބުނެ ލައިޒަލް ފޯނުކޯލު ކަނޑާލީއެވެ. ޔަމާނަށް އެވަގުތު ލައިޒަލްގެ މޫނަށް އަރާ ފޭބި ކުލަވަރު ފެނުނުނަމަ އެ ދެވުނީ ކިހާވަރެއްގެ ޚަބަރެއްކަން އެނގުނީހެވެ. އަދި އެއީ ލައިޒަލްއަށް ކިހާ މުހިންމު ވާހަކަތަކެއްކަން ދޭހަވީހެވެ.

"ނީރާ..." ނިތްކުރިއާއެކު އިސްތަށިގަނޑުގައި ލައިޒަލްއަށް ވައަތްތިލަ ހިންގާލެވުނެވެ.

ޔަމާނުގެ ފަރާތުން އެފަދަ ޚަބަރެއް ލިބުމުން ލައިޒަލް ރުޅިގަދަވިއެވެ. ނީރާއަށް އޭނާ ހުއްޓާނުލާ ގުޅިއެވެ. ރިންގުވެފައި ފޯނުކެނޑޭއިރު ހައްތަހާ ލައިޒަލްގެ ރުޅި އައީ ގަދަވަމުންނެވެ. އޭނާއާ ގުޅުން ކަނޑާލަން ނީރާ ބޭނުންވީއިރު އެވަރަށް އޭނާގެ ކުރިމައްޗަށް އައިސް ރޮއެ ހެދީ ގޮތްދައްކަން ބާއޭ ލައިޒަލްގެ ހިތް ސުވާލު ކުރިއެވެ.

އާ ދުވަހެކެވެ. އޮފީހުގައި އިނދެފައި ހަމްދާނު ކައިރީ ދަނީއޭ ބުނެ ލައިޒަލް ނުކުތެވެ. އޭނާ ކާރު ނަގައިގެން މިސްރާބު ޖެހީ ކިޔާންގެ އެސޯސިއޭޝަންއަށެވެ. ކޮންމެ ވަގުތަކު އޭނާ އައި ނަމަވެސް ކިޔާން ބައްދަލުކުރާނޭ ކަން ލައިޒަލްއަށް އެނގެއެވެ. ކުރީން ވެސް އޭނާއަށް ލިބިފައި އޮންނަ ބާރުގެ ބޭނުންކުރަން ވިސްނިއެވެ. ނަމަވެސް އޭރުން ނީރާ ނުރުހޭނޭ ހިތާ އެފަދައިން ކަންތައް ނުކުރީއެވެ. ބޭނުންވީ ނީރާ އެދޭ ފަދައިން އޭނާއަށް ވަގުތު ދިނުމަށެވެ. އެކަމަކު ދެން މަޑަކުން ލައިޒަލްއަށް ނުހުރެވޭނެއެވެ.

"މިތާ އުޅޭ ޓީޗަރަކާ ބައްދަލުވާނޭ ގޮތް ހަދައިދީބަލަ." ކިޔާންގެ ކުރިމަތީ އިން ލައިޒަލް އެދުނެވެ.

"ކާކު؟" ކިޔާން އަހާލިއެވެ.

"ނީރާ ކިޔާނީ. މިހާރު ކުލާސްތައް ނިމޭނެ... ހުސްކުލާހެއްގައި އޭނާ ކައިރީ މަޑުކޮށްލަން ބުނޭ. އޭނާއާ ބައްދަލުކުރަން ދާނީ އަހަރެން."

"އަނެއްކާ ކިހިނެއްވީ؟ އެއީ މިތާ މުވައްޒަފެއްކަން ދަންނައްޗޭ." ކިޔާން ބުންޏެވެ.

"އެއީ އަމިއްލަ ކަމަކު، ކިޔާން ހާސްނުވޭ، މިއުޅެނީ ކަލޭގެ އަބުރު ކަތިލާކަށްނޫން. މިތަނުގެ މުވައްޒަފަކަށް މަށެއް ގޮތެއް ނުހަދާނެއެއްނު. ޓްރަސްޓް މީ." ލައިޒަލް ބޯޖަހާލިއެވެ. ކިޔާން ފޯނު ނެގިއެވެ. އޭނާގެ ޕީއޭ ކައިރީ ނީރާ ހުރި ކުލާހެއް ބެލުމަށްފަހު ކަންތައް ކުރަންވީ ގޮތް ކިޔައިދިނެވެ.

ފަޓުލޫނުގެ އަރިމަތީ ޖީބަށް ދެއަތްތިލަ ކޮށްޕާލައިގެން ހުރެ ލައިޒަލް އައީ މަޑު ހިނގުމުގައެވެ. ކުލާސްރޫމާ ކައިރިވުމުން ކަރުގައި އޮތް ޓައީއަށް ލައިޒަލް ދަމާލިއެވެ. އެއަށް ދޫ ދީ ގަމީހުގެ ކަރުގޮށް ނައްޓާލިއެވެ. އޭނާއަށް ވެސް ނީރާ ފެނުމުން ކަންތައްކުރާނީ ކިހިނެއްކަމެއް ނޭނގޭ ކަހަލައެވެ. ސިކުނޑިވަނީ ހުސްކަމެއްގެ ތެރޭގައެވެ. ފުޅާކުޑަދޮރުގެ ބިއްލޫރިގަނޑުން ހުރަސްކަނޑާލި ވަގުތު ލައިޒަލްއަށް ކުލާސްރޫމު ތެރޭ އިން ނީރާ ކޮޅަށް ތެދުވިތަން ފެނުނެވެ. އެއްފަރާތުގައި ހުރި ދޮރުގެ ތަޅުގައި ހިފާލުމާއެކު އަނބުރާލައި ލައިޒަލް ދޮރު ހުޅުވާލިއެވެ. ދެ ޒުވާނުން ބައްދަލުވެއްޖެއެވެ. އެހިނދު ކައުނުގެ ދުވެލި މަޑުވެ ވަގުތު ހުއްޓުމަކަށް އައި ފަދައެވެ. އެކަކުއަނެކަކާ ދިމާއަށް ބަލަން ތިބީ މީ އޭގެ ދެމީހުން ބައްދަލުވީ ފުރަތަމަ ފަހަރު ފަދައިންނެވެ. (ނުނިމޭ)