ނަޝީދަށް އަމާޒު ކުރި ހަމަލަ

"ބޮން" - ނަޝީދަށް ހާއްސަ ލަވައެއް

މިއުޒިކު ބޭންޑް "ޓްރެފިކް ޖޭމް" އިން ރައީސް މުހައްމަދު ނަޝީދަށް ހާއްސަ ޓްރިބިއުޓެއް ދީފި އެވެ.

މެއި ހަވަނަ ދުވަހު ރޭ ރަައީސް ނަޝީދަށް ޓެރަރިސްޓް ހަމަލަ އަމާޒުކުރި ސަރަހައްދުގައި ރޭ ބޭއްވި ހާއްސަ ހަފްލާއެއްގައި "ޓްރެފިކް ޖޭމް" ގެ ޓީމް ވޯކަލިސްޓް ކަޔާނޯ ކިޔާފައިވާ ލަވަ ރިލީޒް ކޮށްދީފައި ވަނީ ރައީސް މުހައްމަދު ނަޝީދުގެ މަންމާފުޅު އާބިދާ މުހައްމަދެވެ.

ކަޔާނޯ ބުނީ ނަޝީދަށް އަމާޒުކުރި ހަމަލާ ކުށްވެރިކޮށް އެމަނިކުފާނަށް ޓްރިބިއުޓެއް ދިނުމަކީ ފަންނާނުން ކުރަންޖެހޭ ކަމެއް ކަމަށެވެ.

"މިއުޒިކާ އާޓް ނެތިކޮށްލުމަށް ބަޔަކު އުޅޭ އުޅުމާ ދެކޮޅުހަދައި މިއުޒިޝަނުން ދިފާއު ކޮށްދިނުމުގެ އުއްމީދަކީ އަންނި. އަންނި މަރާލުމަށް ބޮން ގޮއްވާލީމާ އަހަރަމެންގެ ވާޖިބެއް ކަމަށް ދެކެން އަހަރަމެންގެ ފަންނުން ޓްރިބިއުޓެއް ކޮށްލުމަކީ،" ކަޔާނޯ ބުންޏެވެ.

ކަޔާނޯގެ މި ލަވަ އަކީ "ބޮން" މި ނަމުގައި ކިޔާފައިވާ ލަވައެކެވެ.

ނަޝީދަށް ހާއްސަކުރެއްވި ލަވަ -

ރޭގެ ހަފްލާގައި މަޖިލީހުގެ ނައިބު ރައީސް އަދި ނަޝީދުގެ ކޮއްކޯފުޅު އީވާ އަބްދުﷲ އާއި އެމްޑީޕީގެ ޗެއާޕާސަން ހަސަން ލަތީފާއި ރައްޔިތުންގެ މަޖިލީހުގެ އެމްޑީޕީގެ ބައެއް މެންބަރުން ބައިވެރިވެވަޑައިގެންނެވި އެވެ. އެ ހުރިހާ މެންބަރުންނަކީ ވެސް ރައީސް ނަޝީދަށް ވަފާތެރި މެންބަރުންނެވެ.

އޭގެ ތެރޭގައި ވިލުފުށީ ދާއިރާގެ މެންބަރު ހަސަން އަފީފާއި މާފަންނު އުތުރު ދާއިރާގެ މެންބަރު އިމްތިޔާޒު ފަހުމީ އާއި މާފަންނު މެދު ދާއިރާގެ މެންބަރު އިބްރާހިމް ރަޝީދާއި މަޑަވެލީ ދާއިރާގެ މެންބަރު ހުސައިން ފިރުޝާނާއި ހުޅުދޫ ދާއިރާގެ މެންބަރު އިލްޔާސް ލަބީބާއި ގަލޮލު ދެކުނު ދާއިރާގެ މެންބަރު މީކާއިލް އަހުމަދު ނަސީމާއި ހެންވޭރު އުތުރު ދާއިރާގެ މެންބަރު އިބްރާހިމް މުއިއްޒު ހިމެނި ވަޑައިގަންނަވަ އެވެ.

ރައީސް ނަޝީދަށް އަމާޒުކޮށް ދިން ބޮމުގެ ހަމަލާގައި އެމަނިކުފާނަށް ފުން ޒަހަމުތަކެއް ލިބިވަޑައިގެންނެވިއިރު ޖަރުމަނުން ފަރުވާ ހޯއްދެވުމަށް ފަހު މިހާރު ހުންނަވަނީ އިނގިރޭސިވިލާތުގަ އެވެ. ރާއްޖެ ވަޑައިގަންނަވާނެ ދުވަހެއް ޔަގީނެއް ނުވެ އެވެ.

ރައީސް ނަޝީދު ވިދާޅުވެފައި ވަނީ ހަމަލާ ރާވާ ހިންގި ފަަރާތުގެ ތަހުގީގު އަދިވެސް ނުނިމޭ ކަަމަށް ފުލުހުން މައުލޫމާތު ދީފައިވާ ކަމަށެވެ. އެހެންކަމުން އެ ތަހުގީގު ނިމި އެކަމުގައި ބައިވެރިވި ފަރާތްތައް އިންސާފުގެ ކުރިމައްޗަށް ގެންދިއުމުގެ ކުރީގައި ރާއްޖެ ވަޑައިގަތުމަކީ އެމަނިކުފާނުގެ އާއިލާ އާއި އެމަނިކުފާނަށް ހެޔޮ އެދޭ ފަރާތްތަކާއި އަދި އެމަނިކުފާނު ވެސް ޖެހިލުންވެވަޑައިގަންނަވާ ކަމެއް ކަމަށެވެ.