ލައިފްސްޓައިލް

އެމެރިކާގެ އެންމެ ދިގު މީހާ ހިތުގެ ބައްޔެއްގައި މަރުވެއްޖެ

އެމެރިކާގައި ހުރި އެންމެ ދިގު މީހާގެ ރެކޯޑް އޮތް އިގޯރް ވޮވްކޮވިންސްކީ މަރުވެއްޖެ އެވެ. މިނެސޯޓާގައި ދިރިއުޅުނު އިގޯރު މަރުވިއިރު އުމުރުން 38 އަހަރެވެ.

އިގޯރުގެ މަންމަ ސްވެޓްލާނާ ވޮވްކޮވިންސްކީ އަކީ އައިސީޔޫ ނަރުހެކެވެ. އޭނާ ފޭސްބުކްގައި ޝެއާކުރި ޕޯސްޓެއްގައި އިގޯރް މަރުވި ވާހަކަ ބުނެފައި ވެއެވެ.

އިގޯރް އަކީ 1989 އިން ފެށިގެން މާޔޯ ކްލިނިކަކުން ފަރުވާ ހޯދަމުން ދިޔަ މީހެކެވެ. އޭނާގެ ސިކުނޑީގައި އިން ޓިއުމަރެއް ޕިޓުއެޓަރީ ގްލޭންޑްގައި ޖެހި ފިތޭތީ އެ ގްލޭންޑުން މާ ގިނަ އަދަދަކަށް ގްރޯތު ހޯމޯން އުފެދެނީ އެވެ. މިކަމުގެ ސަބަބުން އިގޯރް ދިގުވަމުން ގޮސް އެމެރިކާގެ އެންމެ ދިގުމީހާގެ ރެކޯޑް ވެސް އޭނާއަށް ލިބުނީ އެވެ. މަރުވިއިރު އިގޯރްގެ އިސްކޮޅުގައި ހަތް ފޫޓު 8.33 އިންޗި ހުއްޓެވެ.

އިގޯރްގެ ބޭބެ ލާޑަން ބުނި ގޮތުގައި އޭނާގެ ކޮއްކޮ 1980ގެ ފަހުކޮޅު ޔުކްރޭނަށް ޒިޔާރަތްކުރުމުން އެ ރަށުގެ މީހުން އޭނާއަށް ސެލެބްރިޓީއެއް ފަދައިން ކަންތައް ކުރި ކަމަށެވެ. ނަމަވެސް އެފަދަ މަޝްހޫރު ކަމަކަށް ވުރެ ކޮއްކޮ ބޭނުންވީ އާދައިގެ މީހެއްގެ ދިރިއުޅުން ކަމަށް ލާޑަން ބުންޏެވެ.

"ދަ ޑޮކްޓަ އޮޒް ޝޯ"ގައި ވެސް އިގޯރް ވަނީ ބައިވެރިވެފަ އެވެ. އަދި 2009ގައި އޮބާމާގެ ރެލީއެއްގައި "އޮބާމާގެ އެންމެ ބޮޑު ސަޕޯޓަރު" ޖަހާފައިވާ ޓީޝާޓެއް ލައިގެން ހުއްޓާ އޮބާމާއަށް އޭނާ ފެނިވަޑައިގެން ގޮވާ ގެންދިއުމުން ވެސް އިގޯރް ގިނަ ބަޔަކަށް ފާހަގަ ކުރެވިގެން ދިޔަ އެވެ.

އޭނާ އަރާނެ ޚާއްސަ ފައިވާނެއް ތައްޔާރުކުރުމަށް 16000 ޑޮލަރު ބޭނުން ވެގެން 2012 ވަނަ އަހަރު އިގޯރް ވަނީ އިންޓަނެޓުގައި އެހީތެރިކަމަށް އެދިފަ އެވެ. އެއީ އޭނާގެ ފައިގައި ހުންނަ އާދަޔާޚިލާފު ގަދަ ވޭނަކުން ހިނގަން އުނދަގޫވާތީ ހޯދަންބޭނުންވި ފައިވާނެކެވެ. އޭނާ ބުނި ގޮތުގައި އޭނާއަށް ހެޔޮވަރު ސައިޒުގެ ފައިވާނެއް އެއްވެސް ބަޔަކު ނުއުފައްދާތީ ފައިވާނެއް ނުލިބޭތާ އެތައް އަހަރެއް ވެއްޖެ ކަމަށެވެ.

އިގޯރް މިގޮތަށް އެދުމުން އެތައް ބަޔަކު އޭނާއަށް އެހީތެރިކަން ފޯރުކޮށްދިނެވެ. އަދި މަޝްހޫރު ބޫޓު ބްރޭންޑް ރީބޮކްއިން މުޅީން ހިލޭ އިގޯރް އަށް ބޫޓެއް ތައްޔާރުކޮށް ހަދިޔާ ކުރި އެވެ. އިގޯރްގެ ޖަނާޒާ ބާއްވާނީ އަންނަ ހޮނިހިރު ދުވަހު އެވެ.