ލައިފްސްޓައިލް

ދިރިހުރި މީހަކު މަރުވީ ކަމަށް ހީކޮށް ވަޅުލަން ފޮނުވާލައިފި

އެމެރިކާގެ އައޮވާގެ ރަށްބޭރުގައި ހުންނަ ބަލި މީހުން ބަލަހައްޓާ ތަނެއް 10،000 ޔޫއެސް ޑޮލަރުން ޖޫރިމަނާ ކޮށްފި އެވެ.

އެ ތަން ޖޫރިމަނާ ކުރީ އެ ކެއާ ހޯމުގައި އޮތް ބަލި މީހެއް މަރުވެފައިވާ ކަމަށް ބުނެ ބޮޑީބޭގަކަށް ލައި ފިއުނެރަލް ހޯމަކަށް ފޮނުވި ފަހުން އެމީހާ މަރުނުވާކަން އެނގިގެންނެވެ.

އައޮވާގެ ކަމާ ބެހޭ އިދާރާއިން ބުދަ ދުވަހު ނެރުނު ރިޕޯޓެއްގައި ބުނެފައިވާ ގޮތުގައި އާބަންޑޭލްގައި ހުންނަ ގްލެން އޯކްސް އަލްޒައިމާސް ސްޕެޝަލް ކެއާ ސެންޓަރުގައި އޮތް 66 އަހަރުގެ މި އަންހެން މީހާ މަރުވިކަމަށް ނިންމާފައިވަނީ މިދިޔަ މަހުގެ ތިންވަނަ ދުވަހު އެވެ.

މި އަންހެން މީހާ އަކީ ހަނދާންނެތޭ ބައްޔެއް ކަމަށްވާ ޑިމެންޝިއާ އާއި އެންޒައިޓީ އަދި ޑިޕްރެޝަންގެ މައްސަލަތައް ހުރެގެން މިދިޔަ އަހަރުގެ ޑިސެމްބަރު 28 އިން ފެށިގެން އެ ސެންޓަރުގައި އެޑްމިޓްކޮށްގެން ފަރުވާ ދެމުން ގެންދިޔަ މީހެކެވެ.

ޖެނުއަރީ ތިނެއްގައި އޭނާ މަރުވިކަމަށް ނިންމައި ހަށިގަނޑު ބޮޑީބޭގަކަށް ލައި ބަންދުކުރުމަށްފަހު ފިއުނެރަލް ހޯމަކަށް ވަނީ ފޮނުވާފަ އެވެ. އެތަނަށް ގެންދިޔަ ފަހުން ބޮޑީބޭގް ހެލުވޭތަން ފެނިގެން ހުޅުވާ ބެލިއިރު އެމީހާ ނޭވާ ހާސްވެގެން ތެޅި ފޮޅެނީ އެވެ. ފިއުނެރަލް ހޯމުން ވަގުތުން 911 އަށް ގުޅައި އެމީހާ ވަނީ އަލުން ހޮސްޕިޓަލަށް ގެންގޮއްސަ އެވެ.

އެ މީހާ ދެ ދުވަސް ވަންދެން ހޮސްޕިޓަލުގައި އޮތްފަހުން ފަހެއް ޖެނުއަރީގައި ވަނީ މަރުވެފަ އެވެ. އޭނާ މަރުވިއިރު އާއިލާގެ އެންމެންވެސް އޭނާގެ ކައިރީގައި ތިއްބެވެ.

އަންހެން މީހާ މަރުވިކަމަށް ފުރަތަމަ ނިންމި ކެއާ ހޯމުގެ މުވައްޒަފުންގެ ތެރެއިން އެމީހާ ބެލެހެއްޓުމުގައި އުޅުނު ނަރުހުން ބުނެފައިވާ ގޮތުގައި އެމީހާ ނޭވާ ނުލައި އަދި ވިންދު ވެސް ނެތި އެތައް އިރަކު އޮތް ފަހުން މަރުވިކަމަށް އެމީހުން ނިންމައި ބޮޑީބޭގަށް ލީއެވެ.

އެމީހާ މަރުވީ ކަމަށް ނިންމައި ބޮޑީބޭގަށް ލުމާ ދޭތެރޭ ވެސް ގަޑިއެއްހާ އިރަށް ވުރެ ގިނައިރު ވިއެވެ. އަދި ފިއުނެރަލް ހޯމަށް ގެންދަން ވެސް އެތައް ގަޑިއިރެއް ނެގި އެވެ. އެ ހުރިހާ ވަގުތުތަކުގައި ވެސް އަންހެން މީހާ އެއްގޮތަކަށް ވެސް ނޭވާ ނުލާ ކަމަށާއި ވިންދު ވެސް ނެތް ކަމަށް ކެއާ ހޯމުގެ ސްޓާފުން ބުނެފައި ވެއެވެ.

ނަމަވެސް ފިއުނެރަލް ހޯމްގައި އޮއްވާ އަންހެން މީހާ ނޭވާ ލާން ފެށުމުން އޭނާ ބޮޑީބޭގަށް ލީ މަރުނުވަނީސްކަން ވަނީ ޔަގީންވެފަ އެވެ. ކެއާ ހޯމް ޖޫރިމަނާ ކުރީ މަރުވިކަން ޔަގީން ނުކޮށް އެމީހާގެ ހަށިގަނޑު ބޮޑީބޭގަށް ލައިގެންނެވެ.