މައިކްރޮސޮފްޓްގެ ޗީފް އެގްޒެކެޓިވް އޮފިސަރު ސަތިޔާ ނަޑެއްލާގެ ދަރިފުޅު ޒޭން ނަޑެއްލާ ފާއިތުވީ ފެބްރުއަރީ 28 ވީ ހޯމަ ދުވަހު ވަނީ މި ދުނިޔެއަށް އަލްވަދާއު ކިޔާފަ އެވެ.
އުމުރުން 26 އަހަރުގެ ޒޭން އުފަންވީ އޮގަސްޓް 13، 1996 ގަ އެވެ. ޒޭން އަކީ އުފަންވީއިރުވެސް ސެރެބްރަލް ޕަލްސީ ހުރި ކުއްޖެކެވެ. މިއީ މަންމަގެ ބަނޑުގައި އޮތްއިރު ނުވަތަ ވިހެއުމަށް ފަހު ސިކުނޑިއަށް ލިބުނު ގެއްލުމެއްގެ ސަބަބުން އޭނާއަށް ދިމާވި މައްސަލައެކެވެ.
ޒޭން ދުނިޔެއަށް އަލްވަދާއު ކީ ވާހަކަ މައިކްރޮސްފްޓްގެ ސްޓާފުންނަށް އަންގަމުން ސަތިޔާ ނަޑެއްލާ އާއި އޭނާގެ އާއިލާއިން ބުނީ ޒޭން އަށް ހެޔޮ ދުއާ ކޮށްދިނުމަށާއި އާއިލާއަށް ލިބިފައިވާ ހިތާމަތަކުން އަރައިގަތުމަށް ބޭނުންވާ ޕްރައިވަސީ ދިނުމަށެވެ.
ޚާއްސަ އެކި މުނާސަބަތުތަކުގައި ނަޑެއްލާ ވަނީ އޭނާގެ ދަރިފުޅު ޒޭންގެ ވާހަކަ ވަރަށް ލޯތްބާއެކު ކިޔައިދީފަ އެވެ. އަދި ޒޭން ކަހަލަ ޚާއްސަ ކުއްޖެއްގެ ބައްޕައަކަށް ވުމުގެ ޝަރަފު ލިބުމުން ޚުދް އޭނާއަށް ރަނގަޅު ހެޔޮ ބަދަލެއް އަންނަން މެދުވެރިވީ ކަމަށް ވެސް ބުނެފައި ވެއެވެ.
އަދި އެހެން މީހުންނަށް ހަމްދަރުދީވުމަށާއި އެހެން މީހުންގެ އިހްސާސްތައް ދެނެގަންނަން ދަސްކޮށް ދިނީ ދަރިފުޅު ޒޭން ކަމަށް ނަޑެއްލާ ބުނެފައި ވެއެވެ.
ޒޭން ކަހަލަ ގުދުރަތުން ޚާއްސަ ކަމެއް ލިބިފައިވާ ކުދިންނަށްގެ ހަޔާތުގެ ދަތުރު ރަނގަޅަށް ދަސްވުމުގެ ފުރުސަތު ނަޑެއްލާ އަށް ލިބުނީ ވެސް ޒޭން ގޮވައިގެން ގިނަ ދުވަސްތަކަކު އުޅުމުންނެވެ. މިއީ އާ ޚިޔާލުތައް ކުރެވި އެހެން މީހުންނާ ދޭތެރޭގައި އޭނާގެ ހިތުގައި ހަމްދަރުދީ އާއި ކުލުނު އުފެދި ދިރިއުޅުމުގެ ފަލްސަފާ ދެނެގަތުމުގެ ޝައުގުވެރިކަން އިތުރުކުރުވި ކަމަކަށް ވެސް ނަޑެއްލާ އަށް ވީކަމަށް އޭނާ އެކި ފަހަރު މަތިން ކިޔައިދީފައި ވެއެވެ.
"ޚާއްސަ އެހީއަށް ބޭނުންވާ މީހުންގެ ހާލަތު ރަނގަޅަށް ދެނެގަންނަން އެހީއަކަށްވީ ޒޭން،" ނަޑެއްލާ ބުނެފައި ވެއެވެ.
ނަޑެއްލާ 54، އާއި އޭނާގެ އަންހެނުން އަނޫއާ ކައިވެނި ކުރިއިރު ނަޑެއްލާއަށް 29 އަހަރެވެ. އަނޫ އަށް 25 އަހަރެވެ. ފުރަތަމަ ދަރިފުޅު ޒޭން އަށް އަނޫ ބަނޑުބޮޑުވީއިރު އެމީހުން ދިރިއުޅެމުން ދިޔައީ އެމެރިކާގެ ވޮޝިންޓަން ސްޓޭޓްގެ ސީޓެލްގައި ހުންނަ މައިކްރޮސޮފްޓް ކެމްޕަސްގައި ހުރި ކުލީ އެޕާޓްމަންޓެއްގަ އެވެ.
އަނޫ ބަނޑަށް 36 ހަފުތާގައި އެމީހުންނަށް އާދަޔާޚިލާފު ކަމެއް ފާހަގަ ކުރެވުނެވެ. އެކަށީގެންވާ ވަރަށް ބޭބީ ހަރަކާތް ނުކުރާ ކަމެވެ. އެމީހުން ހޮސްޕިޓަލަށް ގޮސް އަވަހަށް ފަރުވާ ހޯދަން ފެށި އެވެ. އަދި އޭގެ އަނެއް ދުވަހު ސިޒޭރިއަން ހަދައިގެން ބޭބީ ނެގި އެވެ. ނަޑެއްލާ ބުނި ގޮތުގައި ބޭބީ ނެގިފަހުން ވެސް އެއްގޮތަކަށް ވެސް ނުރޮޔެވެ.
ނަޑެއްލާ ބުނި ގޮތުގައި ޒޭން ގެންގުޅެ ބޮޑުކުރުމުގައި އޭނާގެ އަންހެނުން އަނޫގެ ދައުރު ބޮޑެވެ. އަނޫ އަކީ ފެށުނީއްސުރެ ވެސް އެހެން މީހުންނަށް ވަރަށް ހަމްދަރުދީވާ އޯގާތެރި މީހެއް ކަމަށާއި ޒޭން ކަހަލަ ޚާއްސަ ކުއްޖެއްގެ މަންމައެއްގެ ގޮތުގައި އަނޫ ފެނިގެން ދިޔައީ އަޖައިބުވާ ވަރުގެ އަންހެނެއްގެ ގޮތުގައި ކަމަށެވެ.
"ޚާއްސަ ކުއްޖެއް ލިބުނީތީ އަނޫ ދުވަހަކުވެސް ޝަކުވާއެއް ނުކުރޭ. އޭނަ ބޭނުންވާ އެއްވެސް ކަމެއް އަނޫ ނުކުރޭ. އޭނާ އަބަދުވެސް ކުރާނީ ޒޭން ބޭނުންވާ ކަންތައްތައް. އަބަދުވެސް ޒޭން އަށް އެންމެ ރަނގަޅަށް ފަރުވާކޮށް އޭނާއަށް އެންމެ ރަނގަޅަށް ކޮށްދެވޭނީ ކޮން ކަމެއްތޯ އަބަދުވެސް ބަލާނީ. އެފަދަ ކުއްޖެއްގެ އަހަރެމެންނަށް ލިބުނީ ކީއްވެތޯ ސުވާލުކުރުމުގެ ބަދަލުގައި ޒޭންގެ ވޭން އޭނާއަށް ވުރެ ކުރެން އަނޫ އަށް އިހްސާސް ކުރެވުނު،" ނަޑެއްލާ ކިޔައިދިނެވެ.
ނަޑެއްލާ ބުނި ގޮތުގައި ޒޭންގެ އެންމެ ޅަފަތުގެ ދުވަސްތަކުގައި އަނޫ ކަންތައްތައް ކުރަމުންދިޔަ ގޮތުން ވެސް އޭނާއަށް ވަރަށް ގިނަ ކަންތައްތަކެއް ދަސްވި އެވެ.
"އަނޫ އަހަންނަށް ވިސްނައިދިން އޭނާއަށް ނުވަތަ އަހަންނަށް ކަމެއް ވެގެންނެއް ނޫނޭ މިއުޅެނީ. ޒޭން އަށް ކަމެއް ދިމާވެގެންނޭ މި އުޅެނީ. މައިންބަފައިންގެ ހައިސިއްޔަތުން އަހަރެމެންގެ ކަމެކޭ 'ކީއްވެހޭ އަހަރެމެންނަށް މި ކަހަލަ ކުއްޖެއް ލިބެންވީ' ސުވާލު ނުކުރުމަކީ. އޭގެ ބަދަލުގައި ޒޭންއަށް ވީހާވެސް ރަނގަޅު ދިރިއުޅުމެއް ހޯދައިދޭން މަސައްކަތް ކުރަމާހޭ،" އަންހެނުންނަށް ވަރަށް ބޮޑަށް ތައުރީފުކުރަމުން ނަޑެއްލާ ބުންޏެވެ.
ޒޭން އާއެކު މައިކްރޮސޮފްޓްގެ ސީއީއޯ މި ކުރި ދިގު ދަތުރުން އޭނާގެ ހިތުގައި މިފަދަ ޚާއްސަ ކުދިންނަށް އުފެދުނު ހަމްދަރުދީގެ ނަތީޖާއެއްގެ ގޮތުން މައިކްރޮސޮފްޓް އަކީ އެންމެންނަށް ޚާއްސަކޮށް ޒޭން ކަހަލަ ޚާއްސަ އެހީއަށް ބޭނުންވާ ކުދިންނަށާއި މީހުންނަށް ފަސޭހައިން ބޭނުން ކުރެވޭ އެއްޗަކަށް ހެދޭތޯ ނަޑެއްލާ ގިނަ ގުނަ މަސައްކަތްތަކެއް ކޮށްފައި ވެއެވެ.
ނަޑެއްލާ ބުނި ގޮތުގައި ޒޭން އަކި އެ އާއިލާގެ އުފަލެވެ. އޭނާގެ ހިތްވަރާއި އެކުވެރި މިޒާޖުން ވަރަށް ގިނަ ކަންތައްތައް ދަސްވެ އަދި ގިނަ ކަންތައްތަކެއް ކުރަން ހިތްވަރު ލިބުނެވެ.
ނަމަވެސް ޒޭންގެ ހަޔާތުގެ ދަތުރަކީ އޭނާއަށް ފަސޭހައަށް ދަތުރެއް ނޫނެވެ. ދުނިޔޭގެ އެންމެ މުއްސަނދި ބިލިއަނަރުގެ ދަރިއަކަށް ވިޔަސް އޭނާއަށް ދިރިއުޅެން ފަސޭހައެއް ނުވި އެވެ. ޒޭން މަރުވީ އޭނާގެ ބަލީގެ ސަބަބުން ދިމާވި ތަފާތު މައްސަލަތަކަށް ފަރުވާ ދެމުން ދަނިކޮށެވެ.