ށ. ޅައިމަގުގައި ކުޑަ ކުއްޖަކު ރަހީނުކޮށް އަނިޔާކުރި މައްސަލައިގައި ތިން މީހަކު ހައްޔަރު ކޮށްފި އެވެ.
ފުލުހުންގެ މީޑިއާ އޮފިޝަލަކު އަވަސް އަށް މިއަދު ވިދާޅުވީ ހައްޔަރު ކުރީ 26 އަހަރުގެ ދެ ފިރިހެނެކާއި، 31 އަހަރުގެ ފިރިހެނެއް ކަމަށެވެ. އަދި އެމީހުން ހައްޔަރު ކުރީ އިއްޔެ ޅައިމަގުން ކަމަށެވެ. އިތުރު ތަފްސީލެއް ނުދެ އެވެ.
ސަތާރަ އަހަރުގެ ފިރިހެން ކުއްޖަކު ޅައިމަގުގައި ރަހީނު ކުރި މައްސަލައެއް ފުލުހަށް ރިޕޯޓް ކޮށްފައި ވަނީ އިއްޔެ އެވެ.
ޅައިމަގުން ވާހަކަ ދެއްކި ބައެއް މީހުން ވަނީ އެ ހާދިސާގެ ބައެއް ތަފުސީލްތައް އާންމު ކޮށްފަ އެވެ. އެ ރަށުން ވާހަކަ ދެއްކި އެކަކު ނަން ނުޖަހަން ޝަރުތުކޮށް އަވަސް އަށް ކިޔައިދިން ގޮތުގައި އެ ހާދިސާ ހިނގާފައި ވަނީ މި މަހުގެ 22 ވަނަ ދުވަހުގަ އެވެ. އެދުވަހުގެ ރޭ 17 އަހަރުގެ ކުއްޖަކު ދެ އަތާއި ދެ ފައި ބަނދެފައި އޮއްވާ ފެނުނު ކަމަށެވެ. ފެނުނީ އެ ރަށުގައި ހުންނަ އުރީދޫ އެންޓަނާ ސަރަހައްދުން ކަމަށެވެ.
އޭނާ ކިޔާދިން ގޮތުގައި ކުއްޖާގެ އަނގަމަތީގައި އޮތީ ޓޭޕް އަޅާފަ އެވެ. އަދި ބޭރު ފުށުން އަނިޔާ ކޮށްފައި ހުރި ކަމުގެ ނިޝާންތައް ފެންނަން ހުރި ކަމަށެވެ. ކުއްޖާ ރަހީނު ކުރީ ކޮން އިރަކު ކަމެއް އަދި ކީއްވެ ކަމެއް ސާފެއް ނޫނެވެ.
ޅައިމަގު ކައުންސިލް ގެ ރައީސް އާދަމް އަޒްމީރް ވެސް ވިދާޅުވީ އެފަދަ ހާދިސާއެއް ހިނގައިގެން އުޅޭ ކަމަށެވެ. އަދި ފުލުހުންނާއި ޖެންޑާއިން އެ މައްސަލަ ބަލަމުން ގެންދާ ކަމަށެވެ. ހާދިސާގެ މާބޮޑު ތަފްސީލެއް ހިއްސާ ކުރެވެން ނެތް ކަމަށް ވިދާޅުވި އެވެ.