ހުޅުމާލެ

ސިޓީ ކައުންސިލްގެ ދަށަށް ހުޅުމާލެ ގެންދަން ގާނޫނީ ހުރަހެއް ނެތް: ނިޔާޒް

މާލެ ސިޓީ ކައުންސިލްގެ އިހްތިސޯސްގެ ތެރެއަށް ހުޅުމާލެ ބަދަލު ކުރަން ގާނޫނީ ހުރަސްތަކެއް ހުރިކަމަށް ގަބޫލު ނުކުރައްވާ ކަމަށް ހުޅުމާލެ ދާއިރާގެ މެމްބަރު އަލީ ނިޔާޒް ވިދާޅު ވެއްޖެ އެވެ.

ލާމަރުކަޒީ ކޮމިޓީގެ މުގައްރިރުކަން ވެސް ކުރައްވަމުންދާ އެމްޑީޕީގެ މެމްބަރު އަލީ ނިޔާޒް އެފަދައިން ވިދާޅުވީ ބިމާބެހޭ ގާނޫނަށް ސަރުކާރުން ހުށަހެޅި އިސްލާހުގެ ބިލަށް މިއަދު މަޖިލީހުގައި ކުރި ބަހުސްގައި ވާހަކަފުޅު ދައްކަވަމުން ނެވެ.

އޭނާ އެފަދައިން ވިދާޅުވި އިރު މާލެ ސިޓީ ކައުންސިލްގެ އިހްތިސޯސްގެ ތެރެއަށް ހުޅުމާލެ ބަދަލު ކުރެވޭނީ ގާނޫނުތަކަކަށް ބަދަލު ގެނެސްގެން ކަމަށް މިދިޔަ ހޯމަ ދުވަހު ސަރުކާރުން ވަނީ ބުނެފަ އެވެ. އަދި އެޗްޑީސީގައި މުނިސިޕަލް ހިދުމަތްތަކަށް އޮތް ބަޖެޓް ސިޓީ ކައުންސިލަށް މިވަގުތު ކުއްލިއަކަށް ބަދަލު ކޮށްލުމަކީ ގާނޫނީ ގޮތުން ކުރެވޭނެ ކަމެއް ނޫން ކަމަށް ވެސް ބުންޏެވެ.

ނިޔާޒް ވިދާޅުވީ ހުޅުމާލޭގެ ރައްޔިތުންނާ ބައްދަލުކުރަން މާލޭ ސިޓީ ކައުންސިިލުން ބޭއްވި ބައްދަލުވުމުގައި އޭނާ ބައިވެރިވެޑައިގެންނެވި ކަމަށެވެ. އަދި އެ ބައްދަލުވުމުގައި އޭނާގެ ކިބައިން ދެތިން ކަަމަށް މާލޭގެ މޭޔަރު ޑރ. މުހައްމަދު މުއިއްޒު އެދިވަޑައިގެންނެވި ކަމަށެވެ.

އެގޮތުން ސިޓީ ކައުންސިލްގެ ދަށަށް ހުޅުމާލެ ބަދަލު ކުރަމަށް ގާނޫނުގެ ތެރެއިން ގެންނަން ޖެހޭ ބަދަލުތައް ގެނައުމުގެ އެހީތެރިކަމަށް މުއިއްޒު އެދިވަޑައިގެންނެވި ކަމަށެވެ.

"އެހެން ނަމަވެސް ގާނޫނަށް ބަދަލުގެންނަން ޖެހޭ ހިސާބަށް ދިޔަ ކަމަށް އަޅުގަނޑު ގަބޫލެއް ނުކުރަން. ރަނގަޅު ހުޅުމާލޭގެ އިހުތިސޯސް ކަނޑައެޅިފައި އެބައޮތް. އެ ގެޒެޓް ވެސް ކުރެވިފައި އެބައޮތް. އެ އޮތީ މާލޭ ސިޓީގެ އިހުތިސޯސްގެ ތެރޭގައި. އެ އިހުތިސޯސްގެ ތެރޭގައި އޮތް ތަނެއްގެ މައްޗަށް ބާރު ނުހިނގާ ކަމުގެ ޝަކުވާ ރައްޔިތުންނާ ކައުންސިލުން ކުރާކަން އެނގޭ. އެކަން ހައްލު ކުރުމަށްޓަކައި ކައުންސިލްތަކުން މަސައްކަތްތަކެއް ވެސް އެބަ ކުރޭ. އެ މަސައްކަތަށް މިހާތަނަށް ކުރިއެރުމެއް ލިބިފައި ނުވާކަން އެނގޭ" މުއިއްޒު ވިދާޅުވި އެވެ.

ލާމަރުކަޒީ ގާނޫނަށް ބަލައި ނިޔާޒް އެދިވަޑައިގެންނެވީ ހުޅުމާލޭގެ މުނިސިޕަލް ހިދުމަތް ސިޓީ ކައުންސިލަށް ދޭށެވެ. ނަމަވެސް ސިޓީ ކައުންސިލުން އެ ހިދުމަތް ދޭން ބަޖެޓުގެ ދަތިކަން ކުރިމަތި ވެއެވެ.

"އެކަން ކުރުމަށްޓަކައި ސިޓީ ކައުންސިލްގަިއ މިވަގުތު ބަޖެޓެއް ނެތް. ސިޓީ ކައުންސިލްގައި އޮތީ މުނިސިޕަލް ހިދުމަތް ދިނުމަށްޓަކައި 17 މިލިއަން ރުފިޔާ. އެހެން ނަމަވެސް ހަމައެކަނި ހުޅުމާލޭގައި މުނިސިޕަލް ހިދުމަތް ދިނުމަށް 70 މިލިއަން ރުފިޔާ އެބަ ބޭނުންވޭ. މިހާރު ދައުލަތުގެ ބަޖެޓުގައި އެބައެއް ނެތް." އަލީ ނިޔާޒް ވިދާޅުވި އެވެ.

އަލީ ނިޔާޒް ދެކެވަޑައިގަންނަވާ ގޮތުގައި އޮތް ހައްލަކީ އެޗްޑީސީން މާލޭ ސިޓީ ކައުންސިލާއެކު އެއްބަސްވުމަކަށް ގޮސް މިއަހަރުގެ ނިޔަލަށް ފޯރުކޮށްދޭން ޖެހޭ މުނިސިޕަލް ހިދުމަތް ސިޓީ ކައުންސިލުން ފޯރު ކޮށްދިނުމެވެ. އެ ހިޔާލު މާލޭގެ މޭޔަރާ ވެސް އޭނާ ހިއްސާ ކުރެއްވި އެވެ.

ހަމަ އެހެންމެ އެ މައްސަލައަށް ދާއިމީ ހައްލެއް ހޯދުމަށް މާލޭ ސިޓީ ކައުންސިލަށް ބެޖެޓު ހޯދަން ޖެހޭކަން އޭނާ ފާހަގަ ކުރެއްވި އެވެ. އަދި އެކަމަށް ބޭނުންވާ ފައިސާ އަންނަ އަހަރުގެ ސިޓީ ކައުންސިލްގެ ބަޖެޓުގައި ހިމަނަން މަސައްކަތް ކޮށްދެއްވާނެކަމުގެ ޔާގިންކަން އޭނާ ދެއްވި އެވެ.

އެޗްޑީސީން ދޭން ޖެހޭ ހިދުމަތްތައް ރަނގަޅަށް ނުދެވޭ ކަމަށް ބުނެ އެޗްޑީސީގެ ދަށުން ހުޅުމާލެ ނެގުމަށް ފަހު ސިޓީ ކައުންސިލްގެ ދަށަށް ބަދަލު ކުރަން ބޭނުންވާ ކަމަށް ބުނެ ހުޅުމާލޭގައި ދިރިއުޅޭ 1800 މީހުންގެ ސޮޔާއެކު މާލޭގެ މޭޔަރަށް ދާދި ފަހުން ވަނީ ޕެޓިޝަނެއް ވެސް ހުށަހަޅާފަ އެވެ.

ރައީސް އޮފީހުގެ ތަރުޖަމާނު މަބްރޫކް އަބްދުލް އަޒީޒް ވިދާޅުވީ ހުޅުމާލޭގެ މުނިސިޕަލް ހިދުމަތްތައް ސިޓީ ކައުންސިލަށް ބަދަލު ކުރުމަށްޓަކައި މަޝްވަރާ ކުރައްވަންޖެހޭ ފަރާތްތަކާއެކު ރައީސް އިބްރާހިމް މުހައްމަދު ސޯލިހު މަޝްވަރާ ކުރައްވަމުން ގެންދަވާ ކަމަށެވެ.