ހުޅުމާލެ

ހުޅުމާލޭގައި އިންޓަނޭޝަނަލް ސްކޫލެއް އަޅަން ކުވެއިތުގެ ކުންފުންޏަކަށް

ހުޅުމާލޭގައި އިންޓަނޭޝަން ސްކޫލެއް އަޅައި ހިންގަން ކުވެއިިތުގެ އަލްޖެރީ ހޯލްޑިން ގްރޫޕާ ހަވާލު ކޮށްފި އެވެ.

މިއަދު އެޑިއުކޭޝަން މިނިސްޓްރީގައި ބޭއްވި ރަސްމިއްޔާތެއްގައި އެކަމާ ގުޅޭ އެއްބަސްވުމެއްގައި ވަނީ ސޮއި ކޮށްފަ އެވެ.

އެ އެއްބަސްވުމުގައި އެޑިއުކޭޝަން މިނިސްޓްރީގެ ފަރާތުން ސޮއި ކުރެއްވީ މިނިސްޓަރ ޑރ. އައިޝަތު އަލީ އެވެ. އަދި އަލްޖެރީ ހޯލްޑިންގ ގްރޫޕްގެ ފަރާތުން ސޮއި ކުރެއްވީ ކުންފުނީގެ ޗެއާމަން ތޮލާލް ހަލީފާ އަލްޖެރީ އެވެ.

އެ ސްކޫލް އިމާރާތް ކުރަނީ ހުޅުމާލޭގެ ފުރަތަމަ ފޭހުގަ އެވެ. ފައުންޑޭޝަން ސްޓޭޖުން ފެށިގެން ގްރޭޑް 12 އާ ހަމައަށް އެ ސްކޫލުގައި ކިޔަވައިދޭނީ އިނގިރޭސި މީޑިއަމަށެވެ. އަދި އަރަބި ބަސް ވެސް އެ ސްކޫލުގައި ކިޔަވައި ދޭނެ އެވެ.

އެ ސްކޫލުގައި ކިޔަވައިދޭން ފަށަން ނިންމާފައި ވަނީ ދެ ފޭހަކަށް ބަހާލައިގެނެވެ. އަދި ފުރަތަމަ ފޭސްގައި އަންނަ ދިރާސީ އަހަރު ފެށޭއިރު ކިޔަވައިދޭން ފެށޭވަރު ވާނެ ކަމަށް މިނިސްޓްރީން ބުނެ އެވެ. އަދި ދެވަނަ ފޭސްގައި 2023 ވަނަ އަހަރުގެ ދިރާސީ އަހަރާއެކު ކިޔެވުން ފަށާނެ އެވެ.

ގާތްގަނޑަކަށް 1200 ދަރިވަރުންގެ ޖާގައިގެ މި ސްކޫލް އިމާރާތް ކުރާނީ ރާއްޖޭގެ ކުންފުންޏަކާ ހަވާލު ކޮށްގެން ކަމަށާއި އެ އިމާރާތް ބަޔަކާ ހަވާލު ކުރުމަށް މިހާރު މަޝްވަރާތައް ވެސް ކުރަމުން ގެންދާކަމަށް މިނިސްޓްރީން ބުންޏެވެ.

އަލްޖެރީ ހޯލްޑިން ގްރޫޕުން ކުވެއިތުގައި އިންޓަނޭޝަނަލް ސްކޫލެއް 20 ހިންގައެވެ.