ރާއިފް މަރާލުން

ކުއްޖާގެ މަރު: އަޑުއެހުންތައް މާދަމާ ފަށަނީ

Aug 25, 2021

މަރާލުމަށްފަހު އެއްލާލާފައި އޮއްވާ ފެނުނު އުމުރުން 13 އަހަރުގެ ކުއްޖާގެ މަރުގެ މައްސަލައިގެ އިބްތިދާއީ އަޑުއެހުންތައް މާދަމާ ފަށަން ތާވަލްކޮށްފި އެވެ.

ކުއްޖާގެ މަރާ ގުޅިގެން ދައުލަތުން ދައުވާކޮށްފައި ވަނީ ދެ މީހެއްގެ މައްޗަށެވެ އެއީ ނ. ލަންދޫ، ބަގީޗާގޭ، އިބްރާހިމް ޒިހާން (27)، އަދި 17 އަހަރުގެ ކުއްޖަކަށެވެ.

ޒިހާންގެ މައްޗަށް 13 ދައުވާއެއް ވަނީ އުފުލާފަ އެވެ. އެއީ ގަސްތުގައި މީހަކު މެރުމުގެ ކުށުގެ ދައުވާ އާއި ކުޑަކުއްޖެއްގެ ހަށިގަނޑުގައި ޖިންސީ ނިޔަތެއް އޮވެގެން ގަސްދުގައި އަތްލުމުގެ ފަސް ދައުވާ، ކުޑަކުއްޖަކަށް މަސްތުވާއެއްޗެއް ދީގެން އެ ކުއްޖާއާއެކު، މީހަކު ޖިންސީ އަމަލެއް ހިންގުމުގެ ކުށުގެ ދައުވާ، ކުޑަކުއްޖަކަށް ޖިންސީ ގޯނާކުރުމަށްޓަކައި އެކުއްޖާ ގްރޫމްކުރި ކުށުގެ ދައުވާ، ހުއްދަނޫން ގޮތުގައި މީހަކު ހިފެހެއްޓުމުގެ ކުށުގެ ދައުވާ، މައްޔިތާގެ ބޭނުން ނަހަމަ ގޮތުގައި ކުރުމުގެ ކުށުގެ ދައުވާގެ އިތުރުން ޖިނާއީ ކުށެއް ކުރުމުގައި ކުޑަކުއްޖަކު ބޭނުންކުރުމުގެ ކުށުގެ ތިން ދައުވާ އެވެ.

މި ދައުވާތައް ޒިހާންގެ މައްޗަށް ސާބިތުވެއްޖެ ނަމަ ގާތްގަނޑަކަށް 100 އެއްހާ ދުވަހުގެ ޖަލު ހުކުމެއް އަންނާނެ ކަމަށް ޕްރޮސެކިއުޓާ ޖެނެރަލް ހުސެން ޝަމީމް ވަނީ ވިދާޅުވެފަ އެވެ.

މި މައްސަލައިގައި 17 އަހަރުގެ ކުއްޖާއަށް ވެސް ވަނީ ތިން ދައުވާއެއް އުފުލާފަ އެވެ. އެއީ ގަސްދުގައި މީހަކުމެރުމުގެ ކުށުގެ ދައުވާ އާއި ހުއްދަނޫން ގޮތުގައި މީހަކު ހިފެހެއްޓުމުގެ ކުށުގެ ދައުވާ އަދި މައްޔިތާގެ ބޭނުން ނަހަމަ ގޮތުގައި ކުރުމުގެ ކުށުގެ ދައުވާ އެވެ.

މި މައްސަލައިގެ އަޑުއެހުންތައް ކުރިއަށް ގެންދާނީ ސިއްރުންނެވެ.