މޯލްޑިވްސް ޕޮލިސް ސާވިސް

ޅައިމަގު ރަހީނު: ތިން މީހުން ބަންދަށް 15 ދުވަސް

ށ. ޅައިމަގުގައި ކުޑަ ކުއްޖަކު ރަހީނުކޮށް އަނިޔާކުރި މައްސަލައިގައި ހައްޔަރުކުރި ތިން މީހުން 15 ދުވަހަށް ބަންދު ކުރަން ނިންމައިފި އެވެ.

ކުޑަ ކުއްޖާ ރަހީނުކުރި މައްސަލާގައި ހައްޔަރު ކުރީ 26 އަހަރުގެ ދެ ފިރިހެނެކާއި، 31 އަހަރުގެ ފިރިހެނެއް ކަމަށެވެ. އަދި އެމީހުން ހައްޔަރު ކުރީ ވެސް ޅައިމަގުން ނެވެ.

ފުލުހުންގެ މީޑިއާ އޮފިޝަލަކު އަވަސްއަށް ވިދާޅުވީ މި ތިން މީހުންގެ ބަންދުގެ މުއްދަތު ޖަހަން ށ. ފީވަކުގެ މެޖިސްޓްރޭޓް ކޯޓަށް އިއްޔެ ހާޒިރު ކުރި ކަމަށެވެ. އަދި ކޯޓުން ތިން މީހުންގެ ބަންދަށް ވެސް 15 ދުވަސް ދިން ކަމަށެވެ.

ސަތާރަ އަހަރުގެ ފިރިހެން ކުއްޖަކު ޅައިމަގުގައި ރަހީނު ކުރި މައްސަލައެއް ފުލުހަށް ރިޕޯޓް ކޮށްފައި ވަނީ މިމަހުގެ 24 ވަނަ ދުވަހުގަ އެވެ.

ޅައިމަގުން ވާހަކަ ދެއްކި ބައެއް މީހުން ވަނީ އެ ހާދިސާގެ ބައެއް ތަފުސީލްތައް އާންމު ކޮށްފަ އެވެ. އެ ރަށުން ވާހަކަ ދެއްކި އެކަކު ނަން ނުޖަހަން ޝަރުތުކޮށް އަވަސް އަށް ކިޔައިދިން ގޮތުގައި އެ ހާދިސާ ހިނގާފައި ވަނީ މި މަހުގެ 22 ވަނަ ދުވަހުގަ އެވެ. އެދުވަހުގެ ރޭ 17 އަހަރުގެ ކުއްޖަކު ދެ އަތާއި ދެ ފައި ބަނދެފައި އޮއްވާ ފެނުނު ކަމަށެވެ. ފެނުނީ އެ ރަށުގައި ހުންނަ އުރީދޫ އެންޓަނާ ސަރަހައްދުން ކަމަށެވެ.

އޭނާ ކިޔާދިން ގޮތުގައި ކުއްޖާގެ އަނގަމަތީގައި އޮތީ ޓޭޕް އަޅާފަ އެވެ. އަދި ބޭރު ފުށުން އަނިޔާ ކޮށްފައި ހުރި ކަމުގެ ނިޝާންތައް ފެންނަން ހުރި ކަމަށެވެ. ކުއްޖާ ރަހީނު ކުރީ ކޮން އިރަކު ކަމެއް އަދި ކީއްވެ ކަމެއް ސާފެއް ނޫނެވެ.

ޅައިމަގު ކައުންސިލް ގެ ރައީސް އާދަމް އަޒްމީރް ވެސް ވިދާޅުވީ އެފަދަ ހާދިސާއެއް ހިނގައިގެން އުޅޭ ކަމަށެވެ. އަދި ފުލުހުންނާއި ޖެންޑާއިން އެ މައްސަލަ ބަލަމުން ގެންދާ ކަމަށެވެ.