މިނިސްޓްރީ އޮފް ޖެންޑާ އެންޑް ފެމިލީ

ޅައިމަގު ރަހީނު: ކުއްޖާ ދައުލަތަށް ނަގާ ހާލަތެއް ނެތް

Aug 28, 2021

ށ. ޅައިމަގުގައި ރަހީނުކުރި 17 އަހަރުގެ ކުއްޖާ ދައުލަތުގެ ބެލުމުގެ ދަށަށް ގެންދަންޖެހޭ ހާލަތެއް ނެތުމުން އެ ކުއްޖާ ހުރީ ދައުލަތުގެ ބެލުމުގެ ދަށުގައި ނޫން ކަމަށް ޖެންޑާ މިނިސްޓްރީން ބުނެފި އެވެ.

ޅައިމަގުގައި ކުއްޖަކު ރަހީނު ކުރި މައްސަލާގައި އަވަސް އިން ލިޔުމުން ފޮނުވި ސުވާލުތަކެއްގެ ޖަވާބުގައި ޖެންޑާ މިނިސްޓްރީން ބުނީ އެއީ އެއްވެސް އިރަކު ޖެންޑާ މިނިސްޓްރީގެ ބެލުމުގެ ދަށުގައި ހުރި ކުއްޖެއް ނޫން ކަމަށެވެ.

ރަހީނު ކުރި މައްސަލަ ފުލުހަށް ރިޕޯޓް ކޮށްފައި ވަނީ މިމަހުގެ 24 ވަނަ ދުވަހުގަ އެވެ.

ޖެންޑާ މިނިސްޓްރީން ބުނީ އެ މިނިސްޓްރީ އަށް ޅައިމަގުގައި ކުޑަކުއްޖަކު ރަހީނުކޮށް އަނިޔާކުރި ކަމަށް ބުނެ ރިޕޯޓް ކޮށްފައި ވަނީ އެފަދަ މައްސަލަތައް ރިޕޯޓް ކުރުމަށް ގާއިމު ކޮށްފައިވާ 1412 ނަންބަރަށް ގުޅައި މިމަހުގެ 25 ވަނަ ދުވަހުގެ ރޭގެ ވަގުތެއްގައި ކަމަށެވެ.

"އެހިސާބުން ފެށިގެން ކުއްޖާއަށް ލިބިދޭންޖެހޭ އިޖުތިމާއީ ހިދުމަތްތައް ފޯރުކޮށްދިނުމުގެ މަސައްކަތް އެ އަތޮޅުގެ އަތޮޅު ފެމިލީ އެންޑް ޗައިލްޑް ޕްރޮޓެކްޝަން ސާވިސް [އެފްސީއެސްސީ] އިން ގެންދަނީ ފޯރުކޮށް ދެމުންނެވެ،" ޖަވާބުގައިވެ އެވެ.

ކުއްޖާގެ މައްސަލަ މިނިސްޓްރީގެ ސަމާލުކަމަށް އައިސްފައިވާތީ އެ ކުއްޖާގެ ހާލަތު ވަޒަންކުރުމުގެ ގޮތުން ކުރަންޖެހޭ ކަންކަން ގަވާއިދުން ކުރަމުން ގެންދާނެ ކަމުގެ ޔަގީންކަން ވެސް ދީފައިވެ އެވެ. ރަހީނުކުރި ކުއްޖާ އަކީ ޅައިމަގާއި ށ. އަތޮޅުގައި ގާއިމުކޮށްފައިވާ އެފްސީއެސްސީގައި ހިގަމުން ދިޔަ އެއްވެސް އިންޓަވެންޝަން އެއްގައި ހިމެނިގެން އެއްވެސް އިޖުތިމާއީ ހިދުމަތެއް ފޯރުކޮށްދެމުން ގެންދިޔަ ކުއްޖެއް ނޫން ކަންވެސް ފާހަގަކޮށްފައިވެ އެވެ.

"އަދި އިޖުތިމާއީ އިތުރު އަޅާލުމެއް ބޭނުންކަމުގައި ވެއްޖެ ހާލަތެއްގައި އެފަދަ ރައްކާތެރިކަމަށް އެދުމަށް ކަންކުރަންޖެހޭ ގޮތް ކުއްޖާއާއި ބެލެނިވެރިޔާއާ ވަނީ ހިއްސާކޮށްފަ އެވެ." ޖެންޑާ މިނިސްޓްރީން ބުނެފައިވެ އެވެ.

ޅައިމަގުގައި ރަހީނުކުރި 17 އަހަރުގެ ކުއްޖާ އަކީ ޖެންޑާ މިނިސްޓްރީން މީގެކުރިން އެހީތެރިކަން ފޯރުކޮށްދީފައިވާ ކުއްޖެއް ނޫން ކަމަށް އެ މިނިސްޓްރީން ބުނި ނަމަވެސް ޅައިމަގުގެ ބައެއް މީހުން ބުނާ ގޮތުގައި އެ ކުއްޖާގެ މައްސަލަތަކެއް ކުރިން ވެސް މިނިސްޓްރީގެ ސަމާލުކަމަށް ގެނެސްފައިވެ އެވެ.

ޅައިމަގުގައި މިމަހުގެ 23 ވަނަ ދުވަހުގެ ރޭގަނޑުގެ ވަގުތެއްގައި 17 އަހަރުގެ ކުއްޖާ ރަހީނުކޮށް އަނިޔާކުރި މައްސަލާގައި މިހާރު ވަނީ ތިން މީހުން ހައްޔަރުކޮށްފަ އެވެ. އެގޮތުން ހައްޔަރު ކުރީ 26 އަހަރުގެ ދެ ފިރިހެނެކާއި، 31 އަހަރުގެ ފިރިހެނެކެވެ. ޅައިމަގުން އެ ތިން މީހުން ހައްޔަރުކޮށް ށ. ފީވަކު މެޖިސްޓްރޭޓް ކޯޓުން މިމަހުގެ 25 ވަނަ ދުވަހު ވަނީ އެ މީހުންގެ ބަންދަށް 15 ދީފަ އެވެ.