މޯލްޑިވްސް ޕޮލިސް ސާވިސް

ޅައިމަގުގައި ކުއްޖަކު ރަހީނުކޮށް އަނިޔާކޮށްފި

ށ. ޅައިމަގުގައި ކުޑަ ކުއްޖަކު ރަހީނުކޮށް އިނިޔާކުރި މައްސަލައެއް ފެންމަތިވެއްޖެ އެވެ.

ފުލުހުން ބުނީ 17 އަހަރުގެ ފިރިހެން ކުއްޖަކު އެރަށުގައި ރަހީނު ކުރި މައްސަލައެއް އިއްޔެ ރިޕޯޓް ކުރުމުން ބަލަމުން ގެންދާ ކަމަށާއި އެކަމާ ގުޅިގެން މީހަކު ހައްޔަރު ނުކުރާ ކަމަށެވެ.

ޅައިމަގުން ވާހަކަ ދެއްކި ބައެއް މީހުން ވަނީ އެ ހާދިސާގެ ބައެއް ތަފުސީލްތައް އާންމުކޮށްފަ އެވެ. އެ ރަށުން ވާހަކަ ދެއްކި އެކަކު ނަން ނުޖަހަން ޝަރުތުކޮށް އަވަސް އަށް ކިޔައިދިން ގޮތުގައި އެ ހާދިސާ ހިނގާފައި ވަނީ މި މަހުގެ 22 ވަނަ ދުވަހުގަ އެވެ. އެދުވަހުގެ ރޭ 17 އަހަރުގެ ކުއްޖަކު ދެ އަތާއި ދެ ފައި ބަނދެފައި އޮއްވާ ފެނުނު ކަމަށެވެ. ފެނުނީ އެ ރަށުގައި ހުންނަ އުރީދޫ އެންޓަނާ ސަރަހައްދުން ކަމަށެވެ.

އޭނާ ކިޔާދިން ގޮތުގައި ކުއްޖާގެ އަނގަމަތީގައި އޮތީ ޓޭޕް އަޅާފަ އެވެ. އަދި ބޭރު ފުށުން އަނިޔާ ކޮށްފައި ހުރި ކަމުގެ ނިޝާންތައް ފެންނަން ހުރި ކަމަށެވެ. ކުއްޖާ ރަހީނު ކުރީ ކޮން އިރަކު ކަމެއް އަދި ކީއްވެ ކަމެއް ސާފެއް ނޫނެވެ.

ޅައިމަގު ކައުންސިލް ގެ ރައީސް އާދަމް އަޒްމީރް ވެސް ވިދާޅުވީ އެފަދަ ހާދިސާއެއް ހިނގައިގެން އުޅޭ ކަމަށެވެ. އަދި ފުލުހުންނާއި ޖެންޑާއިން އެ މައްސަލަ ބަލަމުން ގެންދާ ކަމަށެވެ. ހާދިސާގެ މާބޮޑު ތަފްސީލެއް ހިއްސާ ކުރެވެން ނެތް ކަމަށް ވިދާޅުވި އެވެ.

ދާދިފަހުން 13 އަހަރުގެ ކުއްޖަކު ރަހީނުކޮށް އަނިޔާ ކުރުމަށް ފަހު މަރާލައި އެއްލާލާފައިއޮއްވާ ހުޅުމާލޭގެ ސަރަހައްދަކުން ފެނިފައި ވެއެވެ.