ރައްޔިތުންގެ މަޖިލިސް

މެމްބަރުންގެ ގެއާ ކައިރިން ޕާކިން ހަމަޖައްސަނީ

ރައްޔިތުންގެ މަޖިލީހުގެ މެމްބަރުން ދިރިއުޅޭ ގެއާ އެންމެ ކައިރި ހިސާބެއްގައި އެ ބޭފުޅުންގެ ވެހިކަލްތައް ޕާކުކުރެވޭނެ ގޮތް ހަދައިދޭން މަޖިލީހަށް ހުށަހަޅައިފި އެވެ.

އެކަން މަޖިލީހަށް ހުށަހެޅީ އިއްޔެ މަޖަލީހުގައި ކުރިއަށް ދިޔަ މަޖިލީހުގެ އިމްތިޔާޒް އަދި ސުލޫކީ ކޮމިޓީގެ ބައްދަލުވުމުގައި މަކުނުދޫ ދާއިރާގެ މެމްބަރު މުހައްމަދު ރާއީ އެވެ.

ރާއީ އެދިވަޑައިގެންނެވީ މާލެ އަދި ހުޅުމާލޭގައި ދިރިއުޅޭ މެމްބަރުންގެ ތެރެއިން ކާރު ގެންގުޅުއްވާ މެމްބަރުންނަށް ޕާކިން ސްލޮޓް ހަމަޖައްސައި ދިނުމަށެވެ. އެއީ އާންމު ރައްޔިތުންނެކޭ ވެސް އެއްފަދައިން އެކަަމަށް އަގެއް ދައްކާ ގޮތަށެވެ.

އޭނާ ވިދާޅުވީ ވާރޭ ވެހޭ ދުވަސްދުވަހު މަޖިލީހުގެ މެމްބަރުން މަޖިލީހަށް ވަޑައިގަންނަވަން ޖެހޭ ކަމަށެވެ. އަދި އަމިއްލަ ކާރު އޮވެ ބޭނުން ނުކުރެވޭ ހާލަތުގައި އޮންނަ އިރު ބައެއް ފަހަރު ކާރެއް ނުލިބިގެން ގަޑިވެސް ޖެހޭ ކަމަށެވެ.

"އަޅުގަނޑު ގަބޫލު ކުރާގޮތުގައި ރައްޔިތުންގެ މަޖިލީހުގެ މެމްބަރުންގެ ސަލާމަތާ ރައްކާތެރިކަމަށް ވެސް... އަދި ހަމަ ފާހަގަކުރަން ނުގަވައިދުންވެސް ރައްޔިތުންގެ މަޖިލީހުގެ މެމްބަރުން ޕާކް ކުރޭ. އޭގެ ބަދަލުގައި ރަނގަޅު ގޮތަކަށް އުސޫލުގެ ތެރެއިން ރައްޔިތުންގެ މަޖިލީހުގެ ގިނަ މެމްބަރުން އެ ބޭފުޅުން ދަތުރުކޮށް އަދި މަޖިލީހަށް އަންނަން ވެސް ޖެހޭ." ރާއީ ވިދާޅުވި އެވެ.

އޭނާ އިތުރަށް ވިދާޅުވީ މިހާރު ވެސް ވަޒީރުންނާއި ކުންފުނިތަކުގެ އިސްވެރިންނަށް ޕާކިން ސްލޮޓް ހަމަޖައްސައިދީފައިވާ ކަމަށާއި އެހެންކަމުން މެމްބަރުންނަށް ވެސް އެ އިމްތިޔާޒްތައް ހަމަޖައްސައި ދިނުމަކީ ރައްޔިތުން ކަންބޮޑުވާނެ ކަމެއް ނޫން ކަމަށެވެ.

ރާއީ ހުށަހެޅުއްވި ގޮތަށް މެމްބަރުން ދިރިއުޅުއްވާ ގެއާ އެންމެ ކައިރިން ޕާކިން ސްލޮޓްތައް ހަމަޖަސން މަޖިލީހުގެ އިމްތިޔާޒް ކޮމިޓީން އިއްޔެ ފާސްކުރި އެވެ.