ރައްޔިތުންގެ މަޖިލިސް

މެމްބަރުންގެ އެކައުންޓްތައް ވެރިފައި ކުރަނީ

ރައްޔިތުންގެ މަޖިލީހުގެ މެމްބަރުންގެ ރަސްމީ ސޯޝަލް މީޑިއާ އެކައުންޓްތައް ވެރިފައިކުރަން މަޖިލީހުގެ އިމްތިޔާޒް އަދި ސުލޫކީ ކޮމިޓީން ފާސް ކޮށްފި އެވެ.

އިމްތިޔާޒް އަދި ސުލޫކީ ކޮމިޓީން އިއްޔެ ބޭއްވި ބައްދަލުވުމުގައި އެކައުންޓްތައް ވެރިފައިކޮށްދޭން ހުށަހެޅުއްވީ ނޮޅިވަރަމް ދާއިރާގެ މެމްބަރު މުހައްމަދު ނަޝީދު (މޮސްޓާ) އެވެ.

އޭނާ ވިދާޅުވީ މިހާރު ވެސް ބައެއް މެމްބަރުންގެ ނަމުގައި ފޭކް އެކައުންޓްތައް ހަދައިގެން އުޅޭ ކަމަށާއި އޭގެ ސަބަބުން ނުބައި މައުލޫމާތުތައް ފެތުރުމުގެ މައްސަލަ އިންތިހާއަށް ބޮޑުވެފައިވާ ކަމަށެވެ. އެހެންކަމުން މެމްބަރުންގެ އެކައުންޓްތައް މަޖިލީހުގެ އިދާރާއިން ވެރިފައިކޮށްދިނުން ކޮންމެހެންވެސް މުހިންމު ކަމަށެވެ.

ނަޝީދުގެ ހުށަހެޅުއްވުމަށް ތާއީދު ކުރެއްވީ މަޑުއްވަރީ ދާއިރާގެ މެމްބަރު އާދަމް ޝަރީފެވެ.

ނަޝީދުގެ ހުށަހެޅުއްވާ ގޮތަށް މަޖިލިސް މެމްބަރުންގެ އެކައުންޓްތައް ވެރިފައި ކުރުމުގެ މަސައްކަތް ކުރުމަށް މަޖިލީހުގެ ސެކްރެޓޭރިއެޓަށް ދަންނަވަން ކޮމިޓީން އިއްޔެ ފާސްކުރި އެވެ.

މަޖިލީހުގެ ގިނަ މެމްބަރުން ސޯޝަލް މީޑިއާގެ އެކި ވަސީލަތްތައް ބޭނުން ކުރެއެވެ. އަދި ބައެއް މެމްބަރުންގެ ރަސްމީ ޓުވީޓާ އެކައުންޓްތައް ސީދާ ޓުވިޓާއިން ވެރިފައި ކޮށްދީފައި ވެއެވެ. އޭގެ ތެރޭގައި މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދާއި، ނާއިބު ރައީސް އީބާ އަބްދުﷲ، އައްޑޫ މީދޫ ދާއިރާގެ މެމްބަރު ރޮޒައިނާ އާދަމް ، ގުރައިދޫ ދާއިރާގެ މެމްބަރު މުހައްމަދު ގައްސާން މައުމޫންގެ ޓުވިޓާ އެކައުންޓް ހިމެނެ އެވެ.