(24 އޯގަސްޓް 2021 އާ ގުޅޭ)
އެއްފަރާތުގައި ހުރި ދޮރުގެ ތަޅުގައި ހިފާލުމާއެކު އަނބުރާލައި ލައިޒަލް ދޮރު ހުޅުވާލިއެވެ. ދެ ޒުވާނުން ބައްދަލުވެއްޖެއެވެ. އެހިނދު ކައުނުގެ ދުވެލި މަޑުވެ ވަގުތު ހުއްޓުމަކަށް އައި ފަދައެވެ. އެކަކުއަނެކަކާ ދިމާއަށް ބަލަން ތިބީ މީ އޭގެ ދެމީހުން ބައްދަލުވީ ފުރަތަމަ ފަހަރު ފަދައިންނެވެ.
އަނގައިން ނުބުނެވުނަސް ނީރާގެ ހިތާއި ސިކުނޑީގައި ލައިޒަލްގެ ނަން ކިޔާލެވުނެވެ. ލައިޒަލް އޭނާއާ ބައްދަލުކުރާނޭކަން އެނގެއެވެ. އެކަމަކު އެތަނަށް އަތުވެދާނޭ ހިޔެއް ނުކުރެއެވެ. ކުލާސްގަޑި ކިރިޔާ ނިމުނީއެވެ. ބައްދަލުކޮށްލަން ވެރިޔާ ބޭނުންވެޔޭ ހަސްނާ ބުނުމުން ކުޑަކޮށް ވެސް އެ ބުނާ ވެރިޔަކީ ލައިޒަލްއަށް ވެދާނޭކަން ނީރާ ހިތަކަށް ނާރައެވެ. ކައިވެނީގެ ޚަބަރު ލައިޒަލްއަށް އެނގިއްޖެކަން ނީރާ ދެނަހުއްޓެވެ. މީގެ ކުޑަކުޑަ ހިނދުކޮޅެއް ކުރީން އޭނާ ފޯނުން ބަލަން އިނީ ރަޙުމަތްތެރީންގެ މެދުގައި ހަދާފައި އޮތް ގުރޫޕެވެ. ބޯކެޔޮވަލަކުހުޅުލީހެން އޭގައި ފަލަސަރުހީ އަޅާލައިފަ އޮތީ އީހާނާއި ނީރާގެ ކައިވެންޏާ ގުޅޭ ގޮތުންނެވެ. ވީއިރު ލައިޒަލްއަށް އެނގިފައިކަން އޮންނާނީ ނީރާއަށް ޔަގީންވަނީއެވެ. ނުބުނަން ހުއްޓަސް ކައިވެންޏަކީ ސިއްރު ކުރެވޭނެ ކަމެއް ނޫންކަން ނީރާއަށް އެނގެއެވެ.
ދުރުދުރުގައި ފިޔަވަޅު އަޅާލުމާއެކު ދާދި ކުޑަ ހިނދުކޮޅެއްގެ ތެރޭ ލައިޒަލް ހުރީ ނީރާގެ ކުރިމަތީގައެވެ. ފަރިތަވެފައިވާ އެ ފިރިހެންވަންތަ ހުވަނދުގެ ވަސް ނީރާގެ ނޭފަތުގެ ހިނދުރި ފުރާލައިފިއެވެ. ނަޒަރު ވަކިކޮށްލަން ނީރާ ބޭނުމެއްނުވިއެވެ. ފަހަރެއްގައި މީ އޭނާއަށް މިހާ ގާތުން ލައިޒަލް ފެންނާނޭ ފަހު ފަހަރަށް ވެދާނެތީއެވެ. ފަރުވާތެރިކަމާއެކު އެ ފިރިހެންވަންތަ މޫނުގެ ފުރިހަމަ ކިއްސަރަށް ނީރާ ބަލަމުން ދިޔައެވެ. އެ ބައްދަލުވުން އަމާންކަމާއި އޮމާންކަމާއެކު ނިމުމަކަށް ނާންނާނޭކަން ނީރާއަށް އެނގެއެވެ. އެހެންވިޔަސް އޭނާ އެހެރީ ކުރިމަތިލާން ތައްޔާރަށެވެ.
ދުރުން ނޭނގުނަސް ނީރާގެ ގާތުގައި މަޑުކޮށްލުމުން އެ މޫނު މިލާފައިވާކަން ލައިޒަލްއަށް ފާހަގަ ކުރެވުނެވެ. ދެ ލޮލުން ފެންނަނީ ވަރުބަލިކަމެވެ. ލައިޒަލް ފެނުމުން އުފާވިކަމުގެ އަސަރެއް ނެތެވެ. ހިތިގޮތަކަށް ލައިޒަލްއަށް ހިންދިރުވާލެވުނެވެ. ބުނަންވީ ކީކޭކަމެއް ނޭނގެއެވެ. އެއްޗެކޭ ބުނަން އަނގަ ހުޅުވާލާ ހިނދު އޭނާގެ ނަފްސުގެ ހިފެހެއްޓުން ގެއްލިދާނޭ ހީވާ ކަހަލައެވެ. ރުޅި އައިސްގެން ނީރާއަށް ގޮތެއް ހެދިދާނޭތީ ޖެހިލުންވާ ކަހަލައެވެ. އެހެންވިޔަސް ނީރާއާ ވާހަކަދައްކަން އޭނާ އެބަޖެހެއެވެ. ޔަމާނު ދިން ޚަބަރުގެ ހަގީގަތް ހޯދަން އެބަޖެހެއެވެ. ނީރާގެ ދުލުން އޭނާގެ ނިންމުން ބުނާ އަޑު އަހަން ލައިޒަލް ބޭނުންވެއެވެ. ޖީބަށް ކޮއްޕާލެވިފައިވާ ކަނާއަތްތިލަ ނެގި ގޮތަށް ކުރިމަތީ ހުރި ނީރާގެ ނީރާގެ ވައަތު ކުޑަހުޅާ ހިސާބުގައި ލައިޒަލް ހިފާލިއެވެ. އޭނާ ކުލާސްރޫމުން ނުކުންނަން ހިނގައިގަތީ ނީރާގެ އަތުގައި ހިފައިގެންނެވެ.
"ވެއިޓް... ވައިޓް..." ކުލާހުން ނުކުމެވުމުގެ ކުރީން އަވަސް އަވަހަށް ނީރާ ބުންޏެވެ. ލައިޒަލްގެ ހުއްޓުނީ އެހެންވެއެވެ. ނީރާއަށް ބަލާލީ މަޑުކުރަންވީ ސަބަބާމެދު ސުވާލު ކުރާ ފަދައިންނެވެ.
"ތިރީގަ މަޑުކުރޭ... ދަބަސް ހިފައިގެން ނުކުންނާނަން." ނީރާ ބުންޏެވެ.
ނީރާގެ އަތުން ލައިޒަލް ދޫކޮށްލިއެވެ. ކުރީބައިގެ ނީރާ ނުކުތުމަށް އިޝާރާތް ކުރާހެން ލައިޒަލް އެއްފަރާތް ވެލީއެވެ. ނީރާގެ ފަހަތުގައި ހުރެ ލައިޒަލްއާ ދެ މީހުން ސިޑިން ފައިބައިގެން ތިރިއަށް އައެވެ. ސްޓާފުންގެ ބަޔަށް ނީރާ ވަންއިރު ލައިޒަލް އައިސް މަޑުކޮށްލީ ބޭރު ގޭޓު ކައިރީއެވެ. ގިނައިރެއްނުވެ ނީރާ އަތްދަބަސް ނަގައިގެން އަންނާތީ ފެނުނެވެ. އޭރު އަދި ޓީޗަރުންތައް ނިމިގެން ނުކުންނާކަށް ނުފަށައެވެ. ލައިޒަލްއާ އަރާ ހަމަވުމުން ދެން ވެސް ދެމެދުގައި އެއްވެސް ވާހަކައެއް ނުދެކެވެއެވެ. ލައިޒަލްއާއެކު ކާރު ޕާކުކޮށްފައި އޮތް ހިސާބަށް ނީރާ އައެވެ. ދޮރުފަތް ހުޅުވީ ލައިޒަލްއެވެ. ހިމޭންކަމުގައި ކުރީ ސީޓަށް އަރައި ނީރާ އިށީނުމުން ލައިޒަލް ދޮރުފަތް ލައްޕާލާފައި އައިސް ކާރަށް އަރައިފިއެވެ.
"އެޕާޓްމެންޓަކަށް ނޫން." ލައިޒަލް ކާރު ދުއްވާލުމުން ނީރާ ބުންޏެވެ.
މަގަށް ސަމާލުކަން ދީގެން އިން މީހަކު ފަދައިން ލައިޒަލް އިނީއެވެ. ނީރާ ބުނި އެއްޗެއް އަޑު ނީވޭ ކަހަލައެވެ. ދުއްވަމުން އައި ކާރު މަޑުކުރީ ނީރާ ހީކުރި މަންޒިލަކަށް ނޫނެވެ. ކާރު ބޭއްވުމަށް މަގުމަތިން ހުއްދަ ނަގާފައި އޮތް ތަނުގައި ލައިޒަލް ޕާކުކުރިއެވެ. ނީރާ ގާތު މަޑުކުރުމަށް ބުނެ އޭނާ ކާރުން ފޭބިއެވެ. ކާރާ ކުރިމަތިވާނެހެން މަގުގެ ވައަތް ފަރާތުގައި ހުރި ގޭގެ މައި ދޮރޯށި ލައިޒަލް ހުޅުވާ އެތެރެއަށް ވަދެގެން ދިޔައެވެ. ލައިޒަލް ކުރަން އުޅޭ ކަމެއް ނޭނގި ސުވާލު އުފެދިފައި ނީރާ އިނެވެ. ފޯނު ރިންގުވީ ހިނދު އޭނާ ދިޔައީ ސިއްސައިގެންނެވެ. ހަމައެވަގުތު ދަތްކުނޑިވިކާލިއެވެ. އެ ގުޅަނީ ކާކުކަން އެނގޭތީއެވެ. އެސޯސިއޭޝަން ކައިރީ އީހާނު އައިސް އިނީކަން ނީރާއަށް ޔަގީންވިއެވެ.
"ބުނެފީމެންނު ނާންނާށޭ." ފޯނު ނެގި ގޮތަށް ނީރާ ބުނެލިއެވެ.
"ކޮންތާކު؟. ބޭރުގަތަ؟" ފޯނުން އީހާނު އަހާލި އަޑު އިވުނެވެ.
"ކީއްކުރަން ބަލަނީ؟ އަނތްބަކަށް އަދި ނުވޭ. ވަންދެން މަޑުކުރޭ... ދެން ގުޅިޔަސް ނުނަގާނަން ފޯނެއް." ނީރާ މިހެން ބުނެ ފޯނުކޯލު ކަނޑާލީއެވެ. އެއަށްފަހު ފޯނު ވެސް ނިއްވާލީއެވެ. ކާރުގެ ދޮރުފަތް ހުޅުވުނީ އެވަގުތެވެ.
"މީ ކޮންގެއެއް." ލައިޒަލް ވަން ގޭގެ ދޮރޯށި ހުޅުވާލުމުން އޭނާއާއެކު ހުރި ނީރާ އަހާލިއެވެ.
"އަނބިމީހާއާއެކު ދިރިއުޅެން ހުރި ތަން." ލައިޒަލް މިހެން ބުނެލީ ނީރާއަށް ބަލާ ވެސް ނުލައެވެ. އެހެންވިޔަސް ނީރާގެ ފިޔަވަޅު މަޑުޖެހުނެވެ. އެފަދަ ގޮތަކަށް ލައިޒަލް އެ ބުނީ ކީއްވެބާއެވެ. ލައިޒަލް ފަހަތަށް ބަލާލުމާއެކު ނީރާގެ އަތުގައި ހިފިއެވެ. މަޑުޖެހިފައި ހުރި ނީރާގެ އަތުގައި ހިފައިގެން ހަލުވިކޮށް އޭނާ އެތެރެއަށް ވަދެގެން އައެވެ. ގޭތެރެއަށް ނަޒަރު ހިންގާ ލެވުމުގެ ކުރީން ލައިޒަލް އައިސް ކޮޓިރިއަށް ވަދެ ދޮރު ލައްޕައިފިއެވެ. ދެން އޭނާ ނީރާއަށް ސަމާލުކަމެއް ނުދީ އެތެރެއަށް ހިނގައިގަތެވެ. ބޭނުންކޮށްފައި ހުންނަ ޓައީ އަޅުވާ އެތީގަ ކަރުގައި އޮތް ޓައީ ނަގައި ލައިޒަލް އަޅުވާލިއެވެ. އަލަމާރީގެ ވަތްގަނޑެއް ދަމާލުމާއެކު އަތުކުރީގައި ހުރި ކަފްލިންކް ތައް ނައްޓާލައި އޭގެތެރެއަށް ލިއެވެ. ގޮށްތައް ނައްޓާލުމާއެކު ގަމީސް ލައިޒަލް ބޭލިއެވެ. ކޮޓަރީގައިވާ ފަނޑު އަލިކަމުގެ ތެރެއިން އޭނާގެ ކޮންމެ ހަރަކާތަކަށް ނީރާ ބަލާކަން ލައިޒަލްއަށް އެނގެއެވެ.
"ކީއްކުރަން ތިއުޅެނީ." ލައިޒަލް ފަޓުލޫނު ބާލަން ފެށުމުން ނީރާ ބުންޏެވެ.
"ކިހިނެއްވީ؟... މީ އަލަށް ފެންނަ މަންޒަރަކަށް ނުވާނެ." ލައިޒަލްގެ އަޑުގައިވީ ޖެއްސުމުގެ ރާގެވެ.
"އެހެންވިޔަސް ހެޔޮ. އެއްޗެހި ނުބާލަފާނަންތަ." ނީރާއަށް އުނދަގޫވެއްޖެކަން އޭނާގެ އަޑުން ލައިޒަލް ދެނެގަތެވެ. އަސަރެއްނެތް ހުނުމަކުން ލައިޒަލް ހީނލިއެވެ. އޭނާ އައިސް އެނދުގައި އިށީނެވެ.
"ނާހާތީ ނުބުނަންތަ ތިހުންނަނީ؟" ލައިޒަލް ބުނެލިއެވެ.
"ލައިޒަލް އެނގިފައެއްނު އޮތީ." އިސްއޮބާލަމުން ނީރާ ބުންޏެވެ.
"ނޭނގޭ... ކޮންކަމެއް؟... ނީރާ ބުނިންތަ އެއްޗެކޭ؟... މަގޭ ކައިރީ ވާހަކައެއް ދެއްކިންތަ؟ ދެން ކީއްވެ މަށަށް ނީވުނީ. އަދިވެސް ގޮތެއް ނުނިންމިގެން ނުބުނެވިފަތަ؟... ބުނެބަލަ!." ލައިޒަލްގެ އަޑުން ނުރުހުމުގެ ހަރުކަށިކަން ފާޅުވެއްޖެއެވެ.
"ގުރޫޕުގަ ލައިޒަލް ވެސް އިނދޭ. އެހެންވީމަ ނޭނގިއެއް ނޯންނާނެ."
"ބަލަ ނީރާގެ އަނގަނެތީތަ އަހަރެން ކައިރީ ބުނަން. ގޮތެއް ނިންމާފަ ފުރަތަމަ ވެސް ބުނަންޖެހޭ މީހަކީ މަށެއްނޫންތަ؟ އެ ދުވަހު ރޮއެރޮއެ ހީވަނީ މަރުވެދާނެހެން. އަހަންނާ ނުލާ ނޭވާ ވެސް ނީރާ ނުލާނޭ ހީވި..."
"އިންނަން މިއުޅެނީ... އީހާންއާ..." ލައިޒަލްގެ ކުރިބައްދަމުން ނީރާ ބުންޏެވެ.
"އޯ!... އެހެންތަ!... އެހެންވީމަ މާކުރީންސުރެ ނިންމައިގެން ދޯ ތިހުންނަނީ. ލޯބިވެޔޭ ގައިމު ބުނި. އެ ލޯބި ކޮބާ؟ ކޮންތާކަށް އެ ލޯބި ދިޔައީ؟ ތީ ދޮގުވެރިއެއް. އޮޅުވާނުލާ ބުނިނަމަ އަހަންނާ އޮތް ގުޅުމަކީ ހަމައެކަނި ފިޒިކަލީ ނީރާ ބޭއްވި ގުޅުމެކޭ. ކައިވެނި ކުރަންވާއިރަށް އެކްސްޕީރިއެންސް...." ލައިޒަލްގެ ވާހަކަ ހުއްޓާލިއެވެ. ނީރާ ކުއްލިއަކަށް އައިސް އޭނާ ކުރިމަތީ ދެކަކޫ މައްޗަށް ތިރިވީއެވެ. ލައިޒަލްގެ ކަކުލުގައި ދެއަތް ބާއްވާލައިގެން ބަލަން އިން ނީރާ ދެފަރާތަށް ބޯހޫރުވިއެވެ. އޭނާ ރޯންފަށާނޭ ލައިޒަލްއަށް ހީކުރެވުނެވެ. ނަމަވެސް އެހެނެއްނުވިއެވެ. ދެރަވެފައިކަން ނީރާ އިނީ އެނގޭއިރު ވެސް އޭނާ މިފަހަރު ރޯން ބޭނުންނުވާ ކަހަލައެވެ.
"މައާފުކުރާށޭ ނުބުނާން. ނަފުރަތުކުރޭ... ނަފުރަތުކުރުން ހައްގު. ލޯބިވެޔޭ ބުނީ އޮޅުވާލާކަށްނޫން. އެކަމަކު އަހަންނަށް މިއަދު އެކަން ސާބިތެއް ނުކޮށްދެވޭނެ. އަހަރެން މިގޮތަށް ނިންމީ ކީއްވެހޭ އެހިޔަސް، އެ ސުވާލަށް ވެސް ދޭނެ ޖަވާބެއްނެތް. އެހެންވެ މިބުނީ... މައާފުކުރާށޭ ނުބުނާނަން ދުވަހަކުވެސް. އަހަންނަށް މައާފު ހައްގެއްނޫން."
"ސްޓްރިޕް..." ކުއްލިއަކަށް ލައިޒަލް ބުނެލިއެވެ. ހައިރާންކަން ނީރާގެ މޫނުން ފާޅުވިއެވެ.
"ޔޫ އާ ނޮޓް ތިންކިން ސްޓްރެއިޓް." ނީރާއަށް ބުނެވުނެވެ. ހަމަހޭގައި ހުރެ އެފަދަ ވަގުތެއްގައި ލައިޒަލް އެހެން ބުނާނޭ ނީރާގެ ހިތެއް ނުބުނެއެވެ.
"ގެޓް އަޕް އެންޑް ސްޓްރިޕް." ދެވަނަ ފަހަރަށް ލައިޒަލް ބުނެލިއިރު އެ އަޑުގައިވީ ނުރައްކާތެރި ހަރުކަށިކަމެކެވެ. ނީރާ ކޮޅަށް ތެދުވިއެވެ. ލައިޒަލް އިރުޝާދު ދިނެވެ. މިނޫނީ ދުވަހަކުވެސް އޭނާއާ މެދު މިފަދައިން ލައިޒަލް ޢަމަލުތައް ބަހައްޓާފައެއް ނުވެއެވެ. ލޯބިން ކަންކަން ނުކުރާނޭހާ ލަދުވެތި ގޮތްގޮތަށް ނީރާ ލައްވާ ކަންތައްތައް ކުރުވިއެވެ. އެހެންވިޔަސް ނީރާއަށް އެންމެ ފަހަރަކު ވެސް ލައިޒަލްދެކެ ފޫހިވެ ރުޅިއެއް ނާދެވުނެވެ. އޭނާއާ މެދު ލައިޒަލް އެފަދައިން ކަންތައް އެކުރަނީ ކީއްވެކަން އޭނާއަށް އެނގޭތީއެވެ. އަދި އެގޮތަށް ކަންތައް ކުރުމުން ލައިޒަލްއަށް ވަކި ހިތްހަމަޖެހުމެއް ނުލިބޭކަން ވެސް އެނގެއެވެ.
ހިމޭންކަން ކޮޓަރިތެރެއަށް ވެރިވެފައި އޮތެވެ. އެނދުގައި ލައިޒަލްއަށް ފުރަގަސްދީގެން އަރިއަކަށް ނީރާ އޮތެވެ. މެޔާ ހިސާބުގައި އޮތް ރަޖާގަނޑުގައި ދެއަތުން ހިފަހައްޓާލައިގެންނެވެ. ފެންކަޅިވަމުން ދިޔަ ދެ ލޯ ރަޖާގެ ބަޔަކުން ނީރާ ފުހެލިއެވެ. ނުރޯން ވަޢުދުވެގެން ހުރި މީހަކު ފަދައެވެ. އޭނާ ލައިޒަލްއާއެކު އައީ މިހިސާބަށް ކަންތައް ހިނގައިދާނޭ ހީކޮށްގެން ހުރެއެއް ނޫނެވެ. ނީރާގެ ވިސްނުމުގެ ދާއިރާގައި ވީ ލައިޒަލް ރުޅި އައިސްގެން އޭނާއަށް ހަޅޭލަވާނީ ކަމެވެ. އަދި ކޮންމެވެސް ހިސާބަކުން ނީރާގެ ނިންމުން ލައިޒަލް ގަބޫލުކުރާނޭ ކަމެވެ. އެކަމަކު މިހިނގީ ކުޑަކަމެއް ނޫނެވެ. ހަމައެއާއެކު ނީރާ ވެސް ލައިޒަލް ހުއްޓުވާން މަސައްކަތެއް ނުކުރީއެވެ.
"މީގެ ފަހުން މިގޮތަށް އަހަރެން ނާންނާނަން. މިއަދު މިހިނގި ފަދަ އެއްވެސް ކަމެއް ދެން ތަކުރާރެއް ނުވާނެ... އެ ފުރުސަތު އަހަރެންގެ ކައިރިން ލައިޒަލްއަށް ލިބޭނެ ފަހު ފަހަރު މީ. ތި ފޮޓޯތައް ނެގުމުގެ މާނައަކީ އަހަރެން ބްލެކްމެއިލް ކުރުން ކަމަށް ވާނަމަ އެގޮތް ވެސް އޯކޭ... ލައިޒަލްއަށް ފެންނަ ގޮތަކަށް ކަންތައް ކުރޭ. ފޮޓޯތައް އާންމު ކުރިޔަސް ވަރިހަމަ. މުޅި ދުނިޔެއަށް އަހަރެން ބަދުނާމު ކުރަންވީ." ނީރާ ތަންމަތިން ތެދުވެ އެނދުގެ އަރިމަތީ އިށީނދެލައިގެން އިނދެ ވާހަކަދެއްކިއެވެ. އެ ދެ ލޮލުން ވެއްޓޭ ކަރުނަ ލައިޒަލްއަށް ފެންނާން އޭނާ ނޭދެއެވެ. ފުހުނީ އެހެންވެއެވެ.
"އާ ޔޫ ނޮޓް ސެޓިސްފައިޑް ވިތް މީ. އެއީތަ މައްސަލައަކީ؟" ލައިޒަލްގެ އަޑު އައެވެ.
"ތިހެން ނާހަފާނަންތަ؟" ނީރާ ވަގުތުން ބުނެލިއެވެ. އެހިނދު އޭނާގެ ވައަތު އުޅަންބޮށީގައި ހިފައި ލައިޒަލް ދަމައިގަނެއްޖެއެވެ. ފަހަތަށް އެނދުމައްޗަށް ނީރާ ވެއްޓުނީއެވެ.
"އަހާނަން... އެނގެން ބޭނުން. " ލައިޒަލް ގާތްވެލިއެވެ.
"ޕްލީޒް... ދިސް އިޒް ނޮޓް ޔޫ... ސްޓޮޕް ޕްލީޒް..." ނީރާ އާދޭސްކުރިއެވެ.
"ދެން ސްޓޮޕް މޭކިން އެކްސްކިއުޒަސް އެންޑް ޖަސްޓް ޓެލް މީ ވައި." ލައިޒަލްގެ ދެ ލޮލުން އޭނާގެ ހަގީގީ އިހްސާސްތައް އެވަގުތު ފާޅުވެލިއެވެ. ނީރާއަށް ތުންފިއްތާލެވުނެވެ. އޭނާ ލައިޒަލްގެ ކޯތާފަތުގައި އަތްތިލަ ޖައްސާލިއެވެ. ތުނިތުނިކޮށް ހުރި ތުނބުޅީގެ އިސްތަށިތަކުގައި ފިރުމާލިއެވެ.
"ޔޫ އާ މައި ފަސްޓް، އެންޑް އައި ވިޝްޑް ޔޫ ބީ މައި ލާސްޓް، މައި ފޮރެވާ... ބަޓް..." ނީރާ ފުރިހަމައެއް ނުކުރިއެވެ.
"ޗޫޒް މީ... ލެޓް މީ ބީ ޔޯ ފޮރެވާ. ނީ... ލުކް އެޓް މީ. އަހަންނަށް ނީ އުފަލުގައި ގެންގުޅެވޭނެ. ބޭނުން އެއްޗެއް ހޯދާދެވޭނެހާ ތަނަވަސްކަން އެބަހުރި. އަހަރެން... އަހަރެންނަކީ ބައްޔެއް ހުރި މީހެއްނޫން. މިހަށިގަނޑުގަ ވަރުއެބަހުރި، އަހަންނަށް ނީރާ ފުދޭ، ތެދުވެރިކަމާއި ވަފާތެރިކަން ދަންނަން އަހަރެން، ދެން ކީއްވެ އަހަރެންނޫން މީހަކު ޗޫޒް ތިކުރަނީ. ނީ ލޯބިވަނީ އަހަރެންދެކެ... އަހަންނާ އިންނަންވީނު. އަހަރެން މިހުރީ އިންނަން ތައްޔާރަށް. ނީ އާނއެކޭ ބުނޭ... ބުނޭ އާނއެކޭ... ޑެމިޓް ނީ... ބުނެބަލަ އާނއެކޭ."
"އައި އޭމް އަ ފޫލް، އެންޑް އަ ބިޗް... އައި ނޯ ދެޓް... ސޯ ހޭޓް މީ އޯލް ޔޫ ވޯންޓް..."
"ނޫން... ކީއްކުރަން ހޭޓް ކުރަންވީ، ޖެލަސީއާއި ހޭޓްއަކީ ލޯބީގެ ބައެއް، ލޯބިވާކަށް ބޭނުމެއްނޫން. މިއަދު ނީރާ ހިނގައްޖެނަމަ އަހަރެން ހަނދާންނައްތާލަން ތީ މުހިއްމު މީހެއްކަން. ދުވަހަކުވެސް ފެންނަ ހިސާބަށް އައިސްގެން ނުވާނެ. ނީރާގެ އަމިއްލަ އެދުން ތި ނިންމުމުގަ ވަނީ. ދުޝްމިނަކަށް ހަދައިގެން އަހަރެންގެ ސިކުނޑީގައި ތި ހިޔާލުތައް ހިނގަހިނގާ ހުންނާކަށް ފުރުސަތެއް ނުދޭނަން. ކައިވެންޏަށްފަހު މޮޔަހީވެގެން ފަހުން ނާންނާތި، އަހަރެން އެކްސެޕްޓެއް ނުކުރާނަން. ދުވަހަކުވެސް ނުކުރާނަން."
"ލައިޒަލްއަށް އަހަންނަށްވުރެ ވިސްނޭ، މާ ލޯބިވާނެ އަންހެނަކު ލިބިދާނެ. އަހަރެން ކަހަލަ އަމިއްލަ އެދުން ބޮޑު މީހަކާ ލައިޒަލް އެކަށީގެންނުވޭ. ކައިވެންޏަށްފަހު މޮޔަހީވިޔަސް ލައިޒަލްއަށް މި މޫނު ނުދައްކާ ވޭތޯ ބަލާނަން. އަހަރެން ނިންމާ ނިންމުން ގޮސްވެ އެކަމުގެ ހިތިކަން ތަޖުރިބާ ކުރަން ހުންނާނީ އަހަރެން، އެ ތަކުލީފު އެހެން މީހަކަށް ނުޖައްސާނަން. ޑޯންޓް ވޮރީ... އައި ވިލް ސަފާ ފޯ ބޯތް އޮފް އަސް."
"ސަފާކުރާނޭކަން އެނގޭއިރު ކީއްވެތަ ކައިވެނި ކުރަން ތިއުޅެނީ. ތި ސިކުނޑީގަ އުނިކަމެއް ހުރީއޭ ހީވާވަރުވެއްޖެ. ހަމަހޭގަ ނެތީ އަހަންނަށްވުރެ ނީރާހެން ހީވަނީ. މީހަކު އަޖައިބެއް ނުވާނެތަ!... އީހާނު ކަހަލަ މީހަކާ ތިކަހަލަ ނީރާއެއް އެންމެ ގުޅޭނީ." ރުޅި ނާންނާން އުޅުނަސް ލައިޒަލްއަށް އެކަމެއް ނުވިއެވެ. އެންމެ ފަހު ބަސްތައް އިއްވާލެވުނީ ނުހަނު ބާރަށެވެ.
ނީރާއަށް އެ ވާހަކަތައް އިވުނު ކަމަކަށް ނުހެދިއެވެ. އޭނާ އެނދުން ތެދުވެ ފާހާނާ ކޮބާތޯ އަހާލިއެވެ. އެހިނދު އަމިއްލައަށް ހޯދާށޭ ލައިޒަލް ބުނެލީ ފޫހިކަމާއެކުއެވެ. ބަހެއްނުބުނެ ނީރާ ތެދުވީއެވެ. އޭނާ ފާހާނާ ހުޅުވައިގެން ވަނެވެ. އެތަން ބަލަން އޮތް ލައިޒަލް ޗަސްޖަހާލީ ރުޅިގަދަވެގެންނެވެ. ކައިރީގަ އޮތް ބާލީހުގައި އަތަށް ލެވުނުހާ ބާރެއްލައި ތަޅައިގަތެވެ. ހަމަ އެ ބާލީސް ނަގައި މޫނުގައި އަޅައި އޮބާލުމާއެކު ހަޅޭލަވަންފެށިއެވެ. ނުތަނަވަސްކަން ހިސާބަކަށް ކުޑަވީ ކަހަލައެވެ. ބާލިސް ނަގައި ދުރަށް ހޫރާލައިފިއެވެ.
"ޗޭނު ޖަހާ މިތާ ބަނދެފަ ބާއްވަންވީ. އޭރުން ހުންނާނީ އީހާނާ އިނދެވިފަ." ލައިޒަލް ބުނެލިއެވެ.
ނީރާ ފާހާނާއިން ނުކުތުމުން ލައިޒަލް ގަސްދުގައި މަޖުބޫރުން އެ ހަށިގަނޑުގައި އޭނާ ގާތްވެފައި ހުރި ކަމުގެ ނިޝާންތައް ލެއްވިއެވެ. ވިސްނުމުގައި ހުރީ އީހާނަށް އެ މަންޒަރުތައް ދެއްކުމެވެ. ނީރާ ބޭނުންވިޔަސް ނުފޮރުވޭނޭހެން އެކަން ކުރީ އެހެންވެއެވެ. މޮޔަވެފައި ހުރި މީހަކުހެންކަން މިއުޅެވެނީ ލައިޒަލްއަށް ރެއަކާލީ ނީރާ ދެ ލޯ ފުރިގެން އަންނާތީ ފެނިފައެވެ. ލައިޒަލް ދޫކޮށްލީމާ އަލުން ފާހާނާއަށް ނީރާ ދެމިގަތެވެ.
ލައިޒަލް ހީކުރި ވަރަށްވުރެ އަވަހަށް ނީރާ ހަމައަކަށް އެޅުނެވެ. އޭނާ ތައްޔާރުވެގެން އެ ކޮޓަރިން ނުކުންނަން ދިޔައެވެ. އެހިނދު ލައިޒަލް އިންޒާރު ދިނެވެ. ކޮޓަރިން ނުކުތުމަށްފަހު ދެމެދުގައި އޮތް ގުޅުން އަބަދަށް ކެނޑުނީކަމުގައެވެ. އެހެންވިޔަސް ނީރާ ނުހުއްޓުނެވެ. ކޮޓަރިން ނުކުމެ ތަނަވަސް ސިޓިންރޫމާ ދިމާއަށް އައި ނީރާ ސިހުނީ ދެބައިއުމުރަށްދާ އަންހެނަކު ފެނިގެންނެވެ. ނީރާ ހާސްވީ އެއީ ލައިޒަލްގެ މަންމައޭ ހީވެގެންނެވެ. އެ އަންހެންމީހާ ބަލަން ހުރީތީ އަވަސް ހިނިތުންވުމެއް ބަދަލުކޮށްލުމާއެކު ހަލުވިކޮށް ދޮރާ ދިމާއަށް ނީރާ އައީ ހުއްޓުވާފާނޭކަމުގެ ބިރު ހީވެފައި ހުރެއެވެ. އެވަގުތު ފަހަތުން ލައިޒަލްގެ އަޑު އިވުނެވެ.
ހައިރާންވެފައި ރަޝީދާ ބަލަން ހުރީ މީގެ ކުރީން އެގޭތެރެއިން ދުވަހަކުވެސް ނުފެންނަ މަންޒަރެއް ފެނުނީމައެވެ. ލައިޒަލްއާއެކު އަންހެންކުއްޖު އެގެއަށް އައިތަން އޭނާ ދުށީ ފުރަތަމަ ފަހަރަށެވެ. އަންހެންކުއްޖާގެ ފަހަތުން ދުވެފައި ނުކުމެގެން ދިޔަ ގޮތުން އެ ދެމެދުގައި އޮތީ އެކުވެރިކަމަށްވުރެ ގާތް ގުޅުމެއްކަން ރަޝީދާ ލަފާކުރިއެވެ.
"ފިރާގުއާ ބައްދަލުކޮށްދޭން ކަންނޭނގެ އެ ގެނައީ... މިހާރު އެ ހުރީ މީހަކާ އިންނަވަރު ވެފައި. ރީތި މަންޖެއެއް، އެ ސޮރާ ވަރަށް ގުޅޭ. އަހަންނަށް މި ނުކުމެވުނީ ނުބައި ގަޑިއެއްގަ." ހިނިތުންވެލައިގެން ހުރި ރަޝީދާގެ ހިތަށް އަރަމުންދިޔައެވެ.
ލައިޒަލްއާ ވަކިވެ ނީރާ ގެއަށް އައީ ޓެކްސީއެއްގައެވެ. އެންމެފަހުގެ ދެބަސްވުން ހިނގީ މަގުމަތީގައެވެ. ހިނގާބިނގާވެ އުޅޭ މީހުންގެ ބެލުމަކަށް ދެ މީހުންކުރެ އެކަކުވެސް ސަމާލުކަމެއް ނުދިނެވެ. ލައިޒަލްއަށް ނީރާގެ ނިންމުން ބަދަލުނުކުރެވުނެވެ. އޭނާ ނުވެސް ހުއްޓުވުނެވެ. ދެމީހުން ވަކިވާން ހުރީ މިގޮތަށް ހެއްޔެވެ. ލައިޒަލްއަށް ގަބޫލެއްނުކުރެވުނެވެ. ލައިޒަލް ފޯނު ކުރިއެވެ. ނީރާ ފޯނުކޯލު ނެގިއެވެ. ހުރިހާކަމެއް ނިމިއްޖެކަމުގައި ބުނީ ނީރާއެވެ. ލައިޒަލްއަށް އެއްޗެއް ބުނާނޭ ފުރުސަތެއް އޭނާ ނުދިނެވެ. އައި ރުޅި ނުހިފެއްޓިގެން އަތުކޮޅަށް ހޫރާލި ފޯނު ދޮރޯށި ކައިރީ ފާރުގައި ޖެހި ފުނޑުފުނޑުވިއެވެ. އިރުކޮޅަކު ބަލަން ހުރެފައި ފޯނުގެ ބައިތައް ހިފައިގެން ލައިޒަލް ގެއަށް ވަނީއެވެ. އޭނާ ނީރާ ގޮވައިގެން އައީ އޭނާއާ މެދު އެފަދައިން ކަންތައްކުރާކަށްނޫނެވެ. އެހެންނަމަވެސް ގަސްދަކާއިނުލާ އޭނާއަށް ވަރަށް ގިނަ ކަންކަން ކުރެވިއްޖެއެވެ. ލޯބިވެޔޭ ބުނަން ނިންމައިގެން ހުއްޓަސް އެ ލަފުޒުތަކެއް ލައިޒަލްގެ ދުލާ ހަމައަށް ނައެވެ. ދިރިހުރުމަށް ލާ ނޭވާ ފަދައިން ނީރާއަށް ބޭނުންވެފައި ލައިޒަލްވާކަން ބުނަން ބޭނުންވިއެވެ. އެކަމެއް ވެސް ނުވިއެވެ. ނީރާއާ މެދު އެހާ ރަހުމުކުޑަ ގޮތަކަށް ޢަމަލުތައް ބެހެއްޓިއިރު ވެސް އެ އަންހެންކުއްޖާ އެކަމާ ދެކޮޅުނުވީތީ ލައިޒަލް އަޖައިބުވިއެވެ. ނީރާ ލޯބިވާކަން ގަބޫލުކުރަން ހިތަށް ޖެހެނީ އެހެންވެއެވެ.
* * * * *
އެކަކާ ވެސް ނީރާ ވާހަކައެއް ނުދައްކައެވެ. ދުވަސްތައް ދާގޮތެއް ވެސް ނޭނގެއެވެ. ވަޒީފާގެ ކަންކަން ނިންމާފައި ގެއަށް އަންނަ ގޮތަށް ގިނަ ވަގުތު އޮންނަނީ ކޮޓަރީގައެވެ. ކަނެތްކަން ބޮޑުވާވަރަށް ނިދުން ގިނަވެއްޖެއެވެ. ފިކުރުތަކާ ދުރުވުމަށް އޮތް ހައްލެއްކަމުގައި ނީރާ ހީކުރިއެވެ. ނަމަވެސް ހުވަފެނުން ވެސް ލައިޒަލް ފެންނަނީއެވެ. ދެމެދުގައި އޮތް ގުޅުން ނިންމާލީ ޚުދު ނީރާ އަމިއްލައަށް ކަމުގައި ގަބޫލުކުރެއެވެ. އެކަމުން ހިތްހަމަޖެހުމެއް ނުލިބެއެވެ. އަނެއްކޮޅުން ގޭތެރޭގައި އީހާނާއެކު ކުރީން އޮތް ގުޅުން ބަދަލުވެއްޖެއެވެ. ހީނ ސަމާސާ ކުރުން ހުއްޓުނީއެވެ. ދެމީހުން އެއްތަނުގައި ހުންނައިރު އީހާނުއަށް ބަލާލަން ވެސް ނީރާ ބޭނުންނުވެއެވެ. އެހެންވިޔަސް އޭނާ އެއުޅެނީ އީހާނާ ކައިވެނި ކުރާށެވެ. ލަމްހާގެ ނަޒަރުގައި އީހާނާއި ނީރާ ދެބަސްވަނީއެވެ. ކައިވެނި މިހާ ކައިރިވެފައިވާއިރު ނީރާ ރުޅިނާރުވާށޭ ލަމްހާ ބުނެއެވެ. އީހާނާއި ނީރާއާ ދެމެދަށް އައިސްގެން އުޅޭ ހުސްކަން ލަމްހާ ސިފަކުރީ އެފަދައިންނެވެ.
ނިދާފައި އޮތް ނީރާއަށް ހޭލެވުނު އިރު ދޮރުގައި މީހަކު ޓަކި ޖަހަނީއެވެ. އަނެއްކޮޅުން ބާލީސް ކައިރީ އޮތް ފޯނު ވައިބްރޭޓްވޭވޭ އޮތެވެ. ފުރަތަމަ ބަލާލީ ފޯނެވެ. ގުޅަނީ ރިދާއެވެ. ނީރާ އެ ކޯލު ނަގާކަށް ބޭނުމެއްނޫނެވެ. ކައިވެނީގެ ވާހަކަ އެންމެންނަށް އެނގުނު ހިނދުން ފެށިގެން ރިދާ އައީ ނީރާއާ ވާހަކަދެއްކޭތޯ މަސައްކަތް ކުރަމުންނެވެ. އެނދުމައްޗަށް ފޯނު ދޫކޮށްލާފައި ނީރާ ތެދުވެގެން އައިސް ދޮރު ހުޅުވިއެވެ.
"އަވަހަށް ތައްޔާރުވާން އުޅޭ... ހީވިއޭ ނިދާފަހެން." ދޮރުމަތީ ހުރީ ލަމްހާއެވެ. ނީރާ ބޯޖަހާލާފައި އަނެއްކާވެސް ހިނގައިގަތީ ކޮޓަރި ތެރެއަށެވެ. ނީރާއަށް ބަލަން ހުރެފައި ލަމްހާ މަޑުމަޑުން ބޯހޫރާލިއެވެ. ސިކުނޑިއަށް ވަން ހިޔާލު ބޭރުކޮށްލި ފަދަ އިޝާރާތެއް ކަހަލައެވެ. އޭނާ ކޮޓަރީގެ ދޮރު ލައްޕާލާފައި ދިޔައީއެވެ.
ލަސްކުރަމުން އައިސް އިތުރަށް ލަސްކުރެވެން ނެތީއެވެ. ރަންކިޔަންވީ ދުވަސް އައިސް ޖެހުނީއެވެ. ކައިވެނީގެ ފޯމު ފުރާނެއެވެ. އޭގައި އީހާނާއި ނީރާގެ ނަން ލިޔެވޭނެއެވެ. އަދި މިއަދަށްފަހު ނީރާ އިންނާނީ އީހާނަށްކީ ރަނުގެ މަތީގައެވެ. ކައިވެންޏަށް ތައްޔާރުވަމުންދާ އަންހެނެއްގެ ގޮތުގައެވެ. އީހާނުގެ އަނތްބަކަށްވާން ތައްޔާރުވުމުގައެވެ. އެހެން ފިރިހެނަކަށް ހުއްދަވެގެންނުވާ ހާލަތެއްގައެވެ.
ހުދުގަމީހުގެ އަތްކުރި މުލައްދަނޑި ފެންނަ ވަރަށް އޮޅާލުމަށްފަހު ލޯގަނޑު އަމިއްލަ ސޫރައަށް އީހާނު ބަލާލިއެވެ. އެ ތުންފަތަށް ހިނިތުންވުމެއް ވެރިވިއެވެ. އޭނާ ފޯނު ހިފައިގެން ދުރަށް ޖެހިލިއެވެ. ޔަމާނަށް ގުޅިއެވެ. އަންނާނަންތޯ ޔަގީން ކުރާށެވެ. އޭނާގެ އުންމީދަކީ ލައިޒަލް އައުމެވެ. އޭނާއާއި ނީރާ ގުޅެނީކަން އެންގުމެވެ. ކާމިޔާބުވީ އޭނާގެ ކޮޅުކަން ބުނެދޭށެވެ. ކޮޓަރިން ނުކުތް އިރު ލަމްހާ ފެނުމުން ނީރާ ކޮބާތޯ އީހާނު އަހާލީ ނިކަން އަވަހަށެވެ.
"ތައްޔާރުވަނީ." ބަދިގޭގައި އުޅެމުން ލަމްހާ ބުންޏެވެ.
ކައިވެނި ފޯމު ފުރުމުގެ ކަންކަން ކުރުމަށް އައި މީހުންނާއި އެކުވެރީން ގެއަށް ޖަމާވެއްޖެއެވެ. ލަމްހާ އައިސް ކޮޓަރީގައި ޓަކިޖެހީ ނީރާ ނުނިކުމެގެންނެވެ. ކޮޓަރީގެ ދޮރު ހުޅުވާލިއިރު ނީރާ ހުރީ އެ ދުވަހު ލާން ހަމަޖެހިފައި އޮތް ހެދުމުގައެއް ނޫނެވެ. ލަމްހާ ސުވާލުކުރުމުން ހެދުމަށް ފައުންޑޭޝަން އެޅުނީ ކަމުގައި ބުންޏެވެ. ނަމަވެސް އެކަން ނީރާ ކުރީ ގަސްދުގައެވެ.
"ހާދަ ދެރައޭ، އެކަމަކު ދެންނެތް ވަގުތެއް... އެންމެން އަތުވެއްޖެ." ކޮޓަރިއަށް ވަދެހުރެ ލަމްހާ ބުނެލިއެވެ.
"މިހުރި ގޮތް އޯކޭއެއްނު." ހެދުމަށް ބަލާލާފައި ނީރާ ބުންޏެވެ. އޭނާ އަޅައިގެން ހުރީ އާންމުކޮށް އޭނާ ލާ އުޅޭ ހެދުމެކެވެ. އުޅަންބޮށްޓާ ހަމައަށް އަތް ހުރި، އުނަގަނޑާ ހިސާބުގައި ހެދުމުގެ ބަޔަކުން ފޮތިބެލްޓަކާއެކު ކަކުލުން ތިރިއަށް ހުންނަ ކޮރެލްޕިންކު ކުލައިގެ ހެދުމެކެވެ. އެއީ ލައިޒަލްއާ ކަރޯކޭ ޖެއްސި ރޭ ފުރަތަމަ ދިމާވިއިރު ލައިގެން ހުރި ހެދުމެވެ. ލަމްހާ ދެކޮޅެއް ނުހެދިއެވެ. އެ ހެދުމުގައި ވެސް ނީރާގެ ރީތިކަމަކަށް ބަދަލެއް ނާދޭ ވިއްޔާއެވެ.
ކޮޓަރިން ނުކުތްއިރު ވެސް އެ ހަފުލާގައި ބައިވެރިވާން ލައިޒަލް ނާންނާނެކަން ނީރާއަށް ޔަގީންވެއެވެ. ނަމަވެސް ސޯފާގައި އިން އީހާނުގެ މޫނުން ހިނިތުންވުން ގެއްލުނެވެ. އޭނާއަށް ނީރާ ލައިގެން ހުރި ހެދުން ކަމުނުދިޔައީއެވެ. އެ ހަނދާންތައް އާވީމައެވެ. ކެފޭގައި ކަރޯކޭ ޖައްސަން ތިބިރޭ ޔަމާނާއެކު އެމީހުންގެ ތެރެއަށް ލައިޒަލް ތަޢާރަފްވީ އެރެއެވެ. އީހާންގެ ނަފްސަށް ބަޔާންކުރަން ނޭނގޭ ހިމޭންކަމެއް އެރޭ ވެރިވިއެވެ. ލައިޒަލްއާއި ނީރާގެ އަޑުގައި ހުރި ޖާދޫ އިވިފައެވެ. އެ ޖޯޑުގެ ފުރިހަމަކަން ހިތަށް އެރިއިރު ދެންތިބި އެކުވެރީން ވެސް ހާމަކުރީ އެފަދައިންނެވެ. ނީރާއާ އެކުވެރިކަން ބާއްވަން ލައިޒަލްއަކީ ރަނގަޅު ފިރިހެނެއްނޫނޭ ފުރަތަމަ އީހާނުގެ ހިތަށް އެރީ އެރެއެވެ. ފާޑެއްގެ ބިރެއް އޭނާ ގަތީއެވެ. ނީރާއާ ގުޅުން ބަދަހި ލައިޒަލް ކުރާނޭ ހީވާތީއެވެ.
"ހެދުމަށް ކިހިނެއްވީ؟" އީހާނު ތެދުވެގެން އައިސް ނީރާގެ ގާތުގައި ހުއްޓިލިއެވެ. އެ ސުވާލަށް ޖަވާބު ދިނީ ނީރާގެ ގާތުގައި ހުރި ލަމްހާއެވެ. އެހެންވިޔަސް އީހާނަށް ގަބޫލެއް ނުކުރެވުނެވެ. އެހެނޭ ކިޔާފައި މަންމަ ހުރީތީ އިތުރު ސުވާލުތަކެއް ވެސް ނީރާއާ ކުރާކަށް އީހާނަށް ނުކެރުނެވެ.
ސުޖާއުއާއެކު ފޯމުފުރައިދޭ މީހުންނާއި ހެކިވެރީންގެ ގޮތުގައި ތިބޭނެ މީހުންނާއެކު އީހާނާއި ނީރާ އިށީނީ ކާމޭޒުދޮށުގައެވެ. ނީރާގެ ފަހަތުގައި އޭނާގެ ކޮނޑުގައި ހިފަހައްޓާލައިގެން ލަމްހާ ހުއްޓެވެ. ރިދާއާއި ޔަމާނުގެ އިތުރުން އުޝާ ހުއްޓެވެ. އެތަނަށް އުޝާ އައީ އެންމެ ބޭނުމެއްގައެވެ. ނީރާ ހަގީގަތުގައި ވެސް އީހާނާ އިންނަނީތޯ ޔަގީންކުރާށެވެ. ނީރާއާ ނަޒަރު ސީދާވެލާ ކޮންމެ ފަހަރަކު އުޝާ ހިނިތުންވެލައެވެ. މޫނުން ފާޅުނުވިޔަސް އުޝާ ހުރީ އުފަލުންނެވެ. ވަރަށް އުފަލުންނެވެ. ލައިޒަލްގެ ދިރިއުޅުމަށް ނީރާއަށް ނުވަދެވޭނެކަން އެނގޭތީއެވެ. އެކަމަކު ރިދާ އެ ހިޔާލާ މުޅިން އިދިކޮޅެކެވެ. އޭނާ ގަބޫލުކުރަނީ ނީރާއާއި ލައިޒަލްގެ ޖޯޑު މާގުޅޭކަމެވެ. ކަންތައް ހިނގައިފައި އޮތް ގޮތެއް ނޭނގުނަސް އީހާނާ އިނުމަކީ ރަނގަޅު ނިންމުމެއްކަމުގައި ރިދާ ނުދެކެއެވެ. އެންމެންގެ ހާޟިރުގައި ނީރާ ރަންކިޔެވެ. އީހާނުގެ ފަނޑުވެފައިވާ ހިނިތުންވުން ފުޅާވެލިއެވެ. ފުންނޭވާއެއްލީ ގޮތުން ހީވީ ހިތްހަމަޖެހުނީ ހެންނެވެ. އެ ހުރިހާ މަންޒަރެއް ފޯނު ހިއްލާލައިގެން ހުރި ޔަމާނު އައީ ރިކޯޑު ކުރަމުންނެވެ. އީހާނަކީ ވެސް އޭނާގެ އެކުވެރިއެކެވެ. އެ އެކުވެރިޔާގެ އުފަލުގައި އޭނާ ބައިވެރިވީއިރު މި އުފާވެރި ވަގުތުގެ ތަހުނިޔާ ޔަމާނު ކިޔެވެ. ކައިވެނީގެ ވަލީމާއަށް އިންތިޒާރު ކުރާކަން ހާމަކުރިއެވެ. ނީރާގެ ބޮލުގައި ފަހަތުގައި ހުރި ލަމްހާ ބޮސްދިނެވެ. ދެ ލޯ މަރާލި ނީރާގެ ތުންފަތަށް ރިހުމުގެ ހިނިތުންވުމެއް ވެރިކޮށްލިއެވެ. (ނުނިމޭ)