ވިޔަފާރި

ސިޔާމް ވޯލްޑަށް މި ސަރަހައްދުގެ އެންމެ ބޮޑު ފްލޯޓިން ވޯޓާ ޕާކް

އޮކްޓޫބަރު މަހު ހުޅުވާ "ސިޔާމް ވޯލްޑް" ރިސޯޓުގައި މި ސަރަހައްދުގެ އެންމެ ބޮޑު ފްލޯޓިން ޕާކް ހަދައިފި އެވެ.

މަޝްހޫރު ވިޔަފާރިވެރިޔާ އަދި ދ. މީދޫ ދާއިރާގެ މެމްބަރު އަހްމަދު ސިޔާމް މުހައްމަދު ނ. އަތޮޅުގައި ތަރައްގީ ކުރަމުން ގެންދާ 490 ކޮޓަރީގެ "ސިޔާމް ވޯލްޑް" ރިސޯޓުގައި ހެދި ފްލޯޓިން ޕާކުގެ ބޮޑު މިނުގައި 2،580 އަކަމީޓަރު ހުރެ އެވެ. މިއީ އިންޑިއާ ކަނޑުގެ އެއްވެސް ގައުމެއްގައި މިހާތަނަށް ހަދާފައިވާ ނުވާވަރުގެ ބޮޑު ފްލޯޓިން ވޯޓާ ޕާކެއް ކަމަށް ސިޔާމް ވޯލްޑް ކުންފުނިން ބުނެ އެވެ.

މަތިން ބަލާލާއިރު "ސިޔާމް" ގެ ނަން ފެންނަ ގޮތަށް ފަރުމާކޮށްފައިވާ މި ފްލޯޓިން ވޯޓާ ޕާކް ހަދާފައިވަނީ ދުނިޔޭގެ މި ޒާތުގެ މަސައްކަތް ކުރުމުގެ ތަޖުރިބާކާރު ކުންފުންޏެއް ކަމަށްވާ ޖަރުމަނުގެ ވިބިޓް ސްޕޯޓްސް އިންނެވެ.

ސިޔާމް ވޯލްޑް ކުންފުނިން އަވަސް އަށް ބުނި ގޮތުގައި ދުނިޔޭގެ 100 އަށްވުރެ ގިނަ ގައުމުގައި ފްލޯޓިން ވޯޓާ ތީމް ޕާކު ހެދުމުގައި 25 އަހަރުގެ ތަޖުރިބާ ލިބިފައިވާ ޖަރުމަނުގެ އެ ކުންފުނިން ތަރައްގީ ކުރި މި ފްލޯޓިން ޕާކު ހަ އަހަރުން ފެށިގެން މަތީގެ ހުރިހާ ފަރާތް ތަކަށް ވެސް ބޭނުން ކުރެވޭނެ އެވެ.

މި ފްލޯޓިން ވޯޓާ ޕާކުގައި މޫދަށް ޖަމްޕް ކުރާ ތަންތަނާއި އަރާ ޓަވަރުގެ އިތުރުން އެލެވޭ ގޮތަށް ހުންނަ އެކިއެކި ބައިތައް ހިމެނެ އެވެ.

ރިސޯޓު ހުޅުވުން އޮކްޓޫބަރު 28 ގައި

ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓް (ވީއައިއޭ) އިން ފުރައިގެން 40 މިނެޓުން އަދި މާފަރު އިންޓަނޭޝަނަލް އެއާޕޯޓުން ފުރައިގެން 10 މިނެޓުން ދެވޭ ރާސްތާގައި ހުޅުވާ ފަސް ތަރީގެ ފުރިހަމަ މި ރިސޯޓުގައި ގާތްގަނޑަކަށް 54 ހެކްޓަރު ހުރެ އެވެ. މިރަށުގައި ތަރައްގީ ކުރާ ރިސޯޓު އަންނަ އޮކްޓޫބަރު މަހުގެ 28 ގައި ހުޅުވަން ތައްޔާރުވާއިރު މި ރިސޯޓު ވެެގެން ދާނީ ރާއްޖޭގައި މިގޮތަށް ތަރައްގީ ކުރި އެންމެ ބޮޑު އެއް ރިސޯޓަށެވެ. އަދި އެންމެ ކޮޓަރި ގިނަ އެއް ރިސޯޓަށެވެ. މިހާތަނަށް އެންމެ ގިނަ ކޮޓަރިއާއެކު ހުޅުވާފައިވަނީ ވިލާގެ ސަން އައިލެންޑް ރިސޯޓެވެ.

ސިޔާމް ވޯލްޑް ރިސޯޓުގައި 14 ރެސްޓޯރެންޓް ހުންނައިރު މޫދު ކުޅިވަރާއި އެހެނިހެން ކުޅިވަރުތައް ކުޅެވޭނެ ހުރިހާ ވަސީލަތްތަކެއް ގާއިމް ކޮށްފައިވެ އެވެ. ގާތްގަނޑަކަށް ހަތަރު ކިލޯ މީޓަރުގެ ދޮންވެލި ބީޗު އޮންނަ މި ރަށުގައި 21 ބާވަތެއްގެ އެކޮމޮޑޭޝަން ހުރެ އެވެ. މި ތަންތަނުގައި ހުރި ކޮޓަރިތަކުގެ ސައިޒު 82 އަކަމީޓަރުން ފެށިގެން 3،000 އަކަމީޓަރަށް ދެމިގެންދެ އެވެ. މި ރިސޯޓުގައި ހުރި ކޮޓަރިތަކުގައި ހަ ކޮޓަރީގެ ބެޑްރޫމުވެސް ހުރެ އެވެ. މި ތަނުގައި ބީޗް ރެސިޑެންސްތަކާއި ވިލާ އަދި މޫދު ކޮޓަރިތަކާއި ޕްރެޒިޑެންޓަސް ސުއިޓްތައް ވެސް ހުންނާނެ އެވެ.

ސިޔާމް މި ރިސޯޓު ތަރައްގީ ކޮށްފައި ވަނީ ރައީސް އަބްދުﷲ ޔާމީންގެ ވެރިކަމުގައި ދިވެހި ސަރުކާރުން ސޮވްރިން ގެރެންޓީ ދީގެންނެވެ.