ދުނިޔެ

އިޒްރޭލުން ޣައްޒާ ބަންދަށް ކުޑަ ލުޔެއްދީފި

ޣައްޒާގައި ބައިނަލްއަގްވާމީ ޖަމާއަތްތަކުންނާއި މަދަނީ ޖަމިއްޔާތަކުން ހިންގާ އުމްރާނީ ޕްރޮޖެކްޓްތަކަށް ބޭނުންވާ ސާމާނު އެތެރެކުރަން އިޒްރޭލުން ލުއި ދީފި އެވެ. އިޒްރޭލުގެ އަސްކަރިއްޔާއިން ނެރުނު ބަޔާނެއްގައި ބުނެފައި އޮތީ ޣައްޒާގައި ރައްކާތެރިކަށް އޮތް މިންވަރު ބަލައި އިތުރު ލުއިތައް ދެވޭނެ ކަމަށެވެ.

އިޒްރޭލުގެ އަސްކަރިއްޔާއިން ރީތި ބަސްތަކުން ބަޔާނެއް ނެރެ ދުނިޔެއަށް އޮޅުވާލަން މަސައްކަތްކޮށްފައި ވާއިރު މުޅި ޣައްޒާ ސުންނާފަތިކޮށް ކުށެއް ނެތް އެތައް ބަޔަކު އިޒްރޭލުން ވަނީ މަރާފަ އެވެ. އަދި މުޅި ޣައްޒާ ވަށައިގެން ތަޅުލައި ކާބޯތަކެއްޗަށާއި ފެނަށް ޖައްސައި ލާއިންސާނީ އެތައް އަމަލެއް އިޒްރޭލުން ގެންދަނީ ޣައްޒާގައި ހިންގަމުންނެވެ.

ޣައްޒާ އާރާސްތު ކުރުމަށް އިޒްރޭލުން ލުއި ދީފައި ވަނީ ވެސް ބައިނަލްއަގްވާމީ ޖަމިއްޔާތަކުން ކޮށާވަރުންނެވެ. އަނެއްކޮޅުން ފަލަސްތީންގެ އެތައް ސަތޭކަ ބަޔަކު އިޒްރޭލު ބޯޑަރަށް އެއްވެ ބަންދު އުވާލަން ގޮވައި ވަނީ ހަޅޭއްލަވާފަ އެވެ. އެވަރުން ވެސް ދޮރުފަތެއް ހުޅުވައި ބޯޑަރު ހުރަސް ކުރަން މުދާ އުފުލާ ލޮރީތަކަށް ފުރުސަތު ދެނީ މަދުފަހަރަކު އެވެ.

އިޒްރޭލުގެ އަސްކަރިއްޔާއިން ބުނެފައި އޮތީ ޣައްޒާ ބަންދަށް ދިން ލުޔަކީ އުމްރާނީ އަދި އިގުތިސޯދީ ޕްރޮޖެކްޓްތަކަށް ދިން ލުޔެއް ކަމަށާއި ވިޔަފާރިވެރިންނަށް ވެސް ވަކި އަދަދަކަށް ދަތުރު ކުރަން ހުއްދަ ދެވޭނެ ކަމަށެވެ.

މިއަހަރު މޭގައި އިޒްރޭލުން ޣައްޒާއަށް ދިން އުދުވާނީ ހަމަލާތަކުގައި ސުންނާފިތިކޮށްފައި ހުރި އިމާރާތްތައް މަރާމާތުކުރަން ވެސް އިޒްރޭލުން ހުއްދަދޭކަށް ބޭނުމެއް ނުވެ އެވެ. އިޒްރޭލުން ފަނާކުރި އާންމުންގެ ގެދޮރު އަލުން ބިނާކުރެވެން އޮތީ ވެސް އިމާރާތްކުރާ ތަކެތި ޣައްޒާއަށް އެތެރެ ކޮށްގެންނެވެ.

އިޒްރޭލުން ބުނަމުން ގެންދަނީ އިމާރާތްކުރަން ބޭނުންވާ ތަކެތި ޣައްޒާއަށް ވައްދަން ހުއްދަދެވޭނީ ހަމާސްގެ ހައްޔަރުގައި ތިބި އިޒްރޭލު ސިފައިން ދޫކުރުމުން ކަމަށެވެ، ހަމާސްއިން ބުނަނީ ކުށްވެރިން ދޫކުރެވޭނީ އިޒްރޭލު ޖަލުތަކުގައި ތިބި ފަލަސްތީން މީހުން ދޫކުރުމުން ކަމަށެވެ.