ރާއްޖެ ކުޅިވަރު

ޖަވާބުދޭން ނިއުރޭޑިއަންޓް ދެކޮޅު ހަދައިފި

ވިކްޓަރީ އަތުން 1-0އިން ރޭ މޮޅުވެ އުރީދޫ ދިވެހި ޕްރެމިއާ ލީގުގެ އެއްވަނަ އަށް ނިއުރޭޑިއަންޓް އެރި ނަމަވެސް އެކުލަބުން މެޗާ ބެހޭގޮތުން ވާހަކަ ދައްކަން ދެކޮޅު ހަދައިފި އެވެ.

ސީޒަނުގެ ވަކި ހިސާބަކުން ނިއުގެ މެނޭޖަރު ކަމާ ހަވާލުވި އަމީން ފައިސަލް ރޭގެ މެޗަށް ފަހު އޮތް ނޫސްވެރިންގެ ބައްދަލުވުމުގައި ކުރި ހުރިހާ ސުވާލެއްގެ ޖަވާބުގައި ވެސް ބުނީ ސުވާލަށް "ދޭނެ ޖަވާބެއް ނެތް" ކަމަށެވެ.

ކެޕްޓަން އައްސަދު އަލީ (އަޑޭ) ވިކްޓަރީ ކޮޅަށް ޖެހި ހަމައެކަނި ލަނޑުން ނިއު މޮޅުވި މެޗަށް ފަހު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި އަމީންއާ ކުރި ފުރަތަމަ ސުވާލަކީ މެޗާ ބެހޭ ގޮތުން ނިއުގެ ހިޔާލަކީ ކޮބާތޯ އެވެ؟. ދެ ވަނަ އަދި ތިން ވަނަ ސުވާލު އަމާޒުކުރީ މެޗުގެ ރެފްރީގެ ނިންމުންތަކާމެދު އަމީން ތަކުރާރުކޮށް ވަރަށް ބޮޑަށް ނުރުހުން ފާޅުކޮށްފައިވާތީވެ އެކަމަށެވެ. ހަތަރު ވަނަ ސުވާލަކީ ގޯލްކީޕަރު އަލީޝާގާތުގައި ހަމަޖެހެން އަމީން އެންގުމުން ކީޕަރު އޭނާ އަށް ރައްދުދިނީ ކީއްވެތޯ އެވެ؟ ފަސް ވަނަ ސުވާލަކީ ރެފްރީ ނިއުގެ ކުޅުންތެރިންނަށް ދެއްކި ކާޑުތައް އެޕީލްކުރާނެތޯ އެވެ؟

"ނެތް ދޭނެ ޖަވާބެއް. ތިޔަ ސުވާލަށް ނެތް ދޭނެ ޖަވާބެއް،" މިއީ މިހުރިހާ ސުވާލަކަށް ވެސް އަމީންދިން ޖަވާބެވެ.

މެޗު ތެރޭގައި ރެފްރީގެ ނިޔާއާމެދު އޭނާ ހިތްހަމަނުޖެހުން ފާޅުކުރިލެއް ބޮޑުކަމުން ދެންމެދެންމެ އަމީން ބެންޗުން ފޮނުވާލާނެހެން ހީވި ކިތަންމެ ވަގުތެއްދިޔަ އެވެ. އަދި މެޗު ނިމުމާއެކު ނިއުއިން ކުޅުންތެރިންގެ ކާޑުތައް މައާފްކުރުމަށް އެފްއޭއެމަށް ފޮނުވަންޖެހޭ ލިޔުން ބަދަލު ރެފްރީގެ މޭޒުގައި ތިބެ ތައްޔާރުކުރަމުންދިޔަ މަންޒަރު ވެސް ނޫސްވެރިންނަށް ވަނީ ފެނިފަ އެވެ.

މި މެޗަށް ނުކުތްއިރު ނިއުގެ ކޯޗު ސާބިއާގެ ނިކޮލާ ކަވަޒޮވިޗް ހުރީ ސަސްޕެންޑްކޮށްފަ އެވެ. އެއީ ބީޖީ އަތުން ނިއު މޮޅުވި މެޗުގައި ރެފްރީ އަށް ހަޑިހުތުރު ބަހުން މުހާތަބް ކުރުމުން އޭނާ ބެންޗުން ފޮނުވާލި މައްސަލާގަ އެވެ.

އަދި ރޭގެ މެޗުގައި ރެފްރީ ބާސިލް ނަފީސްގެ ނިންމުންތަކަށް ނިއުގެ އިތުރުން ވިކްޓަރީގެ ބެންޗުންނާއި ކުޅުންތެރިން ވަރަށް ބޮޑަށް ނުރުހުން ފާޅުކުރި އެވެ. އޭގެ ތެރެއިން ގިނަ ނިންމުންތަކާމެދު ބަދަލު ރެފްރީ އަށް އަމީން ވަރަށް ބޮޑަށް ޝަކުވާކުރި އެވެ. އަދި ވިކްޓަރީގެ އެސިސްޓެންޓް ކޯޗު އަހުމަދު މުޖުތަބާ (ފެސްކޯ) ވެސް ރެފްރީންގެ ނިންމުންތަކާ ހިތްހަމަނުޖެހިގެން ކުޅުންތެރިން ދަނޑަށް ނެރެފައިތިބީ ތަޅާފޮޅަންތޯ ބަދަލު ރެފްރީގާތުން ސުވާލު ކުރި އެވެ.

މި މެޗުން މޮޅުވުމުން ނިއު ޓޭބަލުގެ އެއްވަނާގައިވަނީ 29 ޕޮއިންޓާއެކުގަ އެވެ. ދެ ވަނާގައިވަނީ މިއަދު ހަވީރު ބީޖީ އަތުން 4-1އިން މޮޅުވި ޓީސީ އެވެ. އެ ޓީމަށް ލިބިފައިވަނީ 27 ޕޮއިންޓެވެ. ވިކްޓަރީ އޮތީ 13 ޕޮއިންޓާއެކު ފަސް ވަނާގަ އެވެ. ބީޖީ އޮތީ 12 ޕޮއިންޓާއެކު ހަތް ވަނާގަ އެވެ. ލީގުގައި ކޮންމެ ޓީމަކަށް ވެސް ބާކީ އޮތީ އެންމެ ދެ މެޗެވެ.