ދީން

އުރެދުންތެރިންގެ ބަހަނާތައް

ދީން ޤަބޫލު ނުކުރާ މީހުން، ނުވަތަ ދީނުގެ ޙުކުމްތަކަށް އިންކާރުކުރާ މީހުންގެ ދައްކާ ވާހަކަތަކާއި ބަހަނާތަކަކީ އޭރުވެސް މިހާރުވެސް އެއް ޒާތެއްގެ ވާހަކަތަކެކެވެ. އެގޮތުން ނަބީ ބޭކަލުންނަށް ތުރާތަކޮށް، މާތް ﷲ ގެ ޙަޟުރަތުން ބޮޑެތި މުޢުޖިޒާތްތައް ގެނެސް ދިނުމަށް އެބައިމީހުން އެދުނެވެ. އެފަދަ ގިނަ ވާހަކަތަކެއް އިސްލާމީ ތާރީޚުގައި ލިޔެވިފައިވެއެވެ.

ހަމައެފަދައިން މައްކާގެ މުޝްރިންނާއި އުރެދުނު މީހުން އެތައް ކަންކަމެއް ގެނެސް ދެއްވުމަށް ނަބިއްޔާ صلى الله عليه وسلم އަށް ދެންނެވިއެވެ. އަދި އެކަންކަން ގެނެސްދެއްވުމުން ނޫނީ އީމާން ނުވާނޭކަމުގައި ބުންނެވެ. އެވާހަކަތައް އަލްއިސްރާ ސޫރަތުގައި މާތް ﷲ ބަޔާން ކުރެއްވިއެވެ. އެސޫރަތުގެ 90 ވަނަ އާޔަތުން ފެށިގެން 93 ވަނަ އާޔަތާ ހަމައަށް އެމީހުން އެދުނު ކަންކަން ވަޙީ ކުރެއްވިއެވެ.

އެޔާތްތަކުގެ މާނައިގައިވެއެވެ. "އަދި އެއުރެން ބުންޏެވެ. ކަލޭގެފާނު (މައްކާގެ) ބިމުން ތިމަންމެންނަށް ފެންއާރެއް ހިންގަވައިދެއްވައިފުމަށް ދާނދެން ކަލޭގެފާނަކަށް ތިމަންމެން އީމާނެއް ނުވާނަމެވެ. (90) ނުވަތަ ކަލޭގެފާނަށް، ކަދުރު ރުކާއި، މޭބިސްކަދުރުގެ ބަގީޗާއެއްއޮވެ، އޭގެ މެދުން ގިނަގުނަ ކޯރުތައް ހިންގަވައިދެއްވައިފުމަށް ދާނދެނެވެ. (91) ނުވަތަ ކަލޭގެފާނު ހީފުޅުކުރައްވާ ފަދައިން، ތިމަންމެންގެ މައްޗަށް އެތިއެތިގަނޑަށް އުޑު ވައްޓަވައިލައްވައިފުމަށް ދާނދެން، ނުވަތަ ﷲ އާއި މަލާއިކަތުން (ތިމަންމެންނަށް) ފެންނާނެހެން ކުރިމައްޗަށް ގެނެސްދެއްވައިފުމަށް ދާނދެނެވެ. (92) ނުވަތަ ކަލޭގެފާނަށް ރަނުން ގެއެއް ހުރެ، ނުވަތަ ކަލޭގެފާނު އުޑަށް އަރައިވަޑައިގެންފުމަށް ދާނދެނެވެ. އަދި ތިމަންމެން ކިޔަވާނޭ ފޮތެއް ތިމަންމެންނަށް ބާލުއްވައިދެއްވައިފުމަށް ދާނދެން، ކަލޭގެފާނު (އުޑަށް) އަރައިވަޑައިގެންނެވިކަމަކަށް، ތިމަންމެން އީމާނެއް ނުވާނަމެވެ. ކަލޭގެފާނު ވިދާޅުވާށެވެ! އަޅުގެ ވެރިރަސްކަލާނގެ ހުސްތާހިރުވަންތަކަމާއެވެ! ތިމަންކަލޭގެފާނަކީ، ރަސޫލަކު ކަމުގައިވާ އާދަމުގެދަރިޔަކު ކަމުގައި މެނުވީ ނުވަމެވެ."

މިއާޔަތްތައް ބާވައިލެއްވުނު ޙާދިޘާ ތަފްސީރު ފޮތްތަކުގައި ރިވާވެގެންވެއެވެ. އޭގެ ތެރޭގައި އަންނަނިވި ރިވާޔަތް ހިމެނެއެވެ.
އިބްނު ޢައްބާސް رضي الله عنه ގެ އަރިހުން ޢިކްރިމާ رحمه الله ރިވާކުރެއްވާފައިވެއެވެ. މައްކާގެ ބޮޑުންނާއި ކަމުއޮށިގެންވާ މީހުންކުރެ ބަޔަކު ކަޢުބަތުﷲ ގެފުޅުގެ ކައިރިޔަށް ޖަމާވީއެވެ. އޭގެ ތެރެއިން އެއްބަޔަކު އަނެއް ބަޔަކަށް ބުންޏެވެ. "މުޙައްމަދުގެފާނު ގެންނާށެވެ. އަދި އެކަލޭގެފާނު އެ ދައްކަވާ ވާހަކަފުޅުތައް ހުއްޓައިލައްވާތޯ ވާހަކަ ދައްކަމާ ހިނގާށެވެ!"

ދެން އިތުރު އެކަލޭގެފާނުގެ އަރިހަށް މީހަކު ފޮނުވިއެވެ. އަދި އެމީހާ ދެންނެވިއެވެ. "މައްކާގެ ބޮޑުންގެ ބަޔަކު ކަލޭގެފާނާ ވާހަކަ ދެއްކުމަށް އެއްވެ އެބަތިއްބެވެ." އެހެނދު ކީރިތި ރަސޫލާ صلى الله عليه وسلم އަވަސްވެވަޑައިގެން އެތަނަށް ވަޑައިގެންނެވިއެވެ. އެކަލޭގެފާނަށް ހީފުޅުކުރެއްވުނީ، މީސްތަކުންނަށް އެކަލޭގެފާނުގެ ދަޢުވަތުން ކޮންމެސް އެއްޗެއް ވިސްނުނީ ކަމުގައެވެ. މީސްތަކުން އިސްލާމް ވުމަށް އެކަލޭގެފާނު އެދިލައްވާ އެދިލެއްވުން ނުހަނު ބޮޑެވެ. އަދި އެބައިމީހުންނަށް ތެދުމަގު ދެއްކެވުމަށް އެކަލޭގެފާނު ލޯބި ކުރައްވައެވެ.

އެކަލޭގެފާނު ވަޑައިގެން އެމީހުންގެ މަޖިލީހުގައި އިށީދެވަޑައިގަތމުން އެތަނުން މީހަކު ބުންޏެވެ. "އޭ މުޙައްމަދެވެ! ތިމަންމެން ކަލޭގެފާނު މިތަނަށް މިގެންނެވީ، ކަލޭގެފާނު ތިޔަ ދައްކަވާ ވާހަކަތައް ހުއްޓައިލައްވާނޭ މަގެއް ފެނޭތޯއެވެ! އެހެނީ، ﷲ ގަންދީ ބުނަމެވެ. ޢަރަބީންގެ ތެރޭގައި ކަލޭގެފާނު ތިޔަ ގެންނެވިފަދަ ކަމެއް، އެމީހެއްގެ ގައުމުގެ މީހުންގެ ގާތަށް ގެނައި އެކަކުވެސް ތިމަންމެން ނުދަންނަމެވެ. ކަލޭގެފާނު އަހުރެމެންގެ ކާބަފައިންނަށް ބަދުބަސް ބުނެފީމެއެވެ. އަދި ދީނަށް ޢައިބު ވިދާޅުވެ، އިލާހުންތަކަށް ފުރައްސާރަ ކުރައްވައިފީމުއެވެ. އަދި އަހުރެމެންގެ މެދުގައި ބައިބައިވުން އުފައްދަވައިފީމުއެވެ. އަހަރުމެންނާ ކަލޭގެފާނާ ދެމެދުގައި މައްސަލަ ޖެހޭނޭފަދަ ކަމެއް އޮތްނަމަ، ކަލޭގެފާނު އެކަމެއް ކުރައްވައިފީމުއެވެ. ކަލޭގެފާނުގެ ތިޔަ ވާހަކަތަކަކީ މުދާ ހޯއްދެވުމަށް ދައްކަވާ ވާހަކަތަކެއްނަމަ ތިމަންމެން އެންމެންވެގެން މުދާއެއްކޮށް، އެމުދާތަށް ކަލޭގެފާނަށް އަރުވައި، ތިމަންމެންގެ ތެރެއިން އެންމެ މުދާވެރިޔަކީ ކާލޭގެފާނުކަމުގައި ހަދައިފާނަމެވެ. ކަލޭގެފާނު އެދިލައްވަނީ ޝަރަފާއި ވެރިކަން ކަމުގައިވާނަމަ، ތިމަންމެންގެ ވެރިޔަކު ކަމުގައި ކަލޭގެފާނު ހަދައިފާނަމަވެ. ކަލޭގެފާނު އެދިލައްވަނީ ރަސްކަލެއްކަމެއް ކަމުގައިވާނަމަ، ކަލޭގެފާނަކީ ތިމަންމެންގެ ރަސްގެފާނުކަމުގައި ހަދައިފާނަމެވެ. އަދި ކަލޭގެފާނު ތިޔަ ދައްކަވާ ވާހަކަތަކަކީ ކަންވެރިކަމެއްގެ ސަބަބުން ކުރިމަތިވެވަޑައިގެންފައިވާ އާލާސްކަންފުޅެއްނަމަ، ތިމަންމެންގެ މުދަލުން ޚަރަދުކޮށްގެން ބޭސްކޮށްދީ ތިކަންމުން ސަލާމަތްވޭތޯ ބަލައިފާނަމެވެ."

އެމީހުންގެ ވާހަކަތައް އަޑުއެއްސެވުމަށްފަހު ކީރިތި ރަސޫލާ صلى الله عليه وسلم ޙަދީޘް ކުރެއްވިއެވެ. "ތިޔަބައިމީހުން ތިޔަބުނާ ޒާތުގެ އެއްވެސް ކަމެއް ތިމަންކަލޭގެފާނަށް ޖެހިވަޑައިގެންފައި ނުވެއެވެ. އަދި ތިމަންކަލޭގެފާނު އެކަމަކައިގެން ވަޑައިގެންނެވި ކަމަކީ، ތިޔަބައިމީހުންގެ އަތުން މުދާވެރިކަން ހޯއްދެވުމަކަށް، ނުވަތަ ވެރިކަން ހޯއްދެވުމަކަށް ބޭނެންވެވަޑައިގެން ކުރެއްވި ކަމެއް ނުމެނޫންމެއެވެ. އެހެނެއްކަމަކު، ތިމަންކަލޭގެފާނު ތިޔަބައިމީހުންގެ ގާތަށް ރަސޫލު ކަމާއިގެން ފޮނުއްވެވީ ﷲ އެވެ. އަދި އެއިލާހު ތިމަންކަލެގެފާނަށް ފޮތް ބާވައިލެއްވެވިއެވެ. އަދި ތިޔަބައިމީހުންގެ ތެރެއިން އުރެދޭ ބަޔަކަށް ބިރުވެރިކަމުގެ ޚަބަރުދީ، އިޖާބަދިން ބަޔަކަށް އުފާވެރިކަމުގެ ޚަބަރު ދެއްވުމަށް އެކަލާނގެ އަމުރު ކުރެއްވިއެވެ. ފަހެ، ތިމަން ކަލޭގެފާނުގެ ވެރި ރައްބުގެ ރިސާލަތު ތިޔަބައިމީހުންނަށް ތިމަންކަލޭގެފާނު އިއްވައިފީމުއެވެ. އަދި ނަޞޭޙަތް ދެއްވައިފީމުއެވެ. ތިޔަބައިމީހުން ތިމަންކަލޭގެފާނުގެ ބަސް ޤަބޫލު ކޮށްފިނަމަ އެއީ ތިޔަބައިމީހުންގެ ދެދުނިޔގެ ނަޞީބެވެ. ތިމަންކަލޭގެފާނުގެ ބަސް ޤަބޫލު ނުކޮށްފިނަމަ، މާތް ﷲ ގެ ނިޔާފުޅު އަންނަންދެން ތިމަންކަލޭގެފާނު އިންތިޒާރު ކުރައްވާހުށީމެވެ."

ދެން އެބައިމީހުން ބުންޏެވެ. "އޭ މުޙައްމަދެވެ! ކަލޭގެފާނު އަހުރެމެން ހުށަހެޅި ކަންކަން ޤަބޫލު ނުކުރައްވަނީނަމަ، ތިމަންމެނަންށްވުރެ ދިރިއުޅުންދަތި ބަޔަކު ނުވާކަން ކަލޭގެފާނަށް އެނގިވަޑައިގަންނަވާ ނެއެވެ. ވީމާ، މި ރަށުގެ ވަށައިގެންވާ ފަރުބަދަތައް ނެތިކުރައްވައި، މި ބިންގަނޑަކީ ފަސޭހަ ބިންގަނޑެއްކަމުގައި ހައްދަވައިދެއްވައި، ޝާމުކަރަޔާއި ޢިރާޤު ކަރައިގައި ހުންނަފަދަ ފެންކޯރުތަކެއް މި ބިމުން ނެރުއްވައި، އަދި އަހަރުމެންގެ ކުރީން އިސްވެދިޔަ ކާބަފައިން އަލުން ގެނެސްދެއްވުމަށް ކަލޭގެފާނުގެ ވެރި ރައްބަށް ދަންނަވައި ދެއްވާށެވެ. އަދި އެމީހުންގެ ތެރެއިން ޤުޞައްޔު ބުނު ކިލާބު ގެންނަވައި، އޭނާއަކީ ޞާލިޙު ތެދުވެރި މީހެއްކަމުގައިވާތީ، ކަލޭގެފާނު ތިޔަވިދާޅުވާ ބަސްފުޅުތަކަކީ ޙައްޤު ތެދުތޯ އޭނާގާތުގައި ތިމަންމެން އަހާނަމެވެ. އޭނާ ކަލޭގެފާނުގެ ބަސް ތެދުކޮށްފިނަމަ ތިމަންމެންވެސް ތެދުކުރާނަމެވެ."

އެހިނދު ކީރިތި ރަސޫލާ صلى الله عليه وسلم ޙަދީޘް ކުރެއްވިއެވެ. "ތިމަންކަލޭގެފާނު ފޮނުއްވުނީ ތިޔަ ކަމަކާއިގެނެއް ނޫނެވެ. ތިމަންކަލޭގެފާނު ފޮނުއްވުނު ކަންތައްތައް ކަލޭމެންނަށް އިއްވައިފީމު ނޫންހެއްޔެވެ؟ ތިޔަބައިމީހުން ތިމަންކަލޭގެފާނުގެ ބަސް ޤަބޫލު ކޮށްފިނަމަ އެއީ ތިޔަބައިމީހުންގެ ދެދުނިޔގެ ނަޞީބެވެ. ތިމަންކަލޭގެފާނުގެ ބަސް ޤަބޫލު ނުކޮށްފިނަމަ، މާތް ﷲ ގެ ނިޔާފުޅު އައުމަށްދާންދެން ކެތްތެރިވާ ހުށީމެވެ."

އެމީހުން ބުންޏެވެ. "އެހެން ވެއްޖެއްޔާ ކަލޭގެފާނުގެ ބަސް ތިމަންމެން ތެދުކުރުމަށްޓަކައި މަލާއިކަތަކު ފޮނުއްވައިދެއްވުމަށް ކަލޭގެފާނުގެ ވެރި ރައްބަށް ދަންވައިދެއްވާށެވެ. އަދި ކަލޭގެފާނަށް ގަނޑުވަރުތަކާއި، ބަގީޗާތަކާއި ރަނާއި ރިހީގެ ޚަޒާނާތައް ދެއްވުމަށް، ކަލޭގެފާނުގެ ވެރިރައްބަށް ދަންނަވާށެވެ. އެހެނީ މިހާރު ކަލޭގެފާނު ތިޔަ އުޅުއްވަނީ ތިމަންމެންނެކޭ އެއްފަދައިން ބާޒާރުމަތީގައި ދިރިއުޅުމަށް މަސައްކަތް ކުރެއްވުމުގައެވެ."

އެހިނދު ޙަދީޘް ކުރެއްވިއެވެ. "ތިމަންކަލޭގެފާނު ފޮނުއްވުނީ ތިޔަ ކަމަކާއިގެނެއް ނޫނެވެ. ތިމަންކަލޭގެފާނު ފޮނުއްވުނީ ތިޔަބައިމީހުންގެ ތެރެއިން އުރެދޭ ބަޔަކަށް ބިރުވެރިކަމުގެ ޚަބަރުދެއްވައި، އިޖާބަދިން ބަޔަކަށް އުފާވެރިކަމުގެ ޚަބަރު ދެއްވާ ބޭކަލަކު ކަމުގައެވެ."
އެމީހުން ބުންޏެވެ. "އެހެންވީއުރު، ކަލޭގެފާނު ތިޔަ ވިދާޅުވާ ފަދައިން އުޑު ތިމަންމެންގެ ބޯ މައްޗަށް ވަޓައިލަ ބައްލަވާށެވެ."
ޙަދީޘް ކުރެއްވިއެވެ. "އެކަންވަނީ މާތް ﷲ އަށެވެ. އެއިލާހު އިރާދަކުރައްވައިފިކަމެއް ތިޔަބައިމީހުންނާމެދު ކުރައްވާނެތެވެ."
އެތަނުން މީހަކު ބުންޏެވެ. "ﷲ އާއި މަލާއިކަތުން ތިމަންމެންގެ ގާތަށް ޖަމާޢަތަކަށް އައިސްފުމަށްދާންދެން، ތިމަންމެން ކަލޭގެފާނަށް އީމާން ނުވާނަމެވެ."

އެހިނދު ހިތާމަ ކުރައްވާހާލު އިތުރު އެކަލެގެފާނު އެތަން ދޫކުރައްވައި ވަޑައިގަތެވެ. އަދި މާތް ﷲ މި އާޔަތް ބާވައިލެއްވެވިއެވެ. ﴿ وَقَالُواْ لَن نُّؤْمِنَ لَكَ حَتَّى تَفْجُرَ لَنَا مِنَ الأَرْضِ يَنبُوعاً ﴾ (الإسراء 90) މާނައީ: "އަދި އެއުރެން ބުނެފޫއެވެ. ކަލޭގެފާނު (މައްކާގެ) ބިމުން ތިމަންމެންނަށް ފެންއާރެއް ހިންގަވައިދެއްވައިފުމަށް ދާނދެން ކަލޭގެފާނަކަށް ތިމަންމެން އީމާނެއް ނުވާނޫއެވެ."