ބޮލީވުޑް އެކްޓަރުން އަބަދުވެސް އެމީހުންގެ ވަށައިގެން އެތަކެއް ބޮޑީގާޑުން ގޮވައިގެން އުޅޭތީ ފެނެ އެވެ. މި ބޮޑީގާޑުންނަށް އެމީހުން ދޭ މުސާރަ އެނގޭނަމަ އެމީހުންގެ ފޭނުން ހައިރާން ވާނެ އެވެ.
އަމީތާބު ބައްޗަންގެ ޕާސަނަލް ބޮޑީގާޑު ޖީތެންދުރަ ޝިންޑޭ އެކަކަށް ފުދެ އެވެ. އަމީތާބު ބޭރު ތެރޭގައި އުޅެނިކޮށް ނަގާފައިވާ ކޮންމެ ފޮޓޮއެއްގައި ހެން ޝިންޑޭ ކައިރީގައި ހުއްޓާ ފެންނާނެ އެވެ. އިންޑިއާ އާއި ބޭރު ގައުމުތަކަށް އަމީތާބު ކުރާ ދަތުރުތަކުގައި ވެސް އެންމެ ކައިރީގައި ހިޔަންޏެއްހެން ޝިންޑޭ ހުރެ އެވެ.
ޝިންޑޭގެ މުސާރައަކީ ކިހާވަރެއްކަން އެނގޭ ހެއްޔެވެ؟ ބޮޑު މަލްޓި-ނެޝަނަލް ކުންފުންޏެއްގެ ސީއީއޯއެއްގެ މުސާރަ އެވެ.
ޝިންޑޭ އަމީތާބުގެ ވަޒީފާގައި އުޅޭތާ އެތައް އަހަރެއް ވެއްޖެ އެވެ. ޝިންޑޭގެ އަމިއްލަ ސެކިއުރިޓީ އެޖެންސީއެއް ވެސް ހުރެ އެވެ. ނަމަވެސް އަމީތާބަށް ސެކިއުރިޓީ ދެނީ އޭނާ އެވެ.
ޝިންޑޭގެ މުސާރައަކީ އަހަރަކު 1.5 ކްރޯޑު ރުޕީސް އެވެ. މިއީ އިންޑިޔާގެ އެންމެ ބޮޑެތި ކުންފުނިތަކުގެ އެންމެ އިސް މަގާމުގައި ހުންނަ މީހުންނަށް ވެސް ލިބޭ ވަރެވެ. އަމީތާބު ނޫނަސް ސަލްމާން ޚާން، އަނުޝްކާ ޝަރުމާ، އަކްޝޭ ކުމާރު، ޝާހް ރުކް ޚާން ފަދަ އެކްޓަރުން ވެސް އެމީހުންގެ ޕާސަނަލް ސެކިއުރިޓީ ގާޑުންނަށް ވަރަށް ބޮޑެތި މުސާރަ ދެއެވެ.
އަމީތާބު މިހާރު ޝޫޓްކުރަމުންދާ ކުއިޒް ޝޯ "ކޯން ބަނޭގާ ކްރޯޅްޕަތީ" (ކޭބީސީ) ގެ ސެޓުގައި ވެސް ކެމެރާ އަށް ފެންނަން ނެތަސް އަމީތާބުގެ ހިޔަނިހެން ޝިންޑޭ ހުންނަ ކަމަށް ވެއެވެ.