ވާހަކަ

ވީމޭ ކަލާޔާނުލާ

(23 އޯގަސްޓު 2021އާ ގުޅޭ)

ސައިކަލަށް އެރުމާ އެކުގައި ޒަކްވާން ފެލައިލީ ސައިކަލުގެ މުށްގަނޑަށެވެ. ވަރަށް ބާރު ސްޕީޑެއްގައި ޒަކްވާން ދުއްވައިލީ ކޯޓަށް ދިޔުމަށެވެ. އެއްވެސް ޙާލެއްގައި ލިވިޔާއަށް އަދި ޝަހުރަށް ދެރައެއް ލިބުމަކީ ޒަކްވާން ބޭނުންވާ ގޮތެއް ނޫނެވެ. އެގޮތުން އެދެމީހުންގެ ގުޅުން، އެކެއްގެ އެއްވެސް ކުށެއް ނެތި ނިމިގެން ދިޔުމަކީ ޒަކްވާން ޤަބޫލު ކަމެއް ނޫނެވެ. ޒަކްވާންގެ ހިތުގައި ލިވިޔާއަށް އޮތް ލޯބި މީގެ ދުވަސްކޮޅެއް ކުރިން ޒަކްވާން އޭނާގެ ދޮންބެއަށްޓަކައި ޤުރުބާން ކުރީ އެދެމީހުން އުފަލުގައި ދިރިއުޅެން ފުރުޞަތު ދޭށެވެ. އެކަން އެގޮތަށް ނުދާނަމަ، އެކަމުގެ ޙަޤީޤަތް ބެލުމުގެ ޙައްޤު ޒަކްވާނަށް އޮންނާނެ ކަމަށް އޭނާ ދެކެއެވެ.

ދެފަރާތުގެ ވާހަކަ އަޑު އެހުމަށްފަހު، ގާޒީ ފުން ނޭވާއެއް ދޫކޮށްލިއެވެ. ޝަރީޢަތުގެ މަޖިލީހުގައި ވަރިވުމުގެ ސަބަބެއް ކަމުގައި ޝަހުރު ދެއްކީ ލިވިޔާ ބޭވަފާތެރި ވުމެވެ. އެކަމަށް ލިވިޔާ ވީ އެއްބަހެވެ. ލިވިޔާގެ އިއުތިރާފާ އެކުގައި ގާޒީ ނިންމީ ކައިވެނި ކުރިއަށް ނެގެންދެވޭނެތީ އެ ދެމީހުން ވަރިކޮށް ދޭށެވެ.

ސައިކަލު ޕާރކް ކޮށްލުމަށްފަހު، ދުވެފައި ކަހަލަ ގޮތަކަށް ޒަކްވާން ގޮސް ހުއްޓުނީ ކޯޓު ދޮރު މަތީގައެވެ. އެންމެ ފުރަތަމަ ވެސް ޒަކްވާންގެ ލޮލުގައި އަޅައިގަތީ ކޯޓުން ބޭރުގައި ހީނލައިގެން ތިބި އޭނާގެ ޢާއިލާއެވެ. އެމަންޒަރު ފެނުމާ އެކުގައި ޒަކްވާން ދެރަ ވިއެވެ. ރުޅި ވެސް އައެވެ. ޒަކްވާން ހިތްހަމަ ނުޖެހިފައި ހުރެގެން ހިނގަައިގަތީ އޭނާގެ މަންމަމެންނާ ދިމާލަށެވެ.

"ސާބަހޭ! ސާބަހޭ! ޢީދެއް އައިސްގެންތަ މިއުޅެނީ؟" ޒަކްވާން ހިތްހަމަ ނުޖެހިފައި އެހެން އަހައިލީ ތަންކޮޅެއް އަޑަށް ބާރަށް ލާފައެވެ. ޝީލާ ކުރިއަށް ފިޔަވަޅެއް ނަގާފައި ހިފައިލީ ރުޅި އައިސްފައި ހުރި ޒަކްވާންގެ އަތުގައެވެ.

"ކޮއްކޮއަށް ވެސް ސާބަސް! ދެން މި ޢާއިލާއަށް އިތުރު ހެޑޭކެއް ދޭން ކޮއްކޮ މަސައްކަތް ނުކުރޭ! މިހާރު މަންމަ ވެސް، ޝަހުރު ވެސް އަދި މުޅި ޢާއިލާ ވެސް މިއޮތީ ހަމައަކަށް އެޅިފަ. ދެންއިތުރަށް މިކަން ފަނި ކުރަން ކޮއްކޮ ނޫޅޭ!" ޝީލާ ހިފަހައްޓައިގެން ހުރީ ޒަކްވާންގެ އަތުގައެވެ.

"މުޅި ޢާއިލާއެއް ނޫން. އަހަރެން މިހުރީ ވަރަށް ދެރަވެފަ. މީހަކަށް ދެރައެއް ދީފަ އަނެކާއަށް އުފަލެއް ނުލިބޭނެ ދޮންތާ!" ޒަކްވާން ރުޅި އައިސްފައި ހުއްޓަސް، އޭނާ ދެރަވެފައި ހުރިކަން ވަރަށް ބޮޑަށް އެނގެއެވެ.

"ކާކަށް ދެރަ ދީފަ؟ ބަލަ ކޫޑި އަންހެނެއްގެ ކިބައިން ޢާއިލާ ސަލާމަތް މިވީ. މިވަރުން އަހަރެންނަކަށް ނުވިސްނޭ ކޮއްކޮ އުފާ ނުވާންވީ ރީޒަންއެއް." ޝީލާ ބަލައިލީ ޒަކްވާންގެ މޫނަށެވެ.

"އަހަރެން ތިވާހަކަ ޤަބޫލެއް ނުކުރަން. ނުވެސް ކުރާނަން. ބަލައްޗޭ! އަހަރެން ތިކަމުގެ ޙަޤީޤަތް ހޯދާނަން." އެހެން ބުނުމަށްފަހު، ޒަކްވާނާއި ޝީލާއަށް ބަލައިލެވުނީ އެމީހުންގެ ކުރިމައްޗަށެވެ. އެމީހުންގެ ކުރިމަތިން ކޯޓުން ނުކުންނަށް ހިނގާފައި ދިޔައީ ލިވިޔާ އާއި ޝަހުރެވެ. ޝަހުރު ދިޔަ ގޮތަށް ގޮސް ބައްދައިލީ ހުސްނާގެ ގައިގައެވެ. ހަލުވި ހިނގުމެއްގައި ލިވިޔާ ކޯޓުން ނުކުމެގެން ގޮސް އެރީ ޓެކްސީއަށެވެ. ކޯޓު ކައިރީގައި ތިބި ޝަހުރުގެ ޢާއިލާ އުފާކުރަމުން ދިޔައިރު، ޒަކްވާން ސައިކަލަށް އަރައި ނައްޓައިލީ ލިވިޔާއަށް މުގޯލި އަޅަމުންނެވެ.

ޝަހުރުގެ ގައިގައި އޭނާގެ މައިންބަފައިންނާއި ޔޫހާގެ ޢާއިލާގެ މެމްބަރުން ބައްދަމުން ދާއިރު، ޝީލާއަށް ދިޔައީ އުނދަގޫ އިޙްސާސެއް ވަމުންނެވެ. ޒަކްވާން ދެއްކި ވާހަކައިންނެވެ. ކަމުގެ ޙަޤީޤަތް އޮތީ ދޮގާއި މަކަރު ކަމުން، އެކަން ޒަކްވާނަށް އެނގުމަކީ މުޅި ޢާއިލާއަށް އޮތް ބިރަކަށް ވާނެކަން ޝީލާ ޤަބޫލު ކުރެއެވެ.

ލިވިޔާ އިން ކާރުގެ ފަހަތުން ސައިކަލު ދުއްވާފައި ގޮސް ޒަކްވާން ހުއްޓުނީ ކާރު މަޑުކޮށްލި ހިސާބާ ތަންކޮޅެއް ދުރުގައެވެ. އަދި ޒަކްވާން ފަރުވާތެރިކަމާ އެކުގައި ބަލަން އިނީ ލިވިޔާ ވަތް ގެއަށެވެ. ސައިކަލު ބެހެއްޓުމަށްފަހު، ޒަކްވާން ވަރަށް އަވަސްކޮށް އެގެއަށް ވަނެވެ. އަދި ލިވިޔާ އެރި ފްލޯ ޔަޤީން ކުރުމަށްފަހުގައި ޒަކްވާން އެގެއިން ނުކުތީއެވެ.

ރޭގަނޑުގެ ވަގުތެވެ. ކޯޓުން އައިންސުރެށް ލިވިޔާ ހަމަ ރޮނީއެވެ. އެތައް ވަގުތަކު ލޮލުގެ ތެރެއަށް ޖަމާވެ، ބަރާކޮށްފައިވާ ކަރުނަތައް މިނިވަންކަމާ އެކުގައި ބޭރުކޮށްލަން ލިވިޔާ ފުރުޞަތު ދެނީއެވެ. ކެތްތެރިކަން ކޮޅުންލައި، މުޅި މީހާގެ ހުރިހާ އިޙްސާސްތައް ލިވިޔާ އޮތް ކޮޓަރީގެ ހަތަރު ފާރުގެ ތެރޭގައި ތާށިވެގެން ދިޔައެވެ. މުޅި ކޮޓަރި ބެދިފައިވަނީ ލިވިޔާގެ ރުއިމުގެ އަޑުންނެވެ. އަޑު ހިންދަން ވެސް ލިވިޔާ މަސައްކަތް ކުރެއެވެ. ނަމަވެސް ކުއްލި ކުއްލިއަށް އަޑު ދަނީ ފަޅައިގެންނެވެ.

ޝަހުރުގެ ޢާއިލާ ތައްޔާރު ވަމުން ދިޔައީ ވަރުގަދަ ކެއުމަކަށް އިންސާފު ކުރާށެވެ. ޔޫހާގެ ޢާއިލާ އެކުގައެވެ. ދެފަރާތުގެ ޢާއިލާ ވެސް ތިބީ ސުފުރާ މަތިން ފެންނަމުންދާ ކާތަކެތީގެ ރަހަ ބަލާހިތުން ކެތް މަދުވެފައެވެ. އެއްވެސް އެއްޗެއް ނުބުނެ، އެ މަޖިލީހުގައި އިން ޒަކްވާން ވަނީ ބަސް ހުއްޓިފައެވެ. ފެންނަމުންދާ މަންޒަރަކީ ޙަޤީޤަތެއް ބާއޭ ޒަކްވާންގެ ހިތް ބުނެއެވެ. ޝަހުރަށް އެވަރުގެ ބަދަލެއް އަތުވެދާނެ ކަމަށް ދުވަހަކުވެސް ޒަކްވާން ހުރީ ނިންމައިގެނެއް ނޫނެވެ.

"އެބައޮތް ސަޕްރައިޒެއް! ދަރިފުޅާ. އަވަހަށް ބުނޭ!" ހުސްނާ ބަލައިލީ ޝަހުރަށެވެ. އެންމެންނަށްހެން ބަލައިލެވުނީ ޝަހުރުގެ މޫނަށެވެ. ޒަކްވާން ވެސް ދެން ވާނެ ގޮތެއް ބަލަން ޝަހުރަށް ބަލަން އިނެވެ.

"އަހަރެން ބޭނުން ޔޫހާއާ މެރީ ކުރަން.." ޝަހުރުގެ ދުލުން ބޭރުވި ޖުމުލައާ އެކުގައި މުޅިތަނުން އިވުނީ ހޫނު އަތްތިލަބަޑީގެ ތަރުޙީބެކެވެ. ޔޫހާ ލަދުން އިސްޖެހިއެވެ. ޒަކްވާނަށް ބޭއިޙުތިޔާރުގައި ކޮޅަށް ތެދުވެވުނެވެ.

"ވަޓް؟ ސީރިއަސް؟" މޫނުމައްޗަށް ގަޔާނުވާ ގޮތެއް ޖައްސައިލަމުން، ޒަކްވާން އަހައިލިއެވެ.

"އާނ! އަހަރެންނަށް ރަނގަޅު ގޮތް އެނގޭނީ މަންމައަށް. އަހަރެން ބޭނުން ޔޫހާއާ މެރީ ކުރަން. އަހަރެން ލިވީއަށް ނަފުރަތު ކުރަން. ލިވީއަށް ވީ ލޯބި މިހާރު މިހިތަކު ނެތޭ!" ޝަހުރުގެ އަނގައިން ނުކުތް ބަސްތަކުން ޒަކްވާން އިތުރަށްވީ ހައިރާނެވެ.

"އައިމް ސަޕްރައިޒް! ދޮންބެތީ ތިކަހަލަ މީހެއްކަން އަހަރެންނަށް ކުރިން ނޭނގޭ! ދޮންބެއަށް ލިވިޔާ އެއް ނޭނގުނު ދޯ؟ ދޮންބެގެ ބޮޑު ފެއިލްވުމެއް ތީ. އަހަރެންނަށް ޔަޤީން ލިވިޔާ އެހެން ނޫޅޭނެކަން. އެއީ ބޮޑު ރޭވުމެއް. ކަމުގެ ޙަޤީޤަތް ބަލާ ނުލާ.." ޒަކްވާންގެ ވާހަކަ ހުއްޓުވައިލީ ޝަހުރެވެ. ކަރު ބުޑުން ޝަހުރު ހަޅޭލަވައިގަތީއެވެ.

"ކަލޭ ލަދެއް ނުގަނޭތަ؟ ތިހެން އަހަރެންނާ ވާހަކަދައްކާކަށް. ބަލަ ކަލޭގެ ގޮތް ކުޑަކަމޭ ތިފެންނަނީ! އަހަރެންގެ ލޯ މަތިން ފެނުނީ. ލިވީ އުޅުނު ފާޑު. މީހަކު ބުނީއެއް ނޫން. އެހެން ނޫނަސް، އަހަރެން މިހާރު ޤަބޫލުކުރަން، ލިވީ އަކީ ބޮޑު ބަޑިއެއްކަން." ޝަހުރުގެ ދެލޯ ވަނީ ބޮޑުވެފައެވެ.

"ހެހެ! ދޮންބޭ، ހަމަ ޖެހޭ! އަދި ތިވަރު ވާކަށް ނުވޭ! އަދި ދޮންބެ ދެރަ ވާނެ. ބަލާތި! އަހަރެންނަށް އިނގޭ ލިވިޔާ އަކީ ދޮންބެ ހީކުރާ ކަހަލަ ކުއްޖެއް ނޫންކަން. އަހަރެންނަށް މިފެނުނީ ދޮންބެގެ ޙަޔާތް ކުޑަކަން ދޯ؟." ޒަކްވާން އެހެން ބުނުމާ އެކުގައި، ޝަހުރުގެ ގާތަށް ވަރަށް ރުޅިއައެވެ.

"އާނ! ކަލެއަށް ބޮޑަށް އެ ބަޑި ލިވީ ތި އެނގުނީ ކޮއްކޮ ވެސް ލިވީ ގާތަށް ވަނީ ދޯ؟ ލިވީ ވިއްކާފާނެ އޭނާގެ ހަށި ވެސް.. އެވަރުގެ އަންހެނެއްގެ ދިފާޢުގައި ތިޔަ އުޅެނީ ޒަކްވާން.." ޝަހުރުގެ ގާތަށް އައިސްފައިވަނީ އަމަށަކު ރުޅިއެއް ނޫނެވެ.

"ކަލޭ ހަނދާން ކުރާތި! ދެން އެންމެ އެއްޗެއް ވެސް ލިވިޔާއާ ދިމާލަށް ބުނެގެން ނުވާނެ!" ޒަކްވާން ވެސް ރުޅި އިސްކުރިއެވެ. އަދި ކުރިއަށް ފިޔަވަޅެއް ވެސް ނެގިއެވެ.

"ބުނެފިއްޔާ؟" ޝަހުރު ވެސް ކުރިއަށް ފިޔަވަޅެއް ނަގަމުން ބުނެލިއެވެ. އެތަނުގައި ހުރި ހުސްނާއަށް ފެށުނީ ރޯންށެވެ.

"ބުނެފިއްޔާ، ކަލޭއަށް އަހަރެންގެ ނުބައިކަން ވެސް އެނގޭނެ!" ޒަކްވާން އެހެން ބުނުމާ އެކު، ޝަހުރު އަތް ނެގީ ޒަކްވާންގެ މޫނުމަތީގައި ޖަހާށެވެ. ނަމަވެސް ޝަހުރު ނެގި އަތުގައި ހިފެހެއްޓީ ޝީލާއެވެ.

"އަހަރެން ނުގަނޭ ބިރެއް! އަހަރެން ނޭވާ ހިނގާހާ ހިނދަކު ލިވިޔާ ދިފާޢު ކުރާނަން.. ދޮންބެއަށް ޓަކައި އަހަރެން މިހުރީ އަހަރެންގެ ލޯބި ޤުރުބާން ކޮށްގެން. އާނ! ލިވިޔާ ދެކެ އަހަރެން ވީ ލޯބި އަހަރެން ދޫކޮށްލީ ކަލެއަށްޓަކައި. އެކަމު، ކަލެއަށް ޖަވާހިރެއް ގެންގުޅެން ވެސް ނޭނގުނު." ޒަކްވާން އެހެން ބުނުމާ އެކުގައި އެންމެންނަށް ލިބުނީ ބޮޑު ޝޮކެކެވެ.

"ވަޓް؟" ޝީލާ ބަލައިލީ ޒަކްވާނަށެވެ.

"އާނ! އަހަރެން ލޯބި ވަނީ ލިވިޔާ ދެކެ. އަހަރެން ލިވިޔާއަށް ދެރައެއް ލިބުނުކަ ނުދޭނަން!" ޒަކްވާން އެހެން ބުނެ، ހަރުކޮށް ހިނގާފައި އެގެއިން ނުކުތެވެ. ޒަކްވާންގެ ވާހަަކަތަކުން މުޅިތަން ވަނީ ހިމޭން ވެފައެވެ. ޝަހުރަށް ވެސް ހުއްޓުން އަރާފައި ހުރެވުނީއެވެ. ހުސްނާގެ އަނގަ ހުޅުވުނު ގޮތަށް ލައްޕަން ނޭނގިފައި ހުއްޓެވެ. ޝިލާއަށް ވެސް ލިބުނީ ކުއްލި ބޮޑު ޝޮކެކެވެ. (ނުނިމޭ)