އުރީދޫ ދިވެހި ޕްރެމިއާ ލީގުގައި ރޭ ނިއުރޭޑިއަންޓް އަތުން ވިކްޓަރީ 1-0އިން ބަލިވި މެޗުގައި ނިއު އުޅުނީ ފުޓްބޯޅަ ކުޅެންނޫން ކަމަށް ވިކްޓަރީން ސިފަކޮށްފި އެވެ.
މެޗަށް ފަހު އޮތް ޕްރެސް ކޮންފަރެންސްގައި ވިކްޓަރީގެ އެސިސްޓެންޓް ކޯޗު އަހުމަދު މުޖުތަބާ (ފެސްކޯ) ބުނީ ނިއު މަސައްކަތްކުރީ ފުޓްބޯޅައިގެ އުސޫލުތަކާ ހިލާފަށް ވިކްޓަރީ ހުއްޓުވަން ކަމަށެވެ.
"މިއަދު އަޅުގަނޑުމެން ވަރަށް މަސައްކަތް ކުރިން ބޯޅަ ކުޅެވޭތޯ. އެކަމަކު މިއަދު ކަންތައްދިމާވީ އަޅުގަނޑުމެން ބޭނުންވި ކަހަލަ ގޮތަކަށްނޫން. އާއްމުގޮތެއްގަ ދަންނަވަންޏާ ކުޅިބަލުންތެރިން ވެސް ބަލަން ބޭނުންވި ކަހަލަ ބޯޅައެއްނޫންކަންނޭނގެ އަސްލުގަ މިއަދު މިކުޅެވުނީ. އެއީ ބަޔަކު ބޯޅަ ކުޅެން އުޅުނަސް އަދި އެހެން ބަޔަކު އެކަން ހުއްޓުވަން ނުވަތަ ބޯޅައިގެ އުސޫލުތަކާ ހިލާފަށް އެކަން ހުއްޓުވަން އުޅެންޏާމު އެއީ ވަރަށް އުނދަގޫވާނެ މައްސަލައެއް. މިއަދު އަޅުގަނޑުމެންނަށް ދިމާވި އެންމެ ބޮޑު ހުރަހަކީ އެއީ،" ފެސްކޯ ބުންޏެވެ.
އޭނާ އަދި ބުނީ ދިވެހި ލީގުގެ ދެ ވަނަ ބުރުގައި ވިކްޓަރީގެ ނަތީޖާތައް ވަރަށް ރަނގަޅު ކަމަށާއި ނިއުއާ ދެކޮޅަށް ނަތީޖާ ނުނެރެވުނީ ނިއު ބޯޅަ ކުޅެން ނޫޅުމުން ކަމަށެވެ.
މި މެޗުން ބަލިވި ނަމަވެސް ވިކްޓަރީ އޮތީ 13 ޕޮއިންޓާއެކު ތާވަލުގެ ފަސް ވަނާގަ އެވެ. މިއީ ހަ ވަނާގައިވާ ވެލެންސިއާ އާއި ހަތް ވަނާގައިވާ ބީޖީ އަށްވުރެ އެއް ޕޮއިންޓް ގިނަ އަދަދެކެވެ. ލީގުގެ ޕްލޭއޯފުން ސަލާމަތްވުމަށް ވާދަކުރާ ތިން ޓީމަކީ ވެސް މިއީ އެވެ.
ފެސްކޯ ބުނީ ވިކްޓަރީގެ އުއްމީދަކީ ޕްލޭއޯފުން ސަލާމަތްވުން ކަމަށާއި އެކަން ކުރެވޭނެ ކަމަށެވެ.