ދިވެހި އިންޑިއާގެ ގުޅުން

ތިލަމާލެ ބްރިޖްވާނީ އިންޑިއާ-ރާއްޖެ ގުޅުމުގެ ދެމިގެންވާ ރަމްޒަކަށް

މި ސަރުކާރުގެ ފަސް އަހަރުގެ އެންމެ ބޮޑު މަޝްރޫއު ކަމުގައިވާ "ގްރޭޓާ މާލެ ކަނެކްޓިވިޓީ ބްރިޖު" ގެ އެއްބަސްވުމުގައި ދިވެހި ސަރުކާރާއި އިންޑިއާ އެފްކޮންސް އިންފްރާސްޓްރަކްޗާ ކުންފުންޏާ އެކު އެއްބަސްވުމެއްގައި ސޮއިކުރުމާ ގުޅިގެން ފޮރިން މިނިސްޓަރު އަބްދުﷲ ޝާހިދު މަރުހަބާ ވިދާޅުވެއްޖެ އެވެ.

މި މަޝްރޫގެ އެއްބަސްވުމުގައި ސޮއިކުރުމާ ގުޅިގެން މިނިސްޓަރު މިއަދު ކުރެއްވި ޓްވީޓުގައި ވިދާޅުވީ މިއީ ދިވެހިރާއްޖެއާ އިންޑިއާއާ ދެމެދު އޮތް ގާތްގުޅުން ރަމްޒުކޮށްދޭ ދެމިގެންވާ ރަމްޒެއް ކަމަށެވެ. އިންޑިއާގެ މާލީ އެހީއާއެކު އަޅާ މި ބްރިޖަކީ ރާއްޖޭގައި ހިންގާ އުމްރާނީ ތަރައްގީގެ އެންމެ ބޮޑު މަޝްރޫއުކަން ފާހަގަކުރައްވައި ދިވެހިރާއްޖޭގެ ތަރައްގީއަށް އިންޑިއާ ސަރުކާރުން ފޯރުކޮށްދެއްވާ އެހީތެރިކަމަށް އެގައުމުގެ ބޮޑުވަޒީރު ނަރެންދްރަ މޯދީ އާއި ފޮރިން މިނިސްޓަރު ޑރ. ސުބްރަމާނިއަމް ޖައިޝަންކަރަށް މިނިސްޓަރު ޝުކުރު އަދާކުރެއްވިއެވެ.

ބްރިޖް އަޅާ މި މަޝްރޫއަށް ފަންޑު ކުރަނީ އިންޑިއާ ސަރުކާރުންނެވެ. ތިލަމާލެ ބްރިޖު އަޅަނީ އިންޑިއާގެ 100 މިލިއަން ޑޮލަރުގެ ހިލޭ އެހީ އާއި 400 މިލިއަން ޑޮލަރުގެ ލޯނު ފައިސާއިންނެވެ. ރާއްޖޭގައި ހުންނަ އިންޑިއާ އެމްބަސީން ބުނެފައިވާ ގޮތުގައި މި 400 މިލިއަން ޑޮލަރަކީ އެ ގައުމުން ރާއްޖެއަށް ދިން 800 މިލިއަން ޑޮލަރުގެ ކްރެޑިޓް ލައިންގެ ބައެކެވެ. ކްރެޓިޑް ލައިންއަކީ ލޯނުތަކާ ހިލާފަށް ސަރުކާރަށް ބޭނުންވެއްޖެ ހާލަތެއްގައި އެ ދައްކަން ޝަރުތުކޮށް ނުވަތަ ނުދައްކައި ދަންމާލެވޭ ގޮތަށް ދޫކުރާ ދަރަންޏެކެވެ.

ބްރިޖު އަޅަން އިއްޔެ ސޮއި ކުރިއިރު ބްރިޖުގެ ކުރެހުން ވެސް އިންޑިއާ އެމްބަސީން ވަނީ ދިވެހިންނަށް ބުދަ ދުވަހު ވަނީ ދައްކާލާފަ އެވެ. މި ކުރެހުމުގައި ފެންނަ ގޮތުން ބްރިޖުން ވިލިމާލެއަށް ދާން އަރާ ގޭޓުގައި ޖަހާފައި ވަނީ މާލެ- ތިލަފުށި ލިންކް ބްރިޖެވެ. މި ކުރެހުމުން ފެންނަ ގޮތުން ބްރިޖަށް އަރާއިރު ދިވެހި ދިދަ އާއި އިންޑިއާގެ ދިދަ އިންނާނެ އެވެ. އަދި ބްރިޖުގެ މަތީގައި ދެ ފަރާތުގައި ކޮޅަށް ޖަހާފައިވާ ދެ ތަނބުގެ މަތީގައި ދެ ގުއްބު ބަހައްޓާފައި ހުރެ އެވެ.

މާލެ އަދި ވިލިނގިލި އާއި ބްރިޖް ގުޅޭ ހިސާބުގައި ޓްރެފިކްލައިޓު ހަރުކުރާނެ އެވެ. އަދި ގުޅީފަޅު އަދި ތިލަފުށި ބްރިޖްގައި ހުންނާނީ ވައްބުރު ޖަންކްޝަނެވެ. ކޮންމެ ރަށެއްގައި ވެސް ރަށުތެރެ އަށް ގުޅާލެވިފައިވާ ބަސް ސްޓޭޝަންސް ހުންނާނެ އެވެ. އަދި ސޯލާ ޕެނަލްސް ހަރުކޮށް ބޮކިތަށް ސޯލާ ޕަވާއިން ދިއްލޭ ނިޒާމް ހަަމަޖެހޭނެ އެވެ.

"ތިލަމާލެ" ބްރިޖު ނިމޭއިރު ބްރިޖާއި ކޯޒްވޭއެއްކޮށް މާލެ - ވިލިމާލެ އަދި ތިލަފުއްޓާއި ގުޅީފަޅު 6.47 ދިގު މިނުގެ ކޯޒްވޭއަކުން ގުޅޭނެ އެވެ. އިންޑިއަން އެމްބަސީން ބުނެފައިވާ ގޮތުގައި މި ބްރިޖުގެ ކަނޑުގައި އަޅާ މައި ބްރިޖްތަކުގައި 140 ކިލޯ މީޓަރު ހުންނާނެ އެވެ. ނަމަވެސް ބެލެވޭ ގޮތުގައި މިދެމެދުގައި ހުންނާނީ 1.40 ކިލޯ މީޓަރެވެ. އަދި ފުންފަޅުތަކުގައި 1.45 ކިލޯ މީޓަރަށް މެރިން ވިއަޑަކްޓް އަދި މޫދު / ގޮނޑުދޮށުގައި 2.32 ކިލޯ މީޓަރުގެ މެރިން ވިއަޑަކްޓް އަދި ބިމާ އެއްހަމައެއްގައި 2.96 ކިލޯ މީޓަރުގެ މަގު ހިމެނެ އެވެ.