ކަރަންޓް ކުންފުނި ސްޓެލްކޯގެ އިމާރާތް މިހާރު ހުރި ސަރަހައްދުން 200 ފޫޓު އެތެރަށް ޖެއްސުމުގެ މަޝްވަރާތަށް ފައްޓަވާނެ ކަމަށް މާލޭ ސިޓީގެ މޭޔަރު ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެއެވެ.
މުއިއްޒު މިހެން ވިދާޅުވީ މާލޭ ސިޓީ ކައުންސިލްގެ ހަތަރު ވަނަ ދައުރުގެ 15 ވަނަ ރަސްމީ އާއްމު ޖަލްސާއަށް ފަހު ނޫސްވެރިންނާ ބައްދަލުކުރައްވައި ދެއްކެވި ވާހަކަފުޅުގައެވެ. މޭޔަރު ވިދާޅުވީ އެ މަސައްކަތްކީ އެއްދުވަހުން ދެ ދުވަހުން ކުރެވޭނެ ކަމެއް ނޫން ނަމަވެސް އެކަމާގުޅޭ މަޝްވަރާތައް ފަށާ އަމާޒަށް ވާސިލުވުމަށް މަސައްކަތް ކުރައްވާނެ ކަމަށެވެޒ
"ހަގީގަތުގައި އިންޖީނުގެތަށް ހުންނަންޖެހޭނީ 200 ފޫޓު ދުރުގަ. އެހެންކަމުން ސްޓެލްކޯއާއެކު މަޝްވަރާތައް ފަށާނެ ކައުންސިލުން،"
މުއިއްޒު ވިދާޅުވީ ގާނޫނުގައި ބުނާގޮތުން އިހްސިހްތިސާސްގެ ސަރަހައްދުގައި ފެނާއި ކަރަންޓާއި ނަރުދަމާގެ ހިދުމަތް ދޭންވާނީ ކައުންސިލުން ކަމަށެވެ. އަދި ތިންވަނަ ފަރާތަކުން ހިދުމަތް ދޭނަމަ އެކަމުގެ އެއްބަސްވުމެއް ކައުންސިލާއެކު ހަދަން ޖެހޭނެ ކަމަށެވެ. އެހެންކަމުން އެއްބަސްވުން ހެދުމުގެ މަސައްކަތް ކުރިއަށް ގެންދިއުމަށް ފަންނީ ގޮތުން މަސައްކްތް ކޮއްދޭނެ ބަޔަކު ހޯދުމަށް މިހާރު ކައުންސިލުން ވަނީ އިއުލާންކޮށްފައެވެ. މިކަން ނިމުމުން އެއްބަސްވުން ހައްދަވާނެ ކަމަށްވެސް މޭޔަރު ވިދާޅުވިއެވެ.
އަދި ވިދާޅުވީ މިކަންކަން ކުރެވިގެންދާއިރު ސްޓެލްކޯ 200 ފޫޓު ދުރަށް ޖެއްސުމުގެ މަޝްވަރާތައް ފަށާނެ ކަމަށެވެ. މި މަސައްކަތުގެ ދަށުން ސްޓެލްކޯގެ ބައެއް ހިދުމަތްތައް މާލެއިން ބޭރަަށް ދިޔަސް އެއީވެސް ކުރެވެން އޮތް ކަމެއް ކަމަށެވެ. ގްރޭޓާ މާލޭ ސަރަހައްދު ގުޅާލާއިރު ކަރަންޓްގެ ހިދުމަތް ދިނުން އެހެން ތަނެއްގައި ހުރިކަމުގައި ވިއަސް މިހާރު ހިދުމަތްދޭން ދައްޗެއް ނެތް ކަމަށް ވިދާޅުވިއެވެ.
ސްޓެލްކޯ އިން ވަނީ ކުޑަކުދިންގެ ބަގީޗާ ކޮއްޓާއި ސްޓެލްކޯ އޮފީސް އިމާރާތް ހިމެނޭ ދޭތެރޭ އޮންނަ ކަށިމާ ހިނގުން އަދި ސްޓެލްކޯ ޕަވާ ހައުސް ކޮއްޓާއި ކުޑަކުދިންގެ ބަގީޗާ އާއި ދޭތެރޭ ހުޅަނގުން އިރަށް އޮންނަ ފެންމީރު ހިނގުން އާންމުންނަށް ބޭނުން ނުކުރެވޭ ގޮތަށް ބަންދު ކޮށްފައެވެ. މިކަން ރަނގަޅުކޮށް ގޯޅިތަށް ހުޅުވާލުމަށް މަސް ދުވަހުގެ މުއްދަތުދީ ސިޓީ ކައުންސިލުން ވަނީ ސްޓެލްކޯއަށް ސިޓީއަކުން އެކަން އަންގާފައެވެ.