އައިޝްވަރިޔާ ރާއީއަށް ދެ ވަނަ ދަރިއެއް ލިބެން އުޅޭ ވާހަކައެއް ސޯޝަލް މީޑިއާގައި ދެކެވޭތާ މިހާރު މަހެއްހާ ދުވަސް ދުވަސްކޮޅެއް ވެއްޖެ އެވެ. މި ވާހަކަތައް އަނެއްކާވެސް އިތުރަށް ހޫނުވީ އައިޝްވަރިޔާ މިހާރު ކުޅޭ ތަމަޅަ ފިލްމުގެ ޝޫޓިންގަށް ފަހު އެނބުރި އައިސް ޕްރައިވެޓް އެއާޕޯޓަކުން ނުކުންނަނިކޮށް ނަގާފައިވާ ވީޑިއޯތަކެއް ވައިރަލް ވުމުންނެވެ.
ދަރިފުޅު އާރާދިޔާ އާއެކު އައިޝްވަރިޔާ އެއާޕޯޓުން ނުކުތްއިރު ހުރީ ކަޅު ކުލައިގެ ހެދުމެއް ލައިގެންނެވެ. އެ ހެދުމުގެ މަތިން އޭނާ ބަނޑުބޮޑު ވައްތަރު ޖަހާތީ އައިޝްވަރިޔާގެ ފޭނުން މިހާރު އަނެއްކާ ވެސް އޭނާ ބޮނޑުބޮޑޭ ކިޔަން ވަނީ ފަށާފަ އެވެ.
މި ވީޑީއޯގައި ދެން އެންމެ ފާހަގަ ކުރެވުނު ކަމަކީ އައިޝްވަރިޔާ އޭނާގެ ދަރިފުޅު އާރާދިޔާގެ އަތުގައި ނުހިފާ ހުރުމެވެ. މި ވީޑީއޯއަށް ކޮމެންޓުކުރި ގިނަ ބަޔަކު ބުނީ މިއީ ވަރަށް އާ ކަމެއް ކަމަށެވެ. އެހެންޏާ ދުވަހަކު ވެސް އާރާދިޔާގެ އަތުން ދޫކޮށްލައިގެން އައިޝްވަރިޔާ ހުއްޓާ ނުފެންނަ ކަމަށެވެ.
"އޭނަ ހަމަ އަސްލު ވެސް ބަނޑުބޮޑުހެން ހީވަނީ. ހީވަނީ އުފާވެރި ޚަބަރެއް ލިބެނީ ހެން،" ކޮމެންޓުކުރި މީހަކު ބުނެފައި ވެއެވެ.
ދެ ވަނަ މީހަކު ބުނީ މާ ރީއްޗަށް ވެސް ބަނޑު ބޮޑުކަން އެނގޭ ކަމަށެވެ. އަދި ތިން ވަނަ މީހަކު ބުނީ އުނގަނޑު މަތިން މާ ބޮޑުކޮށް ފެންނަ ކަމަށާއި އެއީ ފަލަވެގެން ޖަހާފައިވާ މަސްހެން ހީނުވާ ކަމަށެވެ.
އައިޝްވަރިޔާ އާއި އަބީޝެކް ބައްޗަން ކައިވެނިކުރީ އޭޕްރިލް 20، 2007 ގައެވެ. އެމީހުންނަށް ފުރަތަމަ ދަރިފުޅު އާރާދިޔާ ލިބުނީ އޭގެ ހަތަރު އަހަރު ފަހުންނެވެ.
އައިޝްވަރިޔާ އުފަންވީ 1973 ވަނަ އަހަރުގެ ނޮވެމްބަރު ދެވަނަ ދުވަހު އެވެ. ވީމާ މި އަހަރުގެ ނޮވެމްބަރަށް އޭނާއަށް 48 އަހަރު ފުރޭނެ އެވެ. ވީމާ، މި އުމުރުގައި އޭނާ އިތުރު ދަރިއަކު ހޯދަފާނެ ކަމާ މެދު ވެސް ބައެއް ފޭނުން ސުވާލު އުފައްދަ އެވެ.