ފެނަކަ ކޯޕްރޭޝަން

ފެނަކައިގެ ހުރިހާ ބްރާންޗެއް ސާފުކުރުމުގެ ޕްރޮގްރާމެއް

Aug 28, 2021
1

ފެނަކައިން އެ މުއައްސަސާގެ ހެޑް އޮފީހާއި ހުރިހާ ބްރާންޗެއް ހިމެނޭ ގޮތަށް ސާފުކުރުމުގެ ޕްރޮގްރާމެއް ފަށައިފި އެވެ.

"ފެނަކަ ކްލީނިން ޑޭ 2021"ގެ ނަމުގައި ހިންގާ މި ހަރަކާތުގައި ހެޑް އޮފީހުގެ އިތުރުން 154 ބްރާންޗުގެ މުވައްޒަފުން ދަނީ ބައިވެރިވަމުންނެވެ. މިއަދު ހަވީރު 4:00 އާ ހަމައަށް މި ޕްރޮގްރާމް ކުރިއަށްދާނެ އެވެ.

ފެނަކައިން ބުނީ މިހަރަކާތުގެ މަގުސަދަކީ ކުންފުނިން ހިދުމަތްދޭ ބްރާންޗްތަކުގެ މުވައްޒަފުން މަސައްކަތް ކުރަމުންދާ މާހައުލަކީ ސާފުތާހިރު، އަދި އެތަންތަނުގައި ކޮންމެހެން ހިފަހައްޓަންޖެހޭ ރައްކާތެރިކަމުގެ މިންގަނޑުތައް ހިފެހެއްޓިފައިވާ ތަންތަނުގެ ގޮތުގައި ކަށަވަރު ކުރުން ކަމަށެވެ.

މި ހަރަކާތުގެ ތެރެއިން އިންޖީނުގޭގައި ކޭބަލްތައް ގެންގޮސްފައި ވަނީ ރަނގަޅަށްތޯ އާއި، ކޭބަލްތަކުގެ އިންސިއުލޭޝަން ހަލާކުވެފައި ނެތްކަން ކަށަވަރުކުރާނެ އެވެ. ގުދަން ކުރުމާއި ކެމިކަލް ސްޓޯރޭޖް އަދި ސޭފްޓީ އާއި ތެޔޮ ރައްކާކޮށްފައިވަނީ އީޕީއޭގެ އުސޫލުގެ ތެރެއިންތޯ ބަލާނެ އެވެ. މީގެ އިތުރުން ވިހަ އަދި ހުޅުހިފާ ޒާތުގެ އެއްޗެހި އަޅާ ކުނިވަށި ހުރީ ވަކިންތޯ އާއި މިފަދަ އެހެން ކަންކަން ވެސް ބަލާނެ އެވެ.

ފެނަކައިން ބުނީ މަސައްކަތުގެ މާހައުލަކީ އާންމު ސިއްހީ މިންގަނޑުތަކަށް ފެތޭ ރައްކާތެރި މާހައުލެއްކަން ކަށަވަރުކުރުމަކީ އެ ކުންފުނިން ހާއްސަ ސަމާލުކަމެއްދޭ ކަމެއް ކަމަށެވެ.