އައްޑޫ ލިންކު ރޯޑަކީ އެ ސިޓީގެ އާންމު ރައްޔިތުންގެ ފަސޭހައަކަށް ހަދައިދިން މަގެކެވެ. ބައެއް މީހުން ކޮންމެ ދުވަހަކުހެން ކުރަން ޖެހިފައިވާ ދިގު ދަތުރު ކުރުކޮށް، ފަސޭހަކޮށް އެމީހުންގެ ދުވަހުގެ ވަގުތު "ސޭވްކޮށްދިން" މަގެކެވެ.
ނަމަވެސް މި މަގު މިއަދު މަޝްހޫރުވެގެން ގޮސްފައި ވަނީ ދުވަހުގެ ދިގު މަގު ކުރުކޮށްދޭ މަގަކަށް ވުރެ ބޮޑަށް "އައްޑޫ މީހާގެ ހަޔާތުގެ ދަތުރު ކުރުކޮށްލާ" މަގެއްގެ ގޮތުގަ އެވެ. މި އަހަރުގެ މިހާތަަނަށް ވެސް ނުރައްކާތެރި އެތައް އެކްސިޑެންޓެއް އެ މަގުގައި ހިނގާފައިވާއިރު ފަސް މީހަކު މަރުވެފައިވެ އެވެ.
މި އަދަދާ އެކު، ލިންކް ރޯޑްގެ އެކްސިޑެންޓްތަކާ ގުޅިގެން މަރުވި މީހުންގެ އަދަދު މިހާރު އެ ވަނީ 60 އަށް ވުރެ މައްޗަށް އަރައިފަ އެވެ. މި އަދަދު، މާ ގިނަ ބަޔަކު ކަންބޮޑުކުރުވާ ވަރުގެ އަދަދަކަށް ނުވެދާނެ އެވެ. އެހެން ނަމަވެސް މި މަގެއްގެ މައްސަލަ ހައްލުނުކުރެވި މިހައި ދިގުލައިގެން ދިއުމަކީ ކަންބޮޑުވާން ޖެހޭ މައްސަލަ އެކެވެ.
މަރު، ނުހުއްޓުވިދާނެ އެވެ. އެކަމަކު އެކްސިޑެންޓެއް ހުއްޓުވިދާނެ އެވެ.
ގާތްގަނޑަކަށް 7.9 މިލިއަން އެމެރިކާ ޑޮލަރު ލޯނަކުން ހިތަދޫ އާއި ގަމާ ދެމެދު އައްޑޫ ބޮޑުމަގުގެ ގޮތުގައި ތަރައްގީކުރި 13 ކިލޯމީޓަރުގެ މި ލިންކް ރޯޑް ރަސްމީކޮށް ހުޅުވީ 2003 ގެ ޖުލައި މަހު އެވެ. އޭރު ވެސް އެ މަގުގައި އެކްސިޑެންޓް ހިނގުމާއި މީހުން މަރުވުމުގެ ސިލްސިލާ ފެށިއްޖެ އެވެ.
ތާރުއަޅާފައި ވަނިކޮށް ހިނގި ފުރަތަމަ އެކްސިޑެންޓްގައި ވެސް މީހަކު މަރުވެފައި ވަނިކޮށް އެ އަހަރުގެ މެއި މަހު ހިނގި ކާރު އެކްސިޑެންޓެއްގައި ވެސް މީހަކު މަރުވި އެވެ.
މައްސަލައަކީ މަގުތޯ؟ ނުވަތަ ދުއްވާ މީހުންތޯ؟
އައްޑު އަތޮޅުގެ ހިތަދޫ އިން ގަމަށް ދާން އޮންނަ މަގަކީ އަބަދުވެސް އެކްސިޑެންޓާ ރައްޓެހި މަގެކެވެ. ތާރު އަޅައިގެން މި މަގެއް ލިންކު ރޯޑެއްގެ ގޮތުގައި ތަރައްގީކޮށް މަޝްހޫރުވެގެން ނުދަނީސް ވެސް ހިތަދޫ އާއި ގަމާއި ދެމެދު ދުއްވި އުޅަނދުތައް އެކްސިޑެންޓްވުމާއި އެފަދަ އެކްސިޑެންޓްތަކުގައި މީހުން މަރުވުމާއި އަނިޔާވުމާއި ބޭނުންކުރެވޭ މިންވަރަށް އުޅަނދުތައް ހަލާކުވުން އޮތީ އާންމު ކަމެއްގެ ގޮތުގަ އެވެ.
މި މަގެއްގައި ތާޅު އަޅައި ރަތް ދޫލައަކުން ހުޅުވައި ދިނީމަ އެ ދޫލައެއް ލޭގެ ކޯރަކަށް ބަދަލުވެ މަރަށް ދަތުރުކުރަން ފަސޭހަ މަގަކަށް ބަދަލުވެގެން ދިޔައީ އެވެ. ތަފާތަކީ މިއީ އެވެ. ލިންކްރޯޑާ އެކު އައްޑޫގެ އެންމެނަށް "ރަތް ޕާސްޕޯޓެއް" ލިބިގެން ދިޔައީ އެވެ.
ނަމަވެސް އަބަދުވެސް ކުށްވެރިއަކީ މި މަގެވެ. އަދި މި މަގު އައްޑޫގައި ތަރައްގީކޮށްދެއްވި ކުރީގެ ރައީސް މައުމޫން އަބްދުލް ގައްޔޫމް ވެސް އެއިރެއްގެ ހާލަތާއި އާންމުންގެ "މޫޑް" ހުންނަ ގޮތަކުން ކުށްވެރިވެގެންދެ އެވެ.
އެހެންވީމަ އެކްސިޑެންޓްތައް އާންމުވުމުން ލިންކް ރޯޑް ނުވަތަ ސަރުކާރުގެ ވެރިކަން ކުށްވެރިންނަށް ބަދަލުވެގެންދާ ގޮތަކީ ކޮބައިތޯ ބަލައިލަމާ ހިނގާށެވެ.
މި މަގުގެ ކުރެހުންތަކާއި ރޭވުންތަކާ މެދު އެންމެ ފުރަތަމަ މަޝްވަރާކުރެވިގެން ދިޔައިރު މިއީ މަގާއި ފޭދޫ ގުޅުވައިދޭ ކޯޒްވޭއާ ހިސާބުން ފެށިގެން ހިތަދޫއާ ހަމަ އަށް "ނިކަން ސީދަލަށް" ތަރައްގީކުރަން ރޭވުނު މަޝްރޫއެކެވެ. އެކަމަކު މަގުގެ އަމަލީ މަސައްކަތް 2002 ވަނަ އަހަރު ޑެންމާކްގެ ކުންފުންޏަކުން ނިންމާލިއިރު އެ "ސީދާ" ކަމެއް މި މަގަކު ނެތެވެ. ހިތަދޫ އިން ގަމަ ދެވޭނީ "ހައެއްކަ ދުގު ލައްވައިގެން" އެވެ.
މީގެއިތުރުން ތާރު އަޅައިގެން އޮމާންކުރި މަގު ވެސް "ގަދަ ހޫނަށް ދިޔާވެ" އެކި ތަންތަނުން ވިރިގެން ފައިބައި މަގުމަތީގައި ވަޅުގަނޑުތައް ވެސް ހެދެން ފެށީ އެވެ. ސްޕީޑްބްރޭކަރުތައް ވެސް މީހުން ދިރިއުޅޭ ރަށުގެ ސަރަހައްދުތަކުގައި އެކަނި ގާއިމުކޮށް މަގުގެ ބައްތިތައް ވެސް ދިއްލޭ ކަމަށް ބުނެވެނީ މީހުން ދިރިއުޅޭ ހިސާބުތަކުގައި އެކަންޏެވެ.
ލިންކު ރޯޑުގައި އެކްސިޑެންޓެއް ހިނގުމުން މަގާއި މި މަގު ހެދި ބަޔަކާއި މި މަގެއް ކުރެހި ބަޔަކު އެންމެ ފުރަތަމަ ކުށްވެރިކުރަން ބައެއް މީހުން އަވަސްވެގަންނަ ބައެއް ސަބަބުތަކަކީ މިއީ އެވެ. ވަކިން ހާއްސަކޮށް އެކްސިޑެންޓްތައް މަގުގައި އާންމުވުމުގެ އެންމެ ބޮޑު ސަބަބެއް ކަމަށް ވަރަށް ގިނަ މީހުން ބުނަނީ މަގުގެ ކުރެހުމެވެ. ސީދަލަށް ކުރަހަން ބުނި މަގުގެ އެކި ހިސާބުތަކުން ގުދުލައިގެން ގޮސްފައިވުމަކީ އެކްސިޑެންޓާ ރައްޓެހި މަގަކަށް ލިންކް ރޯޑު ބަދަލުކޮށްލި ކަމެއް ކަމަށެވެ.
އެހެން ނަމަވެސް އައްޑޫ ސިޓީގެ މޭޔަރު އަބްދުﷲ ސޯދިގު (ސޯބެ) ވިދާޅުވީ މަގުގައި "ބެންޑް" ހުރުމަކީ މައްސަލައެއް ނޫން ކަމަށާއި މަގުގެ ވަކި ހިސާބުތަކެއްގައި ހޮޅިބުރި ލައިޓް ހުރުމަކީ ވެސް މައްސަލެއް ނޫން ކަމަށެވެ.
"އެކަމަކު މަގު ބޭނުންކުރާ މީހުންނަށް ދުއްވަން ފަސޭހަވާނެ ފަދަ ޓްރެފިކް ސައިންތައް މަގުގައި ހަރުކޮށްގައި ނެތުން އެއީ އެއް މައްސަލަ. މިހެން ވުމުގެ ސަބަބުން ބެންޑެއް އަޅަން ޖެހުނަސް ދުއްވާ މީހާ އަށް ކުރިން އެކަން އެނގި ފަސޭހަވެގެންދާނެ،" ފޯނުން ވާހަކަ ދައްކަމުން ސޯދިގު ވިދާޅުވި އެވެ.
އޭނާ ވިދާޅުވީ ލިންކު ރޯޑަށް ބަލާއިރު "ކުނިގޮނޑާ ދިމާލުގައި އޮންނަ ބެންޑަކީ" އާންމުކޮށް އެކްސިޑެންޓް ހިނގާ ހިސާބެކެވެ.
"މަގު ފަރުމާކުރުމުގެ މައްސަލަ އެބަހުރި، މަގުގައި ދުއްވަން ޖެހޭ ގޮތް ކިޔައިދޭ ސައިންތައް ބޭނުންކޮށްގެން އެއީ އެޓެންޑްކުރެވެން ޖެހޭ މައްސަލައެއް. ބެންޑް ހުރުމަކީ މައްސަލައެއް ނޫން. އެކަމަށް މީހުން ހާނުވަން ޖެހޭނީ ޓްރެފިކް ސައިންތައް ބޭނުންކޮށްގެން،" މޭޔަރު ވިދާޅުވި އެވެ.
އޭނާ ވިދާޅުވީ ރަނގަޅު ފެންވަރެއްގައި ލިންކު ރޯޑް ބެލެހެއްޓޭ ނަމަ އެކްސިޑެންޓް ހިނގާ ނިސްބަތް މަދުކުރެވޭނެ އެވެ. އެގޮތުން މަގުގައި ސްޕީޑް ބްރޭކަރުތައް އިތުރުކޮށް ސީސީޓީވީ މޮނީޓަރިން ނިޒާމު ވެސް ހަރުދަނާގޮތެއްގެ މަތިން ހިންގުން މުހިންމު ކަމަށް ވިދާޅުވި އެވެ.
"އާންމުކޮށް ބާރު ސްޕީޑްގައި ދުއްވާ މި އުޅެނީ މަދު ކުދިންތަކެއް. މިސާލަކަށް ސީސީ ކެމެރާ ބަހައްޓައިގެން އެފަދަ ފަރާތްތައް ހޯދައި ފިޔަވަޅު އަޅައި މި މައްސަލަ ހައްލުކުރަން ފަސޭހަވާނެ،" ސޯދިގު ވިދާޅުވި އެވެ.
އެހެންވީމަ ހަގީގަތަކީ ލިންކް ރޯޑުގައި އެކްސިޑެންޓްތައް ގިނަވެގެން އުޅެނީ އެ މަގު ހަދާފައިވާ ގޮތަކުން ނޫން ކަމެވެ. އޭގެ އެއް ހެއްކަކީ އައްޑޫގެ ބައެއް ރަށްތަކުގެ އެތެރޭގައި ވެސް ތާރު އަޅައިގެން ހަދަމުން ދާ މަގުތަކެވެ. އެ މަގުތަކުގައި ވެސް އެކްސިޑެންޓް ހިނގުން އިތުރުވެ މީހުން މަރުވުން ދަނީ މައްސަލަ އަކަށް ވަމުންނެވެ.
ކޮންމެއަކަސް އެކްސިޑެންޓްތަކުގެ މައްސަލާގައި އާންމުން މަގު ކުށްވެރިކުރަމުން ދަނިކޮށް ލިންކް ރޯޑް މަރާމާތުކުރުމުގެ މަސައްކަތް 1.3 މިލިއަން ރުފިޔާ ހޭދަކުރަން އެ ވަނީ މޯލްޑިވްސް ރޯޑް ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އެމްއާރުޑީސީ)އާ ހަވާލުކޮށްފި އެވެ. މި މަރާމާތުގެ ދަށުން މަގުމަތީގެ ނިޝާންތަކާއި މަގުގެ އެކި ހިސާބުތަކުގައި ސްޕީޑް ބްރޭކަރުތައް ވެސް އިތުރުކުރާނެ އެވެ.
އެހެންވީމަ މިއީ އެކްސިޑެންޓްގެ އަދަދު ދަށަށް ދާނެ ކަމަށް ބަލަމާ ހިނގާށެވެ.
ހެލްމެޓަށް ވެސް ނުގުޑާ!
ހެލްމެޓްގެ ވާހަކަ ފެށުމުގެ ކުރިން މީގެ 15 އަހަރު ކުރީގެ ވާހަކައަކުން ފަށައިގަންނަމާ ހިނގާށެވެ. ފަހަރެއްގައި ހެލްމެޓްގެ މުހިންމުކަން ދިވެހިންނަށް ފުރަތަމަ ފަހަރަށް ވިސްނުނު މި ހާދިސާއެއް ހިނގައިގެންނެވެ.
މީގެ ފަނަރަ ވަރަކަށް އަހަރު ކުރިން މާލޭގައި ހިނގި ނުރައްކާތެރި އެކްސިޑެންޓެއްގައި ކުރީގެ ވަޒީރެއް ކަމުގައިވާ އައްބާސް އިބްރާހިމް ދަރިކަލަކު އަވަހާރަވީ އެވެ. ދަރިކަލުން އަވަހާރަވީ އެކްސިޑެންޓްގައި ބޮލަށް ލިބުނު ސީރިއަސް އަނިޔާއަކާ ގުޅިގެންނެވެ.
މި ހާދިސާއެއް ހިނގައި ސަރުކާރުގެ އިސް ވެރިއެއްގެ ދަރިކަލަކު އަވަހާރަވުމުން، އެއްގަމު އުޅަނދުފަހަރުތަކުގެ އެކްސިޑެންޓްތަކަށާއި މައްސަލަތަކަށް ގައުމުގެ ލޯ ކުއްލިއަކަށް ހުޅުވުނީ އެވެ. ރައްޔިތުންގެ މަޖިލިސް މެމްބަރަކު އަވަހާރަކޮށް އިތުރު މެމްބަރަކަށް ވަޅިން ހަމަލާ ދީގެން ގޭންގްތަކުގެ މާރާމަރީއަށް ދިވެހިންގެ ލޯ ހުޅުވިގެން ދިޔަ ފަދަ ގޮތަކަށެވެ.
ކޮންމެއަކަސް ވަޒީރުގެ ދަރިކަލުން އަވަހާރަވުމާ ގުޅިގެން އެކްސިޑެންޓްތައް މަދުކޮށް، އެކްސިޑެންޓްތަކުގައި ލިބޭ އަނިޔާތައް ކުޑަކުރުމަށް ވަގުތުން ވަގުތަށް ފިޔަވަޅުތަކެއް އެޅުމަށް ގަވާއިދުތަކެއް އެކުލަވައިލެވުނެވެ. އެ ބަދަލުތަކުގެ ތެރެއިން އެންމެ ފާހަގަކޮށްލެވޭ ބަދަލަކަށް ވެގެންދިޔައީ ސައިކަލް ދުއްވާއިރު ހެލްމެޓް އަޅަން މަޖުބޫރުކުރުމެވެ.
ވަގުތުން ވަގުތަށް ހެލްމެޓް އަޅަން މަޖުބޫރުކޮށް ތަންފީޒުކުރަން އޭރުގެ ޓްރާންސްޕޯޓް މިނިސްޓްރީން ގަވާއިދު ވެސް ނެރުނެވެ. މާލޭގެ ގިނަ ފިހާރަތަކަކަށް ހެލްމެޓް ވެސް ގެނަ އެވެ. މީހުން ހެލްމެޓް ވެސް ގަތެވެ.
ނަމަވެސް އެންމެފަހުން ހެލްމެޓް ވެސް ނޭޅި، ގަވާއިދެއް ވެސް ތަންފީޒުނުކުރެވި އެ ބިރުވެރި އެޕިސޯޑެއްގެ ނިމިގެން ދިޔައީ އެވެ. އެއީ ހެލްމެޓްގެ ފުރަތަމަ އެޕިސޯޑެވެ.
އޭގެ ދެ ވަނަ އެޕިސޯޑެއް މިހާރު މި އޮތީ އަލުން ފެށިފަ އެވެ. ހެލްމެޓް އަޅައިގެން ނޫން ގޮތަކަށް އައްޑޫގެ އެއްވެސް މަގެއްގައި ސައިކަލް ނުދުއްވޭ ގޮތް ހެދުމަށް އައްޑޫ ސިޓީގެ ކައުންސިލުން އެ ވަނީ މި އަހަރުގެ އެޕްރީލް މަހު ނިންމައިފަ އެވެ.
"އަޅުގަނޑުމެން މި ބަލަނީ ކުރިއަށް އޮތް ތިން މަސް ނުވަތަ ހަ މަސް ދުވަހުގެ ތެރޭގައި މިކަން ތަންފީޒު ކުރެވޭނެ ކަމަށް. އަދި އޭގެ ފަހުން އެގޮތަށް އަމަލު ނުކުރާ ފަރާތްތަކާ ދޭތެރޭ ފިޔަވަޅު ވެސް އެޅޭނެ. އޭގެ ކުރިން ގަވައިދުތަކަށް ގެންނަން ޖެހޭ އިސްލާހުތައް ވެސް ގެނެވޭނެ،" އޭރު އެ ސިޓީގެ މޭޔަރު އަބްދުﷲ ސޯދިގު ވިދާޅުވެފައި ވަނީ މިހެންނެވެ.
ނަމަވެސް އޭގެ ފަހުން ލިންކު ރޯޑުގައި އެތައް އެކްސިޑެންޓެއް ހިނގައި މީހުންތަކެއް ވެސް މަރުވެއްޖެ އެވެ. ހަގީގަތަކީ ހެލްމެޓް އަޅައިގެން ދުއްވާ މީހާ އަށް ވެސް އައްޑޫ ލިންކު ރޯޑްގައި ރައްކާތެރިކަމެއް ނުވަތަ ސަލާމަތެއް ނެތް ކަމެވެ. މިސާލަކަށް މި އަހަރުގެ ސެޕްޓެމްބަރު މަހު އައްޑޫ ލިންކު ރޯޑުގައި ހިނގި މަރުގެ އެކްސިޑެންޓެވެ.
އުމުރުން 61 އަހަރުގެ އިބްރާހީމް ކަލޯ އާދައިގެ މަތިން ސައިކަލުގައި ލިންކް ރޯޑަށް ނުކުތީ އޭނާ ވަޒީފާ އަދާކުރާ ސައިޓަށް ދިއުމަށެވެ. ދަތުރު ކުރަމުން ދިޔައީ ހެލްމެޓް ވެސް އަޅައިގެންނެވެ. އަދި އާންމުކޮށް ދުއްވާ ދަށް ސްޕީޑްގަ އެވެ.
ނަމަވެސް ވަޒީފާ އަދާކުރާ ސައިޓަށް ނުދެވި އުޅެނިކޮށް އެކްސިޑެއްޓެއް ހިނގައި ބޮލަށް ލިބުނު އަނިޔާއަކާ ގުޅިގެން މަރުވީ އެވެ. ބޮލުގައި އަޅާފައި އޮތް ހެލްމެޓް ވިއްސައިގެން ދިޔައިރު ކުރިމަތިން އައި އަނެއް ސައިކަލުގައި ޖެހިގެން އިބްރާހީމް ވެސް ވިއްސައިގެން ގޮސް މަގުގެ ތާރުގަނޑުގައި ބޯ ޖެހުނު ގޮތަށް ބޯ ފަޅައިގެން ދިޔައީ އެވެ.
މި އެކްސިޑެންޓަށް ބަލާލިޔަސް އައްޑޫ ލިންކް ރޯޑުގެ އެކްސިޑެންޓްތަކުގެ މަރުގެ އަދަދު އިތުރުވުމަކީ ހެލްމެޓާ ގުޅިފައިވާ ކަމެއް ނޫންކަން އެބަ އެނގެ އެވެ. އަދި ހެލްމެޓެއް އަޅަން މަޖުބޫރުކޮށްގެން އެކަނި މިކަން ހައްލުނުކުރެވޭނެކަން ވެސް އެބަ އެނގެ އެވެ.
އިބްރާހީމްގެ ފުރާނަ ގެއްލޭ ވަރުގެ އަނިޔާއެއް އޭނާ އަށް ލިބުނީ އޭނާގެ ސައިކަލުގައި އައިސް ޖެހުނު ސައިކަލް ދުއްވާފައި އައި ބާރު ސްޕީޑްގެ ސަބަބުންނޭ ބުނެވިދާނެ އެވެ. މި ހިސާބުން ވެސް މައްސަލައިގެ ހަގީގަތް ވަރަށް ސާފެވެ.
އެކަމަކު މިހެން ބުންޏަސް ހެލްމެޓަކީ ބޭނުންކުރާ ގޮތަކުން ބައެއް ފަހަރަށް ރައްކާތެރިކަން ފޯރުކޮށްދޭ އެއްޗެކެވެ. ވަކިން ހާއްސަކޮށް އެކްސިޑެންޓްތަކުގައި ބޮލަށް ލިބޭ ގެއްލުން ކުޑަކޮށްދެ އެވެ.
މިފަހުން އައްޑޫގައި ހިނގާފައިވާ އެކްސިޑެންޓްތަކަށް ބަލާއިރު ހެލްމެޓްގެ ހިމާޔަތެއް ލިބިފައި ނެތަސް ފާހަގަކޮށްލެވޭ ކަމެއް އެބައޮތެވެ. ގިނަ އެކްސިޑެންޓްތަކުގައި މީހުން މަރުވެފައި ވަނީ ބޮލަށް ލިބުނު އަނިޔާތަކާ ގުޅިގެންނެވެ.
މިހާރު ހެލްމެޓް އަޅަން ޖެހޭ ގޮތަކީ ކޮބާ؟
- އައްޑޫގައި މިހާރު ސައިކަލް ދުއްވާއިރު ހެލްމެޓް އަޅަން މަޖުބޫރީ ލިންކް ރޯޑްގައި 60 ކިލޯ މީޓަރަށް ދުއްވަން ހުއްދަ ދީފައި އޮންނަ ސަރަހައްދުގައި.
- ގަވާއިދެއްގެ ދަށުން ހެލްމެޓް އަޅަން މަޖުބޫރުކުރާ ނަމަ އެގޮތަށް އަމަލުކުރަން އެއްގަމު ދަތުރުފަތުރާ ބެހޭ ގާނޫނުގެ ހަތް ވަނަ މާއްދާ ގޮވާލާ.
- މި ގޮވާލުމަށް ބަސްނާހައި ހެލްމެޓް ނާޅައި ދުއްވާ މީހުން 750ރ. އިން ޖޫރިމަނާ ކުރެވޭނެ ކަމަށް ގާނޫނުގައި އޮވޭ.
އެކްސިޑެންޓް ހިނގަން މެދުވެރިވާ އާންމު ސަބަބުތައް
- ލިންކް ރޯޑަށް ކަނޑައަޅާފައިވާ ސްޕީޑް ލިމިޓް ކަމުގައިވާ ގަޑިއަކު 60 ކިލޯމީޓަރަށް ވުރެ ބާރަށް ދުއްވުން
- އޯވަޓޭކްކުރަން ކަނޑައަޅާފައިވާ ގަވާއިދުތަކާ ހިލާފަށް ދުއްވުން
- 18 އަހަރު ނުފުރޭ ކުދިން، ލައިސަންސް ނެތި އުޅަނދުތައް ދުއްވުން
އެކްސިޑެންޓްތައް ހުއްޓުވޭނީ ހަރުކަށި އަދަބު ކަނޑައެޅިގެންތަ؟
މީހުން ބުނާ ވާހަކައެއް އޮވެ އެވެ. އެއްއިރެއްގައި އައްޑޫގައި ނިކަން ހަރުކަށި އަދި ގަޓުހުރި ކޮމާންޑަރަކު ލިންކު ރޯޑުގައި ފޯރިމެރި އެވެ. ހެލްމެޓްނާޅައި އެ މަގުގައި ހިތަކަށް ސައިކަލް ދުއްވައި އުޅުނު މީހުން ފަހައި އަތުލައިގެން ގެންގޮސް އެމީހުންނާ ދެކޮޅަށް ވަގުތުން ފިޔަވަޅު އެޅި އެވެ. އަދި ނަތީޖާއެއްގެ ގޮތުން އެ ދުވަސްކޮޅު ލިންކް ރޯޑްގެ އެކްސިޑެންޓްތައް ވެސް ވަރަށް މަދެވެ.
މިއީ ހިޔާލީ ވާހަކައަކަށް ވެސް ވެދާނެ އެވެ. އެކަމަކު ވެސް ވަރަށް ގިނަ މީހުން ގަބޫލުކުރާގޮތުން ލިންކު ރޯޑްގެ "ލޭގެ ކޯރު" ހުއްޓުވޭނީ މަގުގައި ގަވާއިދާ ހިލާފަށް ދުއްވާ މީހުންނާ ދެކޮޅަށް ހަރުކަށި ފިޔަވަޅުތަކެއް އެޅިގެންނެވެ.
އެގޮތުން ފާހަގަކޮށްލެވޭ އިސްލާހުތަކެއް އެއްގަމު ދަތުރުފަތުރުގެ ގާނޫނަށް މި އަހަރުގެ ތެރޭގައި ހުށަހެޅިގެން ދިޔަ މަންޒަރު ވެސް ފެނުނެވެ. ބާރު ސްޕީޑްގައި ދުއްވާ މީހުންނާއި ނުރައްކާތެރިކޮށް ދުއްވާ މީހުން އަދި ލައިސަންސް ނުނަގައި ދުއްވާ ފަރާތްތަކަށް މީހަރު ކަނޑައެޅިފައިވާ އަދަބުތަކަށް ވުރެ ހަރުކަށި އަދަބުތަކެއް އެ އިސްލާހުގެ ތެރެއިން ފާހަގަކޮށްލެވުނެވެ.
ޖޫރިމަނާ ކުރުމުގެ އިތުރުން އާންމުންނާ ދެކޮޅަށް ޖިނާއީ ދައުވާ ވެސް ކުރުމުގެ ބާރު ލިބޭ ފަދަ ގޮތަށް ތައްޔާރުކޮށްފައިވާ އިސްލާހުތަކެވެ. މިހެން ކަންތައް ނުކުރަންވީ ސަބަބެއް ވެސް ނެތެވެ. މިސާލަކަށް ލައިސަންސް ނެތިގެން ހިފަހައްޓާ މީހާ ޖޫރިމަނާކޮށްފައި ދޫކޮށްލީމަ އޭނާ އަނެއްކާވެސް ގެއަށް ދަނީ ސައިކަލުގަ އެވެ. އެ މީހާ ގަވާއިދާ ހިލާފުވެގެން ޖޫރިމަނާއަކަށް ވުރެ ބޮޑު އަދަބެއް ދެވޭކަށް ނެތެވެ.
މިގޮތަށް ޓްރެފިކް އެކި މައްސަލަތަކުގައި ބަސް ނާހައިގެން ޖޫރިމަނާކޮށްފައިވާ މީހުންގެ އަދަބުގެ އަދަދު 60،000 އާއި އެއް ލައްކައާ ދެމެދުގެ އަދަދުތަކަށް ވެސް އަރާފައިވާކަން ފާހަގަކޮށްލެވެ އެވެ.
އެއްގަމު ދަތުރުފަތުރުގެ ގާނޫނަށް ހުށަހެޅި އިސްލާހު
- ކަނޑައަޅާފައިވާ ދުވެއްޔަށް ވުރެ ބާރަށް ދުއްވައިފި ނަމަ ކުރާ ޖޫރިމަނާ 100 ޕަސެންޓް ބޮޑުކުރުން
- ފުރަތަމަ ފަހަރު 1000ރ. އިން ދެ ވަނަ ފަހަރު 1500ރ. އަދި އެއަށް ވުރެ އިތުރުވާ ކޮންމެ ފަހަރަކަށް 2000ރ. ގެ ޖޫރިމަނާއެއް
- 30 ދުވަހަށް އެ އުޅަނދެއް ހިފެހެއްޓުމާއި، 90 ދުވަހަށް ލައިސަންސް ހިފެހެއްޓުން
- ފުރާނައަށް ގެއްލުންވާ ގޮތަށް، އަމާންކަން ގެއްލި މީހުން ބިރު ގަންނަ ގޮތަށް ދުއްވުމަކީ ކުށެއް
- އެގޮތަށް ދުއްވާ އުޅަނދު 30 ދުވަހަށް ހިފެހެއްޓުން
- އެގޮތަށް ދުއްވައިގެން ކުށްވެރިވާ ފުރަތަމަ ފަހަރު 2000ރ. ގެ ޖޫރިމަނާއެއް
- ޖޫރިމަނާގެ އިތުރުން ދައުވާކުރުމުގެ ފުރުސަތު ވެސް އެބައޮތް
އިންޝުއަރެންސްގެ ރައްކާތެރިކަން
އައްޑޫ ލިންކު ރޯޑުގައި 2013ގެ ނޮވެމްބަރު މަހު ހިނގި ނުރައްކާތެރި އެކްސިޑެންޓެއްގައި ކާރަކުން ޖެހި 13 އަހަރުގެ އަންހެން ކުއްޖަކު މަރުވި އެވެ. ތާޑު ޕާޓީ އިންޝުއަރެންސްގެ ގޮތުގައި އެ ކުއްޖާގެ އާއިލާ އަށް 60،000 ރުފިޔާ ލިބުނެވެ.
މިއީ އައްޑޫގައި ހިނގި މަރުގެ އެކްސިޑެންޓަކާ ގުޅިގެން، ތާޑް ޕާޓީ އިންޝުއަރެންސްގެ ދަށުން ފައިސާ ހަވާލު ކުރި ފުރަތަމަ ފަހަރު ވެސް މެ އެވެ.
ތާޑް ޕާޓީ އިންޝުއަރެންސް ޕޮލިސީ އަށް އަމަލުކުރަން ފަށާފައި ވަނީ 2012 ވަނަ އަހަރު އެވެ. އިންޝުއަރެންކޮށް އެއްގަމު އުޅަނދު ދުއްވުމަކީ މިހާރު ގާނޫނީ ގޮތުން އަދަބު ލިބޭ ކަމެކެވެ. އެހެންވީމަ ރާއްޖޭގައި ދުއްވާ އެއްގަމު އުޅަނދުތަކުގެ ތެރެއިން މި ކެޓަގަރީއަށް ފެތޭ ހުރިހާ އުޅަނދުތަކެއް ވެސް މިހާރު ވާނީ ތާޑް ޕާޓީ އިންޝުއަރެންސް ޕޮލިސީގެ ދަށަށް ނިސްބަތްވާ އުޅަނދުތަކަކަށެވެ.
ތާޑު ޕާޓީ އިންޝުއަރެންސްގެ ފައިދާ ހަގީގަތުގައި ކުރެ އެވެ. އެގޮތުން މިގޮތަށް އިންޝުއާ ކޮށްފައިވާ އުޅަނދަކުން ދިމާވާ އެކްސިޑެންޓެއްގެ ސަބަބުން ޖިސްމާނީ ގެއްލުމެއްގެ ބަދަލުގެ ގޮތުގައި 60،000ރ. ލިބެ އެވެ. އަދި މަދަނީ ގެއްލުންތަކަށް ބަދަލުގެ ގޮތުގައި 40،000ރ ލިބެ އެވެ.
ރާއްޖޭގައި އިންޝުއަރެންސްގެ ހިދުމަތް އެންމެ ފުޅާކޮށް ދޭ އެލައިޑުން ބުނީ އެކްސިޑެންޓްތަކުގައި އަނިޔާވާ މީހުންނަށާއި ގެއްލުން ލިބޭ ފަރާތްތަކަށް އާންމުކޮށް ތާޑް ޕާޓީ ޕޮލިސީގެ ދަށުން އެމީހުން އިންޝުއަރެންސް ފައިސާ ދެ އެވެ. ނަމަވެސް ތާޑު ޕާޓީ އިންޝުއަރެންސް އާނުކުރާ މީހުން ގިނަ ކަމަށާއި އޭގެ ނޭދެވޭ އަސަރު ބަދަލު ލިބެން ޖެހޭ މީހުންނަށް ކުރާ ފަހަރުތައް ވެސް އަންނަ ކަމަށެވެ.
މި އިންޝުއަރެންސްގެ މުހިންމުކަން ބޮޑުވެފައިވީ ނަމަވެސް ބައެއް އާންމުންގެ ހިޔާލު ވަރަށް ވެސް ތަފާތެވެ.
"ފައިސާއަކުން ގެއްލިފައިވާ ފުރާނައެއްގެ ބަދަލެއް ނުދެވޭނެ. އެންމެ ރަަގަޅު ގޮތަކީ އެފައިސާ ބޭނުންކޮށްގެން މަގުމަތީގެ ރައްކާތެރިކަމަށް ބޭނުންވާ ކަންކަމަށް ޚަރަދުކުރުން،" އާންމުންގެ މީހަކު ބުންޏެވެ.