ދުންޔާ މައުމޫން

އަންހެނުންނަށް ކުރާ އަނިޔާ އަށް މި ސަރުކާރުން ދޭނީ ޒީރޯ ޓޮލެރެންސް: ދުންޔާ

އަންހެނުންނަށް ކުރާ އަނިޔާއަށް ރައީސް އަބްދުﷲ ޔާމީންގެ ސަރުކާރުން ދޭނީ ޒީރޯ ޓޮލެރެންސް ކަމަށް ފޮރިން މިނިސްޓަރު ދުންޔާ މައުމޫން ވިދާޅުވެއްޖެ އެވެ.

ދުނޔޭގައި މިއަދު ފާހަގަކުރާ "އަންހެނުންނަށް ކުރާ އަނިޔާ ހުއްޓުވަން މަސައްކަތްކުރާ ދުވަހު"ގެ މުނާސަބާއާ ގުޅިގެން މިނިސްޓަރު ދުންޔާ ނެރުއްވި ބަޔާނެއްގައި ވިދާޅުވީ، ޖިންސުގެ ތަފާތު ނައްތާލަން އދ ގައި އެކުލަވާލި ބެއިޖިން ޑެކްލެރޭޝަނަށް 20 އަހަރު ފުރޭއިރު، ޖިންސީ ތަފާތުކުރުމާއި އަންހެނުންނަށް ކުރާ އަނިޔާއާ ދެކޮޅަށް ދުނިޔޭގެ ހުރިހާ ހިސާބަކުންވެސް މަސައްކަތްތަކެއް ކޮށް ކުރިއެރުންތަކެއް ހާސިލްކޮށްފައިވާ ކަމަށެވެ.

އަންހެނުންނަށް ކުރާ އަނިޔާ މިއަދު މުޅި ދުނިޔެއިންވެސް ބަލައިގަންނަނީ އެންމެ ހަރުކަށި އެއް ޖަރީމާގެ ގޮތުގަ ކަމަށާއި އެއީ އަންހެނުންގެ ތަރައްގީ އަށް ހުރި އެންމެ ބޮޑު ނުރައްކާ ކަމަށް މިއަދު މުޅި ދުނިޔެވެސް ގަބޫލުކުރާ ކަމަށެވެ.

"އަންހެނުންނަށް ކުރާ އަނިޔާ ހުއްޓުވަން ގައުމުތަކުގެ ފެންވަރުގަޔާ ބައިނަލްއަގުވާމީ ފެންވަރުގައި ކުރިއެރުންތަކެއް މިހާރު ހޯދައިފި. އަންހެނުންނަށް ކުރާ އަނިޔާއަކީ އެންމެ ހަރުކަށި ކުށް ކަމަށް ބައިނަލް އަގުވާމީ މުޖުތަމައު ގަބޫލުކުރޭ. އަދި އެއީ އިންސާނީ ހައްގުތަކަށް އެންމެ މަތީ ދަރަޖައިގައި އަރައިގަތުން ކަމަށް ވެސް ގަބޫލުކުރޭ، އަންހެނުންގެ ހައްގުތައް ރައްކާތެރިކުރަން ބައިނަލްއަގުވާމީ މުޖުތަމައުތަކުން ކުރާ މަސައްކަތްތަކަށް އަޅުގަނޑު މަރުހަބާ ދަންނަވަން،" މިނިސްޓަރު ދުންޔާ ވިދާޅުވި އެވެ.

ދުންޔާ ވިދާޅުވި ގޮތުގައި އަންހެނުންގެ ހައްގުތައް ހިމާޔަތްކޮށް އަނިޔާއިން އަންހެނުން ސަލާމަތްކުރަން ރާއްޖެއިން ވެސް ގިނަ މަސައްކަތްތަކެއް ކޮށްފި އެވެ. ޖިންސީ އަނިޔާއާ ފުރައްސާރަ ކުރުން ހުއްޓުވުމާ ބެހޭ ގާނޫނާ، ގެވެށި އަނިޔާ ހުއްޓުވުމާ ބެހޭ ގާނޫނާ، ޖިންސްގެ ހަމަހަމަކަން ހިފަހައްޓަން ޖެންޑަ މިނިސްޓްރީން ތައްޔާރުކުރަމުންދާ ބިލުގެ ދެލިކޮޕީއަކީ އަންހެނުންހެނުންގެ ހައްގުތައް ހިމާޔަތްކުރުމަށް ގާނޫނީ ގޮތުން ކުރެވިފައިހުރި މުހިއްމު މަސައްކަތްތަކެކެވެ.

މީގެ އިތުރުން ސަރުކާރާ، އަމިއްލަ ފަރާތްތަކާ މަދަނީ ޖަމިއްޔާ ތަކުންވެސް ހުއްޓުމެއްނެތި އަންހެނުންގެ ހައްގުތަކާ، އަންހެނުންނަށް ލިބެމުންދާ އެކި ވަރުގެ އަނިޔާތަކަށް މުޖުތަމައު ހޭލުންތެރިކުރަން މަސައްކަތް ކުރަމުންދާ ކަމަށް ދުންޔާ ވަނީ ވިދާޅުވެފަ އެވެ.

އެކަމަނާ ވިދާޅުވީ އަންހެނުންނަށް ކުރާ އަނިޔާ މުޅިން ހުއްޓުވިދާނެ ކަމަށެވެ. އެހެންކަމުން މިހާރުން ފެށިގެން އަންހެނުން ބާރުވެރިކުރުމަށް ކުރަންޖެހޭ މަސައްކަތްތަކާ، އަންހެނުންނަށް ހަމަހަމަ ފުރުސަތުތައް ދޯދައިދޭން ކުރަންޖެހޭ މަސައްކަތްތައް މިހާރުން ފެށިގެން އިތުރު ހިއްވަރަކާއެކު ކުރަން ދުންޔާ ވަނީ ގޮވާލައްވާފައެވެ.

އެކަމަނާ ވިދާޅުވި ގޮތުގައި އަންހެނުންނަށް ކުރާ އަނިޔާ މަދުކޮށް، އަންހެނުންނަކީ މުޖުތަމައުގައި ގަދަރުވެރި ބަޔަކަށް ހެދުމަކީ ރައީސް އަބްދުﷲ ޔާމީންގެ ވައުދުފުޅެކެވެ. އެހެންކަމުން މި ސަރުކާރުން އަންހެނުންނަށް ކުރާ އަނިޔާއަށާ، އަނިޔާ ކުރާ ފަރާތްތަކަށް ދޭނީ ޒީރޯ ޓޮލެރެންސެވެ. އަދި އަންހެނުންނަށް ކުރާ އަނިޔާ ހުއްޓުވަން ކުރާ މަސައްކަތް އެއްވެސް ހުއްޓުމެއް، ވަރުބަލިކަމެއް ނެތި ސަރުކާރުން އަބަދުވެސް ކުރާނެ އެވެ.

އަންހެނުންނަށް ކުރާ އަނިޔާ ހުއްޓުމަށް މަސައްކަތް ކުރުމުގެ ދުވަހާ ގުޅިގެން އދއިން ވެސް ވަނީ ހާއްސަ ކެމްޕޭނެއް ފަށާފަ އެވެ. "ޔުނައިޓް ޓު އެންޑް ވައެލެންސް އެގެއިންސްޓް ވިމެން" ނަމުގައި މިއަދުން ފެށިގެން 16 ދުވަހަށް ދުނިޔޭގެ ފެންވަރުގައި ފެށި މި ކެމްޕެއިނަށް ހުރިހާ ފަރާތްތަކުން އެއްބާރުލުން ދޭން އދ އިން ވަނީ އެދިފަ އެވެ.

މި ކެމްޕެއިންގެ މިއަހަރުގެ ޝިއާރަކީ "އޮރެންޖް ދަ ވޯލްޑް: އެންޑް ވައެލެންސް އެގެއިންސްޓް ވިމެން އެންޑް ގާލްސް" އެވެ. ކެމްޕޭނުގައި ބައިވެރިވުމުގެ ގޮތުން އޮރެންޖު ކުލަ ރަމްޒުކޮށްދޭ ކޮންމެވެސް ކަމެއް ކޮންމެ ދުވަހަކުވެސް ކުރަން ކެމްޕައިންގެ ފަރާތުން ވަނީ އެދިފަ އެވެ. [އޮރެންޖު ކުލައަކީ އިންސާނީ ހައްގުތަކާ ނަފްސަށް ކުރާ އަނިޔާއާ ދެކޮޅުކަން އަންގައިދޭން ބޭނުންކުރާ ކުލައެކެވެ]