އެމްޑީޕީ

ވޯޓަށް ފަހު ރައީސްގެ މެންބަރުން ބައްދަލްވުން ދޫކޮށްލުމުން ނުރުހުން

އެމްޑީޕީގެ ގައުމީ މަޖިލީހުގެ މިރޭގެ ޖަލްސާގައި ވޯޓްގެ ކަންކަން ނިމި، މެއި ހައެއްގެ ޓެރަރިސްޓް ހަމަލާއާ ގުޅިގެން އެމްޑީޕީގެ "މެއި ހައެއް ކޮމެޓީ" ގެ މަސައްކަތް ހިއްސާކުރަން ފެށުމުން ބައެއް މެންބަރުން ބައްދަލުވުން ދޫކުރައްވާ ވަޑައިގެންނެވުމުން މައްސަލަ ހޫނުވެއްޖެ އެވެ.

މިރޭގެ ބައްދަލްވުމަކީ މި ފަހުން އެންމެ ގިނަ މެންބަރުން ބައިވެރިވި ގައުމީ މަޖިލީހުގެ ޖަލްސާއެވެ. މީގެ ކުރިން "މެއި ހައެއް ކޮމެޓީ" ގެ މަސައްކަތް ހިއްސާކުރަން ސިލްސިލާކޮށް ބާއްވަމުން ގެންދާ ގައުމީ މަޖިލީހުގެ ބައްދަލްވުންތަކުގައި ބައިވެރިވަނީ ރައީސް ނަޝީދަށް ވަފާތެރި މެންބަރުން އެކަންޏެވެ. ވަޒީރުންނާއި ރައީސް ސޯލިހްގެ ވަފާތެރި މެންބަރުން އެ ބައްދަލްވުންތަކުގައި ބައިވެރިނުވާތީ ކޮންމެ ބައްދަލްވުމެއްގައިވެސް އެ މެންބަރުންނަށް ފާޑުކިޔުން އޮވެއެވެ.

މިރޭގެ ބައްދަލްވުމުގައި ފުރަތަމަ އޮތީ އިސްތިއުނާފު ފަނޑިޔާރުގެ މަޖިލީހުގެ އިންތިހާބެވެ. އެހެން ކަމުން ރައީސް ސޯލިހާއި ރައީސް ނަޝީދަށް ވަފާތެރި މެންބަަރުންވެސް ބައްދަލްވުމަށް އޮންލައިން ކުރައްވައިގެން ތިއްބެވިއެވެ. އެނގިފައިވާ ގޮތުގައި އެ މަޖިލީހުގެ ނުވަ ގޮނޑިއަށް ދެ ރައީސުން ވަނީ ކެންޑިޑޭޓުން ނެރުއްވާފައެވެ.

ނަމަވެސް ދެ ހުށައެޅުމެއް އައިސް މިރޭގެ ބައްދަލްވުމުގައި ވަނީ އިސްތިއުނާފު ފަނޑިޔާރުގެ މަޖިލީހުގެ އިންތިހާބު ފަސްކުރަން ނިންމާފައެވެ.

އެ ނިންމުމަށް ފަހު "މެއި ހައެއް ކޮމެޓީ" ގެ މިދިޔަ ހަފްތާގެ މަސައްކަތްތަކުގެ ތަފްސީލު ހާމަކުރުމަށް ފުރުސަތު ދިނެވެ. އެއާއެކު ގައުމީ މަޖިލީހުގައި ތިއްބެވި 123 މެންބަރުންގެ ތެރެއިން ގިނަ މެންބަރުންތަކެއްް ވަނީ ބައްދަލްވުން ދޫކޮށްލައްވާފައެވެ.

އެކަމާއި ރައީސް ނަޝީދުގެ ވަފާތެރި މެންބަރުން ވަރަށް ބޮޑަށް ކަންބޮޑުވުން ފާޅުކުރެއްވިއެވެ. އަދި އެގޮތަށް އަމަަލު ކުރެއްވުމުން ވަރަށް ބޮޑަށް ފާޑުވިދާޅުވިއެވެ. މަޖިލީހުގެ އުނގޫފާރު ދާއިރާގެ މެންބަރު މުހައްމަދު ވަހީދު ވިދާޅުވީ ރައީސް ނަޝީދަށް އަމާޒުކޮށް ދިން ހަމަލާއާ ގުޅިގެން ސަރުކާރުގެ ބައެއް ވެރިންގެ ފަރާތުން އެއްވެސް ސީރިއަސް ކަމެއް ނުފެންނަ ކަމަށެވެ.

އަދި މިރޭގެ ބައްދަލްވުމުގައިވެސް ވޯޓްގެ ކަންކަން ނިމުމުން އެތައް މެންބަރަކު ބައްދަލްވުން ދޫކޮށްލުމުން އެކަން އިތުރަށް ސާފުވާ ކަމަށެވެ.

"ވަރަށް ކަންބޮޑުވޭ އިނގޭތޯ ޗެެއާ. އަޅުގަނޑުމެން މެއި ހައެކޭ ވިދާޅުވުމާއެކު އެންމެ ފުރަތަމަވެސް ޑިފެންސް މިނިސްޓަރު ނިކުމެވަޑައިގެންނެވިތަން ފެނުނީ. އެ ދެން ވަރަށް ދެރަކަމެއް،" ވަހީދު ވިދާޅުވިއެވެ.

މެންބަރު އިމްތިޔާޒުވެސް ވަނީ މިރޭގެ ބައްދަލްވުމުގައި ބައެއް މެންބަރުން އަމަލު ކުރެއްވި ގޮތާމެދު ކަންބޮޑުވުން ފާޅުކުރައްވާފައެވެ. އިމްތިޔާޒު ވަނީ ރާއްޖެ ވަޑައިގެންނެވެން ނެތްކަން ހާމަކޮށް މަޖިލީހުގެ މި ދައުރު ފެށުނު ޖަލްސާއަށް ރައީސް ނަޝީދު ސިޓީއެއް ފޮނުއްވުމުން އެ ސިޓީ މަޖިލީހަށް އިއްވުމަށް ފަހު ފުރަތަމަ ވާހަކަ ދައްކަވަން ފުރުސަތު ލިބިވަޑައިގެންނެވި އެމްޑީޕީގެ ދެ މެންބަރުންވެސް އެކަމާއި ގުޅޭގޮތުން އެއްޗެއް ވިދާޅުނުވި ކަމަށެވެ. އަދި ދެން ފުރުސަތު ލިބިވަޑައިގަތީ އިދިކޮޅު މެންބަރެއް ކަމަށްވާ އާދަމް ޝަރީފް ކަމަށާ އެ މެންބަރު ކަންބޮޑުވުން ފާޅުކުރެއްވި ކަމަށެވެ. އަދި މިރޭވެސް ފެނުނީ މިފަދަ މަންޒަރުތަކެއް ކަމަށް ވިދާޅުވިއެވެ.

"އަޅުގަނޑަކަށް ނޭންގެ މިރޭގެ މި ގައުމީ މަޖިލީސް ފެއްޓެވުމާއެކުގައި އެ ބޭފުޅުން ބޭނުންވާ ބައެއް ކަންކަން ނިމުމާއެކުގައި މިހާރު އެ ނިކުމެވަޑައިގަތީ. އިއްޒަތްތެރި މެންބަރު މުހައްމަދު ވަހީދު ފާހަގަކުރެވި ގޮތަށް މިހާރު އެ ބޮނދަމުން ފިލަމުން ގެންދަމުން އެބަދޭ. އަދަދު މިހާރުވެސް ތިރިވަމުން އެބަދޭ،" އިމްތިޔާޒު ވިދާޅުވިއެވެ.

މަޖިލީހުގެ ބިލެތްދޫ ދާއިރާގެ މެންބަރު ހަލީމްވެސް ވަނީ އެކަމާމެދު ކަންބޮޑުވުން ފާޅުކުރައްވާފައެވެ.