ލައިފްސްޓައިލް

މަރުވި މާބަނޑު އަނބިމީހާގެ ހަނދާން ފޮޓޯއިން އާކޮށްފި

މަރުވި އަނބިމީހާގެ ހަނދާން ފިރިހެނަކު ހާއްސަ ފޮޓޯތަކަކުން ފާހަގަ ކޮށްފި އެވެ. އޭނާ ވަނީ އަންހެނުން ބަނޑުބޮޑުއިރު ދެ މީހުން އެކުގައި ނަގާފައިވާ ފޮޓޯ ޝޫޓެއްގެ ފޮތޯތަކުގައި ހަމަ އެގޮތަށް އެމީހުންގެ ކުޑަ ކުޑަ ދަރިފުޅާއެކު ނަގާފަ އެވެ.

ޖޭމްސް އަލްވަރޭޒް އާއި އަންހެނުން ޔާސޭނީއާ ކައިވެނި ކުރިތާ މާ ގިނަ ދުވަހެއް ނުވެ ޔަސޭނިއާ ބަނޑުބޮޑުވި އެވެ. ނަމަވެސް ބަނޑަށް 35 ހަފުތާގައި ހިނގި ހިތާމަވެރި ހާދިސާއެއްގައި ޔާސޭނިއާ ވަނީ މަރުވެފަ އެވެ. މަގުމަތިން ހިނގާފައި ދަނިކޮށް ޔާސޭނިއާގެ ގައިގައި ކާރަކުން ޖެހި ވަރަށް ބޮޑަށް ޒަހަމްވި ނަމަވެސް ބަނޑުގައި އޮތް ދަރިފުޅަށް އެއްވެސް ގެއްލުމެއް ނުވެ އެވެ. ހޮސްޕިޓަލުގައި ފަރުވާ ދެނިކޮށް ޔާސޭނިއާ މަރުވި ނަމަވެސް އޭނާގެ ބަނޑުގައި އޮތް ދަރިފުޅު އިމަޖެންސީ ސިޒޭރިއަން އެއް ހަދައިގެން ސަލާމަތް ކުރެވުނީ ކުއްޖާއަށް އަނިޔާއެއް ލިބިފައި ނެތުމުންނެވެ.

ތުއްތު އަޑަލީންގެ ފުރަތަމަ އުފަން ދުވަސް އޭނާގެ ބައްޕަ ފާހަގަ ކުރީ ވަރަށް ވެސް ހާއްސަ ގޮތަކަށެވެ. ޔާސޭނިއާ ބަނޑުބޮޑުއިރު އޭނާއާއެކު ނެގި ފޮޓޯތައް ހަމަ އެ ތަންތަނުގައި އެމީހުންގެ ތުއްތު ދަރިފުޅާ އެކު ނަގައިގެންނެވެ. ޖޭމްސް ބުނި ގޮތުގައި އޭނާ ބޭނުން ވަނީ ކުޑަ ދަރިފުޅުގެ އުފަން ދުވަސް ފާހަގަ ކުރުމާއެކު އަންހެނުން މަރުވިތާ އެއް އަހަރު ފުރުނު ދުވަހު އޭނާ މަތިން ވެސް އަބަދު ހަނދާން ހުންނަ ވަރުގެ ކަމެއް ކުރާށެވެ.

"އަޑެލީން އުފަންވީ ދުވަހަކީ އޭނާގެ މަންމަ މި ދުނިޔެ ދޫކުރި ހިތާމަވެރި ދުވަސް،" ޖޭމްސް ބުންޏެވެ.

ދަރިފުޅާއެކު ފޮޓޯ ޝޫޓް ކުރުމުގައި ޖޭމްސް އަށް އެހީވީ އަންހެނުންނާއެކު މެޓާނިޓީ ފޮޓޯތައް ވެސް ނަގައިދިން ފޮޓޯގްރާފަރެވެ. އަންހެނުންނާއެކު ފޮޓޯތައް ނެގި ތަންތަނުގައި ހަމަ އެގޮތަށް ތިބެން ފޮޓޯ ނެގުމުގެ ޚިޔާލަކީ ފޮޓޯގްރާފަރު ދިން ޚިޔާލެއް ކަމަށް ޖޭމްސް ބުންޏެވެ.

މި ފޮޓޯ ޝޫޓަށް އަޑެލީން ވެސް ލެއްވީ އޭނާގެ މަންމަ މާބަނޑުއިރުގެ ފޮޓޯ ޝޫޓަށް ލީ ކަހަލަ މަޑު ފިޔާތޮށިކުލައިގެ ހެދުމެކެވެ. އަދި ޖޭމްސް އެ ފޮޓޮއަށް ހުއްޓިގެން ހުރީ އަންހެނުންނާއެކު ފޮޓޯޝޫޓަށް ހުއްޓިގެން ހުރި ގޮތް ގޮތަށެވެ. ޖޭމްސް ބުނި ގޮތުގައި ޔާސޭނިއާ ލައިގެން ހުރި ކަހަލަ ހެދުމެއް އޭނާ މީހަކު ލައްވާ އަޑެލީން އަށް ފެއްސީ އެވެ. އަދި ހަމަ އެ ލޮކޭޝަންތަކަށް ގޮސް ދަރިފުޅާއެކު ހަމަ އެގޮތަށް ތިބެން ފޮޓޯ ނެގީ އެވެ.

ޔާސޭނިއާ އާއެކު ނަގާފައިވާ ފޮޓޯތަކާއި ކުޑަ ދަރިފުޅާއެކު ނަގާފައިވާ ފޮޓޯތައް ކައިރި ކައިރީގައި ބަހައްޓާފައި ބަލާލުމުން ޖޭމްސްގެ ދެ ލޯ ކަރުނުން ފުރުނެވެ. ޖޭމްސް ބުނާ ގޮތުގައި އޭނާ މިހާރު ގަސްތުކުރަނީ ކޮންމެ އަހަރަކުވެސް މި ދުވަހު ހަމަ އެގޮތަށް އެ ލޮކޭޝަންތަކުގައި ދަރިފުޅު ގޮވައިގެން ފޮޓޯޝޫޓެއް ބާއްވާށެވެ. ލޯބިވާ އަންހެނުންގެ ހަނދާނުގަ އެވެ.