މެލޭޝިއާގެ ސަބާގެ ލަހަދް ޑާޓޫ ކޯރުގައި މިދިޔަ ބުރާސްފަތި ދުވަހު ހިނގި ހާދިސާއެއްގައި ކިނބުލެއް ކުޑަ ކުއްޖަކު ޖަހައިގަނެ އެ ކުއްޖާ ކާލާ މަންޒަރުގެ ވީޑިއޯތަކެއް އިންޓަނެޓުގައި މިހާރު ދައުރުވަމުން އެބަދެ އެވެ. ކިނބޫ މިކުއްޖާ ޖަހައިގަތީ އޭނާގެ ބައްޕަ އޭނާ އުރާލައިގެން ހުއްޓާ ކަމަށް ނިއުސްވީކްގައިވާ މި ޚަބަރުގައި ބުނެފައިވެ އެވެ.
ކުއްޖާގެ ބައްޕަ ނުވިސްނާ ހުއްޓާ ކުއްލިއަކަށް ކިނބޫ ކޯރު ތެރެއިން ފެންމައްޗަށް ހިއްލާލައި ކުއްޖާ ޖަހައިގަންނަން ނެގީ ކުޑަ ހިނދުކޮޅެކެވެ. ކިނބޫ، ދަރިފުޅު ޖަހައިގަތުމުން ދަރިފުޅުގެ ފުރާނަ ސަލާމަތްކުރުމަށްޓަކައި ކުއްޖާގެ ބައްޕަ ވަގުތުން ކޯރަށް ފުންމާލައި ކުއްޖާ އަތުލެވޭތޯ ވަރަށް މަސައްކަތްކުރި އެވެ. ނަމަވެސް ކިނބޫ ވަނީ އެ ފިރިހެން މީހާގެ ވެސް ކަރާއި އެތަން މިތަނުގައި ދަތް އަޅައި ޒަޚަމްކޮށްލުމަށްފަހު ދެވަނަ ފަހަރަށް ކުއްޖާ ދަމައިގަނެގެން ކޯރު ތެރެއަށް ފީނާފައި ގޮސް ފިލާފަ އެވެ.
މޮހެރަތު ނަމަކަށް ކިޔާ މި ފިރިހެން މީހާގެ އެއް އަހަރުގެ ކުޑަ ފިރިހެން ދަރިފުޅު ގޮވައިގެން އޭނާ ކޯރު ކައިރީގައި ހުއްޓާ ހަމަލަ ދީފައިވަނީ 11 ފޫޓު ދިގު ކިނބުލެކެވެ.
ލަހަދް ޑާޓޫ ފަޔާ އެންޑް ރެސްކިއު އެޖެންސީގެ އިސް ވެރިޔާ ސުމްސޯ ރާޝިދު ވިދާޅުވި ގޮތުގައި ކިނބޫ ކުއްޖާ ޖަހައިގަތް މަންޒަރާއި އެ ކުއްޖާ ސަލާމަތްކުރަން ފުންމާލި އޭނާގެ ބައްޕައަށް އެތައް ފަހަރަކު ހަމަލަދޭ މަންޒަރުތައް ފެންނަ ގިނަ އަދަދެއްގެ ވީޑިއޯތައް އެ އިދާރާ އަށް ވެސް ލިބިފައިވާ ކަމަށެވެ. އެކަމަކު އެމީހާ ހިތްވަރާއެކު ކިނބުލާ ހަނގުރާމަކުރި ނަމަވެސް ދަރިފުޅު ސަލާމަތް ކުރެވޭގޮތް ނުވިކަމަށްވެސް ސުމްސޯ ރާޝިދު ވިދާޅުވި އެވެ.
ރާޝިދު ވިދާޅުވީ ކުއްޖާގެ ބައްޕައަށް މިހާރު ހޮސްޕިޓަލުގައި ފަރުވާދެމުންދާ ކަމަށާއި އޭނާގެ ގައިގައި ކިނބޫ ދަތް އަޅައިގެން ވަރަށް ބޮޑެތި ޒަޚަމްތަކެއް ލިބިފައި ހުރި ކަމަށެވެ. އަދި ބޮލުގައި ދަތް އެޅުމުގެ ސަބަބުން ވަރަށް ބޮޑު ތަނެއް ފަޅައިގެން ގޮސްފައިވާ ކަމަށްވެސް ރާޝިދު ވިދާޅުވި އެވެ.
ކުއްޖާގެ ބައްޕަ ކިނބުލުގެ ކިބައިން ސަލާމަތްކުރީ އެ ހިސާބުގަނޑުގައި ތިބި މީހުންނެވެ. ނަމަވެސް ކުއްޖާގެ ބައްޕަގެ ގައިން ދޫކޮށްލުމަށްފަހު ކިނބޫ ވަނީ ކޯރު ތެރޭ އޮތް ކުއްޖާ ގޮވައިގެން ފީނައިގަނެ ފިލާފަ އެވެ.
ރާޝިދު ވިދާޅުވީ އެ ސަރަހައްދުގައި ދިރިއުޅޭ ގިނަ މީހުންނަކީ ކޯރުން މަސް ހިފައިގެން ކައިގެން އުޅޭ ބައެކެވެ. އެހެންވެ ކޯރު ކައިރިއަށް ނުގޮހެއް ވެސް އެމީހުންނަށް އުޅެވޭކަށް ނޯވެ އެވެ. އާންމު ގޮތެއްގައި މި ކޯރުގައި ކިނބޫ ނޫޅޭ ކަމަށާއި ލަފާ ކުރެވެނީ އެއީ އެހެން ކޯރަކުން އައިސްގެން އުޅޭ ކިނބުލެއް ކަމަށްވެސް ރާޝިދު ވިދާޅުވި އެވެ.
"އަހަރެމެން މިހާރު އެ ސަރަހައްދުގައި ދިރިއުޅޭ މީހުންނަށް އަންގައިފިން ކިނބޫ އަތުލެވެންދެން ކޯރާ ކައިރިއަށް ނުދިއުމަށް،" ރާޝިދު ވިދާޅުވި އެވެ.
ދުނިޔޭގައި ކޮންމެ އަހަރަކުވެސް އެވްރެޖްކޮށް 1000 މީހުން ކިނބުލުގެ ޝިކާރައަކަށްވެގެން މި ދުނިޔެ ދޫކުރަން ޖެހޭ ކަމަށް ޖަނަވާރުންގެ މައުލޫމާތު ހިމެނޭ އެންސެކްލޮޕީޑިއާގައިވާ މައުލޫމާތުގައި ބުނެފައި ވެއެވެ.
މީގެ މަހެއްހާ ދުވަސް ކުރިން ކިނބުލެއް ވަނީ އަށް އަހަރުގެ ކުއްޖެއް ކާލާފަ އެވެ. އަދި މިނޫންވެސް ގިނަ ހާދިސާތަކެއް މިފަހަކަށް އައިސް ބޭރުގެ ނޫސްތަކުން ރިޕޯޓުކޮށްފައި ވެއެވެ.