ރާއްޖޭގެ އެންމެ އުތުރުގައި އޮންނަ، ހއ. އުލިގަމުގައި ކަސްޓަމްސްގެ ބޮޑު ޒަމާނީ، އޮފީހެއް ހުޅުވަން ތިން މިލިއަން ރުފިޔާއަށް ޕްރޮޕް ޕްރައިވެޓް ލިމިޓެޑާ ހަވާލުކޮށްފި އެވެ.
ކަސްޓަމްސްގައި މިއަދު ބޭއްވި ރަސްމިއްޔާތެއްގައި އެއްބަސްވުމުގައި ކަސްޓަމްސްގެ ފަރާތުން ސޮއިކުރެއްވީ ކޮމިޝަނާ މުހައްމަދު ޖުނައިދު އެވެ. ޕްރޮޕް ޕްރައިވެޓްގެ ފަރާތުން ސޮއިކުރެއްވީ މެނޭޖިން ޑިރެކްޓާ އަލީ އަހުމަދު ނަސީރު އެވެ.
ކޮމިޝަނާ ޖުނައިދު ވިދާޅުވީ ކަސްޓަމްސްގެ އޮފީހެއް އުލިގަމުގައި ހުޅުވަން ނިންމީ އެރަށުގައި މިހާރު މަސައްކަތްކުރާ އެ މުއައްސަސާގެ މުވައްޒަފުންނަށް މަސައްކަތް ކުރާނެ ހާއްސަ އޮފީހެއް ނެތުމުން އެކި ކަހަލަ ދަތިތަކާ ކުރިމަތިވަމުންދާތީ އެވެ. އެހެން ކަމުން އާ އޮފީހެއް އަޅައި އެ އޮފީހަށް އިތުރު މުވައްޒަފުންވެސް ނަގާނެ ކަމަށް ޖުނައިދު ވިދާޅުވި އެވެ.
"އަޅުގަނޑުމެންގެ މުވައްޒަފުން މިހާރު މަސައްކަތް ކުރަނީ އެ ރަށުގައި ހުންނަ އެމްއެންޑީއެފްގެ ބިލްޑިންއެއްގެ ކުޑަ ރޫމެއްގަ. އެއީ ވަރަށް ކުޑަ ޖާގައެއް. ވަރަށް ދަތިކޮށް އެކޮޅުގައި މުވައްޒަފުން އުޅެނީ،" ޖުނައިދު ވިދާޅުވި އެވެ.
އޭނާ ވިދާޅުވި ގޮތުގައި އުލިގަމުގައި އޮފީސް އެޅުމަކީ ރަށުގެ މީހުންނަށް ވެސް އުފާވެރި ހަބަރަކަށް ވާނެއެވެ. އެ އޮފީހަށް މުވައްޒަފުން ހޮވުމުގައި އުލިގަމުގެ މީހުންނަށް ބޮޑަށް ބަލާނެ ކަމަށް ވެސް ކޮމިޝަނާ ވިދާޅުވި އެވެ.
އުލިގަމުގައި އަޅާ ކަސްޓަމްސްގެ އޮފީސް 180 ދުވަހުގެ ތެރޭގައި ނިންމަންޖެހެއެވެ. އެ މަސައްކަތް ކުރާ ޕްރޮޕް ޕްރައިވެޓުން ބުނީ، އަންނަ ހަފުތާގެ ތެރޭގައި އޮފީހުގެ މަސައްކަތް ފަށާނެ ކަމަށެވެ. އުލިގަމަކީ ވަރަށް ގިނަ އަދަދަކަށް ޔޮޓް ފަހަރު އަންނަ ރަށެކެވެ. އަދި ރާއްޖެ ސަރަހައްދު ދަތުރު ކުރާ ވަރަށް ގިނަ އުޅަނދުތައް އެ ހިސާބުން ދަތުރު ކުރެ އެވެ.