ކޮޅުފުށި

މެނޭޖްމަންޓާ މައްސަލަ ޖެހި ކޮޅުފުށި ޓީޗަރުން މުޒާހަރާކޮށްފި

ސާނަވީ އާ އަހަރުގެ ކިޔެވުން ފެށި މަހެއް ވެގެން ދިޔައިރުވެސް ސްކޫލްގެ އިންތިޒާމްތައް ފުރިހަމަ ނުވުމުން މ. ކޮޅުފުށީގައި ހުންނަ އަތޮޅު ސްކޫލްގައި މުޒާހަރާކޮށްފި އެވެ.

ކޮޅުފުށި ކައުންސިލްގެ ރައީސް އަބްދުލް އަލީމް މިއަދު އަވަސް އަށް ވިދާޅުވީ މުޒާހަރާ ކުރީ މިއަދު ހެނދު ސްކޫލްގެ ގޯތިތެރޭގައި ކަމަށެވެ. ދަރިވަރުންނަށް ކިޔަވައިދޭން ޓީޗަރުން ކުލާސްތަކަށް ހާޒިރު ނުވާ ކަމަށް ވެސް ވިދާޅުވި އެވެ.

އަލީމް ވިދާޅުވީ ޓީޗަރުން މުޒާހަރާކުރީ ސްކޫލް މެނޭޖްމަންޓާއި މައްސަލަ ޖެހިގެން ކަމަށެވެ. އަދި ދަރިވަރުންނަށް ބޭނުންވާ ފޮތްތައް ހަމަނުވުމަކީ ވެސް ވަރަށް ގިނަ ޓީޗަރުންގެ ކަންބޮޑުވުމެއް ކަމަށެވެ.

މިކަމާ ގުޅޭގޮތުން ސްކޫލްގެ ބަހެއް ވަނީ ލިބޭގޮތް ނުވެފަ އެވެ.

އަލީމް އިތުރަށް ވިދާޅުވީ މިއަދު ހެނދުނު 9:15 ހާއިރު ދަރިވަރުން ވަނީ ގެއަށް ފޮނުވާލާފައި ކަމަށެވެ. އަދި ޓީޗަރުންނާއި މެނޭޖްމަންޓާއި ދެމެދު ޖެހިފައިވާ މައްސަލަ ހައްލުކުރުމަށް މަޝްވަރާ ކުރަމުންދާ ކަމަށް ވެސް ވިދާޅުވި އެވެ.